ނަން: ނޭމާ ސަންޓޯސް
ގައުމު: ބްރެޒިލް
އުމުރު: 30
ކުލަބު: ޕީއެސްޖީ (ފްރާންސް)
ގައުމީ ޓީމަށް ޖަހާދީފައިވާ ގޯލުގެ އަދަދު: 74
ގައުމީ ޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 119
ފާހަގަކުރެވޭ ހާއްސަ ކާމިޔާބީތައް:
މިލްކިއްޔާތުގެ އަގު: ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު
ބްރެޒިލްގެ ފޯވަޑް ނޭމާ ސަންޓޯސް އަކީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ބްރެޒިލްގެ ގައުމީ ޓީމަށް އޭނާ އެންމެ ފުރަތަމަ ކުޅުނީ 2010 ވަނަ އަހަރު އެވެ. އޭނާ އަކީ ޓީމުގައި ހުރި އެންމެ ވިދުންގަދަ ތަރި އެވެ. ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި އޭނާ އަކީ ދުނިޔޭގައި މިވަގުތުހުރި އެންމެ މޮޅު އެއް ފޯވަޑެވެ. އަދި ވޯލްޑްކަޕް ކާމިޔާބުނުކުރެވި ބްރެޒިލްގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ އެވެ.
ނޭމާ އަކީ ދެ ވަނަ އަށް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާގެ ޅަ އުމުރުގައި ބްރެޒިލަށް ތިން ފަހަރު ވޯލްޑްކަޕް ހޯދައިދީފައިވާ ޕެލޭއާ އޭނާގެ ކުޅުން އަޅާކިޔައިހެދި އެވެ. ނަމަވެސް ނޭމާ ވަނީ ޕެލޭ އަކީ އޭނާގެ ކުޅިވަރު ސަހުސިއްޔަތު ކަމަށާއި އޭނާއާ އަޅާކިޔަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.
ބްރެޒިލަށް ދެ ފަހަރު ވޯލްޑްކަޕް ހޯދައިދިން ކުރީގެ އެއްވަނަ ފޯވަޑް ރޮނާލްޑޯ، ބުނީ މިހެންނެވެ.
"މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ މެސީ. އެކަމަކު ނޭމާ އަށް ދައްކައިދެވިދާނެ އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަން. އޭނާ އަކީ ހުނަރުގެ ގޮތުން ބަލާނަމަ އަހަރުމެންގެ ޖީލުގެ ކުޅުންތެރިންނަށްވުރެ ތަފާތު މޮޅު މީހެއް. ވޯލްޑްކަޕް ބްރެޒިލަށް ހޯދައިދޭން ނޭމާ މޮޅަށް ކުޅެންޖެހޭ،" ރޮނާލްޑޯ ބުންޏެވެ.
ގިނަ ކޯޗުންނާއި ފުޓްބޯޅަ އެކްސްޕާޓުން ވެސް ގަބޫލުކުރާ ގޮތުގައި އުމުރުން 30 ފަހަނައަޅައިދާއިރު ނޭމާ އަށް ވޯލްޑްކަޕް ހޯދައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިފައިނުވަނީ ކެރިއަރުގައި ނިންމި ގޯސް ނިންމުންތަކެއްގެ ސަބަބުންނެވެ. މި ގޮތުން ފައިސާ އަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވުމާއި އަހުލާގީ މައްސަލަތަކާއި ދަނޑުބޭރުގައި ދިމާވި މައްސަލަތަކާއި ޓެކްސްއަށް މަކަރު ހެދުމާއި އަނިޔާގެ މައްސަލަތައް ވެސް ހިމެނެ އެވެ.