ނަން: ލުއިސް ސުއަރޭޒް
ގައުމު: އުރުގުއޭ
އުމުރު: 35
ކުލަބު: ނޭސިއޮނަލް (އުރުގުއޭ)
ގައުމީ ޓީމަށް ޖަހާދީފައިވާ ގޯލުގެ އަދަދު: 68
ގައުމީ ޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 132
ފާހަގަކުރެވޭ ހާއްސަ ކާމިޔާބީތައް:
މިލްކިއްޔާތުގެ އަގު: ގާތްގަނޑަކަށް 70 މިލިއަން ޑޮލަރު
ލުއިސް ސުއަރޭޒް އަކީ އުރުގުއޭގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޔޫރަޕުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށްދޭ ރަންބޫޓު ދެ ފަހަރު ހޯދައިފަ އެވެ. އަދި އިނގިރޭސި ޕްރެމިއާ ލީގުގެ ރަންބޫޓާއި މޮޅު ކުޅުންތެރިޔާގެ މަގާމު ލިވަޕޫލްގައި ހުރެ ހޯދި އެވެ. އޭގެ ކުރިން ނެދަލޭންޑްސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަންބޫޓު އަޔެކްސްގައި ހޯދި އެވެ. އަދި ބާސެލޯނާގައި ލަލީލާގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އެވެ.
ސުއަރޭޒަކީ އޭނާގެ ރަންޒަމާނުގައި ދުވެލިބާރު ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. ކުލަބު ލެވެލްގައި އަޔެކްސް އަށް ހަތަރު އަހަރުން 111 ގޯލުޖަހައިދިނެވެ. ލިވަޕޫލަށް ހަތަރު އަހަރުން 82 ގޯލު ޖަހައިދިނެވެ. އަދި ބާސެލޯނާ އަށް ހަ އަހަރުން 198 ގޯލު ޖަހައިދީފައިވެ އެވެ. ޖުމުލަ ކުލަބު ކެރިއަރުގައި އޭނާ ވަނީ 450އަށްވުރެ ގިނަ ގޯލު ޖަހައިފަ އެވެ.
ސުއަރޭޒްގެ ކުޅުމުގެ ސްޓައިލަށް ބަލާއިރު ކޯޗުން އޭނާއާ އެންމެ ގަޔާވާ ސިފައަކީ ބުރަކޮށް މަސައްކަތް ކުރުމާއެކު ގޯލާ ރައްޓެހިވުމެވެ. ނަމަވެސް ބައެއް ފަހަރު ޕެނަލްޓީ ހޯދުމަށް ޑައިވްކުރާ ކަމުގެ ތުހުމަތު އޭނާގެ ބޮލުގައި އެޅެ އެވެ. މިފަދަ ކަމެއްގެ ސަބަބުން ލިވަޕޫލަށް ކުޅުނުއިރު އެ ޓީމުގެ ކޯޗު ބްރެންޑަން ރޮޖާސް ވެސް އޭނާއާ ދެކޮޅަށް ވާހަކަ ދައްކަން ޖެހުނެވެ.
އޭނާ އަކީ ބައެއް ފަހަރު ގަސްތުގައި އިދިކޮޅު ޑިފެންޑަރުންނަށް އަނިޔާކުރާ ކުޅުންތެރިއެއްވެސްމެ އެވެ. 2010 ވަނަ އަހަރުގެ ވޯލްޑްކަޕުގައި އިޓަލީގެ ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީގެ ކޮނޑުގައި ދަތްއެޅުމަށްފަހު ސުއަރޭޒް މުޅިން އެކަމާ ނުވެސް ބެހޭ ކަމަށް ހަދަން އެކްޓްކުރި އެވެ. އެކަމަކު އެކަން ތަހުގީގުކޮށް އޭނާ އަށް ފީފާއިން ބޮޑު ސަސްޕެންޝަނެއްވެސްދިނެވެ. އޭގެ ފަހުން ބާސެލޯނާގައި އޭނާ ފެނިގެންދިޔައީ ކުޅުމުގެ ބޭރުން ފީކަޅާ ކަންކަމާ ދުރުގައި ހުންނަ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
އޭނާއާ ބެހޭ ގޮތުން އުރުގުއޭގެ ކުރީގެ ކޯޗު އޮސްކާ ޓަބަރޭޒް ބުނީ ސުއަރޭޒަކީ ފޯވަޑެއްގެ ކިބާގައި ހުންނަންޖެހޭ ހުރިހާ ސިފައެއް ހަމައަށްހުރި މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި ފޯވަޑެއްގެ ގޮތުގައި ގިނަ މަގާމުތަކަކަށް އެއްފެންވަރެއްގައި ކުޅެވޭކަމީ ސުއަރޭޒަށް ލިބިފައިވާ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ.