ކުޅުންތެރިޔާގެ ޕްރޮފައިލް
ކްރިސްޓިއާނޯ ރޮނާލްޑޯ
ޕޯޗުގަލް
7
ކުލަބު
މެންޗެސްޓަރ ޔުނައިޓެޑު
މިލްކިއްޔާތު
ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު
ކުޅެފައިވާ މެޗު
189
ޖަހައިފައިވާ ގޯލު
117

ނަން: ކްރިސްޓިއާނޯ ރޮނާލްޑޯ

ގައުމު: ޕޯޗުގަލް

އުމުރު: 37

ކުލަބު: މެންޗެސްޓާ ޔުނައިޓެޑް

ގައުމީ ޓީމަށް ޖަހާދީފައިވާ ގޯލުގެ އަދަދު: 117

ގައުމީ ޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 189

ފާހަގަކުރެވޭ ހާއްސަ ކާމިޔާބީތައް:

  • ބެލޮންޑީއޯ އެވޯޑް ފަސް ފަހަރު
  • ފީފާއިން ދޭ މޮޅު ކުޅުންތެރިޔާ އަދި ބެސްޓް އެވޯޑް ތިން ފަހަރު.
  • ޔޫރަޕުގެ ރަންބޫޓު ތިން ފަހަރު

މިލްކިއްޔާތުގެ އަގު: ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މާކެޓްކުރެވޭ އެއް ބްރޭންޑެވެ. އޭނާ އަކީ ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. މި ރެކޯޑް އޭނާ ހޯދީ ޕޯޗުގަލް އަށް މިހާތަނށް 117 ގޯލު ޖަހައިދީގެންނެވެ. އޭނާ 

އަކީ ރެއާލް މެޑްރިޑަށް ވެސް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ކެރިއަރުގައި މިހާތަނަށް 32 ތަށި ވަނީ ލިބިފަ އެވެ. ޔޫއޭފާ ޗެމްޕިއަންސް ލީގުގައި ވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ އޭނާ އެވެ. އޭނާ ވަނީ ކެރިއަރުގައި މިހާތަނަށް 800ވުރެ ގިނަ ގޯލު ޖަހައިފަ އެވެ.

ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ޔޫރޯ އާއި ނޭޝަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. އޭނާގެ ތަށި ހަރުގަނޑުން މިހާތަނަށް މަދުވާ ހަމައެކަނި ތައްޓަކީ ވޯލްޑްކަޕެވެ. އަދި މިފަހަރުގެ މުބާރާތަކީ އޭނާގެ ފަހު ވޯލްޑްކަޕަށްވުން ކައިރިކަމުން މިފަހަރު ތަށި ހޯދަން އޭނާ ހުރީ ވަރަށް ވަރުގަދަ އަޒުމެއްގައެވެ. ޕޯޗުގަލްގައި އޮތީ ވަރަށް އެކަން ކުރެވޭހާ ވަރުގަދަ ސްކޮޑެކެވެ.

ރޮނާލްޑޯ އަކީ ގޯލާ ރައްޓެހި އަދި އެކަނި މަސައްތުން ވެސް މެޗު ބަދަލުކޮށްލެވޭވަރުގެ ކުޅުންތެރިއެކެވެ. ހާއްސަކޮށް މެޗަކުން މޮޅުވާން ހައިޕްރެސް ކުރާ ވަގުތުތަކުގައި އޭނާގެ މުހިންމުކަން ބޮޑުވެދެ އެވެ. ރޮނާލްޑޯ އަކީ އުމުރު މަތިވި ނަމަވެސް އެއްފެންވަރެއްގައި ކުޅުން ދެމެހެއްޓުމަށް އޭނާގެ ހަށިގަނޑު ވަރަށް ރަނގަޅަށް ތަރުބިއްޔަރުކުރާ މީހެކެވެ. އޭނާގެ ކެއިންބުއިން ހުންނަ ޑައެޓަރީގޮތް ފެނިފައި މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިން ވެސް ފޮނިކާތަކެއްޗާ ކުރިއަށްވުރެ ދުރުހެލިވާން ފެށި އެވެ.

ފުޓްބޯޅައިގެ އިތުރުން އޭނާ އަކީ ކުޅިވަރާއި ވިޔަފާރީގައި ފާހަގަކުރެވޭ މީހެކެވެ. އޭނާގެ ނަމުގައި އަންނައުނާއި ސެންޓާއި، ކާބޯތަކެތި އުފައްދައި ހޮޓާވިޔަފާރިވެސް ހިންގަ އެވެ. އޭނާ އަކީ ދުނިޔޭގެ މީޑިޔާތަކުގައި ހާއްސަކޮށް ސޯޝަލް މީޑިއާގައި އެންމެ ހިނގާ އެތްލީޓެވެ. ފޭސްބުކާއި ޓުވިޓާ އަދި އިންސްޓަގްރާމުގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު 500މިލިއަނަށްވުރެ މައްޗެވެ. އޭނާގެ އިމޭޖާއި އޭނާގެ ނަން ބޭނުންކޮށްގެން ރޮނާލްޑޯގެ ސްޕޮންސަރުން އަހަރަކު 900 މިލިއަން ޑޮލަރަށްވުރެ ގިނަ ފާއިދާ ހޯދަ އެވެ. އޭނާގެ މެންޗެސްޓާ ޔުނައިޓެޑްގެ ހަތްނަންބަރު ޖާޒީ އަކީ ޕްރެމިއާ ލީގުގެ އެންމެ ވިކޭ ޖާޒީ އެވެ. ރެއާލް މެޑްރިޑުގައި އޭނާ ބޭނުންކުރި ހަތްނަމްބަރު ޖާޒީ އަކީ ދުނިޔޭގެ ދެ ވަނައަށް އެންމެ ވިކުނު ޖާޒީ އެވެ. އަދި ޔުވެންޓަސް އަށް އޭނާ ސޮއިކުރިތާ އެންމެ 24 ގަޑިއިރު ތެރޭގައި ފަސް ލައްކައަށްވުރެ ޖާޒީވިކި، އެވަގުތުކޮޅުގެ ތެރޭގައި 62 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ރޮނާލްޑޯ އަކީ ޓެޓޫ ޖަހައި ރާބޮއި ހަދާ މީހެއްނޫނެވެ. އޭނާ އަކީ ގަވާއިދުން ރޭ ހަދިޔާކޮށް މޯންމެރޯ ހެދުމަށް އެކި ފަރާތްތަކަށް އެހީވާ މީހެކެވެ.