ކުޅުންތެރިޔާގެ ޕްރޮފައިލް
މެނުއަލް ނޯޔާ
ޖަރުމަނު
1
ކުލަބު
ބަޔާން މިއުނިކް
މިލްކިއްޔާތު
ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު
ކުޅެފައިވާ މެޗު
113
ޖަހައިފައިވާ ގޯލު
0

ނަން: މެނުއަލް ނޯޔާ

ގައުމު: ޖަރުމަނުވިލާތް

އުމުރު: 36

ކުލަބު: ބަޔާން މިއުނިކް (ޖަރުމަނުވިލާތް)

ގައުމީ ޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 113

ފާހަގަކުރެވޭ ހާއްސަ ކާމިޔާބީތައް:

  • ޔޫރަޕުގެ އެންމެ މޮޅު ކީޕަރުކަން ފަސް ފަހަރު
  • ވޯލްޑްކަޕް 2014ގެ އެންމެ މޮޅު ކީޕަރު
  • ޖަރުމަނުގެ އެންމެ މޮޅު ކުޅުންތެރިޔާ 2020

މިލްކިއްޔާތުގެ އަގު: ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު

މެނުއަލް ނޯޔާ އަކީ ޖަރުމަނާއި ބަޔާން މިއުނިކްގެ އެއްވަނަ ކީޕަރެވެ. 2009 ވަނަ އަހަރުން ފެށިގެން ޖަރުމަނުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ކީޕަރު ވަނީ މިހާތަނަށް ގައުމީ ޓީމަށް 113 މެޗު ކުޅެދީފަ އެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ

ވޯލްޑްކަޕް ޖަރުމަނަށް ހޯދައިދީ އެ މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ވެސް ހޯދައިފަ އެވެ. ނޯޔާ އަކީ ގިނަ ބައެއްގެ ނަޒަރުގައި މިދިޔަ 10ވަރަކަށް އަހަރުތެރޭގައި އެއްފެންވަރެއްގައި ކުޅުން ދެމެހެއްޓި އެންމެ މޮޅު ކީޕަރެވެ.

މިޒަމާނުގެ ފުޓްބޯޅައިގައި ފެނުނު އެންމެ ސްޓައިލިޝް ގޯލްކީޕަރަކީ ވެސް ނޯޔާ އެވެ. ބާރު ސްޕީޑްގައި ގޯލްލައިން ދޫކޮށް ކުރިއަށް ނުކުތުމަށް އޭނާ ލޯބިކުރެ އެވެ. އަދި މިގޮތަށް ނުކުމެ އޭނާ ހޯދާ ބޯޅަތަކާއި ސާފުކޮށްލާ ބޯޅަތަކުގެ ސަބަބުން އޭނާ އަކީ ވަރަށް ޒަމާނީ ކީޕަރެކެވެ. ޑިފެންޑަރުންނަށް އޭނާގެ ސަބަބުން ގިނަގުނަ ފަސޭހަތަކެއް ފޯރުކޮށްދޭ ކީޕަރެކެވެ. ނޯޔާގެ ޕާސިން ރަނގަޅުވުމުން އޭނާ އަކީ ޖަރުމަނުގެ ތިން ވަނަ ޑިވިޝަނުގައި ސެންޓްރަލް ޑިފެންޑަރަކަށް ކުޅެވިދާނެ ކުޅުންތެރިއެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ފުޓްބޯޅައިގެ ކަންކަން ދިރާސާކުރާ ބައެއް ކޯޗުންގެ ނަޒަރުގައި ނޯޔާ އަކީ ބެލޮންޑީއޯ ހޯދި ހަމައެކަނި ކީޕަރު ކަމަށްވާ ރަޝިޔާގެ ލެވް ޔާޝިންއަށް ފަހު ދުނިޔެދުށް އެންމެ މޮޅު ކީޕަރެވެ. ނަމަވެސް މިދިޔަ ހަތަރު އަހަރުތެރޭގައި އޭނާގެ މޮޅު ކުޅުން ކޮންމެވެސް ވަރަކަށް ސޮއްސާލާފައިވާތީވެ، ގައުމީ ޓީމުގެ މަގާމު ޔަގީންކުރަން ނޯޔާ ބުރަކޮށް މަސައްކަތްކުރަންޖެހެ އެވެ. ސަބަބަކީ ޖަރުމަނުގެ ރިޒާވް ކީޕަރު ބާސެލޮނާގެ މާކް އަންދްރޭ ޓާސްޓެގަން ކުލަބުގައި މޮޅު ކުޅުމެއް ދައްކަމުން ދިއުމެވެ. މި ދެ ކީޕަރުންގެ ގުޅުން އެހާ ރަނގަޅެއްވެސްނޫނެވެ. ޓާސްޓެގަން ތުހުމަތުކުރާ ގޮތުގައި ނޯޔާ އަށް ގައުމީ ޓީމުން މިހާރު ފުރުސަތު ލިބެނީ ބަޔާން މިއުނިކްގެ ނުފޫޒުގަ އެވެ.

ނޯޔާގެ ފުޓްބޯޅަ އައިޑޮލް އަކީ ޖަރުމަނުގެ ކުރީގެ ކީޕަރު ޔެންސް ލޭމަން އެވެ. ދުނިޔޭގެ ފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިންގެ އަގުބޮޑު، މުއްސަދި ދިރިއުޅުން ނޯޔާ ވަންހަނާކޮށްފައިވި ނަމަވެސް އޭނާ އަކީ އާއްމުންނަށް ވަރަށް ގިނަ އެހީތައްވެދޭ ކުޅުންތެރިއެކެވެ. މި ގޮތުން ކުޑަކުދިންނަށް އެހީވުމަށް މެނުއަލް ނޯޔާ ފައުންޑޭޝަނެއް ވެސް އޭނާ ހިންގައެވެ. އޭނާ އަކީ ލޯބީގެ ގޮތުން ވެސް ވަރަށް ކުރީގައި އުޅޭ މީހެކެވެ. މިހާތަނަށް ތިން މީހުންނާ އޭނާ ވަނީ ރަސްމީކޮށް ލޯބީގެ ގުޅުން ބާއްވައިފަ އެވެ.