ކުޅުންތެރިޔާގެ ޕްރޮފައިލް
އަލިސަން ބެކާ
ބްރެޒިލް
1
ކުލަބު
ލިވަޕޫލް
މިލްކިއްޔާތު
ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު
ކުޅެފައިވާ މެޗު
56
ޖަހައިފައިވާ ގޯލު
0

ނަން: އަލިސަން ރަމްސެސް ބެކާ

ގައުމު: ބްރެޒިލް

އުމުރު: 29

ކުލަބު: ލިވަޕޫލް (އިންގްލޭންޑް)

ގައުމީ ޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 56

ފާހަގަކުރެވޭ ހާއްސަ ކާމިޔާބީތައް:

  • ކޮޕާ އެމެރިކާ އާއި ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރު 2019
  • ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ގޯލްކީޕަރ 2019
  • އިނގރޭސި ޕްރެމިއާ ލީގުގެ އެންމެ މޮޅު ކީޕަރު ދެ ފަހަރު

މިލްކިއްޔާތުގެ އަގު: ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު

ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލް ކީޕަރު އަލިސަން ރަމްސެސް ބެކާ އަކީ އެގައުމުގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ފުޓްބޯޅައިގެ ދުނިޔޭގައި ބްރެޒިލްގެ މަގާމު ދިފާއު ކުރުމަށް މުޅިން އެހެން އާލަމުން އައި މީހެކެވެ. އޭނާ އަށް ބައެއް މީހުން ކިޔައި އުޅެނީ " މާތް މަތިވެރި ކީޕަރު" މި ގޮތަށެވެ. އަނެއް ބަޔަކު ހާއްސަކޮށް އިޓަލީގައި އޭނާ ކުޅުނުއިރު އެމީހުން އޭނާ އަށް މުހާތަބް ކުރަނީ "ޖަރުމަނު މީހާ"ގެ ނަމުންނެވެ.

އަލިސަންގެ ކާފަ އާއި މާމައާ ހިސާބުން އޭނާ އާއިލާ ގޮސް ގުޅެނީ ހުޅަނގު ޖަރުމަނާ އެވެ.

އޭނާ އަކީ ގޯލްކީޕަރެއްގެ މުހިންމު ހުރިހާ ސިފައެއް ފުރިހަމަވާ ކީޕަރެކެވެ. މުހިންމު ސޭވްތައް ކުރެ އެވެ. ވަން އޮން ވަން ސިޓުއޭޝަންތަކަށް މޮޅެވެ. އަބަދުވެސް ރަނގަޅު ތަނުގައި ހުރެ އެވެ. ޕާސްތަކާއި ކޮންސިސްޓެންސީ ރަނގަޅެވެ. އަލިސަން ބުނީ އޭނާ މިސާލަކަށް ބެލީ ބާސެލޯނާގެ ކުރީގެ ކީޕަރު ވިކްޓަރ ވަލްޑޭޒް ކަމަށެވެ. އަލިސަން އަކީ ގޯލްދޫކޮށް ނުކުމެ ބޯޅަތައް ހޯދައި އެބޯޅަތައް ޓީމުގެ ކުޅުންތެރިންނަށް ފޯރުކޮށްދިނުމުގައި ވެސް ފާހަގަކޮށްލެވޭ ކީޕަރެކެވެ. މިހުރިހާ ކަމަކަށްޓަކައި ބްރެޒިލްގެ ކުރީގެ ލެޖެންޑަރީ ކީޕަރުން ވެސް ވަނީ އޭނާ އަށް ތައުރީފްކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނާ ގޮތުގައި އަލިސަން ބެކާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީގެ ގޯލްކީޕަރު ވާޝަންއެވެ.

އަލިސަން ވަނީ ލިވަޕޫލަށް ބަދަލުވުމަށްފަހު ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. ބްރެޒިލްގެ އިންޓަނޭސިއޮނަލްގެގައި ބޭބެ މުރިއަލް ބެކާއާ އެކު ކުޅުމަށްފަހު އޭނާ ބަދަލުވީ އިޓަލީގެ ރޯމާ އަށެވެ. ޕޮލެންޑްގެ ކީޕަރު ވޮޝްނިއާ ޝިޒެސްނީ ހުރުމުގެ ސަބަބުން ބަރާބަރަށް ޖާގަ ނުލިބޭތީވެ ޓީމު ބަދަލުކުރަން އޭނާ ނިންމި އެވެ. ނަމަވެސް ޖެހިގެން އައި ސީޒަނުގައި ރޯމާއިން އޭނާއަށް ފުރުސަތު ދިނުމުން އަލިސަން ވަނީ އިޓާލިއަން ލީގުގެ އެންމެ މޮޅު ކީޕަރުކަން ހޯދައިފަ އެވެ. ލިވޕޫލްގެ ކޯޗު ޔާގެން ކްލޮޕް އޭނާ ގަތީ ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި 72 މިލިއަން ޔޫރޯ ދީފަ އެވެ. އެއަށްފަހު ލިވަޕޫލްގައި ދުނިޔޭގެ އެންމެ މޮޅު ކީޕަރުގެ މަގާމާއި ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމް އަދި ޕްރެމިއާ ލީގުގެ މޮޅު ކީޕަރުގެ މަގާމް ދެ ފަހަރު ވަނީ ހޯދައިފަ އެވެ. ކޮޕާ އެމެރިކާ ބްރެޒިލަށް ހޯދައިދީގެން އެ މުބާރާތުގެ މޮޅު ކީޕަރުކަން ލިބުނު އަހަރަކީ ލިވަޕޫލްގައި އޭނާ އެންމެ މޮޅަށް ކުޅުނު އަހަރެވެ. މި އަހަރު ދެއްކި މޮޅު ކުޅުމަށްޓަކައި ލެވް ޔާޝިން އެވޯޑް ވެސް އޭނާ ވަނީ ލިބިފަ އެވެ. މިއީ ވޯލްޑްކަޕުގައި މޮޅު ކުޅުމެއް ދެއްކި ރަޝިޔާގެ ކީޕަރު ލެވް ޔާޝިންގެ ހަނދާނުގައި ފްރާންސްގެ ފުޓްބޯޅަ މެގަޒިނަކުން ދޭ އެވޑެކެވެ. ފީފާއިން ވެސް ވޯލްޑްކަޕުގެ މޮޅު ކީޕަރުގެ އިނާމް ކުރިން ދެމުން އައީ ޔާޝިންގެ އެވޯޑުގެ ގޮތުގަ އެވެ.

އަލިސަން އަކީ ލިވަޕޫލްގެ 129އަހަރުގެ ތާރީހުގައި ގޯލެއް ޖަހައިދިން ފުރަތަމަ ކީޕަރެވެ. އިނގިރޭސި ލީގުގައި 2021 ވަނަ އަހަރު ވެސްޓްބްރޮމް ކޮޅަށް އޭނާ ޖެހި ގޯލަކީ ޕްރެމިއާ ލީގުގައި ކީޕަރަކު ޖެހި ހަ ވަނަ ގޯލުވެސްމެ އެވެ. އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް 56 މެޗު ކުޅެދީފަ އެވެ. އޭނާ އަކީ ދުނިޔޭގެ ސިއްހަތާ

ބެހޭ ޖަމިއްޔާ ޑަބްލިއު އެޗްއޯގެ ގުޑްވިލް އެމްބެސެޑަރެއްވެސްމެ އެވެ. އަލިސަންގެ އަންހެނުން ނަޓާލިއާ އަކީ ބްރެޒިލްގެ ޑޮކްޓަރެކެވެ. އެ ދެމީހުންނަށް ތިން ކުދިން ލިބިފައިވެ އެވެ. އޭނާގެ ބައްޕަ އަކީ ކުރީގެ ގޯލްކީޕަރެކެވެ.