ކުޅުންތެރިޔާގެ ޕްރޮފައިލް
ތިބައޫ ކޯޓުއާ
ބެލްޖިއަމް
1
ކުލަބު
ރެއާލް މެޑްރިޑު
މިލްކިއްޔާތު
ގާތްގަނޑަކަށް 113 މިލިއަން ޔޫރޯ
ކުޅެފައިވާ މެޗު
95
ޖަހައިފައިވާ ގޯލު
0

ނަން: ތިބައޫ ކޯޓުއާ

ގައުމު: ބެލްޖިއަމް

އުމުރު: 30

ކުލަބު: ރެއާލް މެޑްރިޑް (ސްޕޭން)

ގައުމީ ޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 95

ފާހަގަކުރެވޭ ހާއްސަ ކާމިޔާބީތައް:

  • ސްޕެނިޝް ލީގުގެ އެންމެ މޮޅު ގޯލްކީޕަރު
  • އިނގިރޭސި ޕްރެމިއާ ލީގުގެ އެންމެ މޮޅު ގޯލްކީޕަރު
  • ވޯލްޑްކަޕް 2018ގެ އެންމެ މޮޅު ގޯލްކީޕަރު
  • ފީފާއިން ހޮވި 2021/22 ވަނަ އަހަރުގެ ސީޒަނުގެ އެންމެ މޮޅު ގޯލްކީޕަރު

މިލްކިއްޔާތުގެ އަގު: ގާތްގަނޑަކަށް 113 މިލިއަން ޔޫރޯ

ބެލްޖިއަމްގެ ކީޕަރު ތިބައޫ ކޯޓުއާ އަކީ އެންމެ ފަހުގެ ވޯލްޑްކަޕުގެ އެންމެ މޮޅު ކީޕަރެވެ. އޭނާ އަކީ ޑިފެންޑަރުންނާ ވަރަށް ރަނގަޅަށް މުއާމަލާތުކޮށް ޑިފެންސިވް ފާރު އޮގަނައިޒް ކުރާ ކީޕަރެކެވެ. ދިގުއިސްކޮޅުގެ ބޭނުން ވަރަށް ރަނގަޅަށް ހިފައި މަތިން އަންނަ ބޯޅަތަކަށް މޮޅު ކީޕަރެކެވެ. ވަން އޮން ވަން ސިޓުއޭޝަންތަކުގައި އިދިކޮޅު ފޯވަޑުން ހާސްކޮށްލާ ކީޕަރެކެވެ. އަބަދުވެސް ތައްޔާރަށް ހުންނަ ދަނޑުމަތީގައި ވަރަށް ލޯހުޅުވޭ ކީޕަރެކެވެ. ހާއްސަކޮށް އަތުން ބޯޅަ ދުރަށް އެއްލާއިރު އެ ބޯޅަތަކުގެ ބޭނުން ޓިމުގެ ކުޅުންތެރިންނަށް ހިފޭނެ ގޮތަކަށް އެއްލުމަކީ އޭނާ ވަރަށް ކާމިޔާބުކަމާއެކު ކުރާ ކަމެކެވެ. ގޯލް ރޮނގު ދޫކޮށް ނުކުންނަ ބޯޅަތައް އިތުބާރާއެކު ހިފަ އެވެ.

އޭނާ އަށް ކޯޗުކޮށްދިން ކޯޗުންގެ ތެރެއިން ޗެލްސީގެ އެންޓޯނިއޯ ކޮންޓޭ ބުނީ ކޯޓުއާ އަކީ މިސްޓޭކް މަދު ވަރަށް ގިނަ ކަންކަމުގައި ނަމޫނާ ކީޕަރެއް ކަމަށެވެ. ކޮންޓޭގެ ކޯޗުކަމުގައި ޗެލްސީގައި އޭނާގެ ޕާސިން ރަނގަޅު ކުރުމަށާއި ބޯޅައިގެ ކޮންޓްރޯލް ރަނގަޅު ކުރުން ފަދަ ކަންކަމަށް އިސްކަންދީގެން ތަމްރީނު ދީފައިވެ އެވެ.

އޭނާގެ އާއިލާ އަކީ ވޮލީބޯޅައިގެ އާއިލާއެކެވެ. މައިންބަފައިން ވޮލީކުޅުނެވެ. ދައްތަ އަކީ ފްރާންސްގެ ވޮލީ ޓީމެއްގެ މުހިންމު ކުޅުންތެރިއެކެވެ. ކުޑައިރު އުމުރުން 12 އަހަރު ވަންދެން ކޯޓުއާ ވެސް ވޮލީކުޅުނެވެ. ނަމަވެސް އޭނާ ބުނީ އެއީ ފުޓްބޯޅަ ކުޅެން ތައްޔާރުވުމަށް ކުރި ކަމެއް ކަމަށެވެ.

ކޯޓުއާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ސްޕޭން މާޓާ ޑޮމިންގުއޭޒްއާއެވެ. އެއީ އޭނާ ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑަށް ކުޅުނުއިރު އެވެ. މާޓާ އަށް އާއި ކޯޓުއާއަށް ދެ ކުދިން ވެސް ލިބުނެވެ. ނަމަވެސް މިހާރު އޭނާ ގުޅިގެން އުޅެނީ އިޒްރޭލުގެ މޮޑެލްއަކާ އެވެ. ޗެލްސީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރަމުންދަނިކޮށ، ވޯލްޑްކަޕަށް ފަހު ކޯޓުއާ ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވީ ދަރިންނާ ގާތުގައި ހުރުމައްޓަކައި ކަމަށް ބުނެ އެވެ.

އޭނާ އަށް ފުރަތަމަ ސީޒަނުގައި ކޯޗު ޒައިނުއްދީން ޒިދާންގެ އިތުބާރެއް ނުލިބުނެވެ. ހާއްސަކޮށް ރެއާލް އަށް ތިން ފަހަރު ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ހޯދައިދިން ކީޕަރު ކޭލާ ނަވާސް ހުރުމާއެކު ކޯޓުއާ އިންނަންޖެހުނީ ގިނައިން ބެންޗުގަ އެވެ. ނަމަވެސް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒްގެ ބާރު އެޅުމާއެކު ޖެހިގެން އައި ސީޒަނުގައި ޒިދާނަށް ޖެހުނީ ކޯޓުއާ އަށް އެއްވަނަ ކީޕަރުކަން ދޭށެވެ. އަދި ފަހުން މޮޅު ކުޅުމެއް ދައްކައި އޭނާ ޒިދާންގެ އިތުބާރު ވެސް ހޯދި އެވެ. ވަރަށް ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި ނިމިދިޔަ ސީޒަނުގައި ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑުން ހޯދީ ކޯޓުއާގެ މޮޅު ސޭވްތަކުގެ ސަބަބުންނެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުން ފާހަގަ ކުރެވެ އެވެ. މި މެޗުގައި އޭނާ ކުރި ނުވަ ސޭވް އަކީ ފައިނަލް މެޗެއްގެ ރެކޯޑެވެ. އަދި މުޅި މުބާރާތުގައި އޭނާ ކުރި 59 ސޭވްއަކީ ވެސް ޗެމްޕިއަންސް ލީގުގެ ރެކޯޑެވެ.