ފީޗާ ރިޕޯޓް
ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ބަދުނަސީބު މީހަކީ މިއީތަ؟
ހަލިލްހޮޒިޗަށް މަގާމު ގެއްލުނީ ބައެއް ސީނިއާ ކުޅުންތެރިންނާ ގުޅުން ގޯސްވުމުން
Line separator

މޮރޮކޯގެ ކޯޗުކަމުން ވާހިދު ހަލިލްހޮޒިކް މިހާރުވަނީ ބޭރުކޮށްފަ އެވެ. އެ މަގާމަށް އިސްކުރީ މޮރޮކޯގެ ކުރީގެ ކުޅުންތެރިޔާ ވާހިދު ރެގާގީ އެވެ. ގަތަރުގައި އަންނަ ނޮވެމްބަރު މަހު ފަށާ މުބާރާތަށް ހަލިލްހޮޒިޗްގެ ބެލުމުގެ ދަށުން މޮރޮކޯ ކޮލިފައިވީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. ނަމަވެސް ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތަށް އެންމެ ތިންމަހަށްވެފައިވަނިކޮށް އޭނާގެ ވަޒީފާ ގެއްލުނީ ކީއްވެ ހެއްޔެވެ؟ ވޯލްޑްކަޕަށް އެހެން ކޯޗަކު ހޯދަން ނިންމީ ހަލިލްހޮޒިޗްގެ ކިބާގައި އެފެންވަރު ނެތިގެން ހެއްޔެވެ؟

ހަލިލްހޮޒިޗަކީ ކާކު؟

ބޮސްނިއާ އަށް 69 އަހަރުގެ އުފަން ވާހިދު ހަލިލްހޮޒިޗް އަކީ ކޯޗިންގެ ތަޖުރިބާކާރެކެވެ. ޔޫގޯސްލާވިޔާގެ ގައުމީ ޓީމަށް 15 މެޗު ކުޅެދީ 8 ގޯލު ޖަހައދިނެވެ. ކުރީގެ ފޯވަޑް ކޯޗިން ކެރިއަރު ފެށީ 1993 ވަނަ އަހަރު ފްރާންސްގެ ބެއުވައިސްއިންނެވެ. ފާއިތުވެދިޔަ 29 އަހަރުތެރޭގައި އޭނާ ވަނީ ފްރާންސްގެ ލިއްލެ އާއި ރޭނޭސް އަދި ޕީއެސްޖީ އާއި ނޯންޓްސް އަދި ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދަށް ވެސް ކޯޗުކޮށްދީފަ އެވެ. ގައުމީ ޓީމުތަކުގެ ތެރެއިން އައިވަރީކޯސްޓާއި އަލްޖީރިއާ އާއި ޖަޕާންގެ ކޯޗުކަންވެސްކުރި އެވެ. މި މުއްދަތުގައި ކުލަބު ލެވެލްގައި ފަސް ތައްޓެއް ކާމިޔާބުކުރި އެވެ.

މޮރޮކޯގެ ކޯޗުކަމުން ވަކިކުރީ ކީއްވެ؟

މޮރޮކޯގެ ކޯޗުކަމާ ހަލިލްހޮޒިޗް ހަވާލުވީ 2019 ވަނަ އަހަރު އެވެ. އޭނާ މަގާމުން ވަކިކުރީ ވޯލްޑްކަޕަށް ގައުމީ ޓީމު ބައްޓަންކުރާނެ ގޮތަކާމެދު އުފެދުނު ހިޔާލުތަފާތުވުމެއްގަ އެވެ. މޮރޮކޯގެ ފެޑަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެންމެ ރަނގަޅަށް ގައުމީ ޓީމު ވޯލްޑްކަޕަށް ތައްޔާރުކުރަން މިވަގުތަށް އޮތް ހައްލަކީ ދެ ފަރާތުގެ ގުޅުން ނިމުމަކަށް ގެނައުން ކަމަށެވެ. އަދި ޒުވާން ކުޅުންތެރިން ހިމަނައިގެން ރަނގަޅު ޓީމެއް ބިނާކުރަން ހަލިލްހޮޒިޗް ކޮށްދީފައިވާ މަސައްކަތް ރަނގަޅު ކަމަށާއި އެމަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.

މިހާ ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް ހަލިލްހޮޒިޗަށް މަގާމު ގެއްލުނީ ބައެއް ސީނިއާ ކުޅުންތެރިންނާ ގުޅުން ގޯސްވުމުންނެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ ޗެލްސީ އަށް ކުޅޭ ހާކިމް ޒިޔެޗް އެވެ. ކޯޗާ މައްސަލަޖެހި މިދިޔަ އަހަރުން ފެށިގެން ގައުމީ ޓީމުން އެކަހެރިކުރުމުން ޒިޔެޗް ނިންމީ ދެން ދުވަހަކު ވެސް ގައުމީ ޓީމަށް ނުކުޅުމަށެވެ. އަދި އޭނާއާ ބެހޭ ގޮތުން ކޯޗު ހެދީ ހުސް ދޮގުކަމަށާއި ކޮންމެވެސް ދުވަހަކުން ހަގީގަތް އެނގޭނެ ކަމަށް ބުނެ ސަޕޯޓަރުން ޕްރެޝަރަށް ވެސް ދުއްވާލިއެވެ. އެންމެފަހުން ފެޑަރޭޝަނަށް ވެސް މަޖުބޫރުވީ ސަޕޯޓަރުންގެ ޕްރެޝަރާ ހެދި ޒިޔެޗް ގައުމީ ޓީމަށް ނެގުމަށެވެ. މިކަންކުރުމަށް މޮރޮކޯ ފެޑަރޭޝަނުން ހަލިލްހޮޒިޗާ ތަކުރާރުކޮށް މަޝްވަރާކޮށްގެން ވެސް އަލިމަގެއް ނުފެނުނެވެ. ކޯޗު ގަބޫލުކުރާ ގޮތުގައި ޗެލްސީއަށް ކުޅެން ޒިޔެޗް ވަނީ އިންޖަރީވެއްޖެކަމަށް ބުނެ ގައުމީ ޓީމުގެ ބައެއް މެޗުތައް ނުކުޅެން ބަހަނާ ދައްކައިފައެވެ. ހަލިލްހޮޒިޗްގެ ހިތުގައި މިއަމަލަށް ޒިޔެޗަށް މައާފެއްނެތެވެ. އެކަމަކު ސަޕޯޓަރުންގެ ޕްރެޝަރުން ސަލާމަތްވުމަށް ފެޑަރޭޝަނަށް ކޯޗު މަގާމުން ވަކިކުރުންނޫން ގޮތެއްނެތީއެވެ.

ހަލިލް ހޮޒިޗަކީ އެންމެ ނާކާމިޔާބު މީހާތަ؟

މޮރޮކޯ އަކީ ވޯލްޑްކަޕް ކުޑަތަންވެފައިއޮއްވައި ކޯޗުކަމުން ހަލިލްހޮޒިޗް ވަކިކުރި ފުރަތަމަ ގައުމެއް ނޫނެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަޕަށް ޖަޕާން ކޮލިފައިކޮށްދީފައިވަނިކޮށް އެ ގައުމުން އޭނާ ވަކިކުރީ މުބާރާތަށް އެންމެ ދެ މަހަށްވެފައިވަނިކޮށެވެ. އަދި އައިވަރީކޯސްޓްގެ ކޯޗުކަމުން 2010 ވަނަ އަހަރު ވަކިކުރީ ވެސް ވޯލްޑްކަޕަށް ހަތަރު މަހަށްވެފައިއޮއްވަ އެވެ. މިއިން ކޮންމެ ފަހަރަކުވެސް އޭނާ ވަކިކުރަންޖެހުނީ ގޮތްދޫނުކުރުމާއި ބޯހަރުކަން އިސްކުރުމުން ފެޑަރޭޝަނުގެ ވެރިންނަށް މަޖުބޫރުވެގެންނެވެ. އަނެއްކޮޅުން ޖަޕާއި އައިވަރީކޯސްޓް އަދި މޮރޮކޯކުރެ އެއްވެސް ގައުމަކާއެކު ވޯލްޑްކަޕަށް ނުދެވުމަކީ އޭނާގެ މުޅިކެރިއަރުގެ ވެސް އެންމެ ބޮޑު ނާކާމީޔާބީ އެވެ. މިއީ ވޯލްޑްކަޕް ކުޅުމަށްޓަކައި ތިން ފަހަރެއްގެމަތީން އެކިގައުމުތަކުގެ ރަށްވެހިކަން ހޯދި އަލްފްރެޑޯ ޑީސްޓެފާނޯ އަށް ޖެހުނު ދަތުރަށްވުރެ ވެސް ގޯސް ޓްރެކް ރެކޯޑެކެވެ.

Squares separator