ފީޗާ ރިޕޯޓް
ވޯލްޑްކަޕުގައި އިނގިރޭސި ކުޅުންތެރިންގެ ލޯބިވެރިން ޔޮޓްފަހަރުތަކަށް!
އިނގިރޭސީންނަކީ ވަރަށް ގިނަގޮތްގޮތުން މިނިވަންކަމަށް ދައުވާކުރާ ބައެކެވެ. ހިތުހުރިހާ ގޮތަކަށް ނޫޅެވޭނަމަ އެއީ މިނިވަންކަން ނެތީ ކަމަށް އެމީހުން ދެކެ އެވެ. ނަމަވެސް ކުރީ ވޯލްޑްކަޕްތަކާ ހިލާފަށް ގަތަރުގައި ބާއްވާ ވޯލްޑްކަޕުގައި އެގައުމަށް ޒިޔާރަތްކުރާ މީހުންނަށް ބޭނުންހާ ގޮތަކަށް ނޫޅެވޭނެ އެވެ.
Line separator

ގަތަރުގައި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ފަށާނީ އަންނަ ނޮވެމްބަރު މަހު އެވެ. މެދުއިރުމަތީގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕުގެ ސަލާމަތީ ކަންތައްތަކާމެދު އެންމެ ބޮޑަށް ބަހުސްކުރަމުންދާ ބަޔަކީ އިނގިރޭސިންނެވެ. މި ބަހުސް ދިގުދެމި ކަފިކަފިވާ ވަރަކަށް އިނގިރޭސިންނަށް އޮތް ނުރައްކާތެރިކަން ވެސް ދަނީ އިތުރުވަމުންނެވެ.

އިނގިރޭސީންނަކީ ވަރަށް ގިނަގޮތްގޮތުން މިނިވަންކަމަށް ދައުވާކުރާ ބައެކެވެ. ހިތުހުރިހާ ގޮތަކަށް ނޫޅެވޭނަމަ އެއީ މިނިވަންކަން ނެތީ ކަމަށް އެމީހުން ދެކެ އެވެ. ނަމަވެސް ކުރީ ވޯލްޑްކަޕްތަކާ ހިލާފަށް ގަތަރުގައި ބާއްވާ ވޯލްޑްކަޕުގައި އެގައުމަށް ޒިޔާރަތްކުރާ މީހުންނަށް ބޭނުންހާ ގޮތަކަށް ނޫޅެވޭނެ އެވެ. އެއްޖިންސެއްގެ މީހުން ގައިގޯޅިކޮށް އުޅުމާއި ރާބޮއި މަސްތުވެގެން އާއްމުކޮށް އުޅުންފަދަ އިސްލާމީ އުސޫލުތަކާ ނުގުޅޭކަންކަން ވަނީ މަނާކޮށްފަ އެވެ. މިފަދަ ކަންކަން ބޭނުންވާ މީހުންނަށް އެފުރުސަތު އޮތީ އާއްމުނޫން ވަކިއިންތަކެއްގައެވެ. މި އުސޫލުތަކާ ހިލާފުވެ، ގަތަރުގެ އާދަކާދައަށް ބުރޫއަރާގޮތަކަށް އުޅެގެން ލިބޭ ގެއްލުމެއްގެ ޒިންމާނަގަންޖެހޭ އެމީހަކު އަމިއްލައަށްކަން ގަތަރު ސަރުކާރުން ވަނީ ވަރަށް ކުރިއްސުރެ އިއުލާނުކޮށްފަ އެވެ. މިއީ އިނގިރޭސިން ގަތަރާމެދު އެހާގަޔާވާ ކަންކަމެއްނޫނެވެ.

މިހެންވެ އިނގިރޭސި ކުޅުންތެރިންނާއި އެމީހުންގެ ސަޕޯޓަރުންނަށް މުބާރާތުގެ ތެރޭގައި ނުރައްކާއޮންނާނެ މިންވަރު އެހެން ގައުމުތަކަށްވުރެ ބޮޑެވެ. އެކަމަކު އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން ވޯލްޑްކަޕަށް އިނގިރޭސި ކުޅުންތެރިންގެ އާއިލާތައް ވެސް ދޯހާ އަށް ދާނެ އެވެ.

އެކަމަކު އަތުވެދާނެ ނުރައްކަލަކާމެދު އެމީހުން ތިބީ ސިހިސިހިއެވެ. މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށް ކުޅުންތެރިންގެ އާއިލާތަކުން ވަނީ ކުރިއަށްވުރެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކަކަށް އިނގިރޭސި އެފްއޭގެ ކިބައިން އެދިފަ އެވެ. އަދި ކުޅުންތެރިންގެ އާއިލާތަކަށް ރައްކާތެރިކަން ހޯދައިދޭން އިނގިރޭސި އެފްއޭއިން ވެސް މިހާރުވަނީ އެއްބަސްވެ، އެކަމަށް އިތުރު މަސައްކަތްތަކެއް ފަށައިފަ އެވެ.

ކަންމިހެން ހުރުމާއެކު ކުޅުންތެރިންގެ އާއިލާތަކުން މިހާރު ނިންމާފައިވަނީ ގަތަރުގެ ފަސްގަނޑުގައި ނުތިބުމަށެވެ. ދަނޑަށް ދިއުމަށްނޫނީ އެމީހުން ގަތަރަށް ނުފައިބާނެ އެވެ. އޭގެ ބަދަލުގައި އެމީހުން ޖަގަހަ ޖަހައިގެން ތިބޭނީ އެންމެ މިޒަމާނުގެ ލަގްޒަރީ ޔޮޓްފަހަރުތަކުގަ އެވެ. މި ގޮތަށް ހަދަން ނިންމި އެހެން ސަބަބެއްވެސް އެބައޮތެވެ. އެއީ ގަތަރުގެ ހޮޓާތަކުގެ އަގު އިންތިހާ އަށް މަތިވުމާއި އިނގިރޭސިން ބޭނުންވާ ފެންވަރުގެ އެކޮމޮޑޭޝަނާއި ހިދުމަތްތަކުގެ ތެރޭގައި މަޝްއޫލުވެ އުޅެވޭނީ ޔޮޓްފަހަރުތަކުގައިކަމަށްވުމެވެ.

ވޯލްޑްކަޕް އިންތިޒާމްކުރާ ފީފާއިން ބުނެފައިވަނީ މި އަހަރުގެ ކުރީކޮޅާ ހަމައަށް ގަތަރުގައި ހުރީ ކުއްޔަށްދެވޭގޮތަށް ހުރީ 175000 އެޕާޓްމަންޓް ކަމަށެވެ. އަދި މިތަންތަނުގެ އަގުތައް މަތިވެ ކުޅުންތެރިއަކު މަދުވެގެން 3 ލައްކަ ޕައުންޑް (5.3 މިލިއަން ރުފިޔާ) ހޭދަކުރަންޖެހޭނެ ކަމަށް ވެސް މިހާރު ވަނީ ލަފާކޮށްފަ އެވެ. ނޮވެމްބަރުން ފެށިގެން ޑިސެމްބަރު 20އާ ހަމައަށް ކުރިއަށްދާ ވޯލްޑްކަޕަށް ގަތަރަށް 1.5 މިލިއަން މީހުން ޒިޔާރަތްކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

Squares separator