ފީޗާ ރިޕޯޓް
ވޯލްޑްކަޕަށް ހޮޓާތަކުގެ ބާރުބޮޑުވެއްޖެ، އެކޮމޮޑޭޝަނަށް ކުޅުންތެރިއަކު 3.5 މިލިއަން ރުފިޔާ ހޭދަކުރަންޖެހިދާނެ!
 ލަޔޮނަލް މެސީ ފަދަ ދުނިޔޭގެ ތަރިންގެ އަނބިންނާއި އާއިލާތަކުން މިހާރުވެސް ވަނީ ގަތަރުގައި ކޭމްޕް ޖެހުމަށް ބުކިން ހެދުމަށް އަވަދިނެތިފައި
Line separator

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ ގިނަބަޔަކު ޝައުގުވެރިވާ ކުޅިވަރު މުބާރާތެވެ. އިޖްތިމާއީ އެންމެ ބޮޑު ހަރަކާތެވެ. މި މުބާރާތް މި އަހަރު ބާއްވާނީ ގަލްފަށް ނިސްބަތްވާ ގަތަރުގަ އެވެ. އެއީ ތެލާއި ގޭހުގެ މުއްސަދިކަން ލިބިފައިވާ މެދުއިރުމަތީގެ އެންމެ މުއްސަދި އެއް ގައުމެވެ. ސައިޒުން ކިތަންމެ ކުޑަނަމަވެސް އެއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ގައުމެކެވެ. ނަމަވެސް ގަތަރުގައި ވޯލްޑްކަޕް ބޭއްވުމަކީ ދުނިޔޭގެ އެތައް ބަޔަކު ނުރުހޭ ކަމެކެވެ. ސަބަބުތައް ބައިވަރެވެ.

ގަތަރުގައި ވޯލްޑްކަޕް ބާއްވަން އެންމެ ގިނަ ބަޔަކު ނުރުހުންވި އެއް ސަބަބަކީ މެދުއިރުމަތީގެ ގަދަހޫނެވެ. މިދިލަ ހޫނުމިން ޖޫން ޖުލައިގައި 40ޑިގްރީއަށްވުރެ މަތިވާނެ އެވެ. މިއީ އިންސާނުންނަށް ހެލިފެލިވެ އުޅެން ކެތްނުކުރެވޭވަރަކަށްވުމުން މިކަމަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހައްލު ހޯދަން ގަތަރުންވަނީ ނިންމައިފަ އެވެ. ހާސާކޮށް އޮންނަ ސްޓޭޑިއަމްތައް ފިނިތަނަކަށް ބަދަލުކޮށްގެން ކުޅެވޭނެ މާހައުލެއް މިހާރުވަނީ ގާއިމްކޮށްފަ އެވެ. މިކަމަށް ހައްލެއް ހޯދި ނަމަވެސް ފަހަރު ކަމެއް އަންނަ ބީދައިން މުބާރާތް ކައިރިވާވަރަކަށް އެހެނިހެން ދަތިތައް ވަނީ ފެންމަތިވާން ފަށައިފަ އެވެ.

އެންމެ ފަހުން ކުރިމަތިވި މައްސަލައަކީ ގަތަރުގެ އެކޮމޮޑޭޝަން މައްސަލަ އެވެ. ވޯލްޑްކަޕާ ދިމާކޮށް ނޮވެމްބަރު އަދި ޑިސެމްބަރުގައި ގަތަރަށް 1.5 މިލިއަން މީހުން ޒިޔާރަތްކުރާނެ ކަމަށްބެލެވެ އެވެ. މިއެންމެން ނިދާނެ ތަންތަނާއި ފެންވަރައި ކައިބޮއި ހަދާނެ ތަންތަން ހޯދުމަކީ ގަތަރުގެ އުމްރާނީ ތަރައްގީ އަށް ކުޅަދާނަވާ ވަރަށްވުރެ ބޮޑު ބުރައެކެވެ. މިހެންވެ ސަހަރާގައި ޓެންޓް ނުވަތަ ފޭލިގެ ޖަހައިގެން ތިބުމުގެ ތަޖުރިބާކޮށްލުން ފަދަ ލަގްޒަރީ އަގުބޮޑު އެތައް ޕެކޭޖްތަކެއް ވެސް  މިހާރުވަނީ ވޯލްޑްކަޕާ ދިމާކޮށްވަނީ އިއުލާނުކުރަން ފަށައިފަ އެވެ.

ސަހަރާގައި ހަދާ ބައެއް ފޭލިގެތައް. ވޯލްޑްކަޕުގައި ގަތަރަށް އެކޮމޮޑޭޝަންގެ މައްސަލަދިމާވާނެ - ފީފާ
ސަހަރާގައި ހަދާ ބައެއް ފޭލިގެތައް. ވޯލްޑްކަޕުގައި ގަތަރަށް އެކޮމޮޑޭޝަންގެ މައްސަލަދިމާވާނެ - ފީފާ

ގަތަރަކީ އިނގިރޭސިވިލާތުގެ ކުޑަކުޑަ އަވަށެއްހާ ކުޑަކުޑަ ގައުމެކެވެ. އަދި އެ ގައުމުގައި ކުޑަކުއްޔަށްދޭ ތަންތަން އެހާ ގިނައެއްވެސް ނޫނެވެ. މިހެންވެ އެކޮމޮޑޭޝަންގެ ބާރުބޮޑުވި ވަރަކަށް އެންމެ ބޮޑު ފައިދާއެއްވާނީ ހޮޓާތަކުގެ ވެރިންނަށެވެ. އެމީހުން މިހާރު ވެސް ވަނީ ވޯލްޑްކަޕް ދުވަސްވަރު އިންތިހާއަށް ބޮޑު ފައިދާ ނެގުމަށް އެންމެ އާދައިގެ ހޮޓާތައް ވެސް އަގުބޮޑުކޮށްފަ އެވެ. ބައެއްތަންތަން ކުއްޔަށްދޭން ޖަހާފައިވަނީ ކުއްޔަށްދޭނެ އަގެއްނުޖަހައި ވެރިފަރާތާ ގުޅަން ބުނެފަ އެވެ. މިކަމާހުރެ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރާ ބަޔަކީ މުބާރާތް ކުޅޭ ކުޅުންތެރިންނެވެ.

ލަފާކުރެވިފައިވާ ގޮތުގައި ކުޅުންތެރިއަކު ވޯލްޑްކަޕް ދުވަސްވަރު ގަތަރުގައި އެމީހުންގެ އަނބިދަރިންނާއި މައިންބަފައިން ހިމެނޭހެން އާއިލާ ބޭތިއްބުމަށް މަދުވެގެން 3 ލައްކަ ޕައުންޑް (5.3 މިލިއަން ރުފިޔާ) ހޭދަކުރަންޖެހޭނެ އެވެ. މިއަގަކީ ބޮޑު އަގެއް ނަމަވެސް ލަޔޮނަލް މެސީ ފަދަ ދުނިޔޭގެ ތަރިންގެ އަނބިންނާއި އާއިލާތަކުން މިހާރުވެސް ވަނީ ގަތަރުގައި ކޭމްޕް ޖެހުމަށް ބުކިން ހެދުމަށް އަވަދިނެތިފަ އެވެ. މި އަހަރުގެ ކުރީކޮޅު ހެދި ލަފާކުރުންތަކުން އެނގިފައިފައިވަނީ ގަތަރުގައި ކުއްޔަށްދޭން ތައްޔާރުކޮށްފައިހުރީ އެންމެ 175000ހާ އެޕާޓްމަންޓްތައް ކަމަށެވެ. ގަތަރަކީ ދިވެހިންނާ ވެސް ނުހަނު ގާތުގައި އަދި ފަސޭހައިން ދެވޭނެ ގައުމެކެވެ. ވޯލްޑްކަޕް ދުވަސްޗަރު ގިނަ ދިވެހިން މިފަހަރުގެ މުބާޜާތް ބަލަންދާނެ ކަމަށް ބެލެވެ އެވެ. މިހެންވެ ކުރިއާލައި ބަޖެޓާއި ބުކިންހަދައި، ރައްކާތެރިވެ ތިބުމަކީ ބުއްދިވެރިކަމެވެ.

Squares separator