ގަތަރުގައި މި އަހަރުގެ ނޮވެމްބަރު މަހު ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ގިނަ ގައުމުތަކުގެ ޖާޒީތައް މިހާރުވަނީ ދައްކާލައިފަ އެވެ. މުބާރާތުގައި ވާދަކުރާ 32 ގައުމުގެ ޖާޒީ ތައްޔާރުކޮށްފައިވަނީ މައިގަނޑު ތިން ކުންފުންޏަކުންނެވެ. އެއީ ކުޅިވަރު ސާމާނު އުފެއްދުމަށް މަޝްހޫރު އެޑިޑާސް، ނައިކް އަދި ޕޫމާއިންނެވެ. މީގެ ތެރެއިން ޕޫމާއިން ހަ ގައުމު އަދި އެޑިޑާސްއިން ހަތް ގައުމެއްގެ ޖާޒީ ފަރުމާކުރާއިރު އެންމެ ގިނަ ޖާޒީ ތައްޔާރުކުރާނީ ނައިކީންނެވެ. އެމީހުންނަށް 12 ގައުމެއްގެ ޖާޒީ ލިބިފައިވެ އެވެ. ޑެންމާކުގެ ޖާޒީ ތައްޔާރުކުރީ ހުމެލްއިންނެވެ. އިކުއެޑޯގެ ޖާޒީ މެރަތަންއިން ތައްޔާރުކުރިއިރު އިރާންގެ ޖާޒީ ތައްޔާރުކުރީ އެގައުމުގެ މާޖިދު ކުންފުނިންނެވެ. ސްޕޯޓިފް ކުންފުނިން ކެމަރޫނުގެ ޖާޒީ ތައްޔާރުކޮށްދިންއިރު ޓިއުނީޝީޔާގެ ޖާޒީ ލާނީ ކައްޕާ ބްރޭންޑެވެ. ނިއު ބެލެންސް ކުންފުންޏަށް ލިބުނީ ކޮސްޓަރިކާގެ ޖާޒީ އެކަންޏެވެ.
އާޖެންޓީނާ އާއި ޖަޕާން އަދި ސްޕޭނާއި ޖަރުމަނުގެ އިތުރުން މެކްސިކޯ އާއި ވޭލްސްގެ ޖާޒީ ތައްޔާރުކުރީ އެޑިޑާސްއިންނެވެ. މި ޖާޒީތައް ފަރުމާކުރުމުގައި އެކުންފުނިން އެންމެ ބޮޑަށް އިސްކަންދީފައިވަނީ ކޮންމެ ގައުމެއްގެ ވެސް ގައުމީ ކުލަ އަށާއި އެގައުމެއްގެ ސަގާފަތާއި ވައްޓަފާޅީގެ ކޮންމެވެސް މިންވަރެއް ޖާޒީގައި ދައްކައިދިނުމަށެވެ.
"މީގެ އިތުރުން އަހަރުމެން ބެލިން މި ޖާޒީތަކަކީ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައި ބޭނުންކުރާ ޖާޒީތަކަށްވެފައި މި ޖާޒީތަކަކީ އެތައް ޒަމާނަކަށް މީހުންގެ ހިތުގައި ބިންވަޅުނެގިގެންދާނެ ލެޖެންޑަރީ ޖާޒީތަކަކަށްވެދާނެ ކަމަށް. މިހެންވެ ކްރިއޭޓިވިޓީއާ އެއްވަރަށް ޖާޒީގައި ގައުމީ ވަންތަކަމަށް ސަމާލުކަންދީފައިވާނެ،" އެޑިޑާސް ކުންފުނީގެ ސީނިއާ ޑިރެކްޓަރ ފުޓްބޯލް ޔާގަން ރޭންޖް ބުންޏެވެ.
އެޑިޑާސް އާއި ނައިކް ކުންފުނިން އުފެއްދި ހުރިހާ ޖާޒީއަކީ ވެސް ކަނޑަށާއި އެކިއެކި ފަޅުފަޅާއި ގޮނޑުދޮށްތަކަށް އުލާލާފައިވާ ޕްލާސްޓިކް ރީސައިކަލްކޮށްގެން އުފެއްދި ޖާޒީތަކެވެ. މި ޖާޒީތަކުގައި ކުޅުންތެރިންނަށް ފިނިކަން އިހުސާސްކޮށްދޭނެ ހާއްސަ ލޭޔަރަކާއި ގައިން އޮހެރޭ ދާ ޖާޒީގައި ހަރުލިޔަނުދިނުމަށް ހާއްސަ ލޭޔަރެއް ލާފައިވެ އެވެ. އަދި ވޭލްސްގެ ކުޅުންތެރިންނަށް ޖާޒީ ލައިގެން ތިބޭއިރު ދަލުން ތެމިފައިވާކަމުގެ އިހުސާސްވިޔަ ނުދިނުމަށް ހާއްސަ ޕޮލިސްޓަރެއް ވެސް ބޭނުންކޮށްފައިވެ އެވެ.
އާޖެންޓީނާގެ ޖާޒީ ތައްޔާރުކޮށްފައިވަނީ އެގައުމަށް ލިބުނު ތަށިތައް ހޯދިއިރު ލައިގެންތިބި ޖާޒީތައް އަސްލަކަށް ބަލައިގެންނެވެ. ހުދާއި ބޭބީ ނޫކުލައިގެ ރޮނގުދެމި ޖާޒީގައި އަތުކުރި އާއި އެޑިޑާސްގެ ފަށްތައް ދަމަން ނޭވީ ބްލޫ ބޭނުންކުރީވެސް މި ސަބަބަށްޓަކަ އެވެ. އާޖެންޓީނާގެ އަވޭ ޖާޒީން ފެނިގެންދާނެ އެންމެ ހާއްސަ ކަމަކީ ދެ ޖިންސުގެ ހަމަހަމަކަމެވެ.
ޖަރުމަނުގެ ޖާޒީ ތައްޔާރުކުރީ ޔޫރޯ 2008ގެ އަވޭ ޖާޒީ އަސްލަކަށް ބަލައިގެންނެވެ. ހުދާ ކަޅާއި ރަންކުލަ ހިމަނައިގެން ތައްޔާރުކުރި ޖާޒީއަށް އައި އެންމެ ބޮޑު ބަދަލަކީ ޖަރުމަނުގެ ދިދަ ކަރުން ފެންނަ ގޮތް ހެދުމާއި އެގައުމުގެ ލޯގޯ ޖާޒީގެ މެދަށް ގެނައުމެވެ. ޖަރުމަނުގެ އަވޭ ޖާޒީ ފަރުމާކޮށްފައިވަނީ ގައުމީ ކުލަތަކުގެ ތެރެއިން ގަދަރަތާއި ޑޮއިޗްލޭންޑް ސިފަވާގޮތަށް ޑީއަކުރުފާޅުވާނެހެންނެވެ.
ޖަޕާނުގެ ހޯމް އެންޑް އަވޭ ޖާޒީން ވެސް މައިގަނޑު ގޮތެއްގައި ބުނެދޭ ވާހަކަ އަކީ އެގައުމުގެ ކުރިއެރުމުގެ ހަލުވި ސްޕީޑެވެ. ޖާޒީގައި ދަމާފައިވާ ރޮނގުތަކުން ބުނެދެނީ އެވާހަކަ އެވެ. މެކްސިކޯގެ އަވޭ ޖާޒީން ދައްކުވައިދެނީ އެމީހުންގެ މަސައްކަތްތެރިކަމާއި ނުގުޑާފަދަ އަޒުމެވެ. ސްޕޭނުގެ ޖާޒީ ތައްޔާރުކޮށްފައިވަނީ އެގައުމުގެ ދިދަ އަސްލަކަށް ބަލައިގެންނެވެ. އެގައުމުގެ އަވޭ ޖާޒީ ހާއްސަކޮށްފައިވަނީ ސްޕޭނުގައި 1982 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގައި އެގައުމުން ބޭނުންކުރި ލޯގޯއަށް ރަމްޒުވާނެހެންނެވެ. ވޭލްސްގެ ގަދަ ރަތްޖާޒީން ދައްކުވައިދެނީ އެމީހުންގެ އިހުގެ އާދަކާދަ އާއި އަލިފާނުގެ ކުޅިވަރުތަކުގެ ކުރިއެރުންތަކެވެ.
ގާނާ މީހުން އެންމެ ބޮޑަށް ހިތްހަމަނުޖެހިފައިތިބީ ޕޫމާއިން ތައްޔާރުކޮށްފައިވާ އެގައުމުގެ އަވޭ ޖާޒީއަށެވެ. އެމީހުން ގަބޫލުކުރަނީ ގަދަ ރަތްޖާޒީގެ މޭމަތީގައި މާސިންގާކޮށް ގާނާގެ ދިދައާއި ނަންބަރުޖަހަން ހުސްގޮޅިއެއް ކުރަހާފައިވާ މި ޑިޒައިނަށްވުރެ ރަނގަޅު ޖާޒީއެއް ފަރުމާކުރެވެންވާނެ ކަމަށެވެ.
ނައިކްއިން ތައްޔާރުކުރި ބްރެޒިލް ޖާޒީގައި އެންމެ ފާހަގަ ކުރެވެނީ ފަސްފަހަރު ފަހަރު ވޯލްޑްކަޕް ހޯދިއިރު ހޯދިފަދަ ކުދި ކަރުލީ ޖާޒީއަކާއި ފެހިކުލައިން ގިރުވާން ތައްޔާރުކުރުމެވެ. ނޫކުލައިގެ އަވޭ ޖާޒީގެ އަތުގައި ފެހިކަން ގަދަކޮށްފައިވެ އެވެ.