1997 ވަނަ އަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައި އީރާން އަތުން 17-0އިން ރާއްޖެ ބަލިވީ އެވެ. މެޗަށް ފަހު ދިވެހި ޓީމުގެ އެކަކަށް ވެސް މިއީ ދުނިޔޭގެ ރެކޯޑް ބަލިވުމެއްކަން ނޭނގެ އެވެ. ދުވަހަކު ބައްދަލުވުނާ ފަދަ ތަރިންނާ ބައްދަލުވުމުން ދިވެހި ކުޅުންތެރިން އައީ އެމީހުންނާ ސަލާމްކުރަމުން ހީ ސާމަސާ ވެސް ކުރަމުންނެވެ. ނަމަވެސް މިއީ ދުނިޔޭގެ ރެކޯޑެއްކަން އެނގުނު ހިސާބުން ދުނިޔޭގެ މީޑިޔާތަކުން ރާއްޖެ އަށް މަލާމާތްކުރި އެވެ. މަޝްހޫރު ސީއެންއެންގެ ވޯލްޑް ސްޕޯޓްސްގެ އެއް ހުށަހެޅުންތެރިޔާ އޭނާއާއެކު ހަބަރު ކިޔަމުންދިޔަ އަނެއް ޕްރެޒެންޓަރާ ދިމާލަށް އިރާނާއި ދިވެހިރާއްޖޭގެ މެޗުގެ ހަބަރު ގެނެސްދެމުން ބުނީ "އަހަރުމެން ނޫން އެހެން އެންމެން ގޯލު ޖަހައިފި،" ކަމަށެވެ.
ސީރިޔާގެ ވެރިރަށް ދިމިޝްގްގައި 1997 ގައި ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ މެޗެއްގައި އީރާން އަތުން 17-0 ން ރާއްޖެ ބަލިވުމުން މުޅި ދުނިޔެއަށް ޓީވީ އާއި ރޭޑިއޯ ނޫސްތަކުގެ ފަލަސުރުހީތަކުގެ ޒަރީއާއިން ދިވެހިރާއްޖޭގެ ވާހަކަ އެނގުނީ ރީތިކަމުގެ ގޮތަކުންނޫނެވެ. ފުޓްބޯޅައިގައި މާބަލި ގައުމެއްގެ ގޮތުގަ އެވެ. ގިނިސް ވޯލްޑް ރެކޯޑް ފޮތަށް ވެސް ރާއްޖޭގެ ވާހަކަ އެރީ އެވެ.
ރާއްޖެއިން ވޯލްޑްކަޕް ކޮލިފައިންގައި އެފަހަރު ބައިވެރިވީ ފުޓްބޯޅައިގެ ދުނިޔެ އެނގިތެގެނެއްނޫނެވެ. ވާދަކުރަންޖެހޭ ޓީމުތަކުގެ ނަން ފިޔަވައި އެހެން މައުލޫމާތެއް ނޭނގެ އެވެ. ކޮލިފައިންގައި ރާއްޖެ ބައިވެރިވީ ފީފާގެ ފުލް މެމްބަރޝިޕް ހޯދަން ބޭނުންނަމަ ކޮލިފައިން ކުޅުން ނޫން ގޮތެއް ނެތިގެންނެވެ. ދެ ވަނަ ކަމަކީ ބޭރުގެ މޮޅު ޓީމުތަކާ ކުޅެގެން ދިވެހި ކުޅުންތެރިންނަށް އިތުރު ތަޖުރިބާތަކެއް ހޯދައިދިނުމަށެވެ.
ތަޖުރިބާއަކީ ގިނަ އަދަދެއްގެ ލަނޑުތަކަކުން ބަލިވުން ކަމަށް ވާނަމަ އެކަން ދިވެހި ކުޅުންތެރިންނަށް މިފަހަރުގެ ކޮލިފައިންއިން ކިތަންމެހާ ވެސް ރަނގަޅަށް ދަސްވެއްޖެ އެވެ. އެފަހަރުގެ ކޮލިފައިންގައި އީރާނާއި ސީރިޔާ އަދި ކިރިގިސްތާނު ހޯމް އެންޑް އަވޭ އުސޫލުން ރާއްޖެ ކޮޅަށް ޖުމްލަ 85 ލަނޑުޖެހި އެވެ.
ގައުމީ ޓީމުގެ އެއިރުގެ ވައިސް ކެޕްޓަން މޫސާ މަނިކު (ކުޑަމޫސަ) ބުނީ އިރާން އަތުން 17 ލަނޑުން ބަލިވުމަކީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި އެންމެ ލަދުގަތް އަދި އެންމެ ދެރަވި ދުވަސް ކަމަށެވެ.