ދިވެހިންނާއި ވޯލްޑް ކަޕް
ވޯލްޑްކަޕް ދިވެހިންނާ ގާތްކޮށްދިން ރެފްރީ ސައީދުގެ ވާހަކަ
"މިއީ ރާއްޖޭގެ ފުޓްބޯޅަ އާއި ފުޓްބޯޅަ އެސޯސިއޭޝަނަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް،" އެފްއޭއެމްގެ އޭރުގެ ޗެއާމަން ކާމީނީޕޫލް އަބްދުޝުކޫރު ވިދާޅުވި އެވެ.
Line separator

ޖަޕާނާއި ދެކުނު ކޮރެޔާގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑަކަޕުން ދިވެހި އެސިސްޓެންޓް ރެފްރީ މުހައްމަދު ސައީދަށް ޖާގަ ލިބުނެވެ. މިއާއެކު އޭނާވީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި އިންސާފުކުރި ހަމައެކަނި ދިވެއްސަށެވެ. މީގެ 10 އަހަރު ކުރިން އޭޝިޔާގައި ބޭއްވި ފުރަތަމަ ވޯލްޑްކަޕަށް ސައީދު ހޮވުމުން ކޮންމެ ދިވެއްސަކު ވެސް އުފާކުރި އެވެ. މިއަދު އެކަން ދެކެނީ ގައުމަށް ލިބުނު ޝަރަފެއްގެ ގޮތުގަ އެވެ.

އޭގެ ކުރީ އަހަރުގެ ޕާފޯމަންސަށް ބަލައި އޭފްސީން ހޮވި އޭޝިޔާގެ އެންމެ މޮޅު އެސިސްޓެންޓް ރެފްރީގެ މަގާމު ލިބުނު ސައީދު ވަނީ ވޯލްޑްކަޕުގައި ސައީދު ވަނީ ވަރުގަދަ މެޗުތަކަކަށް އިންސާފުކޮށްފަ އެވެ. އޭގެ ތެރޭގައި އާޖެންޓީނާ އާއި އިނގިރޭސިން ކުޅުނު މެޗަށް އޭނާ ނުކުތީ ދުނިޔޭގެ އެންމެ މޮޅު ރެފްރީ އިޓަލީގެ ޕިއަރް ލުއިޖީ ކޮލީނާގެ ރެފްރީކަމުގަ އެވެ. މި މެޗަށްފަހު ޖަރުމަނާއި އެފްރިކާ އަދި އޮލިމްޕިކް ޗެމްޕިއަން ކެމެރޫން ބައްދަލުކުރި މެޗާއި ކުއާޓާ ފައިނަލުގައި ބްރެޒިލް އަތުން އިނގިރޭސިން ބަލިވި މެޗު ވެސް ހިމެނެ އެވެ.

"މިއީ ރާއްޖޭގެ ފުޓްބޯޅަ އާއި ފުޓްބޯޅަ އެސޯސިއޭޝަނަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް،" އެފްއޭއެމްގެ އޭރުގެ ޗެއާމަން ކާމީނީޕޫލް އަބްދުޝުކޫރު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރީގައި ވަޒީފާ އަދާކުރަމުން އަންނަ ސައީދަށް ވޯލްޑްކަޕުން ފުރުސަތު ލިބުނީ އޭނާގެ އުމުރުން 40 އަހަރުގަ އެވެ. އޭނަގެ އިތުރުން ސާކް ސަރަހައްދުން އެފަހަރުގެ ވޯލްޑްކަޕަށް ހޮވާފައި ވަނީ އިންޑިއާގެ އެސިސްޓެންޓް ރެފްރީއެއް އެކަންޏެވެ.

ބްރެޒިލްގެ ރޮނާލްޑޯ (ކ) އާއި އިނގިރޭސި ކެޕްޓަން ބެކަމް ސަލާމްކުރާއިރު ސައީދު މެދުގައި
ބްރެޒިލްގެ ރޮނާލްޑޯ (ކ) އާއި އިނގިރޭސި ކެޕްޓަން ބެކަމް ސަލާމްކުރާއިރު ސައީދު މެދުގައި

ފީފާގެ ބެޖް 1993 ގައި ހޯދި އެސިސްޓެންޓް ރެފްރީ ވަނީ ބައިނަލްއަގުވާމީ 100އަށްވުރެގިނަ މެޗުގައި ރޮނގު ބަލަހައްޓާފަ އެވެ. އޭގެ ތެރޭގައި ވޯލްޑްކަޕާއި 2001 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަން ކަޕް ވެސް ހިމެނެ އެވެ. އޭނާގެ ހާއްސަ މެޗުތަކުގެ ތެރޭގައި ކޮންފެޑަރޭޝަންސް ކަޕުގައި އޭރުގެ ދުނިޔެ އާއި ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި ކުރީގެ ދުނިޔޭގެ ޗެމްޕިއަން ބްރެޒިލް ބައްދަލުކުރި ސެމީ ފައިނަލް މެޗު ފާހަގަކޮށްލެވެ އެވެ.

ހޮބީއެއްގެ ގޮތުން ރެފްރީކަން ކުރަން ފެށި ސައީދު ބުނީ އޮފީހުން އޭނާ ވީއްލައިދިނުމަކީ ރެފްރީކަމުގައި ކުރިއަށްދާން ލިބުނު އެންމެ ރަނގަޅު އެހީ ކަމަށާއި ރެފްރީކަމުގެ ކެރިއަރުގައި އޭނާގެ އާއިލާ އަކީ މުހިންމު ބައިވެރިއެއް ކަމަށެވެ.

"ބައެއް ދުވަސް ދުވަހު އޮފީހަށް ދާއިރު ދަރިން ތިބެނީ ނިދާފައި ރޭގަނޑު ގެއަށް އަންނަ އިރު ވެސް ތިބެނީ ނިދާފައި. ވާހަކަ ނުދެއްކި އެބަ ދޭ ދުވަސް. އެހެންވީމާ އާއިލާގެ އެހީތެރިކަން އަހަންނަށް ވަރަށް ބޮޑު މިކަމުގައި ކުރިއަށް ދާން،" ތިން ކުދިންގެ ބައްޕަ ސައީދު ބުންޏެވެ.

ބްރެޒިލްގެ ރޮނާލްޑޯ (ވ) އާއި ރެފްރީ ސައީދު (ކ) ހިނގާފައިދަނީ
ބްރެޒިލްގެ ރޮނާލްޑޯ (ވ) އާއި ރެފްރީ ސައީދު (ކ) ހިނގާފައިދަނީ
ކެމަރޫނާއު ޖަރުމަނު ކުޅުނު މެޗުގައި ދެ ކުޅުންތެރިން ދުރުކުރަން ސައީދު (ވ) ހަރަކާތްތެރިވަނީ
ކެމަރޫނާއު ޖަރުމަނު ކުޅުނު މެޗުގައި ދެ ކުޅުންތެރިން ދުރުކުރަން ސައީދު (ވ) ހަރަކާތްތެރިވަނީ
Squares separator
އިތުރު ލިޔުން