ދިވެހިންނާއި ވޯލްޑް ކަޕް
ވޯލްޑްކަޕް ތަށި ރާއްޖެއަށް! މުޅި ރާއްޖެއަށް ލިބުނު ބޮޑު އުފަލެއް!
ވޯލްޑްކަޕްގެ ތަށި ރާއްޖެ ގެންނާނެކަމުގެ ޚަބަރު ދިވެހިންނަށް ލިބުނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަސް ނިމެން ދަނިކޮށެވެ. ވޯލްޑްކަޕް ޓްރޮފީ ދުނިޔޭގެ ޤައުމުތަކަށް ގެންދިއުމަށް ފަށާ ދަތުރުގައި ރާއްޖޭގެ ނަން ފީފާގެ ރަސްމީ ވެބްސައިޓްގައި އޮތުމުންނެވެ. 
Line separator

ރާއްޖެ ވޯލްޑްކަޕަށް ކޮލިފައިވާ މަންޒަރަކީ ހުވަފެނުންވެސް ފެންނާނެ މަންޒަރެއް ނޫންކަން އެއީ އަހަރެމެންގެ ވިސްނުމެވެ. ޤަބޫލުކުރުމެވެ. އެއީ މިސަހައްދުގައިވެސް ކާމީޔާބީއެއް ހޯދާ ދަމަހައްޓަން ފިޔަވަޅެއްވެސް ކުރިއަށް ނޭޅޭތީއެވެ. އެވަޞީލަތްވެސް ނެތަތީއެވެ. އެމަސައްކަތްވެސް ނުކުރެވޭތީއެވެ. މިސަބަބާހުރެ 2018 ވަނަ އަހަރާ ހަމައަށް ވޯލްޑްކަޕްގެ ތަށި ރާއްޖެ އަންނާނެކަމަށްވެސް އަހަރެމެން އުއްމީދެއް ނުކުރަމެވެ. އެކަމަކު އެއުއްމީދު ހާސިލްވުން އެއީވެސް ފުޓްބޯޅައަށް މަރުދޭ ދިވެހިން ދުށީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައެވެ. އެއީ އެތައްހާސް ދިވެހިންނަށް ލިބުނު ބޮޑު އުފަލެކެވެ. ހިތްހަމަޖެހުމެކެވެ. އެ ޝަރަފްވެރި ތަށްޓާއެކު ނެގި ފޮޓޯތަކާއި, ފޮޓޯ ނަގަން ހޭދަކުރި ވަގުތުތައް އެކަމަށް ހެކިދެއެވެ.

ވޯލްޑްކަޕްގެ ތަށި ރާއްޖެ ގެންނާނެކަމުގެ ޚަބަރު ދިވެހިންނަށް ލިބުނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަސް ނިމެން ދަނިކޮށެވެ. ވޯލްޑްކަޕް ޓްރޮފީ ދުނިޔޭގެ ޤައުމުތަކަށް ގެންދިއުމަށް ފަށާ ދަތުރުގައި ރާއްޖޭގެ ނަން ފީފާގެ ރަސްމީ ވެބްސައިޓްގައި އޮތުމުންނެވެ. އެލިސްޓްގައި އޮތްގޮތުން އެއުފާ ލިބޭނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 24 އަދި 25 ވަނަ ދުވަހުއެވެ. ފީފާގެ ރަސްމީ ވެބްސައިޓްގައި ކަނޑައަޅާފައި އޮތް ތާރީޚުގައި ޝަރަފްވެރި ތަށި ރާއްޖެ ގެނައެވެ. ތަށްޓާއެކު ރާއްޖެ އައީ ޓްރޮފީ ޓުއާގެ ރާއްޖެ ހިމެނޭ ބައިގެ އެމްބެސެޑަރަކަށް ހަމަޖެއްސި ފްރާންސްގެ ކްރިސްޓިއަން ކަރެމްބޫއެވެ. އޭނާއަކީ 1998 ވަނަ އަހަރު ވޯލްޑްކަޕް އުފުލާލި ފްރާންސް ޓީމްގެ ކުޅުންތެރިއެކެވެ. އެފަދަ ކުޅުންތެރިއަކު ވޯލްޑްކަޕް ތަށްޓާއެކު ރާއްޖެ އައުންވެސްވީ ދިވެހިންނަށް ލިބުނު ބޮޑު އުފަލަކަށެވެ. އޭނާއާއެކުވެސް އެތައް ސަތޭކަ ދިވެހިން ފޮޓޯތައް ނަގާ ސޯޝަލް މީޑިޔާ ފުރާލިއެވެ. އެހަފްތާ އެކުގައި ދިވެހިންގެ ސޯޝަލް މީޑިޔާ ފަހަތަ ކުރީ ވޯލްޑްކަޕް ތަށްޓާއި, ކަރެމްބޫއާއެކު ނެގި ފޮޓޯތަކުންނެވެ.

ޓްރޮފީ ދައްކާލުމާއި ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބުދުالله ޔާމީން އަބުދުލްޤައްޔޫމް ބައިވެރިވެވަޑައިގެންނެވިއެވެ. ގަލޮޅު ރަސްމީ ސްޓޭޑިއަމްގައި ޢާއްމުކޮށް ހުޅުވާލައިގެން ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަތްޕުޅަށް ޓްރޮފީ އެރުވިއެވެ. އަދި ޖެހިގެން އައި 25 ވަނަ ދުވަހު ޓާފް ދަނޑުގައިވެސް ޓްރޮފީ ޢާއްމުކޮށް ދައްކާލާ ފޮޓޯ ނެގުމުގެ ފުރުޞަތު ދިނެވެ. ޢާއްމުކޮށް އިވެންޓް ހުޅުވާލި ނަމަވެސް ފޮޓޯ ނެގުމުގެ ފުރުޞަތު ދިނީ ޓިކެޓް އޮތް ފަރާތްތަކަށެވެ.

ޓްރޮފީ ރާއްޖެ ގެނައުން ވީ ކުޅިވަރުގެ ބޮޑު އީދެއް އައުމަށެވެ. އެކަމަށް ޚާއްޞަކުރެވިފައިވާ ޚާއްޞަ ޖެޓެއްގައި, ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްގެން ފީފާ ވޯލްޑްކަޕްގެ ޓްރޮފީ ރާއްޖެ ގެނައުން ވެގެންދިޔައީ އެކަން ހަޤީޤަތަކަށް ވުމާ ހަމައަށްވެސް ދިވެހިން އުއްމީދުނުކުރާ, އެކަމަކު އެކަމުން ބޮޑު އުފަލެއް ލިބުނު ކަމަކަށެވެ. އެއުފާ ދިވެހިންނަށް ހޯދައިދިނުމުގައި ކޮކާކޯލާއިން މުހިއްމު ދައުރެއް އަދާކުރިއެވެ. އިނގިރޭސި ވިލާތުގެ ލަންޑަނުން ފެށި ދަތުރުގައި ރާއްޖެއަށް ޓްރޮފީ ގެނައުމުން ފެނުނު ހަޤީޤީ މަންޒަރަކީ ދިވެހި ފުޓްބޯޅައަށް މަރުދޭ މިންވަރެވެ. ވަކިން ޚާއްޞަކޮށް ފީފާ ވޯލްޑްކަޕަށް ދިވެހިންގެ އޮތް އިންތިހާ ދަރަޖައިގެ ޝައުޤުވެރިކަމެވެ. އެޝައުޤުވެރިކަން ބަދަލެއް ނައިސް މިއަދުވެސް އެބައޮތެވެ. އެއީ ދިވެހިންގެ ކުޅިވަރު އީދެވެ. ދިވެހިންގެ ފުޓްބޯޅައިގެ އީދެވެ. ދުނިޔޭގެ ފުޓްބޯޅަ އީދެވެ.

Squares separator
އިތުރު ލިޔުން