ޞުރުހީގައި އެއޮތީ ރާއްޖޭގެ ވާހަކައެވެ. ރާއްޖޭގެ ކުޅުންތެރިއެއްގެ ވާހަކައެވެ. ވޯލްޑްކަޕް ކުރިމަތިވެގެން އަންނައިރު އެމުބާރާތާ ގުޅިފައިވާ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ހަނދާނުގެ ވާހަކައެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކަޅު އެއް ސަފްހާގެ ވާހަކައެވެ.
އެއީ 1997 ވަނަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހެވެ. ސީރިޔާގެ ވެރިރަށް ދިމިޝްގުގެ އަލް ބިސީއުން ސްޓޭޑިއަމްއެވެ. ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ކޮލިފައިންއެއްގައި ވާދަކުރި އަހަރެވެ. އެދުވަހު އެސްޓޭޑިއަމްގައި ވާދަކުރީ އިރާނާއެވެ. މެޗު ނިމުނީ ދުނިޔޭގެ މީޑިޔާތަކުގެ ސަމާލުކަން ރާއްޖެއަށް, ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް, ރާއްޖޭގެ ފުޓްބޯޅައަށް ލިބިގެންނެވެ. އެކަމަކު އެސަމާލުކަމަކީ ދިވެހިން އުފާވި, އުފާކުރަން ކުޑަވެސް ފުރުޞަތެއް ނުލިބުނު މާޔޫސްކުރުވި ހިތި ހަނދާނެކެވެ. އެސަމާލުކަން ގޮސް ހުއްޓެނީ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމްގެ ބައެއް ކުޅުންތެރިން " ދެން ނުކުޅޭނަމޭ" ބުނަން މަޖުބޫރުކުރުވި ހިތްދަތި ނަތީޖާއަކާއެވެ. އެއީ އިރާނުން ރާއްޖޭގެ މުޙައްމަދު އިޤްބާލް ބަލެހެއްޓި ޤައުމީ ޓީމްގެ ގޯލަށް 17 ލަނޑު ޖެހި ލަދުވެތި ދުވަހެވެ.
80 ހާސް ސަޕޯޓަރުންގެ ކުރިމަތީގައި އެމެޗުގައި ޖުމްލަ 18 ފަހަރު ކޮއްޓިން. އަހަރެން ހުރީ ފޯވާޑަކަށް." މެޗު ފަށަން ކޮއްޓި ފުރަތަމަ ކޮއްޓުމާއި, ކޮޅަށް ވަން ލަނޑުތަކުގެ ސަބަބުން ކޮއްޓަން ޖެހުނު ކޮއްޓުންތަކުގެ ހަނދާންތައް އާކުރަމުން ޤައުމީ ޓީމްގެ ކުރީގެ ފޯވާޑް އަހުމަދު އާމިރު ބުންޏެވެ.
މިހާރު ފުޓްބޯޅައާ ވަރަށް ދުރުގައި ހުރި ނަމަވެސް އެމެޗުގެ ވާހަކަތަކާ ގުޅިގެން ކުރި ސުވާލަށް އޭނާ ޖަވާބުދިންލެއް ފަރިތަކަމުން ދޭހަކޮށްދެނީ އެމެޗުގެ ހަނދާންތައް އިއްޔެ ވީކަމެއްހެން މިއަދުވެސް ހިތުގައި ހުރިކަމެވެ. އެހަނދާންތައް އަބަދާއަބަދު ހުންނަން އެތައް ސަބަބެއް މެދުވެރިވެއެވެ.
" އަހަރެމެންނަށް އޮބި އޮންނަވަރެއްނުވި. އެކޮޅު އޭރިޔާވެސް ފެނުނީ ދެފަހަރު. " މިއީ މެޗުގައި ރާއްޖޭގެ ފޯވާޑަކަށް ކުޅުނު ކްލަބް ލެވެލްގައި ކާމިޔާބީތަކެއް ހޯދި އަހުމަދު އާމިރުގެ އެދުވަހުގެ ތަޖުރިބާއެވެ.
ކެރިއަރުގެ ވަރަށް ކުރީކޮޅު ކުރިމަތިވި ބޮޑު ބަލި ވެގެންދިޔައީ އިސް އުފުލާލަންވެސް ނުކެރުނު ބައްޔަކަށެވެ. މެޗަށްފަހު ސްޓޭޑިއަމްއިން ނިކުންނަން ދިޔައިރުވެސް, މަލާމާތުގެ އެތައް ބަސްތަކެއް އިވުނެވެ. މުޅި ދުނިޔޭގެ މީޑިޔާގެ ސަމާލުކަމަށް އެމެޗުގެ ވާހަކަ އައެވެ. އޭގެތެރެއިން ބައެއް ނޫސްތަކުގެ ސުރުހީތައްވެސް އާމިރު ފަރިތަކަމާއެކު ކިޔާލީ މުޅި ކެރިއަރުގެ އެންމެ ބޮޑު ތަޖުރިބާއަކީ އެއީކަމަށް ބުނަމުންނެވެ.
އެމެޗުގައި ރާއްޖެއަށް ހިފަހައްޓާލެވުނީ ނުވަ މިނިޓެވެ. ފުރަތަމަ ހާފްގައި އިރާނުން 6 ގޯލް ޖެހިއެވެ. ފުރަތަމަ ހާފަށްފަހުވެސް ރާއްޖޭގެ ކުޅުންތެރިން މުޅިން މާޔޫސްވިއެވެ. ގިނަ ގޯލްތަކެއް ކޮޅަށް ވަންނާނެކަމަށް ޤަބޫލުކުރިއެވެ.
" ބޭނުމެއް ނުވި ޤަބޫލުކުރަންވެސް. ފުރަތަމަ ހާފް ނިންމާފަވެސް ބުނިން ފައިބަން. ފަހުން މެޗު ނިންމާފަ ފައިބާފަވެސް ބުނިން ދެން ނުކުޅޭނަމޭ." އެމެޗުގެ ފުރަތަމަ އެގާރައިގެ ހިމެނިގެން ކުޅުން ރާއްޖޭގައި އުފެދުނު އެންމެ އިތުބާރު އެއް ޑިފެންޑަރު މުޙައްމަދު އިބްރާހީމް (ކައްޕި) މެޗުގެ ހަނދާންތައް އާކުރަމުން ބުންޏެވެ.
ބޮލުން ޖަހަން ރާއްޖޭގައި މިއަދާ ހަމައަށްވެސް އެންމެ އިތުބާރު ފޯވާޑް އާމިރު ބުނީ އެމަޗަށް ނިކުއިންއިރު އެހާގިނަ ލަނޑުތަކެއް އިރާނުން ޖަހާނެކަމަށް ކުޑަކޮށްވެސް ހިތަށް ނާރާކަމަށެވެ. އެކަމަކު އިރާނަކީ ވަރުގަދަ ޓީމެއްކަމާއި, ޖަރުމަނުގައި ކުޅެމުން އައި ކުޅުންތެރިން އެޓީމްގައި ހިމެނޭކަމާއި, ކޮލިފިކޭޝަނަށް ވަރަށް ރަނގަޅަށް އިރާން ތައްޔާރުވެފައި އޮތްކަން އިނގެއެވެ. ހަމައެހެންމެ ދިވެހި ޓީމުންވެސް ފުރަތަމަ ފަހަރަށް ކޮލިފައިންގ ކުޅެން ނިކުތީ ރަނގަޅަށް ތައްޔާރުވެގެން "ކިކް" ގައިކަމަށް މިއަދު އެމެޗުގެ ހަނދާންތައް އާކުރަމުން އާމިރު ބުންޏެވެ. އާމިރު ބުނީ "އެމީހުން ލަނޑު ޖެހީ ހީކުރިވަރަށްވުރެ މާގިނައިން ކަމަށާއި, އިރާން މާތަފާތީ" ކަމަށެވެ. އެއީ އިރާން ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރުވެސް މެއެވެ. 1998 ވަނަ އަހަރު ފްރާންސްގައި އޮތް ވޯލްޑްކަޕްގައި އިރާން ކުޅުނެވެ.
މެޗުގެ ތެރޭގައި މެޗަށް އޮތް ސަމާލުކަން ގެއްލި, ލަދުވެތިކަން އިހުސާސްކުރަން ޖެހުނު މިންވަރު ދޭހަވަނީ ކޮޅަށް އިތުރަށް ގޯލް ނުޖަހަން އިދިކޮޅު ކުޅުންތެރިން ކިބައިން ދަނޑުމަތީގައި އެދެން ޖެހޭ ހިސާބަށް ދިއުމުންނެވެ.
" އަލީ ދާއީ ކައިރީ ދެން ނުޖަހާށޭ ބުނީމަވެސް ބުނީ ޖަހާނަމޭ. ލަދުވެސް ގަންނާނެތާ." އޭރު އިރާންގެ އެންމެ މަޝްހޫރު ކުޅުންތެރިޔާ އަލީ ދާއީ ކައިރީ ގޯލް ނުޖަހަން ދަނޑުމަތީގައި ހުރެ ބުނި ހަނދާން މިއަދު ފުޓްބޯޅައާއި މުޅިން ދުރުގައި ހުރިއިރުވެސް އާމިރުގެ ހަނދާނުގައި އެބައޮތެވެ.
ބޮޑު ސުވާލަކީ އުއްމީދު ނުކުރާ ވަރަށް ގިނަ ލަނޑުތަކެއް ކޮޅަށް ވަނީ ކީއްވެތޯއެވެ. އޭގެ ޒިންމާ ކައްޕި އަޅުވަނީ ކޯޗުގެ ބޮލުގައެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އޭރުގެ ހާލަތަށް ނުބަލާ ގޭމް ރޭވުމެވެ. އަދި ވަކި ގޮތަކަށް ނޫނީ އެއްވެސް ކަމެއް ނުކުރަން މަޖުބޫރުކުރުވާ ވަރަށް ކުޅުންތެރިން ހިފަހައްޓާލުމެވެ.
" ގަނޑެއްގައި ކުރަހައިގެން ކުޅެގެން ވާނެގޮތް އެއީ. އަކުރުން އަކުރަށް ފިލިން ފިއްޔަށް ދަންޏާ ވާނެގޮތް އެއީ. ޖެހިގެން އައި ހަފްތާގައި ކުޅުނު މެޗުގައި ނުޖެހެއެއްނުން." މެޗުގައި ދިމާވި މައްސަލައަކީ ކޮބައިތޯ ސުވާލުކުރުމުން ކައްޕި ދިން ޖަވާބަކީ މިއީއެވެ.
ކައްޕި ބުނީ އިރާނުން މުޅި މެޗުގައި އެޓޭކްކުރިއިރުވެސް ރާއްޖޭގެ ފަހަތުން ކުރިއަށް ޖެހީ ދެތިން ބޯޅަކަމަށެވެ. އެކަމަކު އެއީ ފަހަތުން ޖަހަން ފުރުޞަތު ނުލިބިގެންނެއް ނޫނެވެ. ކޯޗުގެ ޕްލޭން އޮތްގޮތެވެ. ރާއްޖޭގެ ކޯޗު ރޮމްލޯގެ ޕްލޭނަކީ އަދި ކުޅުންތެރިންނަށްވެސް "ގަދަ އަމުރަކުން" އަންގާފައި އޮތީ ބެކުން ބޯޅަ ނުޖެހުމަށެވެ. އެއީ މަނާކަމެކެވެ. ފަހަތުން ޕާސް ޖަހައިގެން ކުޅެން ޖެހުމުގެ ނަތީޖާއަކީ ކޮޅަށް ގިނަ ގޯލްތަކެއް ވަނުންކަމަށް ކައްޕި ޤަބޫލުކުރެއެވެ. އެގޮތް ގޯހީއެއް ނޫނެވެ. އެކަމަކު ކައްޕި ޤަބޫލުކުރާ ގޮތުގައި އޭރު ރާއްޖޭގެ ފުޓްބޯޅަ އޮތީ އެހެން ފަހަތުން ޕާސް ޖަހައިގެން ކުޅެވޭނެ ހާލަތެއްގައެއް ނޫނެވެ. މިއީ ކައްޕިގެ ފުރަތަމަ އިންޓަރނޭޝަނަލް ތަޖުރިބާވެސް މެއެވެ. އެތަޖުރިބާގެ ހިތްދަތިކަމުގެ ސަބަބުން ދެން ނުކުޅޭނަމޭ ބުންޏެއްކަމަކު ދިވެހި ފުޓްބޯޅައިގައި ކައްޕި ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ކަޅު އެސަފްހާގައި ލިޔެވިފައިވާ ނަންތަކަކީ ރާއްޖޭގެ ފުޓްބޯޅައިގެ މަޝްހޫރު ނަންތަކެވެ. ދިވެހި ފުޓްބޯޅަ ހޯދި ކާމިޔާބީތަކުގެ މުހިއްމު ހިއްސާދާރުންނެވެ. އޭގެ ފަހުން ކާމިޔާބު ކެރިއަރެއް ނިންމާލި ކުޅުންތެރިންނެވެ. ތޮއްޑޫ މުޙައްމަދު ނިޒާމާއި, ޝާހު އިސްމާޢީލްއާއި އިސްމާއީލް އާސިފް (ކުޑަހީނާ) އެވެ. އަހުމަދު ހަލީމް (ދޮންބިލެތް)އާއި, އިސްމާއީލް މަހުފޫޒް (އިންމަ)އާއި މޫސާ މަނިކު (ކުޑަ މޫސަ) އެވެ. އިބްރާހީމް ރަޝީދު (އަންދަރޭ) އާއި, އަލީ ޝާހީންއެވެ.