ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތެވެ. ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ދުނިޔޭގެ ތައްޓަށް ކުޅޭ މި މުބާރާތް ފެށީ 1930 ވަނަ އަހަރު އެވެ. ދެ ވަނަ ބޮޑުހަނގުރާމައިގެ ސަބަބުން 1942 އާއި 1946ގައި މުބާރާތް ނުބޭއްވި ދިޔަ ނަމަވެސް އޭގެ ފަހުން ގަވާއިދުން ބާއްވަމުން އަންނަ މުބާރާތް މިފަހަރު އޮތީ ގަތަރުގަ އެވެ. މިއީ މެދުއިރުމައްޗަށް ނިސްބަތްވާ އަރަބި އިސްލާމީ ގައުމުގައި މި ބޮޑު މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ ކުދިބޮޑު އެންމެން، އެމުބާރާތެއް ބަލަން ތައްޔާރުވާ މުބާރާތް އޮންނާނީ ނޮވެމްބަރު މަހުގެ 20 އިން ޑިސެމްބަރު މަހުގެ 18 އަށެވެ.
މީގެ ކުރިން ވޯލްޑްކަޕް ބާއްވާފައިވަނީ އުތުރު އަދި ދެކުނު އެމެރިކާ އާއި ޔޫރަޕް އަދި އޭޝިޔާގަ އެވެ. މި ހުރިހާ ފަރާތްތަކާ ހިލާފަށް އޭޝިޔާގައި ބާއްވާ ދެ ވަނަ ވޯލްޑްކަޕް ގަތަރުގައި ބޭއްވުމަކީ ބޮޑު ގޮންޖެހުމެކެވެ. ސަބަބަކީ އެއީ ހޫނު ގައުމަކަށްވެފައި މެއި ޖޫން ގައި ގަތަރުގެ ހޫނުމިން އިންސާނުންނަށް ކެތްނުވާވަރަށް މަތިވާނެކަމަށް ލަފާކުރެވޭތީ އެވެ. މިހެންވެ މުބާރާތް ބާއްވަން ނިންމާފައިވަނީ ގަތަރަށް ރޭގަނޑު އެންމެ ފިނިވާނެ ކަމަށް ބެލެވޭ އަހަރުގެ ފަހުކޮޅުގަ އެވެ. ނަމަވެސް މިވަރުން ވެސް ކުޅުންތެރިންނަށް ދަނޑުމަތީގައި ކެތްނުވާނެތީވެ، މެޗުތައް ކުޅޭ ސަރަހައްދު ފިނިކުރަން ގަތަރުން ވަނީ ޒަމާނީ ޓެކްނޮލޮޖީ އަށް އިންގިލާބީ ބަދަލެއް ގެނެސްފަ އެވެ. މެޗުތައް ކުޅޭ ސްޓޭޑިއަމް ސަރަހައްދު ފިނިކުރުމަށް ހާއްސަ ޕްރޮޖެކްޓެއް ފަށައި އެމަސައްކަތުގައި ގަތަރުން ވަނީ ކާމިޔާބު ކުރީ ގިނަ ތަހުލީލުތަކަކަށްފަހު އެވެ. މިއާއެކު ހާސާކޮށް އޮންނަ ވަކި ހިސާބެއް ފިނިކޮށްލުމަށް އެންމެ އެކަށޭނެ ވަސީލަތާއި ހުނަރާއި ގާބިލްކަން ހުރި ބަޔަކަށް މިވަގުތު ތިބީ އެމީހުން އެކަންޏެވެ. މިއީ އަރަބިންގެ އިލްމާއި ހުނަރުވެރިކަމާއި މޮޅުކަން ދައްކުވައިދޭނެ ފުރިހަމަ ނަމޫނާއެކެވެ.
ވޯލްޑް ކަޕަށް ގަތަރުން 8 ސްޓޭޑިއަމެއް ތައްޔާރުކުރި އެވެ. މިހުރިހާ ތަނަކުން ވެސް ގަތަރުގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭނެ އެވެ.
ވޯލްޑްކަޕް ދުވަސްވަރު ގަތަރު ސަރުކާރުގެ ރަސްމީ ވަގުތު ވެސް ވަނީ ހަތަރު ގަޑިއިރަށް މަދުކޮށްފަ އެވެ. ގިނަ މުވައްޒަފުން މަސައްކަތްކުރާނީ ގޭގައި ތިބެގެންނެވެ. ސްކޫލްތަކާއި ކޮލެޖްތަކުގެ ކިޔެވުމުގެ ވަގުތު ވެސް މަދުކޮށްފި އެވެ. ބޭނުނަމީ މެންދުރުން އަނބުރައި 1ގެ ފަހުން ވޯލްޑްކަޕަށް އެންމެން ހުސްވުމެވެ.
ވޯލްޑްކަޕާ ދިމާކޮށް ގަތަރަށް 1.2 މިލިއަން މީހުން ގަތަރަށް ޒިޔާރަތްކުރާނެ އެވެ.