ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ 22 ވަނަ މުބާރާތް މިފަހަރު މި ބާއްވަނީ ގަތަރުގަ އެވެ. އެއީ އަރަބި އަދި އިސްލާމީ ގައުމެކެވެ. އެންމެ ކައިރީގައި އޮތީ ވެސް ސައޫދީ އަރަބިއާ އެވެ. ވޯލްޑްކަޕުގައި މިފަހަރު ވާދަކުރާ 32 ގައުމުގެ ތެރެއިން ފަސް ގައުމެއް ނިސްބަތްވަނީ މުސްލިމް އުއްމަތަށެވެ. ގަތަރާއި، ޓިއުނީޝިޔާ، ސައޫދީ އަރަބިއާ އާއި މޮރޮކޯ އަކީ އަރަބި ގައުމުތަކެވެ. އިރާނަކީ އިސްލާމީ ގައުމެވެ. ގަތަރުގައި ބާއްވާ ވޯލްޑްކަޕަކީ މުސްލިމުންގެ އާބާދީ އެންމެ ގިނަ ހިސާބުކަމަށްވާ މެދުއިރުމަތީގައި ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މިހެންވެ "އަމިއްލަ ފަސްގަނޑުގައި" އަރަބި އިސްލާމީ ގައުމުތަކުން ކާމިޔާބު ހޯދުމަށް ކުރާ އުއްމީދުތައް މަތިވެރި އެވެ.
ވޯލްޑްކަޕުގައި އެންމެ ގިނައިން ވާދަކުރި އަރަބި ގައުމަކީ ސައޫދީ އަރަބިއާ އެވެ. މިފަހަރުގެ ވޯލްޑްކަޕުގައި އެމީހުން ފުރަތަމަ ވެސް ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ. ދުނިޔެ ދެކެފައިވާ އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީއާ ދެކޮޅަށް ސައޫދީން ކުޅޭ މެޗަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓޭނެ އެވެ. މެސީފަދަ ކުޅުންތެރިއަކާ ދެކޮޅަށް ކުޅުމަކީ އާއްމުކޮށް ނުލިބޭނެ ޝަރަފަކަށް ކުޅުންތެރިންނަށްވާނެ އެވެ. މިއާއެކު މި މެޗަކީ ކުޅުންތެރިންނަށް ވެސް ކުރިއަށްވުރެ ބޮޑަށް ހާސްކަންވެރިވެ، އިތުބާރުގެ މައްސަލަތައް ނުކުންނާނެ މެޗަކަށްވާނެ އެވެ.
ނަމަވެސް ސައޫދީގެ ކޯޗު ހާވް ރެނާޑަށް އޮތީ މި "ކަންތައްގަނޑު"ގެ ތެރެއިން ކުޅުންތެރިން ނެރެ ނަތީޖާ ނެރުމަށް އެމީހުންގެ ސިކުނޑިތައް ތައްޔާރުކުރުމެވެ. ހަގީގަތުގައި ވެސް ގަތަރު ވޯލްޑްކަޕަކީ ސައޫދީ އަރަބިއާއަށް ވާނެތޯ ނުވަތަ ނުވާނެތޯ ބަލަން ތިބެވޭނެ މުބާރާތެއްނޫނެވެ. މިފަހަރު ބަހަނާއެއްނުދެއްކޭނެ އެވެ. އެއަށްވުރެ މި މުބާރާތް ވަނީ އަރަބިންނާ ގުޅިލާމެހިފަ އެވެ. އަރަބި ހަތަރު ގައުމަށް މުބާރާތް ކުޅޭ ވަގުތާއި ތަނާއި މާހައުލާއި ސަގާފަތާއި އާދަކާދައަކީ ކިތަންމެހާ ވެސް ފަރިތަ ކަންތައްތަކެވެ. މިއާއެކު ގަތަރަކީ އަރަބި ގިނަ ގައުމުތަކަށް "އަމިއްލަ ގައުމު" ފަދަ ތަނެކެވެ. ގަތަރުގެ ރައްޔިތުން އަރަބި ގައުމުތަކަށް ވެސް ސަޕޯޓްކުރާނެ އެވެ. މުބާރާތުގައި ކުޅޭ ގައުމުތަކުން އެތައް ބަޔަކު ކުރު ދަތުރުތަކުގައި ގަތަރަށް ޒިޔާރަތްކުރާނެ އެވެ. އެއަށްވުރެ ދުރުން ދެކުނު އެފްރިކާ ފަދަ ގައުމުތަކުން މާދިގުނޫން ދަތުރެއްގައި އަންނާނީ ޔަގީނުން ވެސް ހިތުގެ އެއްކަނުގައި އަރަބި ގައުމަކަށް ސަޕޯޓްކުރުމުގެ އާދަކާދައާއެކުގަ އެވެ.
މީގެ ކުރީ މުބާރާތްތަކުގައި އަރަބި އަދި އިސްލާމީ ގައުމުތަކަށް މީޑިޔާގެ މާބޮޑު ސަމާލުކަމެއް ލިބިފައިނުވެ އެވެ. ނަމަވެސް މިފަހަރު އެކަން ބަދަލުވާނެ އެވެ. އަރަބި އަދި އިސްލާމީ ގައުމުތަކަށް ދުނިޔޭގެ ކަޅި އަމާޒުވާނެ ދެ ވަނަ ސަބަބަކީ ކުރިއަށްވުރެ މަޝްހޫރު އަދި މޮޅު ކުޅުންތެރިން ތިބުމެވެ. ބައެއް ކުޅުންތެރިން ޔޫރަޕުގައި ވިދަމުންދާއިރު ޔޫރަޕުގައި ނުކުޅޭތީވެ އަޅައިނުގަނެތިބި އެތައް ތަރިންނެއް އެބަތިއްބެވެ. މިއީ އެކުޅުންތެރިންނަށް ވެސް އަމިއްލަ ނަފްސު މާކެޓްކުރަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ.
ގަތަރަކީ އެންމެ ފަހުގެ އޭޝިއަން ކަޕުގެ ޗެމްޕިއަނުންނެވެ. ގަތަރުގެ ގިނަ ކުޅުންތެރިންނަކީ ވޯލްޑްކަޕަށް ޓީމެއް ބިނާކުރުމަށް ތައްޔާރުކުރި ކުޅުންތެރިންނެވެ. ސްކޫލްތަކާއި އެކަޑަމީތަކުން ފެށިންގެން ގޮސް ގައުމީ ޓީމަށް މި ކުޅުންތެރިން ގެނެސްފައިވަނީ ވަކި ތަރުތީބެއްގެ ތެރެއިންނެވެ. ވޯލްޑްކަޕުގައި ކާމިޔާބު ހޯދުމަށް ހެދި ފޯމިއުލާތަކާ އެއްގޮތަށެވެ.
ސައޫދީގެ އަލް ހިލާލް ތިން ކުޅުންތެރިން ކަމަށްވާ ސަލްމާން އަލް ފަރާޖް އާއި ސަލީމް އަލް ދައުސާރީ އާއި ޔާސިރް އަލް ޝަހްރާނީ އަކީ ގަތަރު ޓީމުގެ ވަރަށް ވިދުންގަދަ ތަރިންނެވެ. މި ތިން ކުޅުންތެރިން ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ތަށި ހިލާލަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރު އަދާކޮށްފައެވެ. އެމީހުންނަށް ދެން އޮތީ ވޯލްޑްކަޕުގައި ފެންވަރު ދައްކާލައި ނޫސްތަކުގެ ސުރުހީތަކަށް އެރުމެވެ.
ސައޫދީއެކޭ އެއްފަދައިން މޮރޮކޯ އާއި ޓިއުނީޝިޔާ އިން އެއް ސްކޮޑަކާއެކު ވޯލްޑްކަޕަށް މަސައްކަތްކުރާތާ ހަތަރު އަހަރުވެއްޖެއެވެ. މީގެ ތެރެއިން ބައެއް ކުޅުންތެރިން ކުޅެނީ ޔޫރަޕުގައި ކަމުން އެއީ މުޅި ދުނިޔެއަށް ފަތިރަ ކުޅުންތެރިންނެވެ. މިހެންވެ މިފަހަރު ނަތީޖާތައް ކޮންމެ ގޮތަކަށް ނުކުތަސް ދުނިޔޭގެ ނޫސްވެރިންނާއި ކޮމެންޓޭޓަރުންގެ ސަމާލުކަން އަރަބި ކުޅުންތެރިންނަށް ލިބިގެންދާނެ އެވެ. މީގެކުރިން މީޑިޔާތަކުން މާބޮޑަށް އަޅާނުލާތީވެ "ރޮއި" ހެދި އަރަބި ގައުމުތަކަށް މިއީ ވެސް މުޅިން ތަފާތު އިމްތިހާނަކަށް ވެސް ވާނެ އެވެ.
1990 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ޔޫއޭއީ ކުޅުނު ފަހަރު އެ ގައުމަކީ ކޮންތަނެއްކަން ވެސް ޔޫރަޕުގެ ބައެއް ނޫސްވެރިންނަށް ނޭނގުނެވެ. މިކަމާ ޔޫއޭއީގެ ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އަދި 1982 ވަނަ އަހަރުގެ މުބާރާތުގައި ކުޅުނު ކުވޭތުގެ ކުޅުންތެރިންނާއި އޭގެ ހަތަރު އަހަރު ފަހުން ބޭއްވި މުބާރާތުގައި އިރާގުގެ ކުޅުންތެރިން ވެސް އެމީހުންނާ ސުވާލެއް ކޮށްލާނެ ނޫސްވެރިއަކު ނުވުމާއި ދަނޑާއި ދަނޑުބޭރުގައި ވެސް އެމީހުންނަށް މާބޮޑު ފަރުވާލެއް ނެތްކަމުގެ އިހުސާސްކުރެވި އެވާހަކަ ދެއްކި އެވެ. އެކަމަކު ޒަމާނާއެކު މެދުއިރުމަތީގެ ފުޓްބޯޅަ އާއި މީޑިޔާގެ ކުރިއެރުމާއި، ސޯޝަލް މީޑިއާގެ ނުފޫޒާއެކު ގަތަރު ވޯލްޑްކަޕުގައި މިހުރިހާކަމެއް ބަދަލުވެގެންދާނެ އެވެ. އަރަބިންނަށް މިފަހަރުނުވީއޭ ބުނާނެ ޖާގައެއް ނުލިބޭނެ އެވެ.
1930ގައި ވޯލްޑްކަޕް ބާއްވަން ފެށީއްސުރެ މިހާތަނަށް މި މުބާރާތަށް ކޮލިފައިވީ އަރަބިންގެ ތެރެއިން އެންމެ އަށް ގައުމެވެ. އެއީ މިސުރާއި، މޮރޮކޯ އާއި ޓިއުނީޝިޔާ އާއި އަލްޖީރިއާ އާއި ކުވޭތާއި އިރާގާއި ޔޫއޭއީ އާއި ސައޫދީންނެވެ. އިކުއެޑޯ އާއި ގަތަރު ކުޅޭ މެޗުން މިފަހަރުގެ މުބާރާތް ފެށުމާއެކު ވޯލްޑްކަޕުގައި އެންމެ ގިނަ ދުވަހު ދެމިއޮތް އަރަބި ގައުމަކަށްވާނީ ސައޫދީ އެވެ. 1994 ވަނަ އަހަރުގެ ވޯލްޑްކަޕުގައި މުޅިން އަލަށް ވާދަކުރަން ފެށިފަހުން ސައޫދީ އަކީ ވިދިވިދިގެން މި މުބާރާތަށް ކޮލިފައިވި ހަމައެކަނި އަރަބި ގައުމެވެ. އެހެން ބަޔަކަށް ކޮލިފައިން ސްޓޭޖުގައި ހިފަހައްޓާލެވޭވަރެއްނުވި އެވެ. މީގެ މާނައަކީ ނިމިދިޔަ ތިން ޖީލުގައި ވެސް އަރަބިންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމުގެ ޒިންމާ ކޮނޑުގައި އަޅައިގެން ތިބި ބަޔަކީ ސައޫދީން ކަމެވެ. އަދި މި ލިސްޓުގައި މާގިނަ ގައުމުތައް ވެސް ނުހިމެނޭކަމެވެ. ނަމަވެސް މިއާ ހިލާފަށް އެފްރިކާގެ ގައުމުތަކަށް އެކަނި ބެލި ނަމަވެސް މޮރޮކޯ އާއި އަލްޖީރިއާ ޓިއުނީޝިޔާ ވިދިވިގެން ވޯލްޑްކަޕުން ޖާގަ ހޯދި އެވެ. މިހަގީގަތް ބުނެދެނީ މެދުއިރުމަތީގެ ފުޓްބޯޅަ ފާއިތުވެދިޔަ ދުވަސްތަކުގެ އޮތް ހީނަރުކަމެވެ. މިހެންވެ މިފަހަރުގެ ވޯލްޑްކަޕަކީ އަރަބިން ދުނިޔޭގެ ތަރިންނާއ ކޮނޑާ ކޮނޑު ޖައްސާލާފައި ހުސްއަތާ ދާން އޮތް މުބާރާތަކަށްވާން މިފަހަރު ދޫކޮށްލައިގެން ތިބެވޭކަށް ނެތެވެ.
ސައޫދީންގެ ފުރަތަމަ މެޗުގައި މެސީގެ އާޖެންޓީނާއާ ދެކޮޅަށް ކުޅުމަކީ ގިނަ ބައެއްގެ ނަޒަރުން ސައޫދީން ކައްސާލާނެ ކަމެކެވެ. މެސީގެ ވިދުވަރާހެދި ސައޫދީ އަށް ސަމާލުކަން ދޭނެ ޖާގަ ނޯވެދާނެ އެވެ. އެކަމަކު މިއީ ހަމަބުއްދީގައި ތިބެފިނަމަ ސައޫދީންނަށް އެޑްވާންޓޭޖެއް ވެސް އޮތް ކަމެކެވެ. 1994 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ސައޫދީން ނުކުތީ ގަދަ 16އަށް ދެވޭނެ ކަމުގެ އުއްމީދުގައި ތިބެ އެވެ. ފުރަތަމަ މެޗުގައި ނެދަލޭންޑްސް އަތުން ބަލިވެ، ޖެހިގެން އައި މެޗުގައި މޮރޮކޯ އަތުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކުގަ އެވެ. ނަމަވެސް ސައޫދީންނަށް އެއިރު ކުރިމަތިވި ގޯސް ހަބަރަކީ ފަހު މެޗުގައި ބެލްޖިއަމާ ދެކޮޅަށް ކުޅެން ޖެހުމެވެ. އެ މުބާރާތަށް ނުކުތް ބެލްޖިއަމް ޓީމަކީ ހުރިހާ ގޮތަކުން ވެސް ފައްކާވެފައި އޮތް އެންމެ މޮޅު އެއް ޓީމެވެ. މިހެންވެ ސައޫދީން ކަޓާނެ ކަމަށް ގަބޫލުކުރި މީހުން ގިނަ އެވެ. އެކަމަކު މިފަދަ ހުރިހާ ހީކުރުންތަކާ ހިލާފަށް އެމެރިކާގެ ކެނެޑީ މެމޯރިއަލް ސްޓޑިއަމުގައި 29 ޖޫން 1994ގައި ކުޅުނު މެޗުގެ ފަސް ވަނަ މިނިޓްގައި ސައޫދީ ފޯވަޑް ސައީދު އަލް އޮވައިރަން ޖެހި ގޯލަކީ ބެލްޖިއަމުގެ އުއްމީދުތައް ކަފުންކޮށްލި ގޯލެވެ. ސައޫދީ ހާފުގެ މެދަކާ ހަމައިން އޮވައިރަން އަށް ލިބުނު ބޯޅަ ހިފައިގެން ގޮސް ބެލްޖިއަމުގެ ގޯލަށް ފޮނުވާލުމާ ހަމައަށް ބަލާފައި މިއީ ޑިއެގޯ މަރަޑޯނާ 1986ގެ ވޯލްޑްކަޕުގެ ފައިނަލުގައި ދެއްކި ފަދަ ޖާދޫއެއް ކަމަށް ވެސް ގިނަބަޔަކު ސިފަކުރެ އެވެ. އަދި މިއީ ޗެކޮސްލަވާކިޔާ އަށް ދެކޮޅަށް 1990 ވަނަ އަހަރުގެ ވޯލްޑްކަޕުގައި އިޓަލީގެ ރޮބާޓޯ ބާޖިއޯ ގޯލެއްޖަހަން ކުރި މަސައްކަތާ އެއްފެންވަރުގެ ކޮއްޓުމާއި ދުވެއްޔެއް ކަމަށް ސިފަކުރާ މީހުން ވެސް މަދެއްނޫނެވެ.
މިއީ ހަގީގަތުގައި ވެސް ސައޫދީ ކޯޗު ރެނާޑާއި ކުޅުންތެރިން ޕޮޒިޓިވްކޮށް ނަގަންވީ މިސާލެކެވެ. އެފްރިކާގެ އަރަބި ގައުމުތަކުން ވެސް ވަނީ ވޯލްޑްކަޕުގައި ބޮޑެތި ބައެއް ގައުމުތަކަށް ފިލާވަޅުތަކެއް ނަގައިދީފަ އެވެ. 1978 ވަނަ އަހަރު ޓިއުނީޝިޔާއިން ޖަރުމަނާ އެއްވަރުކޮށް، މެކްސިކޯ ބަލިކުރުމަކީ އަރަބީންނަށް ވޯލްޑްކަޕުގައި ލިބުނު ފުރަތަމަ މޮޅެވެ. ނަމަވެސް ޓިއުނީޝިޔާގެ ރަންޖީލަށް ދެ ވަނަ ބުރަށް ދެވޭވަރެއްނުވި އެވެ. އޭގެ ހަތަރު އަހަރު ފަހުން އަލްޖީރިއާ ގޮސް ޖަރުމަނު ބަލިކުރުމަކީ އެހާތަނަށް ދުނިޔޭގެ ފުޓްބޯޅައަށް އަރަބިން ގެނައި އެންމެ ބޮޑު ޝޮކެވެ. މި މެޗަށްފަހު އަރަބިންނަށް ފުރައްސާރަކުރުން ފަދަ ކަންތައްތައް ހިނގައިދިޔައީ ވެސް ހަގީގަތުގައި ވެސް ޔޫރަޕު މީހުން ހިތުގައި ޖެހުނެއްލެއް ބޮޑުކަމުންނެވެ. އަދި ޖަރުމަނާއި އޮސްޓްރިއާ ގުޅިގެން އަލްޖީރިއާ އެފަހަރުގެ ގްރޫޕް ސްޓޭޖުން ފެއިލްކޮށްލިއެވެ. މި ތުހުމަތުތަކާހެދި ވޯލްޑްކަޕުގެ ގްރޫޕް ފިޔަވަހީގެ ފަހު ދެ މެޗު އެއްވަގުތެއްގައި ކުޅެން ފީފާ އަށް މަޝްވަރާގެ މޭޒަށްދާން ޖެހުނެވެ.
1986 ވަނަ އަހަރުގެ ވޯލްޑްކަޕުގައި މޮރޮކޯ އުދުއްސައިގަތުމަކީ ވެސް އަރަބިންނާމެދު އެހެން ގައުމުތަކުން ޖެހިލުންވި ސަބަބެކެވެ. ފުރަތަމަ ދެ މެޗުގައި އިނގިރޭސީންނާއި ޕޮލެންޑާ އެއްވަރުކޮށް ފަހު މެޗުގައި ޕޯޗުގަލް 3-1އިން ބަލިކޮށް ގްރޫޕް އޮފް ޑެތްގެ އެއްވަނަ ޓީމުގެ ގޮތުގައި މޮރޮކޯ އަނެއް ބުރަށް ދަތުރުކުރި އެވެ. އެކަމަކު އެހިސާބުން ޖަރުމަނު އަތުން ބަލިވެ ކުއާޓާ ފައިނަލަށް ނުގޮސް މޮރޮކޯގެ ދުވެލި ނިމުމަކަށްއައެވެ. ނަމަވެސް މޮރޮކޯގެ މިނަތީޖާތަކުން އަރަބިދުނިޔެއަށް އަނެއްކާ ވެސް އުއްމީދެއް ގެނެސްދިނެވެ.
އެކަމަކު ދެމެހެއްޓެނެވި ގޮތެއްގައި ނަތީޖާ ނުނެރެވޭތީވެ އަރަބި ގައުމުގެ ރަނގަޅު ނަތީޖާތަކުގައި މާބޮޑު ވާތްގެއް މިހާތަނަށް ނެތެވެ. ގަތަރު ވޯލްޑްކަޕަކީ މިބާވަތުގެ ހުރިހާ ހީތަކުން ދުރުވެ، ސަޕޯޓަރުންގެ މާޔޫސްކަން ފިލުވައިދޭން އަރަބިންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ގޯލު ޖަހައިގެން މޮޅުވުން ނޫން އެއްޗެއް އަރަބިން މިހާރު ބޭނުމެއްނުވެ އެވެ. އެތައް ޒަމާނަކުން ނުވަތަ ދޭތެރެދޭތެރެއިން ރޯވާ އަނގުރު އަލިފާނަށް އަރަބި ފުޓްބޯޅަވާކަށް އެމީހުން ބޭނުމެއްނުވެ އެވެ.