ވޯލްޑްކަޕާއި ގަތަރު
ގޮންޖެހުންބޮޑު، ކާމިޔާބު މުބާރާތަކަށްވާނެ!
ގަތަރަކީ މިހާތަނަށް ވޯލްޑްކަޕް ބާއްވާ އެންމެ ކުޑަ ގައުމެވެ. މި މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ގަތަރުގެ ސްޕްރީމް ކޮމިޓީ އުފެއްދީ އެޕްރީލް 2011ގައެވެ. 
Line separator

ގަތަރުގައި ވޯލްޑްކަޕް ބޭއްވިދާނެ ކަމުގެ ހުވަފެން އެގައުމުން ދެކެން ފެށީ 2009 ވަނަ އަހަރު ބްރެޒިލް އާއި އިނގިރޭސިވިލާތް ކުޅުނު މެޗެއް އިންތިޒާމްކުރުމަށްފަހު އެވެ. މުބާރާތް ބޭއްވުމަށްޓަކައި ގަތަރުގެ މުހިންމު ދެ ގާނޫނަކަށް ބަދަލު ގެންނަން ޖެހުނެވެ. މި ގޮތުން ސްޕޯޓްސް އިވެންޓް ލީގަލް ފްރޭމްވޯކް ނަމުގައި ހާއްސަ ގާނޫނެއް ހެދިއެވެ. މި ގާނޫނުގައި 10 ޗެޕްޓަރ 42 އާޓިކަލް ހިމެނެއެވެ. ބަދަލު ގެންނަން ޖެހުނު ގަތަރުގެ ގާނޫނުތަކުގެ ތެރޭގައި އިމިގްރޭޝަން ގާނޫނާއި މަސައްކަތްތެރިންގެ ހައްގުތަކާއި، އިންޓެލެކްޗުއަލް ރައިޓްސް އާއި ސްޕޮންސާޝިޕާއި، ހިދުމަތްލިބިގަންނަ މީހުންގެ ރައްކާތެރިކަމާއި, ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ގާނޫނާއި މީނޫން ވެސް މުބާރާތް ބޭއްވުމާ ގުޅުންހުރި ގާނޫނުތައް ހިމެނެއެވެ.

ވޯލްޑްކަޕް ބާއްވަން ގަތަރުން ބިޑްކުރީ މެއި 2010 ގައެވެ. ގަތަރުގެ ބިޑް ކާމިޔާބުވެ, ވޯލްޑްކަޕް ބޭއްވުމުގެ ފުރުސަތު ފީފާއިން ދިނީ 2 ޑިސެމްބަރު 2010 ގައެވެ. މިއީ އަރަބި ގައުމެއްގައި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި އޭޝިޔާގައި މުބާރާތް ބާއްވާ 2 ވަނަ ފަހަރެވެ.

ގަތަރަކީ މިހާތަނަށް ވޯލްޑްކަޕް ބާއްވާ އެންމެ ކުޑަ ގައުމެވެ. މި މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ގަތަރުގެ ސްޕްރީމް ކޮމިޓީ އުފެއްދީ އެޕްރީލް 2011 ގައެވެ. މުބާރާތުގެ ތައްޔާރީތަކުގައި އުޅޭ މަސައްކަތްތެރިންގެ ހައްގުތައްތައް އޭގެ އެންމެ ފުރިހަމައަށް ރައްކާތެރިކުރުމުގެ ގޮތުން މާޗް 2013 ގައި ވޯކާސް ޗާޓަރު ތައާރްފަކުރިއެވެ. އަދި ވޯކާސް ވެލްފެއާ ސްޓޭންޑަޑް 2014 ވަނަ އަހަރު ތައާރްފަކުރިއެވެ. މީގެ ދަށުން މަސައްކަތްތެރީންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން 2017 ވަނަ އަހަރު ހާއްސަ ހޮޓްލައިނެއް ވެސް ތައާރަފްކުރިއެވެ.

ގަތަރުގެ ސްޕްރީމް ކޮމިޓީން ކަނޑައެޅި މަސައްކަތްތެރިންގެ ވެލްފެއާ ސްޓޭންޑާޑުން މަސައްކަތަށް މީހުން ނެގުމަށާއި މުސާރަދިނުމާއި އިތުރުގަޑީގެ އިނާޔަތްތަކާއި އެކޮމޮޑޭޝަންގެ ހިދުމަތްތަކުގައި ގަތަރުގެ ގާނޫނުތަކަށްވުރެ ފަހި ފުރުސަތު ތަކެއް ލިބެއެވެ. މި ގޮތުން ހުރިހާ މަސައްކަތްތެރިން ތިބެންޖެހެނީ އިންޓަގްރޭޓަކް އިލެކްޓްރޯނިކަލް މެޑިކަލް ރެކޯޑް ސިސްޓަމުގައި ރަޖިސްޓަރކޮށްފަ އެވެ. އަދި ގަތަރުގެ ރެޑްކްރެސެންޓްގެ ހަރަދުގައި މި ހުރިހާ ފަރާތްތައް މެޑިކަލް ސްކްރީން ކުރަންޖެހެ އެވެ.

ގަތަރު 2022ގެ މެޗު ޝެޑިއުލް އިއުލާނުކުރީ ޖުލައި 2020ގަ އެވެ.

މުބާރާތް ރާވާލާފައިވާ ގޮތުން ގްރޫޕް ސްޓޭޖުގެ ހަތަރު މެޗެއް ކޮންމެ ދުވަހަކު ކުޅޭނެ އެވެ. މި މެޗުތައް ފަށާނީ މެންދުރުން އަނބުރައި 1 ޖަހާއިރު އާއި ހަވީރު 4 ޖަހާއިރު އަދި އިރުއޮއްސި 7 ޖަހާއިރު އާއި ރޭގަނޑު 10 ޖަހާއިރު އެވެ. މުބާރާތުގެ ނޮކްއައުޓް މެޗުތައް ކުޅޭނީ އިރުއޮއްސި 6 ޖަހާއިރު އާއި ރޭގަނޑު 10 ޖަހާއިރު އެވެ. މުބާރާތަށް ތައްޔާރުކޮށްފައިވާ 8 ސްޓޭޑިއަމުންކުރެ ކޮންމެ ސްޓޭޑިއަމެއްގައި ވެސް މަދުވެގެން ނޮކްއައުޓް އެއް މެޗު ކުޅޭނެ އެވެ. އައް ރައްޔާން، ރަސް އަބޫ އުބައިދް އަދި އަލް ޖަނޫބް ސްޓޭޑިއަމް ގަދަ 16ގެ މެޗުތަކަށްފަހު މުބާރާތާ އަލްވަދާއު ކިޔާނެ އެވެ.

މި ފަހަރުގެ މުބާރާތް އެހެން މުބާރާތްތަކަށްވުރެ 4 ދުވަސް ކުރުވާނެ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ގަތަރުގެ ގައުމީ ދުވަހުގައެވެ.

މުބާރާތުގައި ސަޕޯޓަރުންނަށް އެއް ދުވަހެއްގައި ދެ މެޗު ބެލުމުގެ ފުރުސަތު ލިބޭނެ އެވެ. މުބާރާތް އެގޮތަށް ރޭވީ ގަތަރަކީ ކުޑަ ގައުމަކަށްވެފައި މެޗެއް ބަލާލަން ސަޕޯޓަރުންނަށް 12 ކިލޯމީޓަރަށްވުރެ ދުރަށް ދުއްވަންނުޖެހޭގޮތަށް ބަލައިގެންނެވެ. މިހެންވެ މުބާރާތުގެ މެޗުތައް ބަލަން ގަތަރަށް ދަތުރުކުރާ ޓީމުތަކާއި އާއްމުންވެސް އެއް އެއާޕޯޓަކަށް ދަތުރުކޮށް، އޭގެ ފަހުން އެއްހޮޓަލުން އަނެއް ހޮޓަލަށް ބަދަލުވާން ނުޖެހި މެޗުތައް ބަލައިލެވޭނެ އެވެ. އަދި އެހެން މުބާރާތްތަކާ ހިލާފަށް ގްރޫޕް ސްޓޭޖުގެ 12 ދުވަހުގެ ތެރޭގައި ދިގު ދަތުރުކުރަން ނުޖެހި ޓީމުތަކަށް އަރާމުކޮށް، ޖެހިގެން އޮންނަ މެޗަށް ތައްޔާރުވާން ގިނަ ވަގުތުތަކެއް ލިބިގަންދާނެ އެވެ.

މިއީ މެދުއިރުމަތީގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕް ކަމަށްވެފައި މިފަހަރަކީ މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އެއްތަނަކަށް އެއްވެ ތަފާތު ސާގަފަތްތަކާއި އާދަކާދަ އާއި އެނޫން ވެސް ދިރިއުޅުމުގެ ގިނަ ވައްޓަފާޅިތަކެއް ތަޖުރިބާކޮށްލަން ލިބޭނެ ފުރުސަތަކަށްވެގެންދާނެ އެވެ.

ފީފާ ވޯލްޑްކަޕްގެ ޗީފް އެގްޒެކްޓިވް އޮފިސަރު ނަސީރު އަލް ޚަތީރު ބުނެފައިވަނީ އެއް ދުވަހެއްގައި ހަތަރު މެޗު ރޭވުމަކީ ގޮންޖެހުން ބޮޑުކަމެއް ކަމަށާއި ކުޑަނަމަވެސް އޮޅުމެއް ނާރުވައި މެޗުތައް އިންތިޒާމްކުރަން ގިނަ ތައްޔާރީތަކެއް ވާންޖެހުނު ކަމަށެވެ.

"ތޮއްޖެހިފައިވާ ގައުމެއްގައި، ދުވާލަކު ހަތަރު މެޗު އިންތިޒާމްކޮށް، ސަޕޯޓަރަކަށް އެއްމެޗަށްވުރެ ގިނަ މެޗު ދަނޑަށް ވަދެގެން  ބަލައިލެވޭނެ ގޮތް ހެދުމަކީ ވަރަށް ތަފާތުކަމެއް. މިކަމުގައި އަހަރުމެންގެ ރޭވުންތައް ރާވާފައިވަނީ ވަރަށް ރަނގަޅަށް ކަށަވަރުކުރަންޖެހޭ" އޭނާ ބުންޏެވެ.

21 ނޮވެމްބަރ 2022 ގައި މުބާރާތް ފަށާނީ ސަރަހާގައި އަރަބިން ޖަހައިއުޅޭ ފޭލިގެ ސިފަވާގޮތަށް ގަތަރުގެ އެންމެ އުތުރުގައި  60000 މީހުންނަށް ވަދެވޭގޮތަށް ތައްޔާރުކޮށްފައިވާ އަލްބައިތް ސްޓޭޑިއަމުގަ އެވެ. ނަސީރު ވިދާޅުވީ "މި ސްޓޭޑިއަމަކީ ގަތަރުގެ ސަގާފަތާއި އާދަކާދަ ދައްކުވައިދީ މުބާރާތުގެ މެހުމާންދާރީ އަދާކޮށް، މަރިހަބާކިޔަން ވަރަށް އެކަށީގެންވާ ގޮތަށް ކޮށްފައިވާ ފަރުމާއެއް،" ކަމަށެވެ. މުބާރާތުގެ ފައިނަލް މެޗު ޑިސެމްބަރު 18 ގައި ކުޅޭނީ ގަތަރުގެ ލުސައިލް ސްޓޭޑިއަމުގަ އެވެ.

ފުރަތަމަ ކާބަން ފްރީ ވޯލްޑްކަޕަށް ހެދުމުގެ ގޮތުން ގަތަރު ވޯލްޑްކަޕާ ދިމާކޮށް ގްރީން ހައުސް ގޭސް މަދުކުރުމަށް 25 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެއީ ގަތަރުގެ ސްޕްރީމް ކައުންސިލާއި ގަލް އޮގަނައިޒޭޝަން ފޯ ރިސާޗް އެންޑް ޑިވެލޮޕްމަންޓާ ދެމެދުގައެވެ.

ގަތަރު ވޯލްޑް ކަޕަކީ ކުރިމަގުގެ ޖީލުތަކަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ. އދގެ ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ގޯލްސްގައި 2020 ގައި ބުނެފައިވަނީ ދެމެހެއްޓެނެވި ގޮތެއްގައި ކުޅިވަރު ކުރިއަށް ގެންދިއުމަށް އެންމެ މުހިންމީ ގިނަ އަދަދެއްގެ ފުޓްބޯޅަ ދަނޑު އެޅުމާއި މެދުނުކެނޑި ތަމްރީނު ދިނުމާއި ޒުވާނުންގެ ބައިވެރިވުން ހޯދުން ކަމުގައެވެ.

Squares separator
ވޯލްޑްކަޕާއި ގަތަރު