ވޯލްޑްކަޕާއި ގަތަރު
ގަތަރު: ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެންމެ މުއްސަނދި އެއް ގައުމު
އިގްތިސާދީ ފުދުންތެރިކަމާއި މީޑިއާގެ ބާރުވެރިކަމުގައި ގަތަރަކީ މިހާރު ދުނިޔޭގައި އާރާއި ބާރުގެ ގޮތުން މެދުފަންތީގެ ގައުމެކެވެ. ގަތަރުގެ އަލްޖަޒީރާ ޓިވީ ސްޓޭޝަނަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ޓީވީ ޗެނަލެވެ.
Line separator

ގަތަރަކީ އޭޝިޔާގެ ހުޅަނގަށް އޮތް ކުޑަ އެކަމަކު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި އެންމެ މުއްސަދި އެއް ގައުމެވެ. އާބާދީ އަކީ 2.7 މިލިއަން މީހުންނެވެ. މީގެ ތެރެއިން ގަތަރުގެ މީހުންނަކީ ގާތްގަނޑަކަށް ހަތަރު ލައްކަ އެވެ. ޖުމުލް އާބާދީގެ %80 މީހުން ދިރިއުޅެނީ ވެރިރަށް ދޯހާގަ އެވެ.

އިނގިރޭސިންގެ އަތްދަށުން ގަތަރަށް މިނިވަންކަން ލިބުނީ 1971 ވަނަ އަހަރު އެވެ. އޭގެ ފަހުން ފާއިތުވި މުއްދަތުގައި ގަތަރުން ވަނީ އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ހިންދެމިލައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ގައުމަށްވެފަ އެވެ. އެމެރިކާފަދަ ގައުމުތަކުގައި އޮންނަފަދަ ޑިމޮކްރެޓިކް ނިޒާމެއް ނެތްނަމަވެސް ގަތަރުގެ އަމީރުންގެ ހަރުދަނާ ފިޔަވަޅުތަކާއެކު މިއަދު އެއީ މެދުއިރުމަތީގެ ގަދަ ބާރެކެވެ. އަދި ފުދުންތެރިކަމާއި މީޑިއާގެ ވަސީލަތްތަކާއެކު ދުނިޔޭގެ ނިސްބަތުން މެދުފަންތީގެ ބާރެކެވެ.

ނަންބެއޯ ކްރައިމް އިންޑެކްސްއިން ބުނާ ގޮތުގައި ގަތަރަކީ ދުނިޔޭގެ އެންމެ އަމާން ގައުމެވެ. އަދި ވެރިރަށް ދޯހާ އަކީ ދެ ވަނަ އަށް އެންމެ އަމާން ވެރިރަށެވެ. ގަތަރަކީ މުސްލިމް ގައުމެކެވެ. އާބާދީގެ ބޮޑުބަޔަކީ ސުންނީ މުސްލިމުންނެވެ. މައިގަނޑުގޮތެއްގައި ގާނޫނަކީ އިސްލާމީ ޝަރީއާ އެވެ.

ދެ ވަނަ ބޮޑު ހަނގުރާމައިގެ ފަހުން ގަތަރުގެ އިގްތިސާދުގެ މައިގަނޑަކީ ތެލާއި ގޭހެވެ. އޭގެ ކުރިންކުރަމުން އައި ދަނޑުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމަށްޓަކައި ސަރުކާރުން ވަނީ ލުއިލޯނުދީ ރަނގަޅު ފިޔަވަޅުތަކެއް އަޅައިފަ އެވެ. ޖީޑީޕީގެ ނިސްބަތުން ދުނިޔޭގެ ހަތަރުވަނަ ގައުމަކީ ގަތަރެވެ. ދުނިޔޭގެ ތިން ވަނަ އަށް ގޭހާއި ތެލުގެ ރިޒާވް ހުރީ ގަތަރުގައެވެ. އަދި ދުނިޔެ އަށް އެންމެ ގިނަ އަދަދަށް ގޭސް ސަޕްލައިކޮށްދޭ ބަޔަކީ ވެސް ގަތަރެވެ. ގަތަރު ސަރުކާރުން ވަނީ ޔޫރަޕާއި އެމެރިކާފަދަ ގައުމުތަކުގައި 100 ބިލިއަނަށްވުރެ މަތީގެ އިންވެސްޓްމަންޓްތައްކޮށްފަ އެވެ.

ގަތަރުގައި ސިޔާސީ ޕާޓީއެއް ނޯވެއެވެ. ޕާލަމެންޓް ނުވަތަ ރައްޔިތުންގެ މަންދޫބުން ހޮވަން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފުރަތަމަ ފަހަރަށް ބޭއްވީ 2021 ގައެވެ. މި ވޯޓުގައި ބައިވެރިވެވުނީ 18 އަހަރުން މަތިވެފައިވާ މީހުންގެ ތެރެއިން އެމީހެއްގެ ކާފަ ގަތަރަށް އުފަން މީހުންނަށެވެ. އަންހެނުންނަށް އޮފީސްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮވެއެވެ.

އިގްތިސާދީ ފުދުންތެރިކަމާއި މީޑިއާގެ ބާރުވެރިކަމުގައި ގަތަރަކީ މިހާރު ދުނިޔޭގައި އާރާއި ބާރުގެ ގޮތުން މެދުފަންތީގެ ގައުމެކެވެ. ގަތަރުގެ އަލްޖަޒީރާ ޓިވީ ސްޓޭޝަނަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ޓީވީ ޗެނަލެވެ. ނަމަވެސް ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭތީވެ ދޭތެރެދޭތެރެއިން ގަތަރަށް އަވައްޓެރިންގެ ނުރުހުން އަމާޒުވެއެވެ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާއި ސީރިއާގެ ހަނގުރާމެވެރި ޖަމާއަތްތަކަށް އެހީތެރވެދޭތީވެ، ޓެރަރިޒަމަށް ވާގިދޭ ގައުމެއްގެ ޓެގް އަޅުވައި ގަތަރަށް ދަތިކުރުމުގެ ފިޔަވަޅު އަވައްޓެރި އިސްލާމީ ގައުމުތަކުން އަޅައެވެ.

ނަމަވެސް ގަތަރުން ހިމާޔަތް ހޯދުމުގައި ބަރޯސާވަނީ އަވައްޓެރިންނަށެވެ. އެމީހުންގެ ސިފައިންގެ އަދަދަކީ ގާތްގަނޑަކަށް 12000 މީހުންނެވެ. ގަތަރުގެ ސިފައިން ތަމްރީނު ހޯދާފައިވަނީ ފްރާންސާއި ހުޅަނގުގެ ގައުމުތަކުންނެވެ. މިފަހަރުގެ ވޯލްޑްކަޕުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޔޫރަޕާއި އަވައްޓެރި ގައުމުތަކުގެ ސިފައިންގެ އެހީތެރިކަމަށް ގަތަރުން އެދެން ޖެހުނީ ވެސް އަސްކަރީގޮތުން ގަތަރުގެ ގާބިލްކަން ކުޑަކަމުންނެވެ.

ހަނަފަސް ސަރަހާތައް ގިނަ ގަތަރަކީ ގުދުތަރީގޮތުން މުއްސަނދި ގައުމެކެވެ. ހޫނު ގަދަ ގައުމެކެވެ. އެވްރެޖް ފިނިހޫނުމިނަކީ 33 ޑިގްރީ ސެލްސިއަސް އެވެ. މިހާހޫނު ގަދަވި ނަމަވެސް އަހަރަކު ގާތްގަނޑަކަށް 2.3 މިލިއަން މީހުން ގަތަރަށް ޒިޔާރަތްކުރެއެވެ. ފަތުރުވެރިކަމަށް ގައުމުގެ ދޮރާށި އިމެއްނެތި ހުޅުވާލައި 88 ގައުމެއްގެ މީހުންނަށް ވިސާއާނުލައި ގަތަރަށް ދަތުރުކުރުމުގެ ހުއްދަވަނީ ދީފައެވެ. މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ގަތަރުގައި ފަގީރަކު ނޫޅެއެވެ. ވަޒީފާނެތް މީހުންގެ ނިސްބަތަކީ އާބާދީގެ އެއް ޕަސެންޓެވެ.

ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާއި ތައުލީމަކީ ސަރުކާރުގެ އިންޝުއަރެންސް ސްކީމުތަކުގެ ދަށުން ފޯރުކޮށްދޭ ވަސީލަތްތަކެވެ.

ގަތަރަކީ ސަގާފަތާއި އާދަކާދައިގެ ގޮތުން މުއްސަނދި ގައުމެކެވެ. މިހެންވެ ގައުމުގެ ކޮންމެ ފަރުމާއަކީ އިސްލާމީ ހަޟާރަތާއި އާދަކާދަ ނުގެއްލޭނެހެން ކުރާ ކަމަކަށް އޮންނަނީ ހަދައިފައެވެ. ޒަމާންވީ ގިނަތަންތަން ވަނީ އާބާތުރަފިލުވައި ދާރުލްއާސާރުތަކުގެ ގޮތުގައި ހަދައިފައެވެ. އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ލަވައާ މިއުޒިކް ހުކުރު ދުވަހުގެ މެންދުރުފަހު ކުޅެއުޅުމަކީ އާއްމުކޮށް ކުރާކަމެކެވެ.

ފުޓްބޯޅަ އަކީ ގަތަރުގެ އެންމެ މަގުބޫލު ކުޅިވަރެވެ. އެމީހުން ވަނީ އޭޝިއާގެ ޗެމްޕިއަންކަން 2019 ވަނަ އަހަރު ހޯދައިފަ އެވެ. މިއީ ގަތަރުން މިހާތަނަށް ފުޓްބޯޅައިން އެންމެ ބޮޑު ކާމިޔާބީއެވެ. ދުނިޔޭގެ ތައްޓަށްކުޅޭ ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ބިޑް ގަތަރުން ކާމިޔާބުކުރީ 2010 ވަނަ އަހަރުއެވެ. އެ މުބާރާތަށް މުޅިން އަލަށް ހަދާ އެއް ސްޓޭޑިއަމާއެކު ޖުމުލަ 8 ސްޓޭޑިއަމް ގަތަރުން ތައްޔާރުކުރާނެ އެވެ. މުބާރާތުގެ ދުވަސްވަރުގެ ގަތަރުގެ ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ވެސް ގިނަވެގެން ހުޅުވާނީ ހަތަރު ގަޑިއިރަށެވެ. މީގެ ކުރިން ގަތަރުން ވަނީ އޭޝިއަން ގޭމްސްފަދަ ބޮޑެތި ކުޅިވަރު އިވެންޓްތައް ބާއްވައިފައެވެ.

Squares separator
ވޯލްޑްކަޕާއި ގަތަރު