ބަހުރޭނުގެ ކިބައިން 1971 ވަނަ އަހަރު ފުރިހަމަ މިނިވަންކަން ލިބުނު ގަތަރަކީ އަރަބި މެދުއިރުމަތީގައިވާ އަރަބި ގައުމެކެވެ. ގަލްފުގައިވާ އެންމެކުޑަ އަދި އެންމެ މުއްސަދި އަދި ދުނިޔޭގެ އެންމެ ކުރިއަރާފައި އެއް ގައުމެވެ. އިގްތިސާދުގެ މައި ތަނބަކީ ތެލާއި ގޭހެވެ. ދުނިޔޭގެ ތިން ވަނަ އަށް ތެލާއި ގޭހުގެ މުއްސަދިކަން އެންމެ ބޮޑަށް ލިބިފައިވާ ގައުމަކީ ވެސް ގަތަރެވެ. ތަނަވަސްކަމުގެ ސަބަބުން އެމީހުން ބޭނުންވާ ހުރިހާ އުއްމީދުތަކެއް ގަތަރުން ހާސިލްކުރަމުން ދިއުމަކީ އަވަށްޓެރިން އެހާ ގަޔާވާ ކަމެއްނޫނެވެ. އަރަބި ދުނިޔޭގެ ގިނަ ލީޑަރުން ގަތަރާމެދު ހިތްހަމަނުޖެހެ އެވެ. ސަބަބަކީ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި މިސުރާއި ސީރިއާގެ އިސްލާމީ ޖަމާއަތްތަކާ ގަތަރުން ގާތްގުޅުމެއް ބާއްވާތީ އެވެ. ގަތަރަކީ ގާތްގަނޑަކަށް ވެލްފެއާ ސްޓޭޓެކެވެ. އަސާސީ ހުރިހާ ކަމެއް ފޯރުކޮށްދެނީ ސަރުކާރުންނެވެ. އަރަބި ޕެނިންސިއުލާގައިވާ ގަތަރުގެ އާބާދީގެ 80 ޕަސެންޓް މީހުން ދިރިއުޅެނީ ވެރިރަށް ދޯހާގަ އެވެ. އެންމެހެން ވާހަކަ ދައްކައި އުޅެނީ އަރަބި ބަހުންނެވެ. ގަތަރުގެ އަލްޖަޒީރާ އަލީ ދުނިޔޭގެ އެންމެ މަޝަހޫރު އެއް މީޑިއާ އެވެ. ނަމަވެސް ގަތަރު ސަރުކާރުން އެގައުމަށް އަލްޖަޒީރާއިން ފޮނުވާ ކޮންޓެންޓް ވަކި އިމެއްގައި ހިފަހައްޓަ އެވެ. ދުނިޔޭގެ 88 ގައުމަކަށް ވިސާއާ ނުލައި ގަތަރަށް ދަތުރުކުރެވެ އެވެ. ގަތަރުގެ އެންމެ މަގްބޫލު ކުޅިވަރަކީ ފުޓްބޯޅަ އެވެ.
ފާހަގަކޮށްލެވޭ ފެކްޓެއް:
2019 އަހަރުގެ އޭޝިއަން ކަޕާއި 2021ގެ ގޯލްޑްކަޕުގައި ގަތަރަށް ކާމިޔާބު ހޯދައިދިން ހުރިހާ ކުޅުންތެރިން ޓީމުގައި އެބަތިއްބެވެ. މިހެންވެ ގަތަރުން ކުޅޭނީ އެޓޭކިން ގޭމެކެވެ. ޓީމުގެ ކުޅުމުގައި ސްޕޭނުގެ ސްޓައިލް އެކުލެވިގެންވެ އެވެ. ޑިފެންސިވްކޮށް ގަތަރު ޓީމު ފެނިގެންދާނީ 5-3-2ގެ ފޯމޭޝަނަށެވެ. އެޓޭކްކުރާއިރު ފަހަތުގައި ތިން ޑިފެންޑަރުން ތިބޭގޮތަށް 3-5-2ގެ ފޯމޭޝަނުގައެވެ. މިއީ ވަރަށް ރޭވުންތެރި އަދި އެޓޭކަށް ކޯޗުން އިސްކަދޭ ސިސްޓަމެކެވެ.
ގަތަރު ޓީމުގައި އެޓޭކް ކުރުމުގެ ގާބިލްކަން ކިތަންމެ ބޮޑަށް އެމީހުންގެ ފަހަތް އޮންނަނީ ވަރަށް ނާޒުކުގޮތަކަށެވެ. ބައެއް ފަހަރު މިޑްފީލްޑަރުންގެ ފަހަތުން ޑިފެންޑަރުންނާ ދެމެދު ބައިވަރު ހުސްޖާގަތައް ދޫކޮށްލާފައި އޮވެއެވެ. މިއީ އިދިކޮޅު ޓީމުތަކުން ގަތަރުގަ ބައިކަމުގައި ބަލާ މުހިންމު ކަމެކެވެ.
ޕްރެޝަރުގައި ކުޅެވިދާނެތަ؟
ގަތަރުގެ ފުރަތަމަ މެޗުގައި ނުކުންނާނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އިކުއެޑޯއާ ދެކޮޅަށެވެ. މިމެޗަކީ މުބާރާތުގައި ގަތަރަށް ކުރިމަތިވާނެ އެންމެ ޕްރެޝަރު ބޮޑު މެޗެވެ. މި މެޗަށް ގަތަރުން އިންތިޒާރުކުރާތާ މިހާރު 12 އަހަރުވެއްޖެ އެވެ. މިހެންވެ ހުރިހާ ގޮތަކުން ވެސް މިއީ ގަތަރު ޓީމު ޓެސްޓްކޮށްލެވޭނެ މެޗެކެވެ.
މި ފަހަރުގެ ވޯލްޑްކަޕަކީ ގަތަރުގެ ފުރަތަމަ ވޯލްޑްކަޕެވެ. މީގެ ކުރިން ގަތަރަށް ވޯލްޑްކަޕުގައި ކުޅުމުގެ ނަސީރު ލިބިފައިވީ ނަމަވެސް އެމީހުންނަކީ ބަރާބަރަށް އޭޝިއަންކަޕުގައި ބައިވެރިވަމުން އައި ގައުމެކެވެ. އަދި އެންމެ ފަހުގެ އޭޝިއަން ކަޕުގެ ޗެމްޕިއަންކަން 2019 ވަނަ އަހަރު ހޯދީ ވެސް ގަތަރެވެ.
ގަތަރު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުންނެވެ.
އަކްރަމް އަފީފް
އުމުރުން 26 އަހަރުގެ އަކްރަމް އަފީފަކީ ގަތަރުގެ އަލް ސާދަށް ކުޅޭ ކުޅުންތެރިއެކެވެ. އޭނާ އަކީ ގަތަރަށް 2019 ވަނަ އަހަރުގެ އޭޝިއަން ކަޕް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ އެވެ. އެ އަހަރުގެ އޭޝިޔާގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އޭނާ އަކީ މިފަހަރުގެ ވޯލްޑްކަޕަށް ތައްޔާރުވާން ގަތަރުން ސްޓަޑީ ޓުއާތަކުގައި ޔޫރަޕަށް ފޮނުވި ކުޅުންތެރިންގެ ތެރެއިން ސްޕޭނުގެ ސެވިއްޔާ އާއި ވިޔަރެއާލްއަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް ގަތަރަށް 83 މެޗު ކުޅެދީ 24 ގޯލު ޖަހާދީފަ އެވެ. އޭނާގެ ބައްޕަ އަކީ ސޯމާލިޔާގެ ގައުމީ ޓީމަށް ކުރިން ކުޅުނު ކުޅުންތެރިއެކެވެ. އަދި ފަހުން ގަތަރުގެ ކުލަބުތަކަށް ކޯޗުކޮށްދީފައިވާ މީހެކެވެ. އޭނާގެ މަންމަ އަކީ ޔަމަނު މީހެކެވެ. އޭނާގެ މިލްކިއްޔާތުގައި ހަތަރު މިލިއަން ޑޮލަރުވެ އެވެ.
ސާދް އަލް ޝީބް
އަލް ޝީބަކީ ގަތަރުގެ އަލް ސާދް އައި ގައުމީ ޓީމުގެ އެއްވަން ކީޕަރެވެ. އޭނާ އަކީ އޭޝިއަން ކަޕް ގަތަރަށް ހޯދައިދިނުމުގައި ވަރަށް އިސް ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މުޅި މުބާރާތުގައި ކުޅުނު ހަތް މެޗުގައި އޭނާ ކޮޅަށް ވަނީ އެންމެ ގޯލެވެ. މިއާއެކި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް އަލް ޝީބެވެ. ގަތަރުގެ ގައުމީ ޓީމަށް 2009 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ 76 މެޗު ކުޅެދީފައެވެ. އޭނާގެ މިލްކިއްޔާތުގައި 3 މިލިއަން ޑޮލަރުވެ އެވެ.
ހަސަން އަލްހައިދޯސް
ހަސަން އަލް ހައިދޯސް އަކީ ގަތަރު ޓީމުގެ ކެޕްޓަނެވެ. ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. ގަތަރަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 163 މެޗު ކުޅެދީ 33 ގޯލު ޖަހައިދީފަ އެވެ. ގައުމީ ޓީމާއި ގަތަރުގެ އަލް ސާދުގެ އެންމެ އިތުބާރު ހިފޭ ފޯވަޑަކީވެސް އޭނާއެވެ. ކުލަބު ލެވެލްގައި އޭނާ ވަނީ 294 މެޗުން 92 ގޯލު ޖަހައިފަ އެވެ. އޭނާގެ މިލްކިއްޔާތުގައި ހަތަރު މިލިއަން ޑޮލަރުވެ އެވެ.
ގަތަރުގެ ކޯޗު ފެލިކްސް ސަންޗޭޒް ބަސް އަކީ ސްޕޭނުގެ ބާސެލޯނާއަށް އުފަން ކޯޗެކެވެ. ބާސެލޯނާގެ ޔޫތު ޓީމުތަކުގައި މަސައްކަތް ކުރުމަށްފަހު އޭނާ ގަތަރަށް ބަދަލުވީ 2006 ވަނަ އަހަރުއެވެ. އޭގެ ފަހުން ގަތަރުގެ ޔޫތު ޓީމުތަކުގައި މަސައްކަތް ކުރުމަށްފަހު ގައުމީ ޓީމާ އޭނާ ހަވާލުވީ 2017 ވަނަ އަހަރު އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ގަތަރުން 2019 ވަނަ އަހަރުގެ އޭޝިއަން ކަޕް އުފުލާލުމަކީ އެގައުމަށް ފުޓްބޯޅައިން މިހާތަނަށް ލިބުނު ހަމައެކަނި ތައްޓެވެ. އޭނާ ވަނީ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތް ވެސް 2014 ވަނަ އަހަރު ގަތަރަށް ކާމިޔާބުކޮށްދީފައެވެ. މިހެންވެ އޭނާއަށްވުރެ ރަނގަޅަށް ގަތަރުގެ ފުޓްބޯޅަ އެނގޭނެ ކޯޗަކު ނެތެވެ. މިހެންވެ ވޯލްޑްކަޕުގައި ރަނގަޅު ނަތީޖާއަކަށް އެ ގައުމުން ކުރާ އުއްމީދުގެ މައި އެއް ސަބަބަކީ ވެސް އޭނާއެވެ. އޭނާގެ މިލްކިއްޔާތުގައި 1.5 މިލިއަން ޑޮލަރު އެބަހުއްޓެވެ.