ދެކުނު އެމެރިކާގެ ހުޅަނގުއުރުތުގައި ކޮލަމްބިއާ އާއި ޕެރޫއާ އިންވެގެން އޮތް ގައުމެކެވެ. އަނެއްފަޅީގައި ހާސާކޮށް އޮތީ ފެސިފިކް ކަނޑެވެ. އިކުއެޑޯއަކީ ސްޕޭނުގެ އަޅުވެތިކަމުގައި 19 ވަނަ ގަރުނުގެ ކުރީކޮޅުގައި މިނިވަންވި ގައުމެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެމީހުންގެ ގިނަ ބަޔަކު ވާހަކަ ދައްކައި އުޅެނީވެސް ސްޕޭން ބަހުންނެވެ. ދަނޑުވެރި ބައެއްގެ ގޮތުގައި ކުރިން މަޝްހޫރުވިނަމަވެސް ފަހުން އިކުއެޑޯގެ އިގްތިސާދު ބައްޓަންވީ ތެލުގެ ވިޔަފާރިއަށެވެ. ގައުމުގެ މުއާސަލާތީ މައި މީޑިއަމަކީ ރޭޑިއޯއެވެ. އިކުއެޑޯގެ ގާނޫނު އަސާސީގައިވާ ގޮތުން އެގައުމުގެ ކުދިން އެންމެ އަސާސީ ތައުލީމު އުނގެނުމަށްޓަކައި އުމުރުން 14 އަހަރު ވަންދެން ސްކޫލަށް ދާންޖެހެއެވެ. އަސާސީ ތައުލީމުގެ ހުރިހާ ހަރަދެއްދޭނީ ސަރުކާރުންނެވެ. އެމީހުންގެ އެއްވަނަ ކުޅިވަރަކީ ފުޓްބޯޅައެވެ. ޓެނިހާއި ބާސްކެޓްގެ މަގުބޫލުކަންވެސް ބޮޑެވެ.
ފާހަގަކޮށްލެވޭ ފެކްޓެއް:
އިކުއެޑޯ ޓީމު ފާހަގަކުރެވިފައިވަނީ ދެ އަރިމަތިން އަވަސް ބޯޅަތަކެއް ކުޅޭ ކައުންޓަ އެޓޭކިން ޓީމެއްގެ ގޮތުގައެވެ. މައިގަނޑު ގޮތެއްގައި އެމީހުން ކުޅެނީ 4-3-3 ފޯމޭޝަނަށެވެ. މީގެ ސަބަބުން އިދިކޮޅު ޓީމުން ޕާވިސް އެސްޓުޕިނަން ހުއްޓުވުމަށާއި އޭނާ އޭރިޔާ ތެރެއަށް ލައިދޭ ބޯޅަތައް ހުއްޓުވަން އެތައް މަސައްކަތެއް ކުރަންޖެހެއެވެ. ދާދި ފަހުން ފުރަތަމަ 11 ގައި ކުޅުވަން ފެށި ފެލިކްސް ޓޮރޭޒްގެ ސަބަބުން ޑިފެންސްލައިނުގެ ބާގަނޑުތައް ވަނީ ފޫބެދިފައެވެ.
ކީޕަރެއްގެ މައްސަލަ
އިކުއެޑޯ ކޯޗަށް އެންމެ އުނދަގޫވެފައިވަނީ ޓީމުގެ ގޯލްކީޕަރެއްގެ މައްސަލައެވެ. އޭނާ ވަނީ ކޮލިފައިންގައި ހަތަރު ގޯލްކީޕަރުން ލައްވައި ކުޅުވައިފައެވެ. މި ހަތަރު ކީޕަރުންނަށް ވެސް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ކުޅުނު ތަޖުރިބާކާރު ގޯލްކީޕަރު ގަންގްލީ އެލެގެޒެންޑާ ޑޮމިންގުއޭޒް ބެންޗަށް ލެވޭވަރުގެ ކުޅުމެއް ނުދެއްކިފަ އެވެ. ނަމަވެސް ކޯޗަށް އަދިވެސް އެއްވަނަ ކީޕަރު ޔަގީނެއްނޫނެވެ.
އިކުއެޑޯ ވޯލްޑްކަޕުގައި ކުޅެފައިވަނީ އެންމެ ތިން ފަހަރުއެވެ. އެއީ 2002، 2006 އަދި 2014 ގައެވެ. މީގެ ތެރެއިން ވޯލްޑްކަޕް ކުޅުނު ފުރަތަމަ އަހަރު އިކުއެޑޯ ދިޔައީ ގްރޫޕްގެ ފުލަށެވެ. މެކްސިކޯ އާއި އިޓަލީ އަތުން ބަލިވި ނަމަވެސް ފަހު މެޗުގައި ކްރޮއޭޝިޔާ އަތުން މޮޅުވެ މުބާރާތް ނިންމާލީއެވެ. މީގެ ހަތަރު އަހަރު ފަހުން ޖަރުމަނު 2006 ގައި އިކުއެޑޯ މުބާރާތް ނިންމީ ގަދަ 16 ގައި އިނގިރޭސިން އަތުން ބަލިވެގެންނެވެ. މުބާރާތުގެ ދެ ވަނަ ބުރަށް އިކުއެޑޯ ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ޕޮލެންޑާއި ކޮސްޓަރިކާ ބަލިކޮށް، ފަހު މެޗުގައި ޖަރުމަނު އަތުން ބަލިވެ ޖުމުލަ 6 ޕޮއިންޓާއެކުގައެވެ. މިއަށްފަހު އިކުއެޑޯއަށް ވޯލްޑްކަޕުން ފުރުސަތު ލިބުނީ އަށް އަހަރަށްފަހު 2014 ވަނަ އަހަރުއެވެ. އެ ފަހަރު ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވުނީ ފަހު މެޗުގައި ފްރާންސާ އެއްވަރުވުމުންނެވެ.
ކުޅުނު: 18 މެޗު
މޮޅުވި: 7
ބަލިވި: 6
އެއްވަރުވި 5
އިކުއެޑޯ ވޯލްޑްކަޕަށް ކޮލިފައިވީ ދެކުނު އެމެރިކާގެ ހަތަރަވަނަ ޓީމުގެ ގޮތުގައެވެ. ނަމަވެސް ދެކުނު އެމެރިކާގެ އޮޓެމެޓިކް ފަހު ސްލޮޓް އިކުއެޑޯ އަށް ލިބުނީ ބޮޑު އިންވެސްޓިގޭޝަނަކަށްފަހުއެވެ. އެއީ ގަވާއިދާ ހިލާފަށް ކުޅުންތެރިއަކު ލައްވައި ކުޅުވިކަމަށް ބުނެ ޗިލީން ފީފާގައި މައްސަލަ ޖެއްސުމުންނެވެ. އެކަމަކު ފީފާގެ ނިންމުން އައީ އެކުއެޑޯއާ އެއްކޮޅަށެވެ. ކޮލިފައިންގައި އިކުއެޑޯ ވަނީ ކުޅުނު 18 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވިއެވެ. ބަލިވީ އާޖެންޓީނާ އާއި ބްރެޒިލް ފަދަ ބޮޑެތި ބާރުތަކާ ދެކޮޅަށް ކުޅެއެވެ.
އެނާ ވެލެންސިއާ އަކީ ޓީމުގެ ކެޕްޓަނެވެ. ތުރުކީގެ ފެނަބާޗޭއަށް ކުޅެމުން އަންނަ ކުޅުންތެރިޔާ އަކީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ފޯވަޑް ވެސްމެއެވެ. އޭނާގެ އުމުރުން 32 އަހަރުވީއިރު މިހާތަނަށް ގައުމީ ޓީމަށް 74 މެޗުން 35 ގޯލު ޖަހާދީފައި އެވެ. އޭނާ އަކީ ވަރަށް ފަގީރު އާއިލާއަކުން ގައުމީ ޓީމާ ހަމައަށް ދަތުރުކުރި ކުޅުންތެރިއެކެވެ. އިކުއެޑޯގެ އެމެލަކް ކުލަބަށް ކުޅެން 2010 ވަނަ އަހަރު އައިސް އޭނާ ފުރަތަމަ ހުންނަން ޖެހުނީ އެކުލަބުން މެޗުތައް ކުޅޭ ސްޓޭޑިއަމުގެ އެންމެ އަސާސީ ފެންވަރުގެ ކޮޓަރިބަރީގައެވެ. ކާންބޯނެ އެއްޗެއް ގަންނަން އަތަކު ފައިސާއެއްނެތެވެ. މީގެ އިތުރުން 2016 ވަނަ އަހަރު ދަރިއަކަށް ހަރަދުނުކުރާ މައްސަލާގައި އޭނާ ހައްޔަރުކުރަން ކޯޓުން ހުކުމެއްވެސް ކުރިއެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ ވެސްޓްހޭމް އާއި އެވަޓަންއަށް ވެސް ކުޅެފައެވެ. އޭނާގެ މިލްކިއްޔާތުގައި މިހާރު 5 މިލިއަން ޑޮލަރު އެބަހުއްޓެވެ.
2. އެލެގްޒެންޑަރ ޑޮމިންގުއޭޒް
އެލެގްޒެންޑާ ޑޮމިންގުއޭޒް އަކީ އިކުއެޑޯގެ އެއްވަނަ ކީޕަރެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 67 މެޗު ކުޅެދީފައެވެ. އޭނާ މުޅިން ވެސް ކުޅެފައިވަނީ އެމެރިކާ ސަރަހައްދުގެ ކުލަބުތަކަށެވެ. ގައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރުން ފެށިގެންނެވެ. 2014 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ފްރާންސާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދީވެސް އޭނާއެވެ. އުމުރުން މިހާރު 35 އަހަރުގެ ކީޕަރުގެ މިލްކިއްޔާތުގައި 1 މިލިއަން ޑޮލަރާއި 5 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްވެއެވެ.
3. ޕިއޭރޯ ހިންކާޕިއާ
ޕިއޭރޯ ހިންކާޕިއާ އަކީ އިކުއެޑޯގެ މުހިންމު ތަނބެކެވެ. އޭނާއަކީ ދެކުނު އެމެރިކާގެ 20 އަހަރުން ދަށުގެ މުބާރާތް 2020 ވަނަ އަހަރު އިކުއެޑޯއަށް ހޯދައިދިން ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އޭނާގެ އުމުރުން އަދި މިހާތަނަށްވީވެސް އެންމެ 20 އަހަރެވެ. އެކަމަކު މިހާރު ވެސް ކުޅެނީ ޖަރުމަނުގެ ބަޔާން ލެވަކޫސަނަށެވެ. ކުލަބު ލެވެލްގައި އޭނާ ޖަރުމަނުގެ ބުންޑަސްލީގާއަށް ދިޔައީ ނިކަން އަވަހަށެވެ. އިކުއެޑޯގައި ކުޅެނިކޮށް އާޖެންޓީނާގެ ޓައްލެރާސް އިން އޭނާ ގަތީ އެއް މިލިއަން ޑޮލަރު ދީފަ އެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ލެވެކޫސަން އޭނާގެ ސޮއި ހޯދި އެވެ.
މިދިޔަ އަހަރު ގައުމީ ޓީމުން ފުރުސަތު ލިބުނު ހިންކާޕޭ ވަނީ މިހާތަނަށް ގައުމީ ޖާޒީގައި 21 މެޗު ކުޅެދީ އެއް ގޯލު ޖަހައިފަ އެވެ. އޭނާގެ މިލްކިއްޔާރުގައި 3 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އިކުއެޑޯގެ ކޯޗަކީ އާޖެންޓީނާ މީހެކެވެ. ގުސްޓާވޯ ހޫލިއޯ އަލްފާރޯ އަކީ ކޯޗިންގައި ޅަފަތުގައި އުޅޭ މީހެއްނޫނެވެ. އޭނާގެ ތަޖުރިބާ ބޮޑެވެ. 2005 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ އާޖެންޓީނާގެ އެކި ފަންތީގެ 13 ޓީމަކަށް ކޯޗުކޮށްދީފައެވެ. ސައޫދީ އަރަބިއާގެ އަލް އަހްލީ އަށްވެސް ހަތަރުމަހެއްހާ ދުވަހު ކޯޗުކޮށްދިނެވެ. އިކުއެޑޯ އަކީ ގައުމީ ޓީމެއްގައި އޭނާ ކުރާ ފުރަތަމަ ތަޖުރިބާއެވެ. ކުލަބު ލެވެލްގައި އެކި ޑިވިޝަންތަކުގައި ހަތް ތައްޓެއް ހޯދިއިރު އޭނާއަށް އިކުއެޑޯގެ ކޯޗުކަން ލިބުނީ ކުއްލި ގޮތަކަށެވެ. އެއީ ބާސެލޯނާގެ ޓެކްނިކަލް ޓީމުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ޖޯޑީ ކްރައިފް ކޮވިޑް19 ގެ ތެރޭގައި ކޯޗުކަން ދޫށްދޫ އެނބުރި ސްޕޭނަށް ބަދަލުވުމުންނެވެ.
"ވޯލްޑްކަޕަކީ އަހަރެންގެ ފުރަތަމަ މިކަހަލަ މުބާރާތް. ފުރަތަމަ މެޗަކީ އަހަރުމެންނަށް ފައިނަލެއް. އަހަރުމެން ނުކުންނާނީ މިއީ ވަރަށް އުނދަގޫ ގްރޫޕަކަށްވާނެ ކަމަށް ބަލައިގެން. ޓީމުގައި ދެ ވަނަ ބުރަށް ދެވޭނެ ފެންވަރު އެބަހުރި." އަލްފާރޯ