1960 ގައި މިނިވަންވި ސެނަގާލް އަކީ އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ޒަމާނީ އެއް ޑިމޮކްރަސީ އޮތް އިސްލާމީ ގައުމެވެ. އިހުގެ އާދާކާދަތައް ދަމަހައްޓައި ދެމެހެއްޓެނެވި ގޮތެއްގައި ސަރުކާރެއް ހިންގުމުގައި ނަމޫނާ ގައުމެކެވެ. މީގެ ނަތީޖާ އަކީ ހަމަނުޖެހުން ބޮޑު އެފްރިކާގެ ގައުމުތަކުގައި އަމަން ގާއިމްކުރަން ސެނަގާލް ސިފައިން ފޮނުވަންޖެހުމެވެ. އެކަމަކު ސެނެގާލްގެ އަސްކަރިއްޔާގެ އަދަދަކީ އެންމެ 20000 ސިފައިންނެވެ. މިވަރުންވެސް ކޮންގޯ އާއި ލީބިއާ އަދި ކޮސޯވޯ ސެނަގާލްގެ އަސްކަރިއްޔާ ފޮނުވީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ. އަޅުންނާއި ޖަނަވާރުގެ ހޮނޑާއި، ރަން އެކްސްޕޯޓްކުރުމުގެ އާދަ ދޫކޮށް މިއަދު އިގްތިސާދު ބައްޓަންކޮށްފައިވަނީ ދަނޑުވެރިކަމަށެވެ. މަސްވެރިކަމާއި މައިނިން އާއި ޓުއަރިޒަމް ހިއްސާ ކުޑައްނޫނެވެ. ނަމަވެސް ގައުމުގެ އިގްތިސާދުގެ ލޭނާރަކީ ގައުމުން ބޭރުގައި އުޅޭ ރައްޔިތުން އެތެރެކޮށްދޭ ފައިސާ އެވެ. ރަސްމީ ބަހަކީ ފްރެންޗް ބަހެވެ. އުމުރުން 16 އަހަރު ވަންދެން ކުދިންނަށް ތައުލީމު އުނގަންނައިދިނުމުގެ ހުރިހާ ހަރަދުބަރަދު ބަލަހައްޓާނީ ސަރުކާރުންނެވެ. އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅަ އާއި ރެސްލިންއެވެ. ސެނަގާލްގެ ދިދައިގައިވާ ރީނދޫ ކުލައިން ދައްކުވައިދެނީ އެމީހުންގެ ގުދުރަތީ މުއްސަދިކަމެވެ. ރަތަކީ މިނިވަންކަމަށްޓަކައި އޮހޮރުވާލި ލެއާއި ކުރި ބުރަ މަސައްކަތެވެ. ފެހި ކުލަ އާއި ފެހިކުލައިގެ ތަރިން ދޭހަކޮށްދެނީ އިސްލާމީ ގައުމެއްކަމާއި އުއްމީދެވެ.
ސެނެގާލްގެ އެޓޭކް މައިގަނޑު ގޮތެއްގައި ރާވާފައިވަނީ ވާތް ފަރާތުންނެވެ. ބޭނުމަކީ ސާދިއޯ މާނޭގެ ފުރިހަމަ ބޭނުން އިދިކޮޅު ޓީމުތަކަށް ތުރާކުރުމުގައި ހޯދުމެވެ. ވާތަ ފަރާތަށް ޓީމުގެ އެޓޭކް ބިނާކުރުމަށް ލެފްޓް ބެކް ސާލިއޫ ސީސޭ ވަނީ މިހާތަނަށް މޮޅު ކުޅުމެއް ދައްކައިފައެވެ. ސެނެގާލް މައިގަނޑު ގޮތެއްގައި ކުޅެނީ 4-3-3 ފޯމޭޝަނަށެވެ.
އެފްރިކާގެ އުއްމީދުތައް ހާސިލްކޮށްދެވިދާނެތަ؟
ގަތަރަށްދާ އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެފްރިކާ ރައްޔިތުންގެ އުއްމީދުތައް އެންމެ ބޮޑަށް ގުޅިފައިވާ ޓީމަކީ ސެނަގާލް އެވެ. އެމީހުންނަކީ އެފްރިކާގެ ޗެމްޕިއަނުންނެވެ. ޓީމުގެ ހުރިހާ ޑިޕާޓްމަންޓެއް ވެސް ވަރުގަދައެވެ. މިވަގުތު ސެނެގާލް އޮތީވެސް ރަނގަޅު ފޯމެއްގައެވެ. މީގެ އިތުރުން ސެނެގާލް ތިބީ މީގެ ހަތަރު އަހަރު ކުރިން ރަޝިޔާގައި ދިމާވިފަދަ ދެރަ ނަތީޖާތަކެއް ތަކުރާރުވިޔަނުދިނުމުގެ އަޒުމުގައެވެ.
ސެނެގާލްވަނީ ދެ ފަހަރު ވޯލްޑްކަޕުގައި ކުޅެފައެވެ. އެމީހުންގެ ފުރަތަމަ މެޗުގައި 2002 ވަނަ އަހަރު ސިއްސުވާލީ އޭރުގެ ދިފާއީ ޗެމްޕިއަން ފްރާންސެވެ. އެއްވާނެއްގައި ކުރިއަށް ގޮސް އެފަހަރުގެ މުބާރާތް ސެނެގާލް ނިންމާލީ ކުއާޓާ ފައިނަލް ކުޅެ މުބާރާތުގެ ހަތް ވަނަ ގައުމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި ފްރާންސް ބަލިކޮށް، ޑެންމާކާއި އުރުގުއޭއާ އެއްވަރުކޮށް، ދެ ވަނަ ބުރުގައި ސްވިޑްން ބަލިކޮށް، ކުއާޓާ ފައިނަލަށް ދިޔަ ގައުމުގެ ދުވެއްޔަށް އެފަހަރު ނިމުން ގެނުވީ މުބާރާތުގެ ތިން ވަނަ ހޯދި ތުރުކީންނެވެ. މި ވޯލްޑްކަޕަށް ފަހު މެދަށް ތިން ވޯލްޑްކަޕް ދޫކޮށް ސެނަގާލް ދެން ފެނިގެންދިޔައީ 2018 ވަނަ އަހަރު ރަޝިޔާއިންނެވެ. ނަމަވެސް ކުރީ ފަހަރާ ތަފާތުކޮށް ހައިރާންކުރުވަނިވި ނަތީޖާއެއް ސެނެގާލަށް ނުހޯދުނެވެ. ޕޮލެންޑް އަތުން މޮޅުވި ނަމަވެސް ޖަޕާނާ އެއްވަރުވެ ފަހު މެޗުގައި ކޮލަމްބިއާ އަތުން ބަލިވުމުން ސެނަގާލް ގައުމަށް ދިޔައީ ގޯލުގެ ތަފާތުން ޖަޕާނަށްވުރެ ކުރި ނުލިބި ގްރޫޕް ސްޓޭޖުން ފޭލްވެގެންނެވެ.
ކުޅުނު: 8
މޮޅުވި: 5
ބަލިވި: 0
އެއްވަރުވި 3
ސެނަލްގާލް ވޯލްޑްކަޕަށް ކޮލިފައިވީ އެފްރިކާގެ ވަރުގަދަ ގައުމެއްކަމަށްވާ މިސުރު ޕްލޭއޯފްގައި ބަލިކޮށްގެންނެވެ. މި ދެ ގައުމު ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. މިހެންވެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މިސުރުގައި މުހައްމަދު ސަލާހް ހުއްޓައި ސެނަގާލް ކޮލިފައިކޮށްދިނީ އޭނާއާ އެއް ޓީމަކަށް އެއިރު ކުޅުނު ސާދިއޯ މާނޭ ޖެހި ޕެނަލްޓީއިންނެވެ. ޕްލޭއޯފަށް ސެނަގާލް އައީ އެފްރިކާ ބައްރުގެ ގްރޫޕް ކޮލިފައިންގެ ގްރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެއީ ޓޯގޯ އާއި ނެމީބިއާ އަދި ކޮންގޯ ހިމެނުނު ގްރޫޕުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.
ސާދިއޯ މާނޭ
ސާދިއޯ މާނޭ އަކީ ޖަރުމަނުގެ ބުންޑަސްލީގާގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ފޯވަޑެވެ. އޭނާ މި ސީޒަން ފެށުމުގެ ކުރިން ބަޔާނަށް ބަދަލުވީ ލިވަޕޫލަށް 196 މެޗުން 90 ގޯލު ޖަހައިދީފަ އެވެ. ޕްރެމިއާ ލީގާއި ޗެމްޕިއަންސް ލީގާއި ކުލަބު ވޯލްޑްކަޕްވެސް ހޯދައިދީފައެވެ. ކޮންމެ މެޗެއް ފެށުމުގެ ކުރިން ﷲ އަށް ދުއާ ކުރުމަކީ އޭނާގެ އާދައެކެވެ. އަމިއްލަ ގައުމުގައި އޭނާ އުފަންވި ސިޓީގެ ރައްޔިތުންނަށް ބޮޑެތި އެހީތަކެއްވެދެއެވެ. އޭނާ ވަނީ ސެނަގާލްގެ ގައުމީ ޓީމަށް 91 މެޗުން 33 ގޯލު ޖަހާދީފަ އެވެ. އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ ވަނީ 2019 އަދި 2022ގައި ހޯދައިފަ އެވެ. އޭނާގެ މިލްކިއްޔާތުގައި 25 މިލިއަން ޑޮލަރު އެބަހުއްޓެވެ.
ހާލިދޫ ކުލިބާލޭ
ހާލިދޫ ކުލިބާލޭ އަކީ ސެނެގާލް ޓީމުގެ ކެޕްޓަނެވެ. އޭނާ މިހާރު ކުޅެނީ އިނގިރޭސި ކުލަބު ޗެލްސީ އަށެވެ. ކުލިބާލޭ ވަނީ 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް ގައުމީ ޓީމަށް 62 މެޗު ކުޅެދީފައެވެ. އިޓާލިއަން ލީގުގައި ކުޅުނުއިރު އެ ގައުމުގެ ފުޓްބޯޅައިގެ އިސްފަރާތްތަކަށް އޭނާ ފާޑުކިޔައިހެދި އެވެ. އެއީ އިޓަލީގެ ފުޓްބޯޅަ ދަނޑުތަކުގައި ނަސްލީގޮތުން ދިމާކުރާ މައްސަލައަށް ހައްލެއް ހޯދައިނުދެވުމުންނެވެ. އޭނާ ވަނީ އިޓާލިއަން ލީގުގެ އެންމެ މޮޅު ޑިފެންޑްރު ކަމާއި ސެނަގާލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދައިފައެވެ. އޭނާގެ މިލްކިއްޔާތުގައި 40 މިލިއަން ޑޮލަރު އެބަހުއްޓެވެ. މީގެ ތެރޭގައި ފްރާންސްގެ ޕެރިހުގައިހުރި އޭނާގެ ހަތަރު މިލިއަން ޑޮލަރުގެ ގެވެސް ހިމެނެއެވެ.
އެޑުއާޑޯ މެންޑީ
އެޑުއާޑޯ މެންޑީ އަކީ ޗެލްސީގެ އެއްވަނަ ކީޕަރެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގާއި ފީފާގެ އެންމެ މޮޅު ކީޕަރުގެ އިނާމް މިދިޔަ އަހަރު ހޯދައިފައެވެ. މިއީ އެފްރިކާގެ ކީޕަރަކަށް އެއްފަހަރާ މި ދެ އިނާމް ލިބުނު ފުރަތަމަ ފަހަރެވެ. ސެނަގާލަށް 25 މެޗު ކުޅެދީފައިވާއިރު މެންޑީ އަކީ އެންމެ ފަހުގެ އެފްރިކާކަޕް ކާމިޔާބުކުރި އިރު ޓީމުގައި މުހިންމު ރޯލެއް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ އަކީ މި ޒަމާނުގެ ކީޕަރެއްގެ ހުރިހާ ސިފަތަކެއް ފުރިހަމަވާ ކީޕަރެއް ކަމަށް ޗެލްސީގެ ކުރީގެ ދެ ކޯޗުން ކަމަށްވާ ތޯމަސް ޓުޗެލް އާއި ފްރޭންކް ލަމްޕާޑުވަނީ ބުނެފަ އެވެ. އޭނާގެ މިލްކިއްޔާތުގައި 33 މިލިއަން ޑޮލަރު އެބަހުއްޓެވެ.
ސެނަގާލްގެ ކޯޗު އަލިއޫ ސީސޭ އަކީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ކުއާޓާ ފައިނަލަށް ދިޔަ ޓީމުގެ ކެޕްޓަނެވެ. އޭނާ ވަނީ އެފްރިކަން ނޭޝަން ކަޕް ކުޅުންތެރިއެއްގެ ގޮތުގައި ނުލިބުނު ނަމަވެސް ކޯޗެއްގެ ގޮތުގައި ސެނެގާލަށް ހޯދައިދީފައެވެ. މިއީ އެ ގައުމުގެ ފުޓްބޯޅައިގެ އެންމެ ބޮޑު ކާމިޔާބީވެސްމެއެވެ. މިއާއެކު އެފްރިކާގެ އެންމެ މޮޅު ކޯޗުގެ އިނާމްވެސް މިދިޔަ އަހަރު ލިބުނީ އޭނާ އަށެވެ. 2015 ވަނަ އަހަރު ގައުމީ ކޯޗުކަމާ ހަވާލުވީއްސުރެ އޭނާ އަންނަނީ ގައުމީ ޓީމުގެ ނަތީޖާތައް ރަނގަޅު ކުރަމުންނެވެ. މިހެންވެ މިފަހަރުގެ ވޯލްޑްކަޕަށް ސެނަގާލް ރައްޔިތުންނާއި ކުޅުންތެރިންނާއި އޭނާވެސް ކުރާ އުއްމީދު ބޮޑެވެ. ސީސޭގެ މިލްކިއްޔާތުގައި 1.5 މިލިއަން ޑޮލަރު އެބަހުއްޓެވެ.