އިނގިރޭސިވިލާތަކީ ބަހާއި، ސަގާފަތާއި، ކުޅިވަރާއި މިއުޒިކާއި އަދި ގާނޫނީ ދާއިރާއިން ދުނިޔޭގެ އެންމެ ބޮޑު އެއް ހިއްސާދާރެވެ. އިނގިރޭސި އިސްތިއުމާރުގެ ތެރެއިންނާއި ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި އިނގިރޭސިން އޮތް ދުވަސްވަރުން ފެށިގެން އެމީހުންގެ ބަހަކީ ދުނިޔޭގައި އެންމެ ހިނގާ ބަހަށް ވަނީ ވެފައެވެ. 100 މިލިއަނަށްވުރެ ގިނަ މީހުން މިބަހުން ވާހަކަ ދައްކައެވެ. އަހަރަކު އެތައް މިލިއަން މީހުންނެއް ޒިޔާރަތްކުރާ އިނގިރޭސި އިގްތިސާދަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގްތިސާދެވެ. އިނރޭސި މީޑިއާ އަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީޑިއާއެވެ. ލަންޑަނަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މީޑިއާ ހަބެވެ. މަޝްހޫރު ބީބީސީ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ނިއުސް ޗެނަލެވެ. މި ޒަމާނުގެ ސައިންސާއި ޓެކްނޮލޮޖީގެ ސަބަބުން އިނގިރޭސިވިލާތުގައި ޕޮރިންޓްކޮށްފައިވާ ކަރuހާދަށް އޮތް ޑިމާންޑް މިހާރު ކުޑައެވެ. އިނގިރޭސިވިލާތުގައި އެންމެ މަގްބޫލު ކުޅިވަރަކީ ފުޓްބޯޅައެވެ. އިނގޭސި ޕްރެމިއާ ލީގާއި އެލީގުގެ ވަރުގަދަ ކުލަބުތަކަކީ މުޅި ދުނިޔެއަށް ފަރިތަ އަދި އެންމެ ކާމިޔާބު ކުލަބުތަކެވެ. ފުޓްބޯޅައިގެ އިތުރުން ރަގްބީ އާއި ޓެނިސް އަދި ކްރިކެޓާއި އެނޫންވެސް ކުޅިވަރުތަކުގައި އިނގިރޭސިންގެ ވިދުން ގަދައެވެ. ޔޫރަޕުގެ އެހެން ގައުމުތަކާ ހިލާފަށް އިނގިރޭސި ފައިސާ އަކީ ޕައުންޑެވެ.
ކޯޗު ގެރެތް ސައުތު ގޭޓްގެ އެންމެ މަގުބޫލު ފޯމޭޝަނަކީ 3-4-3 އެވެ. ނަމަވެސް އިނގިރޭސީންނަށްވުރެ ވަރުގަދަހެން ހIވާ ކޮންމެ ގައުމަކާ ދެކޮޅަށް ގޭޓް އެނބުރިގަންނަނީ 4-2-3-1 ގެ ފޯމޭޝަނަށެވެ.
އިނގިރޭސިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޓީމުގެ ފަހަތް ބަލިކަށިވުމެވެ. ޓީމުގައި މޮޅު ވާތުބެކެއް ނެތެވެ. އެމަގާމަށް ކުޅެން ތިބި ލޫކް ޝޯ އާއި ބެން ޗިލްވެލްއަށް ވަނީ އަނިޔާވެފައެވެ. ދެން އޮތީ ކަނާތު ބެކެއްގެ މައްސަލައެވެ. މި މަގާމަށް ކުޅެން ފަސް ކުޅުންތެރިން އެބަތިއްބެވެ. ޓީމަށް ނަގާނީ ކާކުކަން ޔަގީންކުރަން ހުދު ކޯޗަށް ވެސް ވަނީ ދަތިވެފައެވެ. ސެންޓަ ބެކަށް ބަލާއިރު ކޯޗު އެންމެ އިތުބާރުކުރާ ކުޅުންތެރިއަކީ މެންޗެސްޓާ ޔުނައިޓެޑްގެ ހެރީ މެގުއާއެވެ. އޭނާ އަކީ މުޅި އިނގިރޭސިވިލާތް އެންމެ ފާޑުކިޔާ ކުޅުންތެރިޔާއެވެ. ނަމަވެސް ޔުނައިޓެޑް ޓީމަށް ނޭރިޔަސް ކޯޗު ޓީމު ރާވާނީ މެގުއާ ހިމަނައިގެން ކަމަށް މާކުރިން ވަނީ އިއުލާނުކޮށްފައެވެ.
އެޓޭކް ބަލިތަ؟
އިނގިރޭސި ޓީމުގައި ކުރިއަށް ކުޅޭނެ މޮޅު ކުޅުންތެރިންތަކެއް އެބަތިއްބެވެ. ޖޫޑް ބެލިންހަމް ޓީމަށް އިތުރުވުމަކީ ވެސް އިނގިރޭސި ޓީމުގެ ކުރި އާއި މެދުތެރެ ވަރުގަދަކޮށްދޭ ކަމެކެވެ. ސަޕޯޓަރުންގެ މަގުބޫލުކަން ލިބިފައިވާ ޖެކް ގްރީލިޝް އަކީ ޗެލްސީގެ މެންސަން މައުންޓަށްވުރެ ގޯލާ ރައްޓެހި ކުޅުންތެރިއެއް ނަމަވެސް މިހާތަނަށް އޭނާއަށް ޖާގަ ލިބެނީ ބެންޗުންނެވެ. އެކަމަކު ދުނިޔޭގެ ތަޖުރިބާކާރުންގެ ނަޒަރުގައި ކެޕްޓަން ހެރީކޭން ފަދަ ދުނިޔޭގެ ފެންވަރުގެ އެހެން ކުޅުންތެރިއަކު އިނގިރޭސި ޓީމަކު ނެތެވެ.
އިނގިރޭސީން ވަނީ ވޯލްޑްކަޕުގައި 15 ފަހަރު ކުޅެފަ އެވެ. އެމީހުންނަށް މުބާރާތް ކާމިޔާބު ކުރެވުނީ އަމިއްލަ ގައުމުގައި މުބާރާތް ބާއްވައިގެން 1966 ގައި އެކަންޏެވެ. އޭގެ ފަހުން މިހާތަނަށް ބައިގަރުނަށްވުރެ ގިނަ ދުވަސްވެފައިވާއިރު އިނގިރޭސީންނަށް ފައިނަލަށްވެސް ދެވިފައިނުވެއެވެ. އޭގެ ފަހުން މިހާތަނަށް އެންމެ ކުރިއަށް ދެވުނީ އެންމެ ފަހުގެ ވޯލްޑްކަޕާއި 1990 ގައެވެ. މި ދެ ފަހަރު ވެސް ދެވުނީ ސެމީ ފައިނަލާ ހަމައަށެވެ.
ކުޅުނު: 10 މެޗު
މޮޅުވި: 8
ބަލިވި: 0
އެއްވަރުވި 2
އިނގިރޭސިން ވޯލްޑްކަޕަށް ކޮލިފައިވީ ޔޫރަޕުގެ ގްރޫޕް އައިގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ޕޮލެންޑާއި އަލްބޭނިއާ އަދި ހަންގޭރީ އާއި އެންޑޯރާ އާއި ސޭންމެރީނޯ ހިމެނުނު ގްރޫޕުގައި އިނގިރޭސިން ކޮލިފައިވީ އުދުހިފައި ގޮހެވެ. މެޗަކުން ބަލިނުވާއިރު އެމީހުން ޖުމުލަ 39 ގޯލު ޖެހި އެވެ. ބައިކޮޅަށްވަނީ އެންމެ ތިން ގޯލެވެ. މީގެ ތެރެއިން 12 ގޯލު ޖެހީ ކެޕްޓަން ހެރީކޭން އެވެ.
1. ހެރީކޭން
ހެރީކޭން އަކީ އިގިރޭސި ޓީމުގެ ކެޕްޓަނެވެ. އޭނާ ވަނީ ޕްރެމިއާ ލީގުގައި 254 ގޯލު ޖަހައިފަ އެވެ. އިނގިރޭސިންނާއި ވަރަށް ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އިނގިރޭސިންނަށް ވޯލްޑްކަޕުގައި ކުރިއަށް ދެވޭނީ ކޭން ދައްކާ ކުޅުމަކާއި ޖަހާ ގޯލުތަކެއް މައްޗަށެވެ. އެންމެ ފަހުގެ ވޯލްޑްކަޕުގެ ރަންބޫޓު ގެންދިޔައީ ވެސް އޭނާއެވެ. އެކަމަކު އެ މުބާރާތުގައި ވެސް ނޮކްއައުޓް މެޗެއްގައި ގޯލެއް ޖަހާފައި ނުވާތީވެ އޭނާއަށް ކުލަބުގައި ދައްކާ ކުޅުން ގައުމީ ޓީމުގައި ނުދެއްކޭކަމަށް ގަބޫލުކުރާ މީހުން ވަރަށް ގިނައެވެ. ކޭން ވަނީ ގައުމީ ޓީމަށް 75 މެޗުން 51 ގޯލު ޖަހައިދީފަ އެވެ. ވޭން ރޫނީގެ ރެކޯޑް މިފަހަރުގެ ވޯލްޑްކަޕުގައި އޭނާއަށް މުގުރާލުމުގެ ފުރުސަތު އެބައޮތެވެ.
2. ރަހީމް ސްޓާލިން
ރަހީމް ސްޓާލިން އަކީ އިނގިރޭސި ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެކެވެ. އޭނާ ފޯމުގައި ހުރުމަކީ އިނގިރޭސީންނަށް ލިބޭނެ ވަރަށް ބޮޑު ބޯނަހަކަށްވާނެއެވެ. ޖެމެއިކާއަށް އުފަންވި ނަމަވެސް އިނގިރޭސިވިލާތުގައި އުޅޭ ބޮޑުވި ސްޓާލިން ވަނީ މިހާތަނަށް ގައުމީ ޓީމަށް 79 މެޗުން 19 ގޯލު ޖަހައިފައެވެ. ލިވަޕޫލާއި މެންޗެސްޓާ ސިޓީ އަދި ޗެލްސީގައި އޭނާ ވަނީ މިހާތަނަށް ޕްރެމިއާ ލީގުގައި 158 ގޯލު ޖަހައިފައެވެ.
3. ޑިކްލައިން ރައިސް
ޑިކްލައިން ރައިސް އަކީ ޕްރެމިއާ ލީގުގެ ކޮންމެ ކޯޗަކު ވެސް ބޭނުންވާ ފަދަ މިޑްފީލްޑަރަކެވެ ފަހަތާއި މެދުތެރެއަށްވެސް މޮޅަށް ކުޅެއެވެ. އޭނާ ގަތުމަށް ޕްރެމިއާ ލީގުގެ ބޮޑެތި ބާރުތަކުން މިހާރު ވެސް ތިބީ ތައްޔާރަށެވެ. އަޔަލޭންޑާއި އިނގިރޭސިވިލާތްކުރެ ކުޅޭނީ ކޮންގައުމަކަށްތޯ ނިންމުމުގައި އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ އިނގިރޭސި ޖާޒީގައި މަޑުމަޑުން ހަރު ކުޅުންތެރިއަކަށް ބަދަލުވަމުންނެވެ. ގައުމީ ޓީމަށް މިހާތަނަށް 34 މެޗުން އޭނާ ވަނީ ދެ ގޯލު ޖަހައިދީފައެވެ.
އިނގިރޭސި ކޯޗު ގެރެތް ސައުތުގޭޓަކީ ގައުމީ ޓީމަށް 57 މެޗު ކުޅެދީ 2 ގޯލު ޖަހާދީފައިވާ ކުރީގެ ޑިފެންޑަރެކެވެ. އޭނާ އަކީ މެދުތެރެއަށް ވެސް ރަނގަޅަށް ކުޅުނު ކޯޗުންގެ އިތުބާރު ލިބުނު ކުޅުންތެރިއެކެވެ. އިނގިރޭސި ގައުމީ ކޯޗުކަމާ އޭނާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. މިހާރު ގައުމީ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ ޔޫތު ލެވެލްގައި އޭނާގެ ބެލުމުގެ ދަށުން ކުޅުނު ކުޅުންތެރިންނެވެ. ގާތްގަނޑަށް 28 އަހަރު ފަހުން އޭނާ ވަނީ 2018 ވަނަ އަހަރު އިނގިރޭސިން ވޯލްޑްކަޕުގެ ސެމީ ފައިނަލަށް ގެންގޮސްދީ މިދިޔަ އަހަރުގެ ޔޫރޯ ފައިނަލަށް ގެންގޮސްދީފައެވެ. މިހެންވެ އޭނާގެ މަގާމާމެދު މިހާތަނަށް ބިރެއް ނެތެވެ. އެކަމަކު ޓީމު ސިލެކްޝަނާއި ސަޕޯޓަރުންނާއި ނޫސްވެރިންގެ އުއްމީދުތައް މާބޮޑަށް އަރައިގެން ދިއުމުގެ ސަބަބުން މިފަހަރުގެ ވޯލްޑްކަޕުގައި ސެމީ ފައިނަލަށްވުރެ ކުރިން އިނގިރޭސިން ކަޓައިފިނަމ ސައުތް ގޭޓްގެ މަގާމު ދެމިއޮންނާނެ ކަމާމެދު މިހާރު ވެސް ގިނަބަޔަކު ވަނީ ސުވާލު އުފައްދަން ފަށައިފައެވެ.