އިސްލާމީ އިންގިލާބަށްފަހު އިރާން އިސްލާމީ ޖުމުހޫރިއްޔާއަށްވީ 1979 ގައެވެ. އެއީ އިސްލާމީ ސަގާފަތާއި އާދަކާދައިގެ ދުނިޔެއޭވެސް ބުނެވިދާނެއެވެ. ޔުނެސްކޯއިން އިރާނުގެ އާސާރީ ތަރިކަތަކުގެ ރައްކާތެރިކަމަށް ގޮވާ އަޑުގަދަވަނީ މިހެންވެއެވެ. އިރާނަކީ އިސްލާމީ ދުނިޔެ ފަހުރުވެރިވާފަދަ ނިއުކްލިއާ ބާރެކެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކަށް އިރާނަށް އަގްތަދަ ނުކުރެވިގެން އުޅޭ މައިގަނޑު އެއް ސަބަބަކީ ވެސް އެގައުމުގައި ނުރައްކާތެރި ނިއުކްލިއަ ހަތިޔާރު ހުރުމެވެ. ދުނިޔޭގެ މާކެޓަށް ފޮސިލް ފިއުލް އާއި ތެލާއި ގޭސް ސަޕްލައި ކޮށްދޭ މައި އެއް ދޮރާއްޓަކީވެސް އިރާނެވެ. އިރާނުގެ މީޑިއާ ސަރުކާރުން ކޮންޓްރޯލްކުރެއެވެ. ފުޅާދާއިރާއެއްގައި ހިޔާލުފާޅު ކުރެވެނީ ޕްރިންޓް ނޫސްތަކާއި އޮންލައިންގެ ޒަރީއާއިންނެވެ. މިކަން ކުރުމަށްޓަކައި އެމީހުން ތަފާތު އަމިއްލަ ނެޓްވޯކްތައް ބޭނުންކުރަން ޖެހެނީ މީޑިއާއަށް އެ ގައުމުގައި ހުރި އުނދަގޫތަކުގެ ސަބަބުންނެވެ. ރިޕޯޓާސް ވިތް އައުޓް ބޯޑާސްއިން ބުނާ ގޮތުގައި އިރާނަކީ ނޫސްވެރިންނަށް އެންމެ ތުރާގިނަ އެއް ގައުމެވެ. ހަނގުރާމަ އާއި ވަތަނީ ވިސްނުމުގެ ތެރެއިން އިރާނަކީ އަވައްޓެރިންނާ އެހާ ގުޅުން ރަނގަޅު ގައުމެއްނޫނެވެ. އިރާނުގެ ސަރުކާރުން އިރާގާއި ސީރިއާ އަދި ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި ހަރަކާތްތަކަށް ތާއީދުކުރެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އަރަބި އިސްލާމީ ދުނިޔެއާއި އިރާނުގެ ގުޅުމަކީ ވެސް ބަދަހި ގުޅުމެއްނޫނެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ދޭތެރެދޭތެރެއިން ކުރިމަތިލާން ޖެހި އިގްތިސާދީ ގޮތުން އެހާ ގަދައެއްނޫނެވެ. އަސްރޭހުގެ ފެށުމަކީ އިރާނެވެ. އިހުގައި އެގައުމުގެ އެއްވަނަ ކުޅިވަރަކީ ރެސްލިންއެވެ. ފަރުބަދަ މަތީގެ ގައުމަކަށްވާތީ ސްކައިން އާއި ފަރުބަދަ އެރުން ފަދަ ކުޅިވަރުތައް އިރާނުގައި މަގުބޫލެވެ. ފުޓްބޯޅަ އަކީ އެންމެ ގިނަބައެއްގެ މެދުގައި މަގުބޫލު ކުޅިވަރެވެ. ނަމަވެސް އަންހެން އެތްލީޓުންނަށް ބުރުގާ އަޅައި، ހަށިގަނޑު ނިވާކޮށްގެން ނޫނީ ކުޅުމުގެ ހުއްދަނުދެއެވެ. އަންހެނުންނަށް ކުޅިބަލަން ދަނޑުތަކަށް ވަނުންވެސް އޮންނަނީ މަނާކޮށްފައެވެ.
ރަޝިޔާ ވޯލްޑްގައި ވެސް ކުޅުނު ފަދައިން އިރާނުގެ ގޭމްޕްލޭނަށް މާބޮޑު ބަދަލެއް ނާދެއެވެ. އިރާނަށްވުރެ ވަރުގަދަ ކޮންމެ ޓީމަކާ ދެކޮޅަށް އެމީހުން ތިބެނީ ފަހަތުގައި މަޑުކޮށްގެން ފުރުސަތެއްލިބޭތޯ ބަލަން ފާރައަށެވެ. މި ރޭވުމުގައި އިރާނަށް ކާމިޔާބު ހޯދޭނީ އެޓޭކުގައި މުހިންމު ދައުރެއް އަދާކުރާނެ ސަރްދާރް އަޒްމޫން އާއި މެހްދީ ތެރެމީގެ ހުރި ހުށިހާރުކަމެއްގެ މައްޗަށެވެ. އާއްމުގޮތެއްގައި އީރާން ކުޅެނީ 4-3-3 ފޯމޭޝަނަށެވެ.
އިރާނުގެ ފުޓްބޯޅަ ކުރިނާރަނީ ކީއްވެ؟
އިރާނުގެ ފުޓްބޯޅަ ކުރިނާރަނީ ދަނޑުބޭރުގެ މައްސަލަތަކާހުރެއެވެ. ހާއްސަކޮށް އިންޓަނޭޝަނަލް މުބާރާތްތަކަށް ހުންނަންޖެހޭ ރޭވުންތެރިކަމާއި، ޕްލޭންތައް ނެތުމުންނެވެ. ފުޓްބޯޅަ ފެޑަރޭޝަނުގެ ކަންކަން ބޮއްސުންލުމާއި އެކަށީގެންވާ ފެންވަރުގެ އެކުވެރިކަމުގެ މެޗުތައް ނުކުޅޭތީއެވެ. ވޯލްޑްކަޕުގެ ކުރިން ކެނެޑާއާއެކު ކުޅެން އޮތް އެކުވެރިކަމުގެ މެޗު ކެންސަލްކުރަން ޖެހުނީވެސް ގައުމުގެ އެތެރޭގެ މައްސަލަތައް ހައްލުނުވެގެންނެވެ. ވޯލްޑްކަޕް ކުޑަތަންވަމުން ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސަކު ނެތި ދުވަސްތަކެއް ހޭދަކުރަން ޖެހުމަކީ ތައްޔާރީތަކަށް އެޅުނު ވަރަށް ބޮޑު ހުރަހަކަށްވިއެވެ.
އިރާނަކީ 1960 އަދި 70 ގެ ތެރޭގައި އޭޝިޔާގެ ގަދަ ބާރެކެވެ. 1968 ވަނަ އަހަރު އޭޝިޔާގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައި ވިދިވިދިގެން ތިން ފަހަރުވެސް އެ ގައުމުން ތަށި ކާމިޔާބުކުރިއެވެ. އެކަމަކު އެހިސާބުން އިރާނުގެ ވިދުން މުޅިން ފަނޑުފެއްޖެއޭ ބުނުމަކީ ދޮގަކަށްނުވާނެ އެވެ. އިރާނުގެ ފުރަތަމަ ވޯލްޑްކަޕަކީ 1978 ވަނަ އަހަރުގެ މުބާރާތެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓީ ޓީމު ދެން ވޯލްޑްކަޕުން ފެނުނީ 12 އަހަރު ފަހުން 1998 ގައި ފްރާންސްގައެވެ. އޭގެ ފަހުން މެދަށް އެއް ވޯލްޑްކަޕް ދޫކޮށް ކޮލިފައިވަމުން އައި ގައުމަށް މިފަހަރުގެ މުބާރާތަކީ ޖެހިޖެހިގެން އެ ގައުމު ކުޅޭ ތިން ވަނަ ވޯލްޑްކަޕެވެ. އެކަމަކު މިއިން އެއްވެސް ފަހަރަކު އެގައުމު ގްރޫޕް ސްޓޭޖުން އަރައިނުގަނެއެވެ. ވޯލްޑްކަޕުގައި ނުވަ ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ 24 ގޯލު ވަދެފައެވެ.
ކުޅުނު: 18 މެޗު
މޮޅުވި: 14
ބަލިވި: 3
އެއްވަރުވި 1
އިރާން ވޯލްޑްކަޕަށް ކޮލިފައިވީ އޭޝިޔާގެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ސައުތު ކޮރެޔާ އާއި އެމިރޭޓްސް އަދި އިރާގާއި ސީރިއާ އާއި ލުބުނާން ހިމެނުނު ގްރޫޕުގައި އިރާން ކުރިއަށް ދިޔައީ ނުހަނު ފަސޭހަކަމާއެކުގައެވެ. އެމީހުން ބަލިވީ ހަމައެކަނި ކޮރެޔާ އަތުންނެވެ. ކޮލިފައިންގައި މި ގްރޫޕުން އެންމެ ގިނަ ގޯލު ޖެހީ ވެސް އިރާނެވެ. އެމީހުން ކޮޅަށް ވަނީ އެންމެ ހަތަރު ގޯލެވެ.
ސަރްދާރު އަޒްމޫން
ސަރްދާން އަޒްމޫން އަކީ ބުންޑަސްލީގާގެ ބަޔާން ލެވަކޫސަންގެ ފޯވަޑެވެ. އޭނާ ގައުމީ ޓީމަށް ކުޅެން ފެށީ އުމުރުން އެންމެ 19 އަހަރުގައެވެ. އޭނާ އަކީ ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި އިރާނުގެ ކުޅުންތެރިއަކަށް އެންމެ ޒުވާން އުމުރެއްގައި ގޯލު ޖެހި ކުޅުންތެރިޔާއެވެ. އަދި އިރާނުގެ ތާރީހުގައި މި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހީ ވެސް އޭނާއެވެ. އޭނާއަށް ފުޓްބޯޅަ އެންމެ ފުރަތަމަ ތައާރަފްވީ އުމުރުން ނުވަ އަހަރުގައި ތުރުކުމެނިސްތާނަށް އާއިލާއާއެކު ދިޔަ ދަތުރެއްގައެވެ. އޭނާ އަކީ އުމުރުފުރާގެ ގައުމީ ޓީމުތަކުގައި ޑޮމިނޭޓްކުރި ކުޅުންތެރިއެކެވެ. އޭނާގެ އެންމެ ކުޅަދާނަ އެއް ކަމަކީ ބޮލުން ޖެހުމާއި ވައިގެ ތެރޭގައި އޭނާގެ ވަރުގަދަކަމެވެ. ބަރާބަރު ޕޮޒިޝަނުގައި ހުރުމާއި ނިންމާލުން ރަނގަޅުވުމެވެ. މިހެންވެ އޭނާ އަކީ އިރާނުގެ ޒްލަޓާން އިބްރަހިމޮވިޗް ކަމަށްވެސް އިނގިރޭސި މީޑިޔާއިން ކިޔައިއުޅެއެވެ. އެކަމަކު އަޒްމޫން ބުނީ އޭނާ މިއުކުޅުތައް ދަސްކުރީ އިރާނުގެ ރެކޯޑް ގޯލްސްކޯރަރު އަލީ ދާއީގެ ކިބައިން ކަމަށެވެ. އޭނާ އަކީ ފުޓްބޯޅައިގެ އިތުރުން އިރާނުގެ އަންހެން ވޮލީ ޓީމެއްގެ ވެރިޔާ އެވެ. އަދި އަސް ރޭސްޖެހުމާއި ބަކަރި ހުއިހެއްޕުމަކީވެސް އޭނާ އާދަވެ ކުރާކަމެކެވެ. އޭނާގެ ފުރަތަމަ ކުލަބު ކަމަށްވާ ރުބެން ކަޒާންގައި 69 ނަންބަރު ޖާޒީ ބޭނުންކުރީ ގޭގެ ކާރު ރަޖިސްޓްރޭޝަން ނަންބަރު ޕްލޭޓަކީ އެއީ ކަމަށްވާތީއެވެ. ގައުމީ ޓީމަށް އޭނާ ވަނީ 65 މެޗުން 41 ގޯލު ޖަހައިދީފައެވެ.
ސައީދު ސީމަން ގުއްދޫސް
ސައީދު ސީމަން ގުއްދޫސް އަކީ އިނގިރޭސި ޕްރެމިއާ ލީގުގެ ބްރެންޓްފޯޑުގެ ފޯވަޑެވެ. މައިންބަފައިންނަކީ ސްވިޑްންގެ ބަޔަކަށްވުމުން އިރާނަށް ކުޅެން ފެށުމުގެ ކުރިން ސްވިޑްން ގައުމީ ޓީމުން އެކުވެރިކަމުގެ ދެ މެޗެއްގައި ފެނިގެންދިޔައެވެ. އަދި ސްވިޑްންއަށް ގޯލެއް ވެސް ޖަހައިދިނެވެ. ނަމަވެސް އިރާނަށް ކުޅެން އޭނާ ނިންމީ ކޯޗު ކާލޮސް ކުއިރޯޒުގެ ވިސްނައިދިނުމުގެ ތެރެއިންނެވެ. މި ގޮތުން 2018 ވަނަ އަހަރުގެ ވޯލްޑްކަޕަށްދިޔަ އިރާނު ޓީމުގައި އޭނާ ހިމެނުނެވެ. ގުއްދޫސް އަކީ އެޓޭކިންގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ނިންމާލުން ރަނގަޅު ފޯވަޑެކެވެ. އިރާނުގެ ކުޅުންތެރިންގެ ތެރެއިން އޭނާ އަކީ ނައިކް ކުންފުނިން ސްޕޮންސާކޮށްފައިވާ މަދު ކުޅުންތެރިންގެ ތެރެއިން އެކެކެވެ. ގައުމީ ޓީމަށް މިހާތަނަށް 33 މެޗު ކުޅެދީ އޭނާ ވަނީ ދެ ގޯލު ޖަހާދީފައެވެ.
އިހުސާން ހަޖްސާފީ
އިހުސާން ހަޖްސާފީ އަކީ އިރާން ޓީމުގެ ކެޕްޓަނެވެ. އަދި ގްރީސްގެ އެތެންސްގެ ވާތުބެކެވެ. ހަޖްސާފީ އަކީ އިރާނުގެ ޔޫތު ސިސްޓަމުގެ ތެރެއިން ފުރޭނިގެން ގައުމީ ޓީމާ ހަމައަށް ދަތުރުކުރި ކުޅުންތެރިއެކެވެ. އުމުރުން މިހާޜު 32 އަހަރުގެ ކުޅުންތެރިޔާ ގައުމީ ޓީމަށް ކުޅެން ފެށީ 2008 ގައެވެ. ގައުމީ ޓީމަށް އޭނާ ފުރަތަމަ ގޯލެއް ޖެހީ މި އަހަރު ބޭއްވި ވެސްޓް އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން ޗެމްޕިއަންޝިޕުގައެވެ. މިހާތަނަށް އޭނާ ވަނީ ގައުމީ ޓީމަށް 121 މެޗުން ހަތް ގޯލު ޖަހައިދީފައެވެ. އޭނާ ވަނީ ގަލްޕް ޕްރޯ ލީގުގެ އެންމެ މޮޅު ޑިފެންޑަރުކަމާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.
އިރާނުގެ ކޯޗަކީ ޕޯޗުގަލް އާއި ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ކާލޮސް ކުއިރޯޒެވެ. ވޯލްޑްކަޕަށް އެންމެ ތިން މަހަށްވީ ފަހުން އޭނާ ކޯޗުކަމާ ހަވާލުވީ ކުރީގެ ކޯޗާއި ކުޅުންތެރިންގެ މެދުގައި އުފެދުނު ހިލާފުތައް އެއްގޮތްނުކުރެވި ވޯލްޑްކަޕަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެކަމަށް ބަލައި އިރާނުން އާ ކޯޗަކު ހޯދުމުންނެވެ. ކުއިރޯޒް ވަނީ މީގެ ކުރިން 2011 އިން 2019 އަށް އިރާނުގެ ކޯޗުކަންކޮށްފައެވެ. އޭނާ މަގާމުން ވަކިވީ މުސާރަ ނުދިނުމާއި އޭނާ ބޭނުންވާ ކަންކަން ގައުމީ ޓީމަށް ހަމަޖައްސައިނުދެވޭ މައްސަލަ ތަކުރާރުވާން ފެށުމުންނެވެ. އިރާނުން އިސްތިއުފާ ދިނުމަށްފަހު ކުއިރޯޒް ދެން ހަވާލުވި ދެ ވަޒީފާއިން ވެސް ނުހަނު އަވަހަށް ވަކިކުރިއެވެ. އެއީ ކޮލަމްބިއާގެ ކޯޗުކަމާއި މިސުރުގެ ކޯޗުކަމުންނވެ. މީގެ ތެރެއިން މިސުރުގެ ކޯޗުކަމުން އޭނާ ވަކި ކުރީ އެފްރިކަން ކަޕް އޮފް ނޭޝަންގެ ނާކާމިޔާބީއާވެސް ގުޅިގެންނެވެ. ސައުތު އެފްރިކާ އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ކޯޗުކަންވެސް ކުރި ކުއިރޯޒަކީ ދެ ފަހަރެއްގެ މަތީން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަންގެ އިސް އެސިސްޓެންޓް ކޯޗެވެ. މިހުރިހާ ތަޖުރިބާތަކެއްގެ ތެރެއިން ކުއިރޯޒްގެ ފާހަގަކޮށްލެވޭ ހަމައެކަނި ކާމިޔާބީއަކީ 2003 ވަނަ އަހަރުގެ ސުޕަކަޕް ރެއާލް މެޑްރިޑަށް ހޯދައިދިނުމެވެ.