ޔުނައިޓެޑް ސްޓޭޓްސް ނުވަތަ އެމެރިކާ އަކީ ދުނިޔޭގެ އެންމެ ކުރިއަރާފައި އަދި އެފަދަ ދެވަނައެއްނެތް އެންމެ ބޮޑު ބާރެވެ. އިގްތިސާދީ ގޮތުންނާއި މިލިޓަރީ ގޮތުން ވެސްމެއެވެ. ދުނިޔެދެކެފައިވާ ބޮޑެތި ހުރިހާ ހަނގުރާމެއްގައި އެމެރިކާގެ ބައިވެރުވުމާއި އެމީހުންގެ ހަންފެތުރުން ފެނިގެންދިޔައެވެ. އެމެރިކާގެ ގްރޮސް ޑޮމެސްޓިކް އެކައުންޓްތަކުގެ ހަތަރުބައިކުޅަ އެއްބަޔަކީ މުޅި ދުނިޔެއާ ނުބައްދަލު މިންވަރެކެވެ. އެމީހުންގެ މިލިޓަރީ ބަޖެޓް މުޅިދުނިޔެއާ ނުބައްދަލެވެ. އެމެރިކާގެ މުނިފޫހިފިލުވުމުގެ ދާއިރާ އާއި ފިލްމު އިންޑަސްޓްރީ އަކީ ދުނިޔޭގެ އެންމެ ނުފޫގުދަ ބާރުތަކެވެ. އެމެރިކާގެ މައިގަނޑު ބަހަކީ އިނގިރޭސިބަހެވެ. އެމެރިކާ ޑޮލަރަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު އެއަށް ބަރޯސާކުރާ ފައިސާއެވެ. އެމެރިކާގެ މީޑިއާއަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީޑިއާއެވެ. އިމެއްނެތި އިންޓަނެޓް ހުއްޓަސް އެންމެ ގިނަ ބަޔަކު ބަރޯސާކުރަނީ ޓީވީން ބަލައިގެން ތެދުދޮގު ޔަގީންކުރުމަށެވެ. ދުވާލަކު ގައުމުގެ %89 މީހުން އޮންލައިންވެއެވެ. ޔޫޓިއުބާއި ފޭސްބުކާއި ޓުވިޓާގެ ނުފޫޒުގައި ޖެހި 230 މިލިއަން ސޯޝަލް މީޑިއާ ބޭނުންކުރެ އެވެ. ދުނިޔޭގެ އެންމެ ޒަމާނީ ޓެކްނޮލިޖީ ހުރީ ވެސް އެގައުމުގައެވެ. މިހުރިހާ ކަމެއް މިހެން ހުއްޓަސް އެމެރިކާގެ އާއްމު ރައްޔިތުންނަށް ލިބޭ އާމްދަނީގައި ވަރަށް ބޮޑެތި ފަރުގުތަކެއްވެއެވެ. އާއިލީ ޒިންމާގައި ތިބޭއިރު މުސާރަ ނުލިބޭ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމަކީވެސް އެމެރިކާއެވެ. ކޮފީ އާއި ސައި ބުއިމަކީ އާދައެކެވެ. އެމެރިކާގެ އެންމެ މަގުބޫލު ކުޅިވަރަކީ އެމެރިކަން ފުޓްބޯޅައެވެ. އޭގެ ފަހުން ރަގްބީ އާއި ބޭސްބޯޅާ އާއި ބާސްކެޓެވެ. އެކަމަކު އެގައުމުގެ އަންހެން ފުޓްބޯޅަ ޓީމަކީ ދުނިޔޭގެ އެންމެ ކާމިޔާބު އަންހެން ޓީމެވެ.
ގެރެގް ބްރަހޯލްޓާގެ ކޯޗުކަމުގައި އެމެރިކާއިން މައިގަނޑު ގޮތެއްގައި ކުޅެނީ 4-3-3 ފޯމޭޝަނަށެވެ. އިދިކޮޅުގައި ކޮންމެ ޓީމެއް އޮތަސް އެމެރިކާ އަށް އެންމެ ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅެވި، އެންމެ ރަނގަޅަށް އެޓޭކް ރޭވިފައިވަނީވަނީ މި ފޯމޭޝަނަށެވެ. ނަމަވެސް ކޯޗަށް އޮތް އެންމެ ބޮޑު މައްސަލައަކީ މި ފޯމޭޝަނަށް އެންމެ އެކަށީގެންވާ ފެންވަރުގެ 11 ކުޅުންތެރިން ނެތުމުގެ މައްސަލައެވެ.
ފޯވަޑަކާއި ކީޕަރެއްގެ މައްސަލަ:
އެމެރިކާގެ ކޯޗަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކީޕަރެއްގެ މައްސަލައެވެ. ގޯލަށް ކުޅެން ތިބީ މެންޗެސްޓާ ސިޓީގެ ރިޒާވް ކީޕަރާއި އާސެނަލްގެ ރިޒާވް ކީޕަރެވެ. މީގެ ތެރެއިން ސިޓީން ލޯނު އުސޫލުން ދޫކޮށްފައިވާ ކީޕަރު ޖެކް ސްޓެފަން އަކީ ފަހަތުން ޓީމު ލައްވައި ކުޅުވައި ދިނުމުގައި ހުނަރުވެރި ކީޕަރެކެވެ. އެކަމަކު އާސެނަލްގެ ޓާނާގެ ސޭވްތައް މާގިނައެވެ.
މީގެ އިތުރުން ފޯވަޑް ޖޯޒީ އަލްޓިޑޯގެ ބަދަލުގައި މޮޅު ފޯވަޑެއް އެމެރިކާއަށް ނެތެވެ. ކިރިޔާ ވެސް އެފެންވަރުގެ ކުޅުންތެރިއަކަށް މިހާތަނަށް ފެނިފައިވަނީ އެމެރިކާ ލީގުގެ ޑަލަސް އަށް ކުޅޭ ޖެސޫސް ފެރެއިރާ އެވެ. މީގެ އިތުރުން އަނިޔާގެ މައްސަލަތައްވެސް އެމެރިކާ ޓީމަށް ވަނީ ކުރިމަތިވެފައެވެ.
އެމެރިކާ ވަނީ 10 ފަހަރު ވޯލްޑްކަޕް ކުޅެފައެވެ. އެމީހުންގެ ފުރަތަމަ މުބާރާތަކީ ވޯލްޑްކަޕުގެ ފުރަތަމަ މުބާރާތްކަމަށްވާ 1930 ވަނަ މުބާރާތެވެ. އެފަހަރު ސެމީ ފައިނަލް ކުޅުނު ނަމަވެސް އެފަހުން އެމެރިކާއަށް ކުއާޓާ ފައިނަލް ކުޅެވުނީ ވެސް އެންމެ ފަހަރަކުއެވެ. ފުރަތަމަ ވޯލްޑްކަޕަށްފަހު 1934 ވަނަ އަހަރުގެ މުބާރާތުން އެމެރިކާ ކެޓީ ފުރަތަމަ ބުރުންނެވެ. ޖެހިގެން އައި މުބާރާތުން ވެސް ނުފެނުނެވެ. އެކަމަކު 1950 ގެ މުބާރާތުގައި ކުޅެވެސް ގަދަ އަށް ޓީމުތެރޭގައި ވެސް ލައްވާނުލިއެވެ. އެމެރިކާ ދެން ވޯލްޑްކަޕުން ފެނުނީ އޭގެ 34 އަހަރު ފަހުން އިޓާލިއާ 90 ގައެވެ. މިއަށްފަހު އެމެރިކާ ވޯލްޑްކަޕުން ގެއްލުނީ ރަޝިޔާ ވޯލްޑްކަޕުގައެވެ. އަށް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވޯލްޑްކަޕާ ކުރިމަތިލާއިރު އެމެރިކާ ޓީމަކީ މެދުފެންތީގެ ޓީމެކެވެ.
ކުޅުނު: 14 މެޗު
މޮޅުވި: 8
ބަލިވި: 2
އެއްވަރުވި 4
އެމެރިކާ ވޯލްޑްކަޕަށް ކޮލިފައިވީ ކިރިޔަ ކިރިޔާއެވެ. ކޮންކާކަޕް ސަރަހައްދުގެ ކޮލިފައިންގެ ފަހު ބުރުގައި ގަދަ ތިނެއްގައި އެމީހުން ލައްވާލީ ނަސީބު ރަނގަޅު ކަމުންނެވެ. ކޮލިފައިންގެ ފަހު މެޗުގައި އެމެރިކާ އަތުން 2-0 އިން މޮޅުވި ކޮސްޓަރިކާ އަށްވުރެ އެމެރިކާއަށް ކުރި ލިބިގެން އޮޓެމެޓިކް ޖާގައެއް ލިބުނީ ޕޮއިންޓްގެ ގޮތުން ދެ ޓީމު ހަމަހަމަވެ ފައިދާ ގޯލުގެ ތަފާތުންނެވެ. މުޅި ކޮލިފައިންގައި 21 ގޯލު ޖެހިއިރު އެމެރިކާ ކޮޅަށް 10 ގޯލު ވަނެވެ. ކޮސްޓަރިކާ ކޮޅަށް ވަނީ އަށް ގޯލެވެ. އެކަމަކު ޖެހި ގޯލު ގިނަވުމުން އެމެރިކާ އަށް ކުރި ލިބުނީއެވެ.
މަޓް ޗާލްސް ޓާނާ
މަޓް ޗާލްސް ޓާނާ އަކީ އިނގިރޭސި ޕްރެމިއާ ލީގުގެ އާސެނަލްގެ ދެ ވަނަ ކީޕަރެވެ. ނަމަވެސް އެމެރިކާ ޓީމުގައި އޭނާއަށް މިދިޔަ އަހަރުން ފެށިގެން އަންގި ލިބެއެވެ. މިހާތަނަށްވަނީ ގައުމީ ޓީމަށް 18 މެޗު ކުޅެދީފަ އެވެ. ޓާނާ އަކީ އުމުރުން 14 އަހަރު ވެންދެން ފުޓްބޯޅަ ކުޅުނު މީހެއްނޫނެވެ. އޭނާ ފުޓްބޯޅަ ކުޅެން ފަށަން ޖެހުނީ އެކުވެރި ކުދިންތަކެއް ކުޅެމުންދިޔަ ޓީމުގެ ކީޕަރެއް ނެތުމުންނެވެ. ޓާނާ އަކީ މި ސީޒަނަށް އާސެނަލްއަށް އެންމެ ފުރަތަމަ ގެންދިޔަ ކުޅުންތެރިޔާއެވެ. އޭނާގެ ސޮއި ހޯދަން އާސެނަލްއިން ހޭދަކުރަން ޖެހުނު އަގަކީ 6 މިލިއަން ނަމަވެސް އޭނާ ދައްކާ ކުޅުމަކަށް ބަލާފައި މިއަގު 10 މިލިއަނަށް އަރާނެއެވެ. އޭނާ ގައުމީ ޓީމަށް ކުޅެން ފެށީ މިދިޔަ އަހަރުއެވެ. ކޮންކާކަފް ގޯލްޑްކަޕުގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުގައި އޭނާ ގޯލަށް ބޯޅަވަނަނުދީ ހިފެހެއްޓިއެވެ. މިއާއެކު އެ މުބާރާތުގެ އެންމެ މޮޅު ކީޕަރަކީވެސް އޭނާއެވެ. އަދި އޭނާއަކީ މިދިޔަ ސީޒަނުގައި މޭޖާ ސޮކާ ލީގުގެ އެންމެ މޮޅު ކީޕަރެވެ.
ސާޖީނިއޯ ޑެސްޓް
ސާޖީނިއޯ ޑެސްޓް އަކީ ބާސެލޯނާއިން މި ސީޒަނުގައި ބޭނުންނެތިގެން ދޫކޮށްލި ކުޅުންތެރިއެކެވެ. ނަމަވެސް އޭސީ މިލާނުން އޭނާގެ ސޮއި ހޯދީ ޑެސްޓަކީ އެޓޭކާއި ޑިފެންސްގައި ވެސް ބައިވެރިވެވޭ އަދި ޒުވާން ކުޅުންތެރިއަކަށްވުމުންނެވެ. އޭނާ އަކީ އެމެރިކާގެ ބައްޕަ އަކާއި ނެދަލޭންޑްސްގެ މަންމައަކަށް ލިބުނު ކުއްޖެކެވެ. ނަމުގެ ފަހަތަށް ޑެސްޓް ކިޔަނީ މިހެންވެއެވެ. އޭނާ އަކީ ފުލްބެކަށް ކުޅޭ ކުޅުންތެރިއެއްގެ ކިބާގައި ހުންނަންޖެހޭ ގިނަ ސިފަތަކެއް ހުރި ކުޅުންތެރިއެކެވެ. އޭގެ ތެރޭގައި ވަރުގަދައަށް ޑިފެންސްކޮށްފައި އެޓޭކްގައި ބައިވެރިވުމާއި ރަނގަޅު ޕޮޒިޝަނުގައި ހުރުމާއި އިދިކޮޅު ކުޅުންތެރިޔާ ގޮވައިގެން ދިއުން ފަދަ ހުނަރުތައް ހުރެއެވެ. ޑެސްޓް ވަނީ އަޔެކްސްއަށް ކުޅުނުއިރު އެކުލަބުގެ ލެޖެންޑް މާކޯ ވެންބާސްޓަންގެ ޝަރަފުގައި ދޭ ޓެލެކްޓް އޮފް ދަ އިޔާގެ މަގާމު ވެސް ހޯދައިފައެވެ.
ކްރިސްޓިއަން ޕުލިސިޗް
ކްރިސްޓިއަން ޕުލިސިޗަކީ އެމެރިކާ ޓީމުގައި ހުރި އެންމެ މޮޅު އަދި އެންމެ އިތުބާރުކުރެވޭ ކުޅުންތެރިޔާއެވެ. ޓީމުގެ ކެޕްޓަނެވެ. ގައުމީ ޓީމުގައި އޭނާ ދައްކާ މޮޅު ކުޅުމާއި ކުރާ ހިތްވަރުގެ ސަބަބުން ގިނަ ބަޔަކު އޭނާއަށް މުހާތަބްކުރަނީ ކެޕްޓަން އެމެރިކާގެ ނަމުންނެވެ. ޕުލިސިޗްގެ ފުރަތަމަ ޕްރޮފެޝަނަލް ކުލަބަކީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑެވެ. އެ ޓީމުގައި އޭނާ ކުޅޭތަން ފެނިފައި ނޫސްވެރިން ބުނަން ފެށީ ކޯޗު ތޯމަސް ތުޗެލް އަށް ރަންގަނޑެއް ފަދަ ކުޅުންތެރިއެއް ލިބިއްޖެ ކަމަށެވެ. އަދި ބައެއް ކޯޗުންގެ ނަޒަރުގައި އޭނާ އަކީ ހުރިހާ ގޮތަކުން ފުރިހަމަ ކުޅުންތެރިއެކެވެ. ނަމަވެސް ޗެލްސީ އަށް ބަދަލުވެ ޓުޗެލްގެ ކޯޗުކަމުގައި ޕުލިސިޗް ފެނިގެންދިޔައީ ބެންޗުންނެވެ. މީގެ ސަބަބުން އޭނާގެ ގައުމީ ޓީމުގެ ކެރިއަރަށް ހުރަސް އެޅިދާނެ ކަމަށްވެސް ބެލެވުނެވެ. ނަމަވެސް ގައުމީ ކޯޗު ބްރަހޯލްޓާ ވަނީ ކުލަބު ބެންޗުގައި އިނަސް ޕުލިސިޗް ގައުމީ ޓީމުގައި ކުޅޭނެ ކަމަށް ބުނެފައެވެ. އޭނާ ބުނީ ޕިލިސިޗަކީ އޭނާ އަކީ ކިހާފެންވަރެއްގެ ކުޅުންތެރިއެއްކަން ސާބިތުކޮށްދީފައި ހުރި ކުޅުންތެރިއެއް ކަމަށާއި ކުލަބުގައި ދުވަހަކު ނުކުޅުނަސް ގައުމީ ޓީމުން ޕުލިސިޗަށް ފުރުސަތުދޭނެ ކަމަށެވެ. އެމެރިކާގެ ގައުމީ ޓީމަށް ޕުލިސިޗް ވަނީ މިހާތަނަށް 51 މެޗުން 21 ގޯލު ޖަހާފަ އެވެ.
ގްރެގް ބްރްހޯލްޓާ އަކީ އެމެރިކާ ޓީމުގެ ކުރީގެ ޑިފެންޑަރެވެ. އޭނާ ވަނީ 1996 އިން 2004 އާ ދެމެދު ގައުމީ ޓީމަށް 44 މެޗު ކުޅެދީފަ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި މާގިނަ ކާމިޔާބީތަކެއް ލިބިފައިނުވެ އެވެ. އޭނާގެ ކޯޗިން ކެރިއަރު ފެށީ 1993 ވަނަ އަހަރު އެމެރިކާގެ ޒުވާން ޓީމުގަ އެވެ. ގައުމީ ޓީމުގައި މިހާތަނަށް އޭނާއަށް ހޯދިފައިވާ ކާމިޔާބީ އަކީ 2020 ވަނަ އަހަރުގެ ކޮންކާކަފް ނޭޝަންސް ލީގާއި އެ ސަރަހައްދުގެ ގޯލްޑްކަޕުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދުމެވެ. އޭނާގެ ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކު ޕްރިފޮޝަނަލް ފުޓްބޯޅަ ކުޅެއެވެ.