ނެދަލޭންޑްސް އަކީ ކަނޑުމަގުން މުދާ އުފުލުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ގައުމެވެ. ރަސްމީ ބަހަކީ ޑަޗްބަހެވެ. ދައުލަތުގެ އެންމެ އިސްވެރިއަކީ ރަސްގެފާނު ވިލިއަމް އެލެގްޒެންޑާއެވެ. އިގްތިސާދު ބިނާވެގެންވަނީ ދަތުރުފަތުރާއި ދަނޑުވެރިކަމާއި ގޭހަށެވެ. ދުނިޔޭގައި ތިން ވަނައަށް ކާބޯތަކެތި އެކްސްޕޯޓްކުރާ ގައުމަކީ ވެސް ނެދަލޭންޑްސްއެވެ. ދުނިޔޭގައި ޗީޒާއި ކިރު އެންމެ ގިނައިން އުފައްދާ ބަޔަކީ ނެދަލޭންޑްސް މީހުންނެވެ. ސައިންސްވެރިން ބުނާ ގޮތުގައި ނެދަލޭންޑްސް މީހުން ނިސްބަތުން އެހެން ގައުމުތަކަށްވުރެ ދިގުކޮށް ތިބޭ މައިގަނޑު ސަބަބަކީ ކެއިންބުއިމުގައި ކިރު ބޭނުންކުރާވަރު އިތުރުވުމެވެ. ނެދަލޭންޑްސްއަށް ބައެއް މީހުން ހޮލެންޑޭވެސް ކިޔައެވެ. ނަމަވެސް މިއީ ގައުމުގެ ބަޔަކަށްވާތީ އާއި ފަތުރުވެރިން ހަމައެކަނި އިހްތިޔާރުކުރަނީ ހޮލެންޑަށް ދާން ކަމަށްވާތީވެ 2020 ވަނަ އަހަރުން ފެށިގެން ނެދަލޭންޑްސްއިން ވަނީ އެގައުމުގެ ރަސްމީ އެއްވެސް ކަމެއްގައި ހޮލެންޑް ބޭނުން ކުރުން ހުއްޓާލައިފައެވެ. ނެދަލޭންޑްގައި އަސާސީ ތައުލީމް އުނގަންނައިދިނުމަކީ މަޖުބޫރު މާއްދާއެކެވެ. ގައުމުގައި 35000 ސްޕޯޓްސް ކުލަބުވެއެވެ. ގައުމުގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުން ވަނީ މީގެ ތެރެއިން ކޮންމެވެސް އެއްކުލަބެއްގައި ރަޖިސްޓްރީވެފަ އެވެ. މީގެ ތެރެއިން ތިންބައިކުޅެ ދެބައި މީހުން ކޮންމެ ހަފުތާއަކުވެސް ކޮންމެވެސް ކުޅިވަރެއްގައި ޝާމިލްވެއެވެ. ފުޓްބޯޅަ އަކީ އެންމެ ގިނަ ބަޔަކު ގަޔާވާ ކުޅިވަރެވެ.
ނެދަލޭންޑްސް މައިގަނޑު ގޮތެއްގައި ކުޅެނީ 4-3-3 ނުވަތަ 5-3-2 ގެ ފޯމޭޝަނަށެވެ. މިއީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ވެސް ކޯޗު ލުއިސް ވެންހާލް ބޭނުންކުރި އުސޫލުތަކެވެ. އެ ފަހަރު ނެދަލޭންޑްސް މުބާރާތް ނިންމާލީ ތިން ވަނާގައެވެ. ކޯޗު ވެންހާލްގެ އެންމެ މުހިންމު ބޭނުމަކީ ޓީމުގެ ފަހަތް ފަރުގަދަ ކުރުމެވެ. ފަސް ޑިފެންޑަރުން ދިފާއުގައި ބޭނުންކުރަން އޭނާ ބޭނުންވަނީ މިހެންވެއެވެ. މީގެ އިތުރުން އޭނާ އަކީ ވިންގަށް ކުޅޭ ކުޅުންތެރިންނަށް ވަރަށް ބޮޑަށް އިސްކަންދީގެން ޓީމު ރާވާ ކޯޗެކެވެ.
ވައިނަލްޑަމް އާއި ކީޕަރެއްގެ މައްސަލަ:
ނެދަލޭންޑްސް ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެންމެ ފަހުގެ ޔޫރޯގައި މޮޅަށް ކުޅުނު މިޑްފީލްޑަރު ޖިއޯޖިއޯ ވައިނަލްޑަމަށް އަނިޔާވުމެވެ. ރޯމާގެ ފަރިތަކުރުންތަކުގައި ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ނެދެލޭންޑްސްއަށް ޖެހިފައިވަނީ އޭނާ ނުލައި ވޯލްޑްކަޕުގައި ރޭވުންތައް ރާވާށެވެ.
މީގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ކީޕަރެއް ނެތުމަކީ ވެސް ނެދަލޭންޑްސްއަށް ކުރިމެތިވެފައިވާ މައްސަލައެކެވެ. މިހެންވެ ވެންހާލް ވަނީ އެއީ ކާކުކަން ގިނަ ބަޔަކަށް ނޭނގޭ ޒުވާން ކީޕަރު މާކް ފްލެކެން ލައްވައި ކުޅުވަން ފަށައިފައެވެ. އޭނާ އަކީ ޑަޗް ލީގުގައި ވެސް ކުޅެފައިވާ ކުޅުންތެރިއަކަށް ނުވާތީވެ ނެދަލޭންޑްސް މީހުން ސަމާސާއަށް ކިޔައި އުޅެނީ އެއީ "ވެންހާލްގެ ކީޕަރު" ކަމަށެވެ. ފޭނޫޑްގެ ކީޕަރު ޖަސްޓީން ބައިލޯ ޓީމަށް ނުނަގަނީ އަނިޔާގެ ސަބަބުންނެވެ. މިހެންވެ ޔެސްޕާ ސިލެސަން އަށް އަނެއްކާ ވެސް ފުރުސަތު ލިބިދާނެ ކަމަށް ގަބޫލުކުރެވޭއިރު ކޯޗު ވެންހާލްއަކީ ވަރަށް ބޮޑަށް ޕެނަލްޓީ މަތަކުރަން މޮޅު ކީޕަރުންނަށް އިސްކަންދޭ ކޯޗެކެވެ.
ނެދަލޭންޑްސް ވަނީ 10 ފަހަރު ވޯލްޑްކަޕުގައި ކުޅެފަ އެވެ. މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1974 އާއި 1978 އަދި 2010 ވަނަ އަހަރު ފައިނަލް ކުޅުމެވެ. ފަހަކަށް އައިސް ނެދަލޭންޑްސް އަކީ ގަވާއިދުން ވޯލްޑްކަޕަށް ކޮލިފައިވެސް ނުވާ ގައުމެކެވެ. އެއަށްވުރެ ބޮޑަށް ނެދަލޭންޑްސްގެ ކުޅުންތެރިންނާއި އެގައުމުގެ ފުޓްބޯޅައިގެ ހާލަތު ދުނިޔޭގެ ނިސްބަތުން ވަކި މޮޅު އިތުރުވެފައެއްނުވެއެވެ. މި ފަހަރުގެ ވޯލްޑްކަޕަށް އެމީހުން މި އަންނަނީވެސް އަށް އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.
ކުޅުނު: 10 މެޗު
މޮޅުވި: 7
ބަލިވި: 1
އެއްވަރުވި 2
ނެދަލޭންޑްސް ވޯލްޑްކަޕަށް ކޮލިފައިވީ ޔޫރަޕުގެ ގްރޫޕް ޖީގެ އެއްވަނަ ހޯދައިގެންނެވެ. މިފަހަރު އެމީހުންނާ ކިރިޔާވެސް ވާދަކޮށްލެވުނު ބަޔަކީ ތުރުކީ އެވެ. ފުރަތަމަ މެޗުގައި ތުރުކީ އަތުން 4-2 އިން ބަލިވުމަކީ މުޅި ކޮލިފައިންގައި ވެސް ނެދަލޭންޑްސްގެ ހަމައެކަނި ބައްޔެވެ. މި ގްރޫޕުގައި ނެދަލޭންޑްސް ޖެހި 33 ގޯލުގެ ތެރެއިން 12 ގޯލު ޖެހީ މެމްފިސް ޑެޕާއީ އެވެ.
ވާޖިލް ވެންޑައިކް
ވާޖިލް ވެންޑައިކް އަކީ ނެދަލޭންޑްސް ޓީމުގެ ހިތެވެ ޓީމުގެ ކެޕްޓަނެވެ. އެންމެ އިތުބާރު ދިފާއީ ކުޅުންތެރިޔާއެވެ. އެންމެ ފަހުގެ ޔޫރޯގައި އޭނާ އަށް އަނިޔާގެ ސަބަބުން ނުކުޅެވުމަކީ އެކަމާ މުޅި ގައުމު ބުރަ އުފުލަންޖެހުނު ކަމަކަށްވިއެވެ. ވެންޑައިކް އަކީ އޭނާގެ ބައްޕަ ރޮން ވެންޑައިކް އާއި ދެކުނު އެމެރިކާގެ ސުރިނާމްގެ މީހަކަށް ލިބުނު ކުއްޖެކެވެ. އޭނާގެ ޖާޒީގައި ވެންޑައިކް ބޭނުންކުރަނީ ވެސް އާއިލީ ނަން ބޭނުންކުރުމަށްޓަކަ އެވެ. އާޖެންޓީނާގެ ތަރި ލަޔޮނަލް މެސީ ބުނާ ގޮތުގައި މިވަގުތު ދުނިޔޭގައި ހުރި އެންމެ އުނދަގޫ ޑިފެންޑަރަކީ ވެންޑައިކްއެވެ. ސަބަބަކީ ޑިފެންސާއި އެޓޭކްގައި ވެސް އޭނާގެ ނުރައްކާބޮޑުވެފައި ޖާނުވަރުގަދަ އަދި ބިމާއި މަތިން އަންނަ ބޯޅަތަކަށް ފަރިތަ ލޯހުޅުވޭ ޑިފެންޑަރަކަށްވުމެވެ. ލިވަޕޫލަށް 2018 ވަނަ އަހަރު ބަދަލުވެ އެޓީމުން ހޯދަމުން އަންނަ ބޮޑެތި ކާމިޔާބީތަކުގައި އެންމެ ބޮޑު ހިއްސާދާރަކީ ވެސް އޭނާއެވެ. ގައުމީ ޓީމަށް މިހާތަނަށް 49 މެޗުން ހަ ގޯލު ޖަހާދީފައިވެއެވެ. ވެންޑައިކްގެ މިލްކިއްޔާތުގައި 30 މިލިއަން ޕައުންޑްވެއެވެ.
ފްރޭންކީ ޑިޔޮންގ
ފްރޭންކީ ޑިޔޮންގ އަކީ ދުނިޔޭގައި މިވަގުތުހުރި އެންމެ މޮޅު މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި އޭނާ އަކީ ޖަރުމަނުގެ ކުރީގެ ތަރި ފްރާންޒް ބެކެމްބާ ފަދަ ކުޅުންތެރިއެކެވެ. ދެން ތިބި ބަޔަކަށް ހޮލެންޑްގެ ކުރީގެ ތަރި ޔޯހްނަ ކްރައިފް އާއި ބާސެލޯނާގެ ކުރީގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ ފަދަ ކުޅުންތެރިއެކެވެ. ބާސެލޯނާ އިން އަޔެކްސް އަށް 75 މިލިއަން ޔޫރޯ ދީފައި އޭނާ ގަތީ މިފަދަ ވާހަކަތަކާ ގުޅިގެންނެވެ. ނަމަވެސް ބާސެލޯނާގައި އަދި އޭނާއަށް އަޔެކްސްގައި ދެއްކި ފަދަ މޮޅު ނުދެއްކެއެވެ. ނަމަވެސް ފްރޭންކީ ޑިޔޮންގް އަކީ މެދުތެރެ އާއި ފަހަތުގެ ކޮންމެ މަގާމަށްވެސް ކުޅެވޭ ފަދަ ހުނަރުވެރިއެކެވެ. އެކި ކޯޗުން ތަފާތު ޕޮޒިޝަންތަކަށް އޭނާ ލައްވައި ކުޅުވަނީ މިހެންވެ އެވެ. އޭނާގެ މިލްކިއްޔާތުގައި 12 މިލިއަން ޑޮލަރު ހުރެއެވެ.
މެމްފިސް ޑެޕާއީ
ނެދަލޭންޑްސްގެ ކުރީގެ މިޑްފީލްޑަރު އާޔެން ރޮބެން ސިފަކުރި ގޮތުގައި މެމްފިސް ޑެޕާއީ އަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ހުނަރުވެރިއެކެވެ. އެކަމަކު ނަފްސާނީ އަދި އާއްމު ދިރިއުޅުމުގެ އަދަބުތައް ގެންގުޅޭގޮތުން އޭނާއަށް އެހިސާބަށް ނުފޯރީ ކަމަށް ބައެއް ކޯޗުން ދެކެއެވެ. އެކަމަކު އޭނާ އަކީ ނެދަލޭންޑްސްގެ ޓީމުގައި ކޮލިފައިންގައި އެންމެ މޮޅަށް ކުޅުނު ކުޅުންތެރިޔާއެވެ. ކޮލިފައިންގައި ނެދަލޭންޑްސް ޖެހި 33 ގޯލުގެ ތެރެއިން 12 ގޯލު ޖެހީ އޭނާއެވެ. ނެދަލޭންޑްސްގެ ގައުމީ ޓީމަށް 80 މެޗުން 42 ގޯލު ޖަހައިދިން ނަމަވެސް އޭނާއަށް ބާސެލޯނާގައި އަދި ރަނގަޅު ކުޅުމެއް ނުދެއްކެއެވެ. އެކުލަބުން މިހާރުވެސް ތިބީ ރަނގަޅު އަގަކަށް އޭނާ ވިއްކާލަން ބޭނުންވެއެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ބާސެލޯނާ ކުޅޭ ސްޓައލްގެ ކުޅުންތެރިއަކަށް ޑެޕާއީ ނުވުމެވެ. އޭނާ އެދެނީ އޭނާއަށް މީހުން މެމްފިސްގެ ނަމުން މުހާތަބް ކުރުމަށެވެ. އެއީ ބައްޕަގެ ހަނދާނުގައެވެ. ގައިގައި ގިނަ ޓެޓޫތަކެއް ޖަހާފައިވާއިރު އޭގެ ތެރޭގައި ކާފަގެ ހަނދާންއާކުރުމަށް ޖަހާފައިވާ ޓެޓޫ އަށް ގޯލުޖަހާފައި ބޮސްދިނުމަކީ އާދައެކެވެ. އޭނާގެ މިލްކިއްޔާތުގައި 20 މިލިއަން ޑޮލަރުވެއެވެ.
އުމުރުން މިހާރު 71 އަހަރުވެފައިވާ ކޯޗު ލުއިސް ވެންހާލް ވޯލްޑްކަޕަށް ފަހު ގައުމީ ޓީމާ ވަކިވާނެއެވެ. އެއީ ކެންސަރުގެ ފަރުވާއަށް ވަގުތު ބޭނުންވާތީއެވެ. ފުޓްބޯޅަ ކެރިއަރުގައި އޭނާ އަކީ ތަޖުރިބާކާރު މޮޅު ކޯޗެވެ. ނަމަވެސް އޭނާއަށް މިފަހަރަކަށް އައިސް ކުލަބާއި ގައުމީ ޓީމުގައި ތަށިތަކެއް ހޯދިފައެއްނުވެ އެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ޒަމާނީ، ޒުވާން ކޯޗުން ގިނަވުމާއި އޭނާގެ ބައެއް އުސޫލުތަކަށް ކުޅުންތެރިން ގަޔާނުވުމާއި މީޑިޔާގެ އުނފަގޫތަކަށް ޑީލްކުރަން ދަތިވުމެވެ. ވެންހާލް އަކީ އަޔެކްސް އާއި ބާސެލޯނާ އަދި ބަޔާން މިއުނިކްގައި ތަށިތަކެއް ހޯދި ކޯޗެކެވެ. މެންޗެސްޓާ ޔުނައިޓެޑްގައި އެފްއޭކަޕް ލިބުނު ނަމަވެސް އެކުލަބުން އޭނާ ވަކިކުރީ އެކަށީގެންވާ ވަގުތު ނުދީކަމަށް ބުނެ މިހާރު ވެސް ޝަކުވާކުރެއެވެ. މިއީ އޭނާ ނެދަލޭންޑްސްއަށް ކޯޗުކޮށްދޭ ތިން ވަނަ ފަހަރެވެ. ކުރީ ދެ ފަހަރުގެ ތެރެއިން 2014 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ތިން ވަނަ ހޯދައިދިނެވެ. އޭނާގެ މިލްކިއްޔާތުގައި 18 މިލިއަން ޑޮލަރު ހުރި ކަމަށް ދައްކައެވެ.