Argentina Flag Argentina Flag
އާޖެންޓީނާ
ދުނިޔޭގެ ރޭންކިންގް
3

ސަރަހައްދީ ކާމިޔާބީ

ކޮޕާ އެމެރިކާގެ ތަށި 15 ފަހަރު ހޯދި (އެންމެ ކާމިޔާބު ޤައުމު)

ވޯލްޑް ކަޕް ކުޅުނު އަދަދު

17

ޗެމްޕިއަންކަން ހޯދި އަދަދު

2

އެންމެ ގިނަ ލަނޑުޖެހީ

ލިއޮނެލް މެސީ (90 ގޯލު)

އެންމެ ގިނަ މެޗު ކުޅުނީ

ލިއޮނެލް މެސީ (164 މެޗު)

އާބާދީ

45.38 މިލިއަން މީހުން

ބަސް

ސްޕެނިޝް

ފައިސާ

އާޖެންޓައިން ޕީސޯ
ތައާރަފް
އާޖެންޓީނާގެ ކުޅުންތެރިން ފައިނަލިސިމާ ކަޕްގެ ތައްޓާއެކު: މި ޓީމު މިވަގުތު އޮތީ ރަނގަޅު ފޯމެއްގައި
އާޖެންޓީނާގެ ކުޅުންތެރިން ފައިނަލިސިމާ ކަޕްގެ ތައްޓާއެކު: މި ޓީމު މިވަގުތު އޮތީ ރަނގަޅު ފޯމެއްގައި

އާޖެންޓީނާއަކީ ދެކުނު އެމެރިކާ ބައްރުގެ ދެކުނު ބިތުގައި އޮންނަ ގައުމެކެވެ. ބިމުގެ ނިސްބަތުން 2.7 ކިލޯމީޓަރަށްވުރެ ބޮޑު މި ގައުމަކީ ދެކުނު އެމެރިކާ ބައްރުގެ ދެ ވަނައަށް އެންމެ ބޮޑު ގައުމެވެ. އާޖެންޓީނާގެ ވެރިރަށަކީ އެ ގައުމުގެ އެންމެ ބޮޑު ސިޓީކަމުގައިވާ ބްވެނޮސް އައިރެޒްއެވެ. ސްޕެއިންގެ އިސްތިއުމާރުގެ ދަށުން ސަލާމަތްވެ އާޖެންޓީނާއިން މިނިވަންކަން އިއުލާނުކުރީ 9 ޖުލައި 1816 ގައެވެ. ނަތީޖާއެއްގެ ގޮތުން ސްޕެނިޝް ބަހުގެ ނުފޫޒުއޮތް އާޖެންޓީނާގެ ރަސްމީ ބަހަކަށް ވެފައިވަނީ ވެސް ސްޕެނިޝް ބަހެވެ. ގުދުރަތީ ވަސީލަތްތަކުގެ މުއްސަނދިކަން ލިބިފައިވާ އަދި ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް ބޭރު ގައުމުތަކަށް އެކްސްޕޯޓްކުރާ އާޖެންޓީނާއަކީ ލެޓިން އެމެރިކާގެ 3 ވަނައަށް އެންމެ ބޮޑު އިގްތިސާދެވެ. އިސްތިއުމާރުގެ ދުވަސްވަރު ހުޅަނގުގެ ގައުމުތަކުގެ ނުފޫޒާހެދި އާޖެންޓީނާގައި އޮތީ މަސްހުނި ސަޤާފަތެކެވެ. އެ ގައުމުގެ ގައުމީ ކުޅިވަރަކީ ޕަޓޯ (އަހުގެ މަތީގައި ޕޯލޯ އަދި ބާސްކެޓްބޯޅައިގެ ސާމާނު ބޭނުންކޮށްގެން ކުޅޭ ކުޅިވަރެއް) އެވެ. އެހެންނަމަވެސް އާޖެންޓީނާގައި އެންމެ މަޤުބޫލު ކުޅިވަރަކީ ފުޓްބޯޅައެވެ. އާޖެންޓީނާއަކީ، ބައިނަލްއަޤުވާމީ ފުޓްބޯޅައިގައި ވޯލްޑް ކަޕް، ކޮންފެޑެރޭޝަން ކަޕް އަދި އޮލިމްޕިކް ގޯލްޑް މެޑަލް ހޯދުމުގެ ޝަރަފު އޮތް ހަމައެކަނި 3 ގައުމުގެ ތެރެއިން އެއް ގައުމެއެވެ. 

ފާހަގަކޮށްލެވޭ ބައެއްކަންކަން:

  • ދުނިޔޭގެ އެންމެ ފުރަތަމަ އެނިމޭޓެޑް ފީޗަރ ފިލްމް އުފެއްދި ޤައުމު
  • އާޖެންޓީނާގެ ވެރިރަށް ބްވެނޮސް އައިރެޒްގެ މާނައަކީ "ސާފު ވައި"
  • އެއް ނަމެއް ގިނަވެ، ދިމާވެދާނެ ދަތިތަކަކަށްޓަކާ، މެސީގެ އުފަން އަވަށުން، އެ އަވަށުގެ ކުދިންނަށް މެސީގެ ނަން ދިނުން މަނާކުރި

ޓެކްޓިކްސް:

އާޖެންޓީނާ ޓީމަކީ ހުރިހާ ޑިޕާޓްމަންޓެއް ވަރުގަދަ ޓީމެކެވެ. ކީޕަރު މާޓިނޭޒް އިން ފެށިގެންގޮސް ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އާއި މިޑްފީލްޑަރު ރޮޑްރިގޯ ޑިޕައުލް ހުސްކޮށް، ފޯވަޑް ލަޔޮނަލް މެސީއާ ހަމައަށް އާޖެންޓީނާ ޓީމުގައި ހުނަރު މިއިން ޒަމާނަކު ނެތްވަރަށް އެބައޮތެވެ. ޓީމު މައިގަނޑު ގޮތެއްގައި ކުޅެނީ 4-3-3 ފޯމޭޝަނަށެވެ. ނަމަވެސް މުޅި ޓީމުގެ ބިނާކޮށްފައިވަނީ އިދިކޮޅު ޓީމުގެ ޕެނަލްޓީ އޭރިޔާމަތީގައި މެސީ ހުރެގެން އާޖެންޓީނާ ޓީމު ކުޅޭނެ ގޮތްތަކަށެވެ.

ކޯޗަށް ޓީމު ނަގަން ދަތިވަނީ ކީއްވެ؟

އާޖެންޓީނާ ޓީމުގެ ފުރަތަމަ އެގާރަ ކަނޑައަޅަން ކޯޗު ލަޔޮނަލް ސްކްލޯނީ އަށް ދަތިތަކެއް އެބަހުއްޓެވެ. ބައެއް މަގާމުތަކަށް އެއް ފެންވަރެއްގައި ދެ ކުޅުންތެރިއަކު ވާދަކުރާތީ އެވެ. ވާތު ބެކާއި މިޑްފީލްޑް ލައިނާއި މެސީއާއި ލައުޓާރޯ މާޓިނޭޒާއެކު ކުރިއަށް ކުޅޭނެ ތިން ވަނަ ފޯވަޑަކު ކަނޑައަޅަން އޭނާއަށް ގިނަ އޮޕްޝަންތަކެއް އެބަހުއްޓެވެ. އަނެއްކޮޅުން މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ ވޯލްޑްކަޕަށް ފަހު ކޯޗުކަމުގައި ސްކޮލޯނީ ހުންނާނެ ކަމާމެދުއެވެ. މެސީ އާއި އެންހެން ޑިމާރިޔާ ފަދަ ފާއިތުވެދިޔަ ދެ އަހަރު ތަށިތައް ހޯދައިދިން ކުޅުންތެރިން ވޯލްޑްކަޕަށް ފަހު ގައުމީ ޓީމަށް އަލްވަދާއު ކިޔާނެ އެވެ.

1986ގެ ވޯލްޑްކަޕް ކާމިޔާބުކުރުމަށްފަހު ކެޕްޓަން ޑިއެގޯ މަރަޑޯނާ އުފާފާޅު ކުރަނީ: އާޖެންޓީނާ މުބާރާތް ދެ ފަހަރު ކާމިޔާބުކުރި
1986ގެ ވޯލްޑްކަޕް ކާމިޔާބުކުރުމަށްފަހު ކެޕްޓަން ޑިއެގޯ މަރަޑޯނާ އުފާފާޅު ކުރަނީ: އާޖެންޓީނާ މުބާރާތް ދެ ފަހަރު ކާމިޔާބުކުރި

ވޯލްޑް ކަޕުގެ ތާރީހް:

އާޖެންޓީނާއަކީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ކާމިޔާބު ގައުމުތަކުގެ އިސް ސަފުގައި ނަން ކިޔޭ ގައުމެކެވެ. އާޖެންޓީނާއިން ވަނީ މިހާތަނަށް 2 ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. އެއީ 1978 އަދި 1986 ގައެވެ. މުބާރާތް ބޭއްވި ގައުމުގެ ހައިޞިއްޔަތުން ކޮލިފައިވި އާޖެންޓީނާއިން 1978 ވަނަ އަހަރު ވޯލްޑްކަޕްގެ ފުރަތަމަ ތަށި އުފުލާލީ އިތުރު ވަގުތު ކުޅެގެން 3-1 ގެ ނަތީޖާއިން ނެދަލެންޑްސް ބަލިކޮށްފައެވެ. އޭގެ އެއް މުބާރާތް ފަހުން، 1986 ވަނަ އަހަރު އާޖެންޓީނާ ވޯލްޑް ކަޕް ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިން ވެސްޓް ޖާމަނީ ބަލިކޮށްފައެވެ. މި ކާމިޔާބީގައި އެ މުބާރާތުގައި އާޖެންޓީނާގެ ކެޕްޓަން ބޭންޑް އަޅައިގެންހުރި ޑިއޭގޯ މަރަޑޯނާގެ ދައުރު ވަރަށް ބޮޑެވެ. މީގެ އިތުރުން އާޖެންޓީނާއިން ވަނީ 1930، 1990 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ވެސް ވާދަކޮށްފައެވެ. މިހާތަނަށް ބޭއްވުނު ވޯލްޑް ކަޕް މުބާރާތްތަކުގެ ތެރެއިން 4 މުބާރާތެއް ފިޔަވައި އެހެން ހުރިހާ މުބާރާތަކަށް ވެސް އާޖެންޓީނާ ކޮލިފައިވެފައިވެއެވެ. މިއަށްވުރެ ރަނގަޅު ރެކޯޑެއް އޮތީ ހަމައެކަނި ބްރެޒިލް އާއި ޖަރުމަނުގެ އަތުގައެވެ.

ވޯލްޑް ކަޕަށް ކޮލިފައިވީ ގޮތް:

ކުޅުނު މޮޅުވި ބަލިވި އެއްވަރުވި
17 11 0 6

އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވީ ދެކުނު އެމެރިކާގެ 2 ވަނަ ޓީމުގެ ގޮތުގައެވެ. ކޮލިފައިން ފަށައިގެން އާޖެންޓީނާ ފުރަތަމަ ކުޅު ދެ މެޗުން ޗިލީ އާއި ކޮލަމްބިއާ އަތުން އެއްވަރުވުމުން އެ ގައުމަށް ފާޑުކިޔުންތައް އަމާޒުވެ ޕްރެޝަރާ ކުރިމަތިވިއެވެ. އެހެންނަމަވެސް، ޖެހިގެން އައި ދެ މެޗުން ވެނެޒުއޭލާ އަތުން 3-1 އިން އަދި ކޮލަމްބިއާ ބޮލީވިއާ އަތުން 3-0 ގެ ނަތީޖާއިން މޮޅުވެ އާޖެންޓީނާ ހިންދެމިލިއެވެ. އެއަށްފަހު ޕެރެގުއޭއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް، 1-0 ގެ ނަތީޖާއިން ދެން ޖެހިގެން އައި ދެ މެޗުން ޕެރޫ އާއި އުރުގުއޭ ބަލިކުރިއެވެ. އޭގެ ފަހުން ކުޅުނު މެޗުތަކުގެ ތެރެއިން ބްރެޒިލް އާއި އެކުއެޑޯ އަތުން އެއްވަރުވިއިރު، ޗިލީ، ކޮލަމްބިއާ އަދި ވެނެޒުއޭލާ ބަލިކޮށް އާޖެންޓީނާ ކޮލިފިކޭޝަން ނިންމާލީ ގްރޫޕުގެ 2 ވަނައިގައެވެ. ގްރޫޕްގެ 1 ވަނަ ލިބުނީ ބްރެޒިލްއަށެވެ. ދެކުނު އެމެރިކާއިން އެންމެ މެޗަކުން ވެސް ބަލިނުވެ ކޮލިފައިވި ދެ ގައުމަކީ އާޖެންޓީނާ އާއި ބްރެޒިލްއެވެ.

އެންމެ މުހިންމު 3 ކުޅުންތެރިން:

1. ލިއޮނެލް މެސީ

ލިއޮނަލް މެސީއަކީ ދުނިޔެ މިހާތަނަށް ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. 24 ޖޫން 1987 ގައި އުފަންވި ލިއޮނަލް މެސީ ފުޓްބޯޅަ ކެރިއަރު ފެށީ އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއީޒް އިންނެވެ. އެއަށްފަހު ބާސެލޯނާގެ އެކަޑަމީއާ ގުޅި ބާސެލޯނާގެ ސީ އަދި ބީ ޓީމަށް ކުޅެފައިވެއެވެ. ބާސާގެ ސީނިއާ ޓީމުން މެސީއަށް ފުރަތަމަ ޖާގަ ލިބުނީ 2004 ވަނަ އަހަރުގައެވެ. މިދިޔަ ސީޒަންގައި ޕީއެސްޖީއަށް ބަދަލުވުމަށްފަހު މެސީގެ ލަނޑުގެ އަދަދު ވަރަށް ބޮޑުތަން މަދުވި ނަމަވެސް، މި ސީޒަންގައި އޭނާ ވަނީ ޕީއެސްޖީއަށް ކުޅެދިން ފުރަތަމަ 11 މެޗުން 6 ލަނޑު ޖަހާ 8 އެސިސްޓް ހަދާފައެވެ.

އާޖެންޓީނާއިން ވޯލްޑްކަޕާ ކުރިމަތިލާއިރު، އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިއަކަށް ވެސް ވާނީ، ގައުމީ ޓީމަށް ކުޅެދިން 164 މެޗުން 90 ލަނޑު ކާމިޔާބުކޮށްފައިވާ ކެޕްޓަން މެސީ އެވެ. އާޖެންޓީނާއިން 2021 ވަނަ އަހަރު ކޮޕާ އެމެރިކާ ކާމިޔާބުކުރިއިރު، އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން މެސީއަކީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސްމެއެވެ. މިހާރު އުމުރުން 35 އަހަރުގެ މެސީއަށް މިއީ އެންމެ ފަހު ވޯލްޑްކަޕެވެ. އެކަން އޭނާ ވަނީ އިއުލާންކޮށްފައެވެ. 2014 ވަނަ އަހަރު ފައިނަލުން ބަލިވި ބަލިވުމުގެ ހިތި ފިލުވާލާ ވޯލްޑް ކަޕްގެ ތަށްޓެއް އުފުލާލުން އެއީ މެސީގެ އެންމެ ބޮޑު އުންމީދަށް ވާނެއެވެ.

ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީގެ މިލްކިއްޔާތުގައި 600 މިލިޔަން ޑޮލަރު ހުންނާނެކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންޓަމިލާނަށް ކުޅޭ އާޖެންޓީނާގެ ފޯވަޑް ލައުޓާރޯ
އިންޓަމިލާނަށް ކުޅޭ އާޖެންޓީނާގެ ފޯވަޑް ލައުޓާރޯ

2. ލައުޓަރޯ މާޓިނޭޒް

އާޖެންޓީނާގެ ފޯވާޑްލައިންގައި މެސީއާއެކު ދެން އެންމެ މުހިންމު ކުޅުންތެރިޔަކަށް ވާނީ އުމުރުން 25 އަހަރުގެ ލައުޓަރޯ މާޓިނޭޒްއެވެ. ސެންޓަރ ފޯވާޑެއްގެ މަޤާމަށް ކުޅޭ މާޓިނޭޒްއަށް ގައުމީ ޓީމަށް ފުރަތަމަ މެޗެއް ކުޅެން ލިބުނީ 27 މާރިޗު 2018 ގައެވެ. މިހާތަނަށް އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 40 މެޗުން 21 ލަނޑު ޖަހާފައެވެ. 2021 ވަނަ އަހަރު ކޮޕާ އެމެރިކާ ކާމިޔާބުކުރި އާޖެންޓީނާގެ ޓީމުގައި ވެސް މާޓިނޭޒް ހިމެނުނުއިރު، އެ މުބާރާތުގައި އޭނާ 3 ލަނޑު ކާމިޔާބުކުރިއެވެ. މީގެ އިތުރުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ވެސް އޭނާގެ ފަރާތުން މޮޅުކުޅުމެއް ފެނުނެވެ.

ފާއިތުވި ސީޒަންގައި އޭނާގެ ކުޅުން ދަށްކަމަށް ފެނުނަސް މާޓިނޭޒް މި ވަގުތު ހުރީ ވަރަށް ރަނގަޅު ފޯމެއްގައެވެ. އިޓާލިއަން ލީގުގެ މި ސީޒަންގައި އިންޓަ މިލާންއަށް ކުޅެދިން ފުރަތަމަ 7 މެޗުން އޭނާ ވަނީ 3 ލަނޑު ޖަހާ 1 އެސިސްޓް ހަދާފައެވެ. އިދިކޮޅު ޓީމުތަކުގެ ގޯލަށް ނުރައްކާކުރާނެ މި ކުޅުންތެރިޔާގެ މިލްކިއްޔާތުގައި 5 މިލިޔަން ޑޮލަރު ހުންނާނެކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެސްޓަންވިލާގެ އާޖެންޓީނާ ކީޕަރު މާޓިނޭޒް
އެސްޓަންވިލާގެ އާޖެންޓީނާ ކީޕަރު މާޓިނޭޒް

3. އެމިލިއާނޯ މާޓިނޭޒް

އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާއަށް ކުޅެމުން އަންނަ ގޯލްކީޕަރ އެމިލިއާނޯ މާޓިނޭޒް އަކީ މި ވަގުތު އާޖެންޓީނާގެ އެންމެ ވަރުގަދަ ދިފާއީ ފާރެވެ. އާޖެންޓީނާއިން 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކުރުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ. އެ މުބާރާތަކީ އެމިލިއާނޯ މާޓިނޭޒް މިހާތަނަށް އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މުބާރާތްކަމަށް ވިޔަސް، މުޅި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރުގެ ވިދުން ގަދަވީ ސެމީ ފައިނަލްގެ ޕެނަލްޓީ ޝޫޓް-އައުޓްގައި އޭނާ 3 ޕެނަލްޓީ ސޭވްކުރުމުންނެވެ. މުޅި މުބާރާތުގައި 4 މެޗެއްގައި ބައިކޮޅަށް ގޯލެއް ވަނަނުދީ ހިފަހައްޓާލިއިރު، އޭނާ ވަނީ ޖުމްލަ 12 ސޭވް ކޮށްފައެވެ.

އެމިލިއާނޯ މާޓިނޭޒް މިހާތަނަށް އާޖެންޓީނާގެ ގައުމީ ޓީމަށް 18 މެޗު ކުޅެދީފައިވެއެވެ. އުމުރުން މިހާރު 30 އަހަރުގެ މާޓިނޭޒްގެ މިލްކިއްޔާތުގައި 1.5 މިލިޔަން ޔޫރޯ ހުންނާނެކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޯޗު ލިޔޮނަލް ސްކަލޯނީ
ކޯޗު ލިޔޮނަލް ސްކަލޯނީ

ކޯޗު:

އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ކުރިން އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ އާޖެންޓީނާގެ ރައްޔިތެކެވެ. އެންމެ ފަހުން އެޓަލަންޓާއަށް ކުޅުނު ސްކަލޯނީ 2015 ވަނަ އަހަރު ކުޅުން ހުއްޓާލިއިރު،އޭނާގެ ކޯޗިންގ ކެރިއަރ ފެށީ 2016 ވަނަ އަހަރުގައެވެ. އެއީ ސްޕެއިންގެ ސެވިއްޔާގެ އެސިސްޓެންޓް ކޯޗެއްގެ މަޤާމުންނެވެ. އެއަށްފަހު 2017 ވަނަ އަހަރު އާޖެންޓީނާގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަޤާމު އޭނާއަށް ލިބުނެވެ. އޭރު ގައުމީ ޓީމުގައި ހުރި ކޯޗު 2018 ވަނަ އަހަރުގައި މަޤާމުން ދުރުކުރުމަށްފަހު، ސްކަލޯނީއާ ވަގުތީ ގޮތުން ޓީމު ހަވާލުކޮށް، ނަތީޖާތައް ރަނގަޅުވުމުން ފަހުން އޭނާ ދާއިމީ ކޯޗެއްގެ މަޤާމަށް ހަމަޖެއްސިއެވެ.

ސްކަލޯނީގެ ކޯޗިންގ ކެރިއަރގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2021 ވަނަ އަހަރު ބްރެޒިލް ބަލިކޮށް އާޖެންޓީނާއަށް ކޮޕާ އެމެރިކާ ކާމިޔާބު ކޮށްދެވުމެވެ. މީގެ އިތުރުން އޭނާގެ މާލިމީކަމުގައި ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުން ބަލިކޮށް ފިނަލީއްސިމާ ކާމިޔާބުކުރި، އާޖެންޓީނާގެ ފަރާތުން ވަރަށް ބޮޑު އެޓޭކިންގ ފުޓްބޯޅައެއް ފެނިގެންދިޔައެވެ. އާޖެންޓީނާގެއަށް މިހާތަނަށް އޭނާ 49 މެޗެއްގައި އިރުޝާދު ދީފައިވާއިރު، އޭގެ ތެރެއިން 33 މެޗުން މޮޅުވެ، 12 މެޗު ވަނީ އެއްވަރުވެފައެވެ. 4 މެޗުން ބަލިވިއިރު، އާޖެންޓީނާއާއެކު ކޯޗެއްގެ ގޮތުގައި ސްކަލޯނީގެ މޮޅުގެ ނަތީޖާއަކީ 67.35 އިންސައްތައެވެ.

"އަހަރެމެންނަށް ކުޅެންޖެހޭ ޓީމުތައް ރަނގަޅަށް އެނގޭ. އިދިކޮޅު ޓީމުތަކުގެ މެޗުތައް ބަލައިފިން. ދިރާސާ ވެސް ކޮށްފިން. އެހެނަސް 3 މަސްދުވަސް ވާންދެން ހުއްޓުމެއް ނެތި ބެލުމުގެ ބޭނުމެއް ނެތް. އެއީ އަދި ވެސް (ވޯލްޑް ކަޕްގެ ކުރިން) މެޗުތަކެއް ހުރީމާ. އަދި ކަންތައްތައް ބަދަލުވުމުގެ ފުރުސަތު އޮތީތީ. އެންމެ މުހިންމު ކަމަކީ ހަމަބިމުގައި ތިބުން" އާޖެންޓީނާގެ ކޯޗު ސްކަލޯނީ އޮގަސްޓް 9 ގައި ދިން އިންޓަވިޔުއެއްގައި ވޯލްޑް ކަޕާ ބެހޭގޮތުން ބުންޏެވެ.

މެޗުތައް
Nov, 22 2022 15:00
ލުސައިލް ސްޓޭޑިއަމް
Nov, 27 2022 00:00
ލުސައިލް ސްޓޭޑިއަމް
Dec, 01 2022 00:00
ސްޓޭޑިއަމް 974
Dec, 10 2022 00:00
ލުސައިލް ސްޓޭޑިއަމް
Dec, 04 2022 00:00
އަހުމަދުބިން އަލީ ސްޓޭޑިއަމް
Dec, 14 2022 00:00
ލުސައިލް ސްޓޭޑިއަމް
Dec, 18 2022 20:00
ލުސައިލް ސްޓޭޑިއަމް