Australia Flag Australia Flag
އޮސްޓްރޭލިޔާ
ދުނިޔޭގެ ރޭންކިންގް
38

ސަރަހައްދީ ކާމިޔާބީ

އޭޝިޔާގެ ޗެމްޕިއަންކަން 1 ފަހަރު

ވޯލްޑް ކަޕް ކުޅުނު އަދަދު

5

ޗެމްޕިއަންކަން ހޯދި އަދަދު

0

އެންމެ ގިނަ ލަނޑުޖެހީ

ޓިމް ކާހިލް

އެންމެ ގިނަ މެޗު ކުޅުނީ

މާކް ސްވާޒާ

އާބާދީ

25.69 މިލިއަން މީހުން

ބަސް

އިނގިރޭސި

ފައިސާ

އޮސްޓްރޭލިއަން ޑޮލަރު
ތައާރަފް

ގިނަ ބަޔަކަށް އޮސްޓްރޭލިއާ ފާހަގަވެފައިވަނީ ޤުދުރަތީ ރީތިކަމާއި، ހަނަފަސް ބިން ގިނަ ޤައުމެއްގެ ގޮތުގައެވެ. ދުނިޔޭގެ ހަ ވަނައަށް އެންމެ ބޮޑު ގައުމަކީ ވެސް އެއީއެވެ. މި ޒަމާނުގެ ކުރިއެރުމާއި ތައުލީމާއި ސިއްހަތާއި ދިރިއުޅުމުގެ ވަސީލަތްތަކުގެ ގޮތުން އިންސާނުން އުޅެން އެންމެ ކަމުދާ އެއް ތަނަކީވެސް އޮސްޓްރޭލިޔާ ކަމަށް ދުނިޔޭގެ މުފައްކިރުން ބުނެ އުޅެއެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ވަރަށް ގިނަ ބަޔަކު އޮސްޓްރޭލިޔާއަށް ހިޖުރަކުރިއެވެ. މިއާއެކު މަސްހުނިވެފައިވާ ސަގާފަތެއް އެންމެ ރަނގަޅަށް ފެންނާންއޮތް ގައުމަކީ ވެސް އެއީއެވެ. އޮސްޓްރޭލިޔާ އަކީ މި ޒަމާނުގެ މީޑިއާގައި ކުރިއަރާފައިވާ ގައުމެކެވެ. ޕަބްލިކް ބްރޯޑްކާސްޓަރުން ތިއްބަސް އޮސްޓްރޭލިޔާގައި ޕްރައިވެޓް މީޑިޔާތަކުން ހޯދާފައިވާ ކުރިއެރުން ގިނައެވެ. ގައުމުގެ އާބާދީގެ 90 ޕަސެންޓް މީހުންނަކީ އޮންލައިންކޮށް މުއާމަލާތްކުރާ މީހުންނެވެ. އެންމެ ގިނަ މީހުން ބޭނުންކުރަނީ ފޭސްބުކެވެ. އޮސްޓްރޭލިޔާއަކީ ކުޅިވަރުގައި ފުންނާބު އުސްގައުމެކެވެ. ކްރިކެޓަކީ ގައުމުގެ ގިނަ ބަޔަކު ދެކޭގޮތުގައި ގައުމީ ކުޅިވަރެވެ. ކްރިކެޓް ވޯލްޑްކަޕުގެ އެންމެ ކާމިޔާބު ގައުމަކީ ވެސް އެއީއެވެ. ޓެނިހުގައި އޮސްޓްރޭލިއަން އޯޕަންސްއަކީ އެންމެ މަޝްހޫރު މުބާރާތެވެ.

ފާހަގަކޮށްލެވޭ ފެކްޓެއް:

  •  65000 އަހަރު ވަންދެން އެ ޤައުމުގައި މީހުން އުޅެފައިވޭ
  • ދުނިޔޭގެ އެންމެ ދިގު ހަނގުރާމައިގެ ހަނދާން އޮތީ އޮސްޓްރޭލިއާގައި

ޓެކްޓިކްސް:

ކޯޗު ގްރެހަމަ އާނޯލްޑްގެ ޓީމު މައިގަނޑު ގޮތެއްގައި ކުޅެނީ ދެ ގޮތަކަށެވެ. އެއީ 4-2-3-1 އާއި 4-3-3 ފޯމޭޝަނަށެވެ. މީގެ ތެރެއިން 4-3-3 އަކީ ހުރިޙާ ކުޅުންތެރިން ގަދަވެ ހެޔޮހާލުގައި ތިބެއްޖެނަމަ ކޯޗުގެ ފެވަރިޓް ފޯމޭޝަނެވެ. އެކަމަކު އެންމެ ބޮޑަށް އުފެދޭ ސުވާލަކީ ދެ ސެންޓަބެކުންގެ ފޯމު ފަހަކަށް އައިސް މާބޮޑަށް ދަށްވުމެވެ.

ކޯޗުގެ މަގާމު ދެމިއޮންނާނެތަ؟ ފަހަތަށް ކުޅޭނީ ކޮންބައެއް؟

އޮސްޓްރޭލިޔާ ޓީމާމެދު އެންމެ ބޮޑަށް އުފެދެނީ ދެ ސުވާލަކެވެ. ފަހަތަށް ކުޅޭނީ ކޮން ދެ ކުޅުންރިއެއްތޯ އާއި ކޯޗުގެ މަގާމު ވޯލްޑްކަޕަށް ފަހު ވެސް ދެމިއޮންނާނެތޯ އެވެ. ގިނަ ބައެއްގެ ނަޒަރުގައި އޮސްޓްރޭލިޔާ ޓީމު އެކަށީގެންވާ ފެންވަރެއްގައި ނުކުޅެއެވެ. ނަމަވެސް ކޯޗުގެ މަގާމު މިހާތަނަށް ދެމިއޮތީ ނަތީޖާތައް އެމީހުންނާ އެއްކޮޅަށް ނުކުމެފައިވާތީއެވެ.

ދެ ސެންޓަބެކުންގެ ތެރެއިން ޓްރެންޓް ސެއިންސްބަރީ އާއި ހެރީ ސޯޓުއާ އަކީ ކޯޗުގެ ފުރަތަމަ ހޮވުމެވެ. ނަމަވެސް ސޯޓުއާ އަންނަނީ ލިބުނު ސީރިއަސް އަނިޔާއަކަށް ފަރުވާ ހޯދަމުންނެވެ. ސެއިންސްބަރީގެ ކަކޫ ހަލާކުވެ ވޯލްޑްކަޕްގެ ޕްލޭއޯފް މެޗުތައް ވެސް އޭނާ އަށް ގެއްލުނީއެވެ. މި ދެ މީހުންގެ ނެތުމުން މި މަގާމަށް ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ކައި ރޯލްސް އާއި ބައިލީ ރައިޓް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިހެންވެ ޓީމުގެ ފަހަތުގައި ބައިތިއްބާނީ ކޮން ދެ ކުޅުންތެރިންނެއްތޯ ހޮވަން ކޯޗަށް ވަނީ ދަތިވެފަ އެވެ.

2006ގެ ވޯލްޑްކަޕުގައި އޮސްޓްރޭލިޔާ ކުޅުންތެރިން އުފާފާޅުކުރަނީ
2006ގެ ވޯލްޑްކަޕުގައި އޮސްޓްރޭލިޔާ ކުޅުންތެރިން އުފާފާޅުކުރަނީ

ވޯލްޑް ކަޕުގެ ތާރީހް:

މިއަހަރުގެ ވޯލްޑް ކަޕަކީ އޮސްޓްރޭލިއާ އިން ވާދަކުރާނެ ހަ ވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން އެ ޤައުމު ވަނީ 1974، 2006، 2010. 2014، 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައިވެސް ވާދަކޮށްފައެވެ. ކޮންމެ އަހަރަކު ވެސް އޮސްޓްރޭލިއާއަށް މުބާރާތް ނިންމާލަން ޖެހިފައިވަނީ ގްރޫޕް ސްޓޭޖުން ނުވަތަ ގަދަ 16 އިންނެވެ. 

ވޯލްޑް ކަޕަށް ކޮލިފައިވީ ގޮތް:

ކުޅުނު މޮޅުވި ބަލިވި އެއްވަރުވި
18 7 6 5

ވޯލްޑް ކަޕްގެ ޖާގައެއް އޮސްޓްރޭލިއާ އިން ހޯދީ އިންޓަކޮންޓިނެންޓަލް ޕްލޭ އޮފް މެޗު ކާމިޔާބުކޮށްގެންނެވެ. ޕްލޭ އޮފް ގައި އޮސްޓްރޭލިއާ ވާދަކުރީ ޕެރޫއާއެވެ. ޕެރޫގެ މައްޗަށް އޮސްޓްރޭލިއާ އިން ކުރި ހޯދީ ޕެނަލްޓީއިންނެވެ. ޕްލޭއޯފްއާ ހަމައަށް އެ ގައުމު ދަތުރުކުރީ ކޮލިފައިންގެ ފުރަތަމަ ސްޓޭޖުގައި ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. އެއީ ކުވޭތާއި ޖޯޑަން އަދި ނޭޕާލް އާއި ޗައިނީސް ޓައިޕޭއާ ވާދަކޮށްގެންނެވެ. މި ގްރޫޕުގައި ކުޅުނު އަށް މެޗުން ވެސް އޮސްޓްރޭލިޔާ މޮޅުވިއެވެ. ބައިކޮޅަށް ވަނީ އެންމެ ދެ ގޯލެވެ. އެމީހުން 28 ގޯލު ޖެހިއެވެ. މިހެންވެ މި ގްރޫޕްވީ އޮސްޓްރޭލިޔާއަށް ކުޑަވެސް ހާސްކަމެއްނެތް ގްރޫޕަކަށެވެ.

އެންމެ މުހިންމު 3 ކުޅުންތެރިން:

1. މަތިއު ރަޔަން

މަތިއު ރަޔަން އަކީ އޮސްޓްރޭލިއާގެ އެއް ނަންބަރު ގޯލް ކީޕަރެވެ. 2012 ވަނަ އަހަރު އޭނާއަށް އޮސްޓްރޭލިއާގެ ޤައުމީ ޓީމުން ޖާގަ ލިބުނު ފަހުން، 2014 އަދި 2018 ގެ ވޯލްޑް ކަޕާއި، 2015 އަދި 2019 ވަނަ އަހަރުގެ އޭޝިއަން ކަޕްގައި ވެސް އޮސްޓްރޭލިއާގެ ގޯލު ބެލެހެއްޓީ އޭނާއެވެ. އޭނާ ވަނީ 2015 ވަނަ އަހަރުގެ އޭޝިއަން ކަޕް މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ވެސް ހޯދާފައެވެ. އޮސްޓްރޭލިއާއިން އެ އަހަރުގެ މުބާރާތް ކާމިޔާބުކުރުމުގައި އޭނާގެ ދައުރުވެސް ބޮޑެވެ. މިހާތަނަށް އޭނާ ވަނީ އޮސްޓްރޭލިއާގެ ޤައުމީ ޓީމަށް 75 މެޗު ކުޅެދީފައެވެ. 

2. މާކޯ ޓިލިއޯ

އުމުރުން 21 އަހަރުގެ ޓިލިއޯ އަކީ މިހާރު އޮސްޓްރޭލިއާ ޓީމުގައި ހުރި އެންމެ ފާހަގަކޮށްލެވޭ އެއް ފޯވާޑެވެ. މެލްބޯންގައި އޭނާ ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން އޮސްޓްރޭލިއާގެ ޤައުމީ ޓީމުން ޖާގަ ލިބުނީ 2022 ވަނަ އަހަރުއެވެ. އޭނާ ވަނީ މީގެ ކުރިން އޮސްޓްރޭލިއާގެ ޒުވާން ޤައުމީ ޓީމުތަކަށްވެސް ކުޅެފައެވެ. މިހާތަނަށް އޮސްޓްރޭލިއާގެ ސީނިއާ ޓީމަށް ޓިލިއޯ ކުޅެފައިވަނީ ހަތަރު މެޗެވެ.

3. ޖެކްސަން އަޔަވިން

އުމުރުން 29 އަހަރުގެ އަޔަވިން އަކީ އެ ޓީމުގެ މެދު ތެރޭގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. އަޔަވިން އެ ޤައުމުގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2013 ވަނަ އަހަރުއެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް އޭނާ ވަނީ ކުޅެފައެވެ. ޤައުމީ ޓީމަށް އަޔަވިން ވަނީ މިހާތަނަށް 49 މެޗު ކުޅެދީ ހަތް ލަނޑު ޖަހާފައެވެ.

ކޯޗު: ގްރަހަމް އާނޯލްޑް

އުމުރުން މިހާރު 59 އަހަރުވެފައިވާ އާނޯލްޑަކީ އޮސްޓްރޭލިއާ އަށް ނިސްބަތްވާ ރައްޔިތެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ޤައުމީ ޓީމަށް މީގެ ކުރިން ކުޅެދީފައެވެ. ކުޅުން ހުއްޓާލުމަށްފަހު އޭނާ ކޯޗިންގެ މަސައްކަތް ފެށީ 1989 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އޮސްޓްރޭލިއާގެ ޤައުމީ ޓީމުގެ ވަގުތީ ކޯޗުގެ މަގާމާއި،އެސިސްޓެންޓް ކޯޗުކަމުގެ މަގާމު ދެ ފަހަރެއްގެ މަތިން އަދާކޮށްފައެވެ. އޮސްޓްރޭލިއާގެ ޤައުމީ ޓީމުގެ ކޯޗުކަމަށް އޭނާ ހަމަޖައްސާފައިވަނީ 2018 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން އޮސްޓްރޭލިއާ އިން ވަނީ މިހާތަނަށް 33 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 23 މެޗުން މޮޅުވެ،ހަ މެޗުން އެއްވަރުވެފައެވެ. ބަލިވެފައިވަނީ ހަތަރު މެޗުންނެވެ.

މެޗުތައް
Nov, 23 2022 00:00
އަލްޖަނޫބް ސްޓޭޑިއަމް
Nov, 26 2022 15:00
އަލްޖަނޫބް ސްޓޭޑިއަމް
Nov, 30 2022 20:00
އަލްޖަނޫބް ސްޓޭޑިއަމް
Dec, 04 2022 00:00
އަހުމަދުބިން އަލީ ސްޓޭޑިއަމް