Tunisia Flag Tunisia Flag
ޓިއުނީޝިޔާ
ދުނިޔޭގެ ރޭންކިންގް
30

ސަރަހައްދީ ކާމިޔާބީ

އެފްރިކާގެ ޗެމްޕިއަން 2004

ވޯލްޑް ކަޕް ކުޅުނު އަދަދު

5

ޗެމްޕިއަންކަން ހޯދި އަދަދު

0

އެންމެ ގިނަ ލަނޑުޖެހީ

އިސާމް ޖެމާ (36 ގޯލު)

އެންމެ ގިނަ މެޗު ކުޅުނީ

ރާދީ ޖައިދީ (105 މެޗު)

އާބާދީ

11.82 މިލިއަން މީހުން

ބަސް

އަރަބިކް

ފައިސާ

ޓިއުނީޝިއަން ޑިމާ
ތައާރަފް

އެފްރިކާ ބައްރަށް ނިސްބަތްވާ ޓިއުނީޝިއާ މެޑިޓެރޭނިން ކަނޑުގައި އޮތް މުހިންމު ގައުމެކެވެ. މަޢުރިބްކަރަ ސަރަހައްދުގައި ވިޔަފާރި އާއި ދަތުރުފަތުރު އަދި އިގްތިސާދީ ގޮތުން އެއީ މުހިންމު ގައުމެކެވެ. ފްރާންސްގެ އަޅުވެތިކަމުން ޓިއުނީޝިޔާ މިނިވަންވީ 1956 ގައެވެ. ގައުމުގެ ގިނަ ބަޔަކު ކުރަނީ ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ވިޔަފާރި އެވެ. ފާއިތުވެދިޔަ 10 އަހަރަށް ބަލާއިރު ޓިއުނީޝިޔާގައި މީޑިޔާގެ މިނިވަންކަން ވަނީ ފެތުރެންފަށައިފައެވެ. މިކަމުގައި ސޯޝަލް މީޑިޔާ, ހާއްސަކޮށް ފޭސްބުކް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ ގައުމުގައި ގާތްގަނޑަކަށް ދުވާލަކު ލައްކައަކަށްވުރެ ގިނަ ޕްރިންޓްނޫސް ވިކެއެވެ. ޓިއުނީޝިޔާގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅައެވެ. ނަމަވެސް އެ ގައުމުގެ ހޭންޑް ބޯޅަ ޓީމުގެ ވިދުން މާގަދައެވެ.

ފާހަގަކޮށްލެވޭ ފެކްޓެއް:

• އިސްލާމީ ދުނިޔޭގައި ހަތަރު ވަނައަށް އެންމެ މުހިންމު ސިޓީ އޮންނަނީ ޓިއުނީޝިއާގައި

• ޓިއުނީޝިއާ އަކީ އަންހެނުންގެ ހައްގުތަކަށް އެންމެ ގަދަޔަށް ވަކާލާތުކުރާ އެއް ޤައުމު

ޓެކްޓިކްސް:

ޓިއުނީޝިޔާ ކުޅެނީ ކައުންޓައެޓޭކްގައި ލިބޭ ބޯޅައެއްގައި ނަތީޖާ ނެރެން ކުޅޭ ކުޅުމެކެވެ. އެމީހުންގެ އެންމެ ގަދަ ޑިޕާޓްމަންޓްކީ ފަހަތެވެ. މި ޑިފެންސް ފޫއަޅުވާނުލެވޭނެ ހުރިހާ ގޮތަކަށް ޓީމު ރާވަން އެމީހުން އިސްކަންދެއެވެ. އާއްމުކޮށް ކުޅެނީ 4-3-2-1 އަށެވެ.

ފުރަތަމަ ބުރު ފަހަނައަޅައި ދެވޭތަ؟

ޓިއުނީޝިޔާ އަކީ ވޯލްޑްކަޕް މެޗެއް ކާމިޔާބުކުރި އެފްރިކާގެ އެންމެ ފުރަތަމަ ގައުމެވެ. އެއީ 1978 ވަނަ އަހަރު މެކްސިކޯ ބަލިކޮށްގެންނެވެ. އެކަމަކު ޑެންމާކާއި ފްރާންސް އޮތް ގްރޫޕަކުން އެމީހުން ދެ ވަނަ ބުރަށް ދާނެތޯ އެހުމަކީ ޖަވާބުދޭން ދަތި ސުވާލަކަށްވާނެ އެވެ. އެކަމަކު ކްރިން ކަޕްގައި ޗިލީ އާއި މުބާރާތް ބޭއްވި ޖަޕާން ބަލިކޮށްފައިވުމުން ޓިއުނީޝިޔާގެ އިތުބާރު މިވަގުތަށް ބޮޑެވެ. އެފްރިކާގެ ގައުމުތައް ކުރިން އަޅުވެތިކޮށްގެން އުޅުނު ގައުމުތަކާ އެމީހުން ފުޓްބޯޅައިގައި ބައްދަލުކުރުމަކީ ގިނަބަޔަކު ޝައުގުވެރިވާ ކަމެކެވެ. މިހެންވެ ޓިއުނީޝިޔާއިން ފްރާންސާ ދެކޮޅަށް އައު ހިތްވަރެއް ނެރޭނެ ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.

1978ގެ ވޯލްޑްކަޕުގައި ކުޅުނު ސްވިސް ޓީމް
1978ގެ ވޯލްޑްކަޕުގައި ކުޅުނު ސްވިސް ޓީމް

ވޯލްޑް ކަޕުގެ ތާރީހް:

ޓިއުނީޝިއާ އިން ވަނީ ފަސް ވޯލްޑް ކަޕެއްގައި ވާދަކޮށްފައެވެ. ޤަތަރުގައި އޮންނަ ވޯލްޑް ކަޕަކީ އެ ޤައުމުން ވާދަކުރާނެ ހަ ވަނަ ވޯލްޑް ކަޕެވެ. ޓިއުނީޝިއާ އިން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކޮށްފައިވަނީ 1978 ވަނަ އަހަރުގެ މުބާރާތުގައެވެ. އެ މުބާރާތް އެ ޤައުމުން ނިންމާލީ ނުވަ ވަނައިގައެވެ. ވޯލްޑް ކަޕްގައި ވާދަކުރި އެއްވެސް އަހަރަކު ޓިއުނީޝިއާއަށް ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވޭ ގޮތެއް ނުވިއެވެ. 

ވޯލްޑް ކަޕަށް ކޮލިފައިވީ ގޮތް:

ކުޅުނު: 8

މޮޅުވި: 5

ބަލިވި: 1

އެއްވަރުވި: 2

ޓިއުނީޝިއާ އިން ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ ޕްލޭ އޮފް މެޗު ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ މެޗުގައި މާލީ އަތުން ޓިއުނީޝިއާ މޮޅުވީ އެ ޓީމުގެ ކުޅުންތެރިޔަކު އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. ދެ ވަނަ މެޗު ނިމުނީ ލަނޑެއް ނުޖެހިއެވެ. އެހެންކަމުން ޓިއުނީޝިއާއަށް ކުރި ލިބުނީ އެގްރިގޭޓް ނަތީޖާ އިންނެވެ. އޭގެ ކުރިން ކުޅުނު ގްރޫޕް ކޮލިފިކޭޝަންގައި އެމީހުން ވަނީ އެކުއެޓޯރިއަލް ގިނީ އާއި ޒެމްބިއާ އަދި މޮރިޓާނިއާ ހިމެނުނު ގްރޫޕުގެ އެއްވަނަ ހޯދައިފައެވެ. 

އެންމެ މުހިންމު 3 ކުޅުންތެރިން:

ޔޫސުފް ސަކްނީ

ޓިއުނީޝިއާ ޓީމުން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ އެ ޓީމުގެ ކެޕްޓަން ޔޫސުފް ސަކްނީއެވެ. އުމުރުން 31 އަހަރުގެ ސަކްނީ ޓިއުނީޝިއާގެ ސީނިއާ ޤައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ އަންނަނީ އެ ޓީމުގައި އިސް ދައުރެއް އަދާކުރަމުންނެވެ. ސަކްނީ ވަނީ އޭނާ ޓިއުނީޝިއާ އަށް ކުޅެދިން 86 މެޗުގައި 17 ލަނޑު ޖަހާފައެވެ. 

ވަހްބީ ޚަޒްރީ

ޚަޒްރީ ޓިއުނީޝިއާގެ ސީނިއާ ޓީމަށް ކުޅެން ފަށާފައިވަނީ 2013 ވަނަ އަހަރުއެވެ. ޓިއުނީޝިއާއަށް ކުޅުމުގެ ކުރިން އޭނާ ވަނީ ފްރާންސްގެ ޤައުމީ ޒުވާން ޓީމަށް ވެސް ކުޅެގައެވެ. ނަމަވެސް ޓިއުނީޝިއާއަށް ކުޅުމަށްޓަކައި ފަހުން އެ ޤައުމަށް ރަށްވެހިކަން ބަދަލުކުރިއެވެ. އޭގެ ފަހުން އޭނާ ވަނީ 2013 ވަނަ އަހަރު އޮތް އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ޓިއުނީޝިއާގެ ޓީމަށް ކުޅެފައެވެ. ޚަޒްރީ ވަނީ ޓިއުނީޝިއާގެ ޤައުމީ ޓީމަށް އޭނާ ކުޅެދިން 71 މެޗުގައި 24 ލަނޑު ޖަހާފައެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ޓިއުނީޝިއާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކަށް އޭނާ ވާނެ ކަމަށް ބެލެވެއެވެ.

ފެރްހާނީ ސަސީ

ސަސީ އަކީ ޤަތަރުގެ އަލް ދުހައިލަށް ކުޅެމުން އަންނަ ޓިއުނީޝިއާގެ މެދަށް ކުޅޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. ޤައުމީ ޓީމުން ސަސީ އަށް ޖާގަ ލިބުނީ 2013 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ އޭނާ ޓިއުނީޝިއާއަށް ކުޅެދިން މެޗަކީ އެ އަހަރުގެ ޖޫން މަހު އެ ޤައުމުން ސިއެރާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެވެ. އެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ވަނީ ފުރިހަމަ ވަގުތު ކުޅެފައެވެ. އޭގެ ފަހުން 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ވެސް އޭނާ ވަނީ ޓިއުނީޝިއާގެ ޤައުމީ ޓީމުގައި ހިމެނިފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިންގްލެންޑާ ދެކޮޅަށް އޭނާ ވަނީ ޕެނަލްޓީއެއް ވެސް ކާމިޔާބުކޮށްފައެވެ. ސަސީ ވަނީ މިހާތަނަށް ޤައުމީ ޓީމަށް 76 މެޗު ކުޅެދީ ހަ ލަނޑު ޖަހައިދީފައެވެ.

ކޯޗު ކަދްރީ
ކޯޗު ކަދްރީ

ކޯޗު: ޖަލީލް ކަދްރީ

ކަދްރީ އަކީ ޓިއުނީޝިއާއަށް އުފަން ރައްޔިތެކެވެ. އުމުރުން 50 އަހަރުގެ ކޯޗު ޓިއުނީޝިއާގެ ކޯޗު ކަމަށް ހަމަޖައްސާފައިވަނީ މިއަހަރުއެވެ. އެ ޤައުމުގެ ކޯޗުކަމަށް އޭނާ ހަމަޖައްސާފައިވަނީ 2021 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް އިން އެ ޤައުމު ކެޓުމުން އޭރުގެ ކޯޗު މަގާމުން ވަކިކުރުމަށްފަހުއެވެ. ކަދްރީ ވަނީ އެ ޤައުމުގެ ކޯޗުކަމާ ހަވާލުވެ އެ ޓީމު ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފައެވެ.

މެޗުތައް
Nov, 22 2022 18:00
އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް
Nov, 26 2022 15:00
އަލްޖަނޫބް ސްޓޭޑިއަމް
Nov, 30 2022 20:00
އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް