ފްރާންސަކީ ޔޫރަޕުގެ ސިޔާސީ ހިތެވެ. ދުނިޔެ ދެކެފައިވާ ބޮޑު ދެ ހަނގުރާމައިގައި ވެސް މުހިންމު ދައުރެއް ފްރާންސް ކުޅެފައިވެއެވެ. ދެ ވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕް އަލުން އާރާސްތުކޮށް ކޮޅަށް ޖެހުމުގައިވެސް ފްރާންސްގެ ދައުރު ބޮޑެވެ. ދުނިޔޭގެ ކަންކަން ބަލަހައްޓާ އދ. ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެމްބަރުންގެ ތެރެއިން އެއް ގައުމަކީވެސް ފްރާންސެވެ. އިގްތިސާދީ ގޮތުން ގޮތް ނިންމާ ޖީ8 ގައުމުގެ ތެރެއިން އެއް ގައުމަކީ ވެސް ފްރާންސެވެ. މީގެ އިތުރުން އެއީ ޔޫރަޕާއި އުތުރު އެމެރިކާ ދަތުރުފަތުރުގެ މުހިންމު ބަނދަރެއްވެސްމެއެވެ. މާކަނޑަށް ގައުމުގެ އައްސޭރިފަށުގެ ބޮޑުބައެއް ހާސާއަށް އޮތުމުން ދުނިޔޭގެ އެންމެ ދިގު އިކޮނޮމިކް ޒޯން އޮތީވެސް ފްރާންސްގައެވެ. ރާ އުފެއްދުމާއި، މިޔުޒިކާއި، ފިލްމާއި، އާޓްސްއާއި ބަހާއި ސަގާފަތާއި ތާރީހް އަދި ކުޅިވަރުގެ ރޮނގުންވެސް ފްރާންސަކީ ދުނިޔޭގެ އެންމެ ކުރިއަރާފައި އެއް ގައުމެވެ. ޔޫރަޕުގެ ސިޔާސީ ހިތަކީވެސް ފްރާންސެވެ. ހަބަރެއްގެ ތެދު ދޮގު ޔަގީންކުރުމަށް ޓީވީ އަކީ ފްރާންސްގައި އެންމެ މަގުބޫލު މީޑިއަމެވެ. ސޯޝަލްމީޑިއާގައި ފްރާންސް މީހުން އެންމެ ގިނައިން އުޅެނީ ފޭސްބުކާއި ސްކައި ރޮކްގައެވެ. ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ހިޔާލަކީ ފްރާންސްގެ ހިޔާލެކެވެ. މުބާރާތް ޑިޒައިންކޮށް ފުރަތަމަ މުބާރާތް ބޭއްވުމުގައި ވެސް އެމީހުންގެ ދައުރު ބޮޑެވެ.
ފާހަގަކޮށްލެވޭ ފެކްޓުތައް:
ދުނިޔޭގެ އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ އެއް ޤައުމު.
ދުނިޔޭގެ އެންމެ ބޮޑު އާޓް މިޔުޒިޔަމް ހުންނަނީ ފްރާންސްގައި.
ފްރާންސް ވޯލްޑްކަޕް 2018 ކާމިޔާބުކުރި އިރު އެންމެ ބޮޑަށް ފެނުނީ ޑިފެންސިވްކޮށް ޓީމުގެ ވަރުގަދަކަމެވެ. މުޅި ޓީމުގެ ރޭވުންތެރިކަން ފުރިހަމަކަމެވެ. ކަރީމް ބެންޒެމާ އައުމުން ޓީމު އިތުރަށް ފުރިހަމަވިއެވެ. ނަމަވެސް ޔޫރޯ 2020 ގައި ސްވިޒަލޭންޑް ދެމެހެއްޓެނިވިގޮތެއްގައި އެއްވާނެއްގައި ކުޅުމުގެ ނަތީޖާއަކަށްވީ އެމީހުން އަތުން ބަލިވެ ފްރާންސް ކެޓުމެވެ. މިއީ ކޯޗު ޑެޝޯންގެ 3-4-1-2 ގެ ފޯމޭޝަނަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމުގެ ހެއްކެކެވެ.
ފްރާންސް ޓީމާމެދު އުފެދޭ ސުވާލުތައް:
ފްރާންސްގައި ތަރިން ތިނަ ނަމަވެސް ޓީމާމެދު އުފެދޭ ސުވާލުތައް މަދެއްނޫނެވެ. ޓީމުގެ އެކި މަގާމުތަކުގެ ތެރެއިން ސުވާލުއުފެދޭ ހަމައެކަނި މަގާމަކީ ކަނާތު ބެކެއްގެ މަގާމެވެ. ބެންޖަމިން ޕަވާޑަކީ އެޓޭކުގައި ވަރަށް ރަނގަޅަށް ބައިވެރިވާ ކަނާތު ބެކެކެވެ. ލިޔޯންގެ ފޯވަޑް ލިއޯ ޑުބޮއިސްގެ ފޯމު ވަރަށް ބޮޑަށް ވެއްޓިއްޖެއެވެ. ކިންގްސްލީ ކޯމަން އެމަގާމަށް ފިޓްކުރަން އުޅުނަސް އެކަން މާބޮޑަށް ކާމިޔާބެއްނުވިއެވެ. ޒުވާން ކުޅުންތެރިޔާ ގޮނަތަން ކްލާސް އަކީ ކޯޗަށް އޮތް އޮޕްޝަނެކެވެ.
ފްރާންސް ޓީމާމެދު ސުވާލު އުފައްދާ ދެ ވަނަ ކަމަކީ މީގެ ކުރީގެ ތާރީހެވެ. ވޯލްޑް ކަޕް 98 ކާމިޔާބުކޮށްފައި ޖެހިގެން އައި މުބާރާތުން ފޭލްވީއެވެ. މިފަހަރު އެކަން ވިޔަ ނުދިނުމަށް ޑެޝޯން ހުއްޓުމެއްނެތި މަސައްކަތް ކުރާއިރު އޮތް އެންމެ ބޮޑު ބިރަކީ ފްރާންސަށް ޓީމެއްގެ ސިފަ ގެނައުމުގައި ދިމާވެދާނެ އުނދަގޫތަކެވެ. ބައެއް ކުޅުންތެރިންގެ އަމިއްލަ ސަބަބުތަކާހުރެއެވެ. އަނެއްކޮޅުން މިއީ ޑެޝޯންގެ ފަހު މުބާރާތް ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފައެވެ.
ވޯލްޑް ކަޕްގައި ފްރާންސްގެ ތާރީޚަށް ބަލާއިރު އެ ގައުމަކީ ދެ އަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. އެއްފަހަރަށްވުރެ ގިނަފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ހަ ގައުމުގެ ތެރޭގައިވެސް ފްރާންސް ހިމެނެއެވެ. އެ ގައުމުން ވަނީ 15 އަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފައެވެ.
އެންމެ ފުރަތަމަ ފްރާންސްއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވަނީ 1998 ވަނަ އަހަރުއެވެ. އަމިއްލަ ގައުމުގައި އޮތް މުބާރާތުގެ ފައިނަލްގައި ފްރާންސް ވަނީ 3-0 އިން ބްރެޒިލް ބަލިކޮށްފައެވެ. ދެ ވަނަ ފަހަރަށް ފްރާންސް އިން މުބާރާތް ކާމިޔާބުކުރީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި މުބާރާތުގެ ފައިނަލްގައި ކްރޮއޭޝިއާގެ މައްޗަށް 4-2 އިން ކުރި ހޯދައިގެންނެވެ.
2006 ވަނަ އަހަރު ފްރާންސް އިން ވަނީ މުބާރާތުގެ ފައިނަލްގައި ވާދަކޮށް ބަލިވެފައެވެ. އެ އަހަރުގެ ފައިނަލްގައި ފްރާންސް ބަލިވީ ޕެނަލްޓީގައި އިޓަލީ އަތުން 5-3 އިންނެވެ. މީގެ އިތުރުން އެ ގައުމުން ވަނީ 1958 އަދި 1986 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ތިން ވަނަ ހޯދާފައެވެ. އަދި 1982 ވަނަ އަހަރު އޮތް މުބާރާތުގެ ހަތަރު ވަނަ ހޯދާފައެވެ.
ކުޅުނު: 8 މެޗު
މޮޅުވި: 5
ބަލިވި: 0
އެއްވަރުވި 3
މިއަހަރު ޤަތަރުގައި އޮންނަ ވޯލްޑް ކަޕަށް ފްރާންސް ކޮލިފައިވެފައިވަނީ، ކޮލިފައިންގައި ގްރޫޕް ޑީގެ އެއް ވަނަ ހޯދައިގެންނެވެ. ފްރާންސްގެ އިތުރުން މި ގްރޫޕްގައި ދެން ހިމެނިފައިވަނީ، ޔުކްރެއިން، ފިންލެންޑް، ބޮސްނިއާ އަދި ކަޒަކިސްތާންއެވެ. ގްރޫޕްގައި ފްރާންސް ކުޅުނު އަށް މެޗުގެ ތެރެއިން އެ ޓީމު ވަނީ ފަސް މެޗުން މޮޅުވެ، ތިން މެޗުން އެއްވަރުވެފައެވެ. ގްރޫޕްގެ އެއްވަނަ ފްރާންސަށް ލިބުނީ އަށް މެޗުން 18 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައަށް ދިޔަ ޔުކްރެއިނަށް އަށް މެޗުން ލިބެނީ 12 ޕޮއިންޓެވެ.
ކީލިއަން އެމްބާޕޭ:
ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އެމްބާޕޭ އަކީ އެ ޤައުމުގެ ޤައުމީ ޓީމުގައި ހިމެނޭނެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. އެކަމަށް ބާރުދޭ ހެއްކަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސް އިން ކާމިޔާބުކުރުމުގައި އެމްބާޕޭގެ ދައުރު ބޮޑުކަމެވެ. އޭނާ އަކީ އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އެވެ. ފްރާންސްގެ މޮނާކޯ ގައި ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން ޕީއެސްޖީން ގަތް ކުޅުންތެރިޔާއަށް ޤައުމީ ޓީމުން އޭނާއަށް ޖާގަ ލިބުނީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް ފްރާންސް އަށް ކުޅެދިން 59 މެޗުގައި އޭނާ ވަނީ 28 ލަނޑު ޖަހާފައެވެ.
އެންގޯލޯ ކާންޓޭ:
ކާންޓޭ އަކީ ފްރާންސްގެ ޤައުމީ ޓީމުގެ މެދު ތެރޭގެ މައި އެއް ތަނބެވެ. 2016 ވަނަ އަހަރުން ފެށިގެން ފްރާންސްގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ ކާންޓޭ ވަނީ މިހާތަނަށް ފްރާންސް އަށް ކުޅެދިން 53 މެޗުން ދެ ލަނޑު ޖަހާފައެވެ. ފްރާންސް އިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް އޭނާ އިސް ދައުރެއް އަދާކުރިއެވެ. މިފަހަރުގެ މުބާރާތަށް ނުކުންނައިރު ކޯޗު ޑެޝޯންގެ ގޭމްޕްލޭނުގައިވާ ގޮތަށް އިދިކޮޅު ޓީމުތައް ރޫޅާލުމުގެ ހުރިހާ އިހްތިޔާރެއް ދީފައިވަނީ އޭނާއަށެވެ. ނަމަވެސް ޗެލްސީއަށް ކުޅެނިކޮށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ވޯލްޑްކަޕް ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ. އެހެންވެއްޖެނަމަ މިއީ ފްރާންސަށް ހައްލުކުރަން ބޮޑު މައްސަލައަކަށް ވެދާނެ އެވެ.
ކަރީމް ބެންޒެމާ:
ބެންޒެމާ އަކީ ފްރާންސްގެ ޤައުމީ ޓީމުގައި މިހާރު ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ދުވަސްވީ އެއް ކުޅުންތެރިޔާއެވެ. އަދި އޭނާ އަކީ ފީފާއިން ހޮވި މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާ އެވެ. ބެލޮންޑީއޯ އެވޯޑްގެ ހައްގުވެރިޔާ އެވެ. އޭނާ ވަނީ ފްރާންސްއާއެކު 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅެފައެވެ. ނަމަވެސް 2016 ގެ ޔޫރޯ މުބާރާތަށް ފަހު ފްރާންސްގެ ޤައުމީ ޓީމުން ޖާގަ ގެއްލުނެވެ. އޭގެ ފަހުން ރެއާލް މެޑްރިޑްގައި އޭނާ ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން އަލުން ވަނީ 2021 ވަނަ އަހަރު ޤައުމީ ޓީމުގައި ހިމަނާފައެވެ. މިހާރު ހުރި ފޯމަށް ބަލާއިރު، ބެންޒެމާ އަކީ ފްރާންސްގައި ހުރި އެންމެ ނުރައްކާތެރި އެއް ކުޅުންތެރިޔާއެވެ. މިހާތަނަށް ޤައުމީ ޓީމަށް ކުލެދިން 97 މެޗުގައި އޭނާ ވަނީ 37 ލަނޑު ޖަހާފައެވެ.
ފްރާންސްއަށް އުފަން އުމުރުން 53 އަހަރުގެ ޑެޝޯން އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އިރު ވެސް ޓީމުގެ ކޯޗެވެ. މީގެ ކުރިން އޭނާ ވަނީ ފްރާންސްގެ ޤައުމީ ޓީމަށްވެސް ކުޅެދީފައެވެ. އޭނާ ވަނީ ފްރާންސާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅުންތެރިއެއްގެ ގޮތުގައި ކާމިޔާބުކޮށްފައެވެ. ފްރާންސްގެ ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ އޭނާ ހަވާލުވީ 2012 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އޭގެ ފަހުން އޭނާގެ އިރުޝާދުގެ ދަށުން ފްރާންސް އިން ވަނީ 546 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 294 މެޗުން މޮޅުވެ، 137 މެޗުން އެއްވަރުވެފައެވެ. ބަލިވެފައިވަނީ 115 މެޗުންނެވެ. ޓީމު މޮޅު ވުމުގެ އިންސައްތަ އަކީ 53.86އެވެ. ފްރާންސްގެ ޤައުމީ ޓީމާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ ފްރާންސް ލީގުގެ މޮނާކޯ، މާސޭ އަދި އިޓާލިއަން ލީގުގެ ޔުވެންޓަސް އަށް ވެސް އިރުޝާދު ދީފައެވެ. ގިނަ ބަޔަކު ބުރަވާ ގޮތުގައި މިފަހަރުގެ ވޯލްޑްކަޕަށް ފަހު ޑެޝޯން ފްރާންސްގެ ގައުމީ ޓީމާ ވަކިވާނެ އެވެ. އަމުދުން ތަށި ދިފާއު ނުކުރެވިއްޖެނަމަ އެވެ.