މޮރޮކޯ އަކީ މަޢްރިބްކަރަ އެވެ. އަރަބި އިސްލާމީ ގައުމެކެވެ. މެޑިޓަރޭނިން އަދި އެޓްލާންޓިކް ކަނޑަށްވާ ގޮތަށް އޮތް ޔޫރަޕުގެ ވިޔަފާރީގެ މުހިންމު ހިސާބެއްގައި އޮތް ގައުމެކެވެ. އެފްރިކާ އާއި ޔޫރަޕް އަދި އިސްލާމީ ސަގާފަތާއި އާދަކާދައިގެ މުހިންމު ބައިވެރިއެކެވެ. އެފްރިކާ އާއި އަރަބި ދުނިޔެއަށް ބަލާއިރު މޮރޮކޯ އަކީ އިގްތިސާދީގޮތުން މެދުމިނުގެ ފުދުންތެރި ގައުމެކެވެ. ފްރާންސްގެ ހިމާޔަތުގައި 44 އަހަރު އޮތް މޮރޮކޯގައި ސަރުކާރުން މީޑިޔާގެ ކޮންޓްރޯލް ނަގައެވެ. ގައުމުގެ އިސްތިގްލާލާ ގުޅޭ ވާހަކަ ދެއްކުމަކީ މަނާކަމެކެވެ. 16 މިލިއަނަށްވުރެ ގިނަ މީހުން އިންޓަނެޓް ބޭނުންކުރެއެވެ. ޓީވީ ބެލުމުގައި މައިގަނޑުގޮތެއްގައި ބޭނުންކުރަނީ ސެޓްލައިޓް ޑިޝްތަކެވެ. ގައުމުގެ އިގްތިސާދުގެ ބޮޑުބައެއް ކުޅެނީ ފަތުރުވެރިކަމާއި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ޓެލެކޮމް ހިދުމަތެވެ. ހިސާބުތަކުން ދައްކާ ގޮތުގައި އަހަރަކު މޮރޮކޯ އަށް 20 މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކުރެއެވެ. ގައުމުގެ މަސައްކަތްތެރިންގެ 40 ޕަސެންޓް އުޅެނީ ދަނޑުވެރިކަމުގައެވެ. އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު އުމްރާނީ ތަރައްގީއެއް އޮތީ ވެސް އެގައުމުގައެވެ. އާއީޖާދުތައް ކުރުމަށް ސަރުކާރުން ބާރުއަޅާއިރު ޕްރައިމަރީ ތައުލީމަކީ ސަރުކާރުން ހިލޭ ހަމަޖައްސައިދޭން ޖެހޭ އެއްޗެކެވެ. މޮރޮކޯގެ ސިއްހީ ނިޒާމް އެހާ ފުރިހަމައެނޫނެވެ. ގައުމުގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅައެވެ.
މޮރޮކޯގައި ހުނަރުވެރި ކުޅުންތެރިން ބައިވަރެވެ. ހާއްސަކޮށް ޓީމުގެ ކުރީގަ އާއި މިޑްފީލްޑަރުންގެ ތެރޭގައި ހުނަރުވެރި ކުޅުންތެރިން ގިނައެވެ. ކަނާތު ބެކް އަޝްރަފް ހަކީމީ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެކެވެ. އާއްމުކޮށް މޮރޮކޯ ކުޅެނީ 5-1-2-2 ފޯމޭޝަނަށެވެ.
އުފެދޭ ސުވާލުތައް:
ކޯޗު ވާހިދު މަގާމުން ވަކިކުރުމާއެކު ހާކިމް ޒިޔެޗް ވެސް ވޯލްޑްކަޕުގައި ފެންނާނެ އެވެ. އެކަމަކު އުފެދޭ ސުވާލަކީ މޮރޮކޯ ޓީމު ޓީމެއްގެ ގޮތުގައި ދެމި އޮތުމަށް ކުޅުންތެރިންގެ ފަރާތުން ބޭނުންވާ އެކުވެރިކަން ފެނިދާނެތޯއެވެ. ކުރީގެ ކޯޗު ވާހިދު ހަލިހޮޑްޒިކް މަގާމުން ވަކިކުރުމުގެ މައްސަލާގައި ކުޅުންތެރިންގެ ތެރޭގައި ހިލާފުތަކެއް އެބަހުއްޓެވެ.
މޮރޮކޯ ވަނީ މީގެ ކުރިން ފަސް ފަހަރު ވޯލްޑްކަޕުގައި ކުޅެފައެވެ. މީގެ ތެރެއިން އެންމެ ދުރަށް ދެވުނީ 1986 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތުގައި އިންގްލޭންޑާއި ޕޯޗުގަލް އަދި ޕޮލެންޑް ހިމެނުނު ގްރޫޕުގެ އެއްވަނަ ހޯދީ މޮރޮކޯ އެވެ. އެއީ ޕޮލެންޑާއި އިނގިރޭސިވިލާތާ އެއްވަރުކޮށް ފަހު މެޗުގައި ޕޯޗުގަލް 3-1 އިން ބަލިކޮށްގެންނެވެ. ނަމަވެސް އަނެއް ހަތަރު މުބާރާތުގެ ތެރެއިން 1998 ވަނަ އަހަރު ފިޔަވައި ދެން ހުރިހާ އަހަރެއްގައި ވެސް މޮރޮކޯ ލައްވާލީ ގްރޫޕުގެ ފުލުގައެވެ. 98 ވަނަ އަހަރު ބްރެޒިލާއި ސްކޮޓްލޭންޑް އަދި ނޯވޭ ހިމެނުނު ގްރޫޕުގައި ނޯވޭއާ އެއްވަރުކޮށް ފަހު މެޗުގައި ސްކޮޓްލޭންޑް ބަލިކޮށް މޮރޮކޯ ލައްވާލީ ތިން ވަނާގައެވެ.
ކުޅުނު: 8 މެޗު
މޮޅުވި: 8
ބަލިވި: 0
އެއްވަރުވި 0
މޮރޮކޯ ވޯލްޑްކަޕަށް ކޮލިފައިވުމަށް އެފްރިކާގެ ގްރޫޕް އައިގެ އެއްވަނަ ހޯދައި ދެ ވަނަ ބުރަށް ދަތުރުކުރިއެވެ. މި ގްރޫޕުގައި އެމީހުންނާ ވަރުން އެޅިގެންވާ ބަޔަކު ވެސް ނެތެވެ. ކުޅުނު ތިން މެޗު ކާމިޔާބުކުރިއިރު ޖުމުލަ 20 ގޯލު ވެސްޖެހި އެވެ. ބައިކޮޅަށް ވަނީ އެންމެ ގޯލެކެވެ. ކޮލިފައިވުމުގެ ފަހު މަރުހަލާގައި މޮރޮކޯ ނުކުތީ ގްރޫޕް ޖޭގެ އެއްވަނަ ހޯދި ކޮންގޯއާ ދެކޮޅަށެވެ. ފުރަތަމަ މެޗު 1-1 އިން އެއްވަރުވި ނަމަވެސް ފަހު މެޗުގައި 4-1 އިން ކޮންގޯ ބަލިކޮށް ވޯލްޑްކަޕުގެ ޖާގަ ހޯދީ މޮރޮކޯއެވެ.
އައްޔޫބް އަލްކާބީ:
އަލްކާބީ އަކީ އެފްރިކާގެ ކޮލިފައިންގައި މިފަހަރު މޮރޮކޯ ޓީމުން އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާއެވެ. އޭނާ ފަސް ގޯލު ޖެހިއެވެ. ކާބީ އަކީ ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ފުޓްބޯޅަ ކުޅެމުން ލޮނުވިއްކަން އުޅުނު ކުއްޖެކެވެ. އޭނާ ފުޓްބޯޅައަށް ހުސްވީ ކޯޗުގެ އެދުމުގެ މަތީންނެވެ. ގައުމީ ޓީމަށް މިހާތަނަށް 36 މެޗުން 20 ގޯލު ޖަހާދީފައިވާ ކުޅުންތެރިޔާ އަކީ ޖާނު ވަރުގަދަ އަދި އިދިކޮޅު ކުޅުންތެރިން ގިނައިން ފައުލްކުރަންޖެހޭ ފަދަ ކުޅުންތެރިއެކެވެ. އޭނާ އަކީ 2018 ވަނަ އަހަރުގެ އެފްރިކާ ކަޕުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ވެސްމެއެވެ. އަމިއްލަ ގައުމުގައި ކުޅުނު މުބާރާތުގައި އޭނާ ނުވަ ގޯލު ޖެހިއެވެ.
ރަޔަން މާއީ:
ރަޔަން މާއީ: ރަޔަން މާމީ އަކީ މިފަހަރުގެ ކޮލިފައިންގައި މޮރޮކޯ ޓީމުން ދެ ވަނަ އަށް އެންމެގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އޭނާގެ އުފަން ގައުމަކީ ބެލްޖިއަމެވެ. ބައްޕައަކީ ކެމަރޫން މީހެކެވެ. މޮރޮކޯއަށް ކުޅެނީ މަންމަ އެގައުމަށް ނިސްބަތްވާތީއެވެ. އުމުރުން 24 އަހަރުގެ ފޯވަޑް ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 11 މެޗުގައި ހަތަރު ގޯލު ޖަހާފައެވެ. މޮރޮކޯގެ ގައުމީ ޓީމަށް ކުޅެން ފެށުމުގެ ކުރިން އޭނާ ވަނީ 19 އަހަރާއި 21 އަހަރުގެ މުބާރާތްތަކުގައި ބެލްޖިއަމް ތަމްސީލުކޮށް ތިން ގޯލު ވެސް ޖަހައިފަ އެވެ.
ރޮމައިން ޕައުލް ސައިސް:
ސައިސް އަކީ ގައުމީ ޓީމުގެ ކެޕްޓަނެވެ. ވަރުގަދަ ޑިފެންޑަރެކެވެ. ގައުމީ ޓީމަށް މިހާތަނަށް 63 މެޗުން އެއް ގޯލު ޖަހާދީފައިވެއެވެ. ތުރުކީގެ ބެސިކްޓާސްއަށް މިވަގުތު ކުޅެމުން އަންނަ ސައިސްގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ދުވަސްތައް ހޭދަކޮށްފައިވަނީ އިނގިރޢޭސި ކުލަބު ވުލްވުސްގައެވެ. އޭނާ އަކީ ވަރުގަދަ އަށް ކުޅޭ އަދި ލީޑަރޝިޕް ރަނގަޅު ކުޅުންތެރިއެކެވެ. 2012 ވަނަ އަހަރުން ފެށިގެން މޮރޮކޯ ކުޅުނު މުހިންމު ހުރިހާ މުބާރާތެއްގައި އޭނާ ވަނީ ކުޅެފަ އެވެ.
ވަލީދަކީ މޮރޮކޯ ޓީމުގެ ކުރީގެ ކަނާތު ބެކެވެ. އޭނާ ވަނީ ގައުމީ ޓީމަށް 2001 އިން 2009 އަށް 45 މެޗު ކުޅެދީފަ އެވެ. ކޯޗެއްގެ ގޮތުގައި އޭނާ ފުރަތަމަ ފެނިގެންދިޔައީ މޮރޮކޯ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުން 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މޮރޮކޯގެ ދެ ޓީމަކަށާއި ގަތަރުގެ ސްޓާސް ލީގުގައި އަލް ދުހައިލް އަށް ކޯޗުކޮށްދީ އެ ޓީމަށް ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އަދި މޮރޮކޯގެ ވައިދާދް އަށް ދެ ތަށި، ފަތް ޔޫނިއަން އަށް ދެ ތަށި ހޯދައިދީފައިވެ އެވެ. އޭނާ ގައުމީ ކޯޗުކަމާ ހަވާލުވީ ބައެއް ސީނިއާ ކުޅުންތެރިންނާ މައްސަލަޖެހިގެން ވާހިދު ހަލިހޮޒިކް ކޯޗުކަމުން ދުރުކޮށްފައެވެ.