Portugal Flag Portugal Flag
ޕޯޗުގަލް
ދުނިޔޭގެ ރޭންކިންގް
9

ސަރަހައްދީ ކާމިޔާބީ

ޔޫރޯ 2016 އާއި ނޭޝަންސް ލީގު ކާމިޔާބުކުރުން

ވޯލްޑް ކަޕް ކުޅުނު އަދަދު

7

ޗެމްޕިއަންކަން ހޯދި އަދަދު

0

އެންމެ ގިނަ ލަނޑުޖެހީ

ކްރިސްޓިއާނޯ ރޮނާލްޑޯ

އެންމެ ގިނަ މެޗު ކުޅުނީ

ކްރިސްޓިއާނޯ ރޮނާލްޑޯ

އާބާދީ

10.31 މިލިއަން މީހުން

ބަސް

ޕޯޗުގީސް

ފައިސާ

ޔޫރޯ
ތައާރަފް

ގައުމުގެ ތައާރަފް:

ޔޫރަޕުގެ އެންމެ ހުޅަނގަށް އޮތް ޕޯޗުގަލް ފުޓްބޯޅަ ދަނޑުތަކުގައި މަޝްހޫރުވެފައިވަނީ ޔޫރަޕްގެ ބްރެޒިލްގެ ނަމުންނެވެ. އެމީހުންނަކީ ވޭތުވެދިޔަ ގަރުނުގައި ވަރުގަދަ ވިރާސީ ރަސްކަމެއް ކުރި ގައުމެކެވެ. އެ ދުވަސްވަރު ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި އޮތް ޕޯޗުގީޒުން ވަނީ އަޅުގަނޑުމެންގެ މިކުޑަކުޑަ ރީތި ދިވެހި ގައުމު ވެސް 17 އަހަރު ދުވަސް ވަންދެން އަޅުވެތި ކޮށްފައެވެ.

ޕޯޗުގީޒުންނަކީ އިހުގައި ކަނޑުގެ ބޮޑު ފްލީޓެއްގެ ވެރިބައެކެވެ. ކަނޑުގެ ބާޒުގެ ނަމުންވެސް އެމީހުން މަޝްހޫރުވި ދުވަސްވަރެއްދިޔަ އެވެ. އެއީ ޔޫރަޕާއި އެފްރިކާ އަދި އޭޝިޔާގެ ކަނޑުދަތުރުގެ މުހިންމު ބައިވެރިއެކެވެ. ނަތީޖާއެއްގެ ގޮތުން ދެކުނު އެމެރިކާއިން ބްރެޒިލާއި އެފްރިކާ އަދި އޭޝިޔާގެ ގިނަ ގައުމުތަކަށް އަތްގަދަކޮށް އެމީހުންގެ ބޭރުވެރިކަން ހިންގިއެވެ. ޕޯޗުގީޒުން އެމީހުން އަޅުވެތިކުރި ގައުމުތައް މިނިވަންކުރަމުން އައި ލިސްޓު އެއްކޮށް ހުސްކޮށްލީ 1999 ވަނަ އަހަރު މަކާއޯ ޗައިނާގެ ބާރުގެ ދަށަށް ދޫކޮށްލުމަށްފަހު އެވެ. އެކި ގައުމުތަކުގައި ޕޯޗުގީޒުންގެ ބާރު އޮތްލެއް ގަދަކަމުގެ ނަތީޖާއެއްގެ ގޮތުން ޕޯޗުގީޒް ބަހަކީ ދުނިޔޭގައި ނުފޫޒުގަދަ ބަހެކެވެ.

ޕޯޗުގަލްގެ އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓްބޯޅަ އެވެ. އެ ގައުމުގެ ފުޓްބޯޅައިގެ އައިކޮން އަކީ ކުރީގެ ކެޕްޓަން ޔޫސޭބިއޯ އެވެ.

ފާހަގަކޮށްލެވޭ ފެކްޓެއް:

• ޔޫރަޕުގައި އޮތް އެންމެ ދުވަސްވީ ޤައުމު

• ކޯކު އުފެއްދުމުގެ އެންމެ ބޮޑު ޤައުމު

ޓެކްޓިކްސް:

ޔޫރޯ 2016 ގައި ކުޅުނު ފޯމޭޝަން ބަދަލުކޮށް ފެނާންޑޯ ސަންޓޯސް މިހާރު ޕޯޗުގަލް ބައްޓަންކޮށްފައިވަނީ 4-3-3 ފޯމޭޝަނަށެވެ. ބޭނުމަކީ އޭނާގެ ޓީމުގައި ތިބި އެޓޭކިން ހުނަރުވެރި ކުޅުންތެރިންނަށް ފުރުސަތު އިތުރުކޮށްދީ ޓީމުގެ އަރަނި އިތުރުކުރުމެވެ.

ރޮނާލްޑޯ ތަޅުއަޅުވާނެތަ؟

ވޯލްޑްކަޕާ ކުރިމަތިވާއިރު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ 11 ގައި ކުޅޭނެތޯއެވެ. އޭނާއަށް މެންޗެސްޓާ ޔުނައިޓެޑުގައި ފުރަތަމަ 11 އިން ޖާގަ ނުލިބެއެވެ. އެކަމަކު ޕޯޗުގަލް މިދިޔަ 20 އަހަރު ހޯދި ކާމިޔާބީއެއްވިއްޔާ ހޯދީ އޭނާ ހިމަނައިގެންނެވެ. އެކަމަކު އުމުރުމަތިވެ މިހާރު އޭނާ އަކީ 90 މިނިޓް އެއްފެންވަރެއްގައި ކުޅެވޭނެ ކުޅުންތެރިއެއްނޫން ކަމަށް ދެކޭ މީހުން ގިނައެވެ. ރޮނާލްޑޯގެ ބަދަލުގައި އަރުވާނީ ޔާއޯ ފްލިކްސް ކަމަށް ބުންޏަސް އޭނާ އަދި ގައުމީ ޓީމު ކޮނޑުއަޅައިގެން ދެވޭވަރެއްނޫން ކަމަށް ކުލަބު ލެވެލްގައި ކުޅޭ ކުޅުމުން އެނގެއެވެ. ދެންތިބީ ބުރޫނޯ ފެނާންޑޭޒް އާއި ބެނާޑޯ ސިލްވާ އެވެ. މި ދެ ކުޅުންތެރިން ކުލަބުގައި މޮޅަށް ކުޅޭތީވެ ސަޕޯޓަރުން ތިބީ ނުހަނު އުއްމީދުގަ އެވެ.

2006 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ވާދަކުރި ޕޯޗުގަލް ޓީމު
2006 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ވާދަކުރި ޕޯޗުގަލް ޓީމު

ވޯލްޑް ކަޕުގެ ތާރީހް:

ޕޯޗުގަލް އިން ވަނީ ހަތް ވޯލްޑް ކަޕްއްގައ ވާދަކޮށްފައެވެ. އެ ޤައުމަށް ވޯލްޑް ކަޕްގައި ލިބުނި އެންމެ ބޮޑު ކާމިޔާބަކީ 1966 ވަނަ އަހަރުގެ މުބާރާތުން ތިން ވަނަ ލިބުމެއެވެ. އޭގެ ފަހުން 2006 ވަނަ އަހަރުއޮތް މުބާރާތުގައި އެ ޤައުމަށް ވަނީ ހަތަރު ވަނަ ލިބިފައެވެ. ދެން ކޮންމެ މުބާރާތެއްގައިވެސް އެ ޓީމު ވަނީ ގްރޫޕް ސްޓޭޖުން ނުވަތަ ގަދަ 16 ވަނަ ބުރުން މުބާރާތް ނިންމާލަން ޖެހިފައެވެ.  

ވޯލްޑް ކަޕަށް ކޮލިފައިވީ ގޮތް

ކުޅުނު: 10

މޮޅުވި: 7

ބަލިވި: 1

އެއްވަރުވި 2

ވޯލްޑް ކަޕްގެ ޖާގައެއް ޕޯޗުގަލް އަށް ލިބުނީ ޕްލޭ އޮފް މެޗުގައި ނޯތު މެސެޑޯނިއާ ބަލިކޮށްގެންނެވެ. ޕޯޗުގަލް އަށް ޕްލޭއޯފް ކުޅެން ޖެހުނީ ޔޫރަޕުގެ ކޮލިފައިންގައި ގްރޫޕް އޭގެ އެއްވަނަ ނުލިބުމުންނެވެ. ސާބިއާ އާއި ރިޕަބްލިކް އޮފް އަޔަލޭންޑް އަދި ލަގްޒެންބާގް އާއި އަޒަރަބައިޖާން ހިމެނުނު ގްރޫޕުގައި ޕޯޗުގަލް ލައްވާލީ ދެ ވަނާގަ އެވެ. ޕޯޗުގަލް ދެ ވަނަ އަށް ދާން ޖެހުނު މައިގަނޑު ސަބަބަކީ މިގްރޫޕުން އެއްވަނަ ހޯދި ސާބިއާ އަތުން މޮޅުނުވުމެވެ. ފުރަތަމަ މެޗު އެއްވަރުވިއިރު ކޮލިފައިންގެ ފަހު މެޗުގައި އަމިއްލަ ގައުމުގައި ކުޅެގެން ސާބިއާ އަތުން ޕޯޗުގަލްވީ ބައްޔެވެ. މި މެޗުގެ ކުރިން އަޔަލޭންޑާ ކުޅެ ވެސް ވީ އެއްވަރެވެ. ޕްލޭއޯފްގެ ފުރަތަމަ މެޗުގައި ޕޯޗުގަލް ކުޅުނީ ތުރުކީއާ އެވެ. މި މެޗުގެ 3-1 އިން ކާމިޔާބުކޮށް, ފަހު މެޗުގައި އުތުރު މެސެޑޯނިއާ ބަލިކުރީ 2-0 ނެވެ.

އެންމެ މުހިންމު 3 ކުޅުންތެރިން:

ކްރިސްޓިއާނޯ ރޮނާލްޑޯ

މިއަހަރުގެ މުބާރާތަކީ ރޮނާލްޑޯގެ ފަސް ވަނަ ވޯލްޑް ކަޕެވެ. 2003 ވަނަ އަހަރުން ފެށިގެން ޕޯޗްގަލްގެ ޤައުމީ ޓީމަށް ކުލެމުން އަންނަ ރޮނާލްޑޯ އަކީ މިހާތަނަށް އެ ޤައުމަށް އެންމެ ގިނަ މެޗު ކުޅެދީ، އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. ޕޯޗުގަލް ޓީމު ވޯލްޑް ކަޕަށް ނިކުންނާނީ ރޮނާލްޑޯގެ ކެޕްޓަންކަމުގެ ދަށުންނެވެ. މި ސީޒަންގެ ކުލަބު ލެވެލްގައި މިހާތަނަށް ރޮނލްޑޯ އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، ވޯލްޑް ކަޕްގައި އޭނާގެ ހުނަރު ފެންނާނެ ކަމަށް ބެލެވެއެވެ. ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ފޯވާޑް ލައިންގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ،  މި ފަހަރުގެ ކޮލިފައިންގައި ވެސް ޕޯޗުގަލް އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔަކީ އޭނާ އެވެ.

ބްރޫނޯ ފެނާންޑެސް

ޕޯޗުގަލްގެ ޤައުމީ ޓީމުގައި ފެނާންޑޭޒް ހިމެނުނީ 2017 ވަނަ އަހަރުއެވެ. އޭނާ އަކީ ޕޯޗުގަލްގައި ތިބި މިޑްފީލްޑަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާއެވެ. އުމުރުން 28 އަހަރުގެ ފެނާންޑޭސް އަންނަނީ ކުލަބު ލެވެލްގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ އެންމެ ބޮޑަށް ވިދާލާފައިވަނީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. އެ ޓީމުގައި ފެނާންޑޭޒްގެ އިތުރުން ޕޯޗގަލްގެ ރޮނާލްޑޯ ވެސް ހިމެނެއެވެ. ފެނާންޑޭޒް ވަނީ މިހާތަނަށް ޕޯޗުގަލަށް 48 މެޗު ކުޅެދީ، ނުވަ ލަނޑު ޖަހާފައެވެ.

ޔާއޯ ފެލިކްސް

މިވަގުތު ޕޯޗުގަލްގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ އުންމީދީ ކުޅުންތެރިޔަކަށް ވާނީ ޒުވާން ފޯވާޑް ފެލިކްސްއެވެ. ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުގައި ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް ޕޯޗުގަލްގެ ޤައުމީ ޓީމުން ޖާގަ ލިބުނީ 2019 ވަނަ އަހަރުއެވެ. ޒުވާން ކުޅުންތެރިޔާ ވަނީ އެ ފަހުން ޕޯޗުގަލަށް ކުޅެދިން 23 މެޗުގައި ތިން ލަނޑު ޖަހާފައެވެ.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް
ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް

ކޯޗު: 

އުމުރުން 67 އަހަރުގެ ފެނާންޑޯ ސަންޓޯސް އަކީ ޕޯޗުގަލަށް ނިސްބަތްވާ ރައްޔިތެކެވެ. އޭނާ ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވީ 2014 ވަނަ އަހަރުއެވެ. ކޯޗިންގެ މަސައްކަތް ފެށުމުގެ ކުރިން ސަންޓޯސް އަކީ ޑިފެންޑަރުގެ މަގާމަށް ކުޅުނު ކުޅުންތެރިޔެކެވެ. އެކި ކުލަބުތަކަށް ކޯޗުކަން ކޮށްދިނުމަށް ފަހު ޕޯޗުގަލާ ހަވާލުވެ އޭނާ ވަނީ އެ ޓީމާއެކު ކާމިޔާބުތަކެއް ވެސް ހޯދާފައެވެ. އެ ޤައުމާއެކު ސަންޓޯސް ވަނީ މިހާތަނަށް ދެ މުބާރާތެއް ކާމިޔާބުކޮށްފައެވެ. އެއީ 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތާއި، 19-2018 ވަނަ އަހަރުގެ ނޭޝަންސް ލީގެވެ. ނޭޝަންސް ލީގު ފެށި ފަހުން ޕޯޗުގަލް އަކީ އެ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ޓީމެވެ.

މެޗުތައް
Nov, 24 2022 21:00
ސްޓޭޑިއަމް 974
Nov, 29 2022 00:00
ލުސައިލް ސްޓޭޑިއަމް
Dec, 02 2022 20:00
އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް
Dec, 07 2022 00:00
ލުސައިލް ސްޓޭޑިއަމް
Dec, 10 2022 20:00
އަލްތުމާމާ ސްޓޭޑިއަމް