Ghana Flag Ghana Flag
ގާނާ
ދުނިޔޭގެ ރޭންކިންގް
61

ސަރަހައްދީ ކާމިޔާބީ

އެފްރިކާގެ ޗެމްޕިއަންކަން 4 ފަހަރު

ވޯލްޑް ކަޕް ކުޅުނު އަދަދު

4

ޗެމްޕިއަންކަން ހޯދި އަދަދު

0

އެންމެ ގިނަ ލަނޑުޖެހީ

އަސަމޮއާ ގަޔާން (51 ގޯލު)

އެންމެ ގިނަ މެޗު ކުޅުނީ

އަސަމޮއާ ގަޔާން، އަންދްރޭ އަޔޭ (109 މެޗު)

އާބާދީ

31.7 މިލިއަން މީހުން

ބަސް

އިނގިރޭސި

ފައިސާ

ގާނައިން ސެޑީ
ތައާރަފް

ގާނާ އަކީ 1992 ވަނަ އަހަރު އެ ޤައުމަށް މަލްޓި ޕާޓީ ޑިމޮކްރަސީ ތަރާފްވިފަހުން ވެސްޓް އެފްރިކާގައި އޮތް އެންމެ ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދަމުން އަންނަ ސުލްހަމަސަލަސް ޤައުމެވެ. ކުރިން އެ ޤައުމު މަޝްހޫރުވެރިފައި އޮންނަނީ ގޯލްޑް ކޯސްޓުގެ ގޮތުގައެވެ. އިނގިރޭސިންއަތުން ގާނާއަށް މިނިވަންކަން ލިބިގެން ދިޔައީ 1957 ވަނަ އަހަރުއެވެ. ފަތުރުވެރިކަން ގާނާގައި ކުރިއަރަމުންދާއިރު އެންމެ ގިނަ ބަޔަކު އެ ގައުމަށް ޒިޔާރަތްކުރަނީ ސާފިންގައި މަގުބޫލު ޕޮއިންޓަކަށްވާތީ އެވެ. އެފްރިކާގައި އެންމެ ގިނަ އަދަދަކަށް ކިޔަވާކުދިން  ސްކޫލަށްދާ ގައުމަކީ ވެސް ގާނާ އެވެ. އެއީ އަތްތެރިމަސައްކަތާއި ފެހުމާއި މާޖެހުމުގައި މިއުޒިކާއި ނެށުންފަދަ ކަމުގައި ކުޅަދާނަ ބައެކެވެ. ސަރުކާރަށް ފާޑުކިއުމުގެ ހުއްދަ މީޑިޔާތަކަށްއޮވެ އެވެ. ގާނާގައި 8 މިލިއަން މީހުން އިންޓަނެޓް ބޭނުންކުރާއިރު މިކަމަށް ގިނަ ބަޔަކު ބޭނުންކުރަނީ މޮބައިލްފޯނެވެ. ގާނާގެ އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓްބޯޅައެވެ. ގައުމީ ފުޓްބޯޅަ ޓީމަށް ގިނަ ބަޔަކު ކިޔައި އުޅެނީ ބްލެކް ސްޓާސްއެވެ. ނަމަވެސް 20 އަހަރުން ދަށު ޓީމުގެ ވަނަމަކީ ބްލެކް ސެޓެލައިޓް އެވެ.

ފާހަގަކޮށްލެވޭ ފެކްޓެއް:

  • ގާނާގެ މާނައަކީ ވޭރިއާ ކިންގް
  •  ގާނާގެ އަކްރާ ސިޓީ އަކީ އެފްރިކާ އިން ދެ ވަނަ އަށް އެންމެ އަގު ބޮޑު ސިޓީ

ޓެކްޓިކްސް:

ގާނާއިން އާއްމުގޮތެއްގައި ދެ ގޮތަކަށް ކުޅެ އެވެ. ފުރަތަމަ ގޮތަކީ 4-2-3-1 އެވެ. ދެ ވަނަ ގޮތަކީ 3-4-3 އެވެ. ގާނާގެ އެންމެ ހާއްސަކަމަކީ މެދުތެރެ ވަރުގަދަވުމެވެ. ނަމަވެސް މައްސަލައަކީ ޓީމުގެ ކުރީގައި ތިބޭ ކުޅުންތެރިން ގޯލާ ބީރައްޓެހިވުމެވެ.

އުފެދޭ ސުވާލުތައް:

ގާނާގެ އެންމެ ކާމިޔާބު ފޯމޭޝަނަކީ ކޮބައިކަމެއް އެމީހުންނަށް ވެސް ޔަގީނެއްނޫނެވެ. މީގެ އިތުރުން ތޯމަސް ޕާޓޭ އާއި އެހެން ކުޅުންތެރިން އެންމެ މޮޅަށް ކުޅޭ ޕޮޒިޝަނާމެދު ވެސް ހިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ.

2002 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ވާދަކުރި ގާނާ ޓީމް
2002 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ވާދަކުރި ގާނާ ޓީމް

ވޯލްޑް ކަޕުގެ ތާރީހް:

މިއަހަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ ގާނާ އިން ވާދަކުރާނެ ހަތަރު ވަނަ މުބާރާތެވެ. މީގެ ކުރިން 2006، 2010، 2014 ގައިވެސް އެ ޤައުމުން ވަނީ ވޯލްޑް ކަޕްގައި ވާދަކޮށްފައެވެ. ގާނާ އަކީ 2006 ވަނަ އަހަރު އޮތް ވޯލްޑް ކަޕް މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދުނު އެފްރިކާއަށް ނިސްބަތްވާ ހަމައެކަނި ޤައުމެވެ. އެވްރެޖުކޮށް އެ އަހަރުގެ މުބާރާޓުގައި އެންމެ ޒުވާން ސްކޮޑެއްވެސް އޮތީ ގާނާގައެވެ. އެ ޤައުމުގެ ސްކޮޑުގައި ތިބި ކުޅުންތެރިންގެ އެވްރެޖު އުމުރަކީ 23 އަހަރާއި 352 ދުވަހެވެ. ޖެހިގެން އައި 2010 ވަނަ އަހަރުގެ މުބާރާތުގައި ގާނާ ވަނީ ކުއާޓާ ފައިނަލްގައި ވާދަކޮށްފައެވެ. ކުއާޓާގައި ގާނާ ބަލިވީ އުރުގުއާއި އަތުންނެވެ. 2014 ވަނަ އަހަރުގެ މުބާރާތް ގާނާ އިން ނިންމާލަން ޖެހުނީ ގްރޫޕް ސްޓޭޖާ ހަމައިންނެވެ.

ވޯލްޑް ކަޕަށް ކޮލިފައިވީ ގޮތް:

ކުޅުނު: 8 މެޗު

މޮޅުވި: 4

ބަލިވި: 1

އެއްވަރުވި 3

މިއަހަރުގެ މުބާރާތުން ގާނާ އަށް ޖާގަ ލިބުނީ ކޮލިފައިންގެ ފަހު ބުރުގައި ނައިޖީރިއާގެ މައްޗަށް އަވޭ ގޯލުން ކުރި ހޯދައިގެންނެވެ. އެއީ ކޮލިފައިވާނެ ބަޔަކު ނިންމަން ކުޅުނު ޕްލޭއޯފްގެ ދެ މެޗު ވެސް އެއްވަރުވުމުންނެވެ. މި ދެ ގައުމު ގާނާގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހިއެވެ. ނަމަވެސް ނައިޖީރިއާގައި ކުޅުނު މެޗުގެ ނަތީޖާ އަކީ 1-1 އެވެ.

ކޮލިފައިންގެ ފަހު ބުރުގައި ކުޅެންޖެހޭ ޕްލޭއޯފްއާ ހަމައަށް ގާނާ ދަތުރުކުރީ އެފްރިކާގެ ކޮލިފައިންގެ ގްރޫޕް ޖީގެ އެއްވަނަ ހޯދުމުންނެވެ. މި ގްރޫޕުގައި ދެން ތިބީ ދެކުނު އެފްރިކާ އާއި އިތިއޯޕިއާ އަދި ޒިމްބާބުވޭ އެވެ. މި ގްރޫޕުން އެއްވަނަ ގާނާ ހޯދީ ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެގެންނެވެ. މި އަދަދަށް ދެކުނު އެފްރިކާގެ ނަތީޖާތައް ހުއްޓަސް ގާނާ އަށް ކުރި ލިބުނީ ފައިދާ ގޯލު ވެސް އެއްވަރުވެ ޖެހި ގޯލުގެ ތަފާތުންނެވެ. ގާނާ ޖެހީ ހަތް ގޯލެވެ. ދެކުނު އެފްރިކާ ޖަހާފައިވަނީ ހަ ގޯލެވެ.

އެންމެ މުހިންމު 3 ކުޅުންތެރިން:

ފެލިސް އަފެނާ ގަޔާން

އުމުރުން 19 އަހަރުގެ ފޯވާޑަކީ މިއަހަރުގެ މުބާރާތުގައި ގާނާ ޓީމުގައި ހިމެނޭ އެންމެ ޒުވާން އެއް ކުޅުންތެރިޔާއެވެ. ކުލަބު ވެލެލްގައި އޭނާ ވަނީ އިޓާލީގެ ރޯމާ އަށް ކުޅެފައެވެ. އެއަށްފަހު 2022 ވަނަ އަހަރު އޭނާ ބަދަލުވީ އެ ލީގުގެ ސްރެމޮނީސްއަށެވެ. ގާނާގެ ޤައުމީ ޓީމުގައި ވެސް އޭނާ ހިމެނުނީ ވެސް މިއަހަރުއެވެ. 2021 ވަނަ އަހަރުގެ ފަހު ކޮޅު ޤައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް އޭނާ އެކަމާ ދެކޮޅު ހެދިއެވެ. އޭނާ އޭރު ބުނީ ޤައުމީ ޓީމަށް ކުޅެން އަދި މާ އަވަސް ކަމަށެވެ. ނަމަވެސް މިއަހަރު އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެން ފަށާފައެވެ. އެންމެ ފުރަތަމަ އޭނާ ޤައުމީ ޓީމަށް ކުޅެދިން މެޗަކީ ނައިޖީރިއާއާ ދެކޮޅަށް 0-0 އިން އެއްވަރުވި މެޗެވެ.

މުޙައްމަދު ކުޑުސް

އުމުރުން 22 އަހަރުގެ މިޑްފީލްޑަރު ގާނާ ޤައުމީ ޓީމުގައި ހިމެނުނީ 2019 ވަނަ އަހަރުއެވެ. ކުޑޫސް އޭނާގެ ސީނިއާ ކެރިއަރު ފަށާފައިވަނީ ވެސް 2018 ވަނަ އަހަރުއެވެ. ކުލަބު ލެވެލްގައި އޭނާގެ ކުޅުން ފާހަގަވެ ގާނާގެ ޤައުމީ ޓީމުން އޭނާ އަށް ޖާގަ ލިބުނީއެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ގާނާގެ ޤައުމީ ޓީމުގައި އިސް ދައުރެއް އަދާކޮށްފައެވެ.

މުޙައްމަދު ސަލިސޫ

ސަލިސޫ އަކީ ޤައުމީ ލެވެލްގެ އިތުރުން ކުލަބް ލެވެލްގައި ވެސް ފާހަގަކޮށްލެވޭ ޑިފެންޑަރެކެވެ. އޭނާ އަންނަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ސައުތުހެމްޓަންގައި ފާހަގަކޮށްލެވޭ ކުޅުމެއް ދައްކަމުންނެވެ. ކުލަބު ލެވެލްގައި ދައްކަމުން އައި ކުޅުމުގެ ސަބަބުން ސަލިސޫ އަށް ގާނާގެ ޤައުމީ ޓީމުން ޖާގަ ލިބުނީ 2022 ވަނަ އަހަރުއެވެ. ސަލިސޫ ވެގެންދާނީ ގާނާގެ ޤައުމީ ޓީމުގެ ފަހަތް ބަލަހައްޓާނެ މުހިންމު ކުޅުންތެރިޔަކަށެވެ.

ގާނާ ކުޅުންތެރިންނަށް ކޯޗު އޮޓޫ (ވ) ބުނެދެނީ
ގާނާ ކުޅުންތެރިންނަށް ކޯޗު އޮޓޫ (ވ) ބުނެދެނީ

ކޯޗު:

އޮޓޫ އަޑޯ އަކީ ގާނާ އަށް ނިސްބަތްވާ އެ ޤައުމުގެ ރައްޔިތެކެވެ. އޭނާ އަކީ 1999 އިން 2006 ވަނަ އަހަރާ ހަމަ އަށް ގާނާގެ ޓީމަށް ކުޅެދިން ކުޅުންތެރިޔެކެވެ. އޭރު އޭނާ ކުޅެފައިވަނީ އެޓޭކިން މިޑްފީލްޑަރު/ ވިންގާގެ މަގާމަށެވެ. ގާނާގެ ޤައުމީ ޓީމާ އޭނާ ހަވާލުވީ 2022 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ވަނީ ގާނާ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ އިތުރުން ވަގުތީ ކޯޗުކަން ވެސް ކޮށްފައެވެ. ކުލަބު ލެވެލްގައި ވެސް އަޑޯ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޖަރުމަނު ލީގުގެ ބްރޫޝިއާ ޑޯޓްމަންޑުގެ އެސިސްޓެންޓު ކޯޗުކަން ވެސް ކުރިއެވެ.

މެޗުތައް
Nov, 24 2022 21:00
ސްޓޭޑިއަމް 974
Nov, 28 2022 18:00
އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް
Dec, 02 2022 20:00
އަލްޖަނޫބް ސްޓޭޑިއަމް