South Korea Flag South Korea Flag
ސައުތު ކޮރެއާ
ދުނިޔޭގެ ރޭންކިންގް
28

ސަރަހައްދީ ކާމިޔާބީ

އޭޝިއަން ކަޕުގެ ޗެމްޕިއަންކަން ދެ ފަހަރު

ވޯލްޑް ކަޕް ކުޅުނު އަދަދު

10

ޗެމްޕިއަންކަން ހޯދި އަދަދު

0

އެންމެ ގިނަ ލަނޑުޖެހީ

ޝާ ބުމް ކުން

އެންމެ ގިނަ މެޗު ކުޅުނީ

ޝާ ބުމް ކުން ހުން މިއޯން

އާބާދީ

1 51.7މިލިއަން މީހުން

ބަސް

ކޮރެއަން

ފައިސާ

ސައުތު ކޮރެއަން ވޮން
ތައާރަފް

ދެކުނު ކޮރެއާ އަކީ މިހާތަނަށް ވޯލްޑް ކަޕުގައި އެންމެ ގިނައިން ވާދަ ކޮށްފައިވާ އޭޝިޔާގެ ގައުމެވެ. އެ މީހުން ވަނީ މިހާތަނަށް 9 ފަހަރު ވޯލްޑް ކަޕުގައި ކުޅެ 2002 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުވެސް ކަޑައްތުކޮށްފަ އެވެ. އެ ހިސާބަށް އެމީހުންނަށް ދެވުނީ އަމިއްލަ ފަސް ގަނޑުގައި ގައުމުގެ ސަޕޯޓަރުންގެ ތަރުހީބާއި ސާބަހާއި ހިތްވަރުގެ ބަސްތަކާވެސް އެކުގައެވެ. އޭޝިޔާގައި ހުރިހާ ގޮތަކުން ވެސް ކުރިއަރައިފައިވާ ކޮރެއާ އަކީ މިހާތަނަށް އޭޝިޔާގައި ވޯލްޑް ކަޕް ބޭއްވި ހަމައެކަނި ފަހަރު މުބާރާތް ބޭއްވުމުގެ ފަހުރު ޖަޕާނާއެކު ހިއްސާކުރި ގައުމު ވެސްމެ އެވެ. ހަމަ އެއާއެކު އެ ފަހަރު މުބާރާތުގެ ސެމީ ފައިނަލަށް ކޮރެޔާ ދިއުންވީ މުޅި ދުނިޔެއަށްވެސް ލިބުނު ބޮޑުސިހުމަކަށެވެ. ހާއްސަކޮށް ވޯލްޑް ކަޕް ތަށި ހަތަރު ފަހަރަށް ހޯދައިފައިވާ އިޓަލީ އާއި ވަރުގަދަ ސްޕޭންގެ ދުވެލި ހުއްޓުވައި ކޮރެޔާ ހިންދެމިލުން ވެގެންދިޔައީ މި ޒަމާނުގެ ފުޓްބޯޅައިގައި އެންމެންވެސް އެއް ފެންވަރަކަށް އަންނަމުންދާ ކަމާ މެދު އިތުރަށް ބަހުސް ކުރަން ނުޖެހޭކަން ސާބިތު ކޮށްދިން ހެއްކަކަށެވެ. ނަމަވެސް އޭގެ ފަހުން ކޮރެޔާއަށް ވޯލްޑް ކަޕުގައި އެއްވެސް ފަންވަރެއް ދެއްކިފައިނުވުމަކީ މުޅި އޭޝިޔާ މާޔޫސްވަމުން އަންނަ ކަމެކެވެ.

ފާހަގަކޮށްލެވޭ ފެކްޓެއް:

  • ކޮރެއާގައި ވެލަންޓައިންސް ޑޭ ޚާއްސަކޮށްފައިވަނީ ފިރިހެނުންނަށް
  • އަލަށް އުފަންވާ ކުއްޖަކީ އެއް އަހަރުވެފައިވާ ކުއްޖެއް

ޓެކްޓިކްސް:

ކޯޗު ޕައުލޯ ބެންޓޯ ވަނީ މިދިޔަ ހަތަރު އަހަރު ތެރޭގައި ވަރަށް ގިނަ ފޯމޭޝަންތަކަށް ކުޅުވައިފަ އެވެ. އެއީ ކުރިއަށް ކުޅުވާނީ ކިތައް ކުޅުންތެރިންކަން ކަނޑައަޅަން ދަތިވެގެންނެވެ. އޭނާ އަކީ ފަހަތާއި މެދުތެރެ ބައިވެރިވެގެން އެޓޭކް ފަށަން ބޭނުންވާ ކޯޗެކެވެ. މިހެންވެ އޭނާއާ މެދު ޝައްކުކުރާ މީހުން ބުނަނީ ކޮރެޔާގެ ޒަމާންވީ އާދަކާދަ ނައްތާލާފައިވާ ކަމަށެވެ. އެއީ ކޮރެޔާގެ ފޯވަޑުންގެ ސްޕީޑާއި ވަރުގަދަކަން ބޭނުންނުކުރާ ކަމަށްބުނެ އެވެ. އާއްމުކޮށް މިފަހުން އޭނާ ކުޅުވަނީ 4-2-3-1 އަށެވެ.

ކުޅުންތެރިން ހިތްހަމަޖެހޭތަ؟

ކޮރެޔާގެ އެންމެ މޮޅު ކުޅުންތެރިއަކީ ސޮން ހުންގް މިން އެވެ. އޭނާ ގައުމީ ޓީމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހޭތީވެ އެކަމާ މައްސަލަ ޖައްސައެވެ. ސޮން ޖައްސާ މައްސަލައަކީ ގައުމީ ޓީމުގައި އޭނާއަށް ހާއްސަކަމެއް ނެތުމެވެ. މީގެ އިތުރުން ޓީމުގެ ޑިފެންޑަރުން މުޅިން ފިޓްނުވުމުގެ މައްސަލަވެސް ބޮޑެވެ. މިހެންވެ ކޮރެޔާއިން ގަތަރުގައި ކުރާނީ ކޮންކަމެއްތޯ ބަލަން އިންތިޒާރުކުރަންޖެހޭނެ އެވެ.

2002 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ހަތަރުވަނަ ހޯދި ކޮރެޔާގެ ކުޅުންތެރިން
2002 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ހަތަރުވަނަ ހޯދި ކޮރެޔާގެ ކުޅުންތެރިން

ވޯލްޑް ކަޕުގެ ތާރީހް:

މިއަހަރުގެ މުބާރާތަކީ ސައުތު ކޮރެއާ އިން ވާދަކުރާނެ 10 ވަނަ މުބާރާތެވެ. ވޯލްޑް ކަޕްގައި ސައުތު ކޮރެއާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2002 ވަނަ އަހަރުގެ މުބާރާތުގެ ހަތަރު ވަނައެވެ. އެއަހަރުގެ މުބާރާތަކީ ޔޫރަޕުން ބޭރުގައި ބޭއްވި ފުރަތަމަ މުބާރާތެވެ. އެއަހަރުގެ މުބާރާތް ބާއްވާފައިވަނީ ސައުތު ކޮރެއާ އާއި ޖަޕާނާ ގުޅިގެންނެވެ. 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެން އެ ޤައުމު އަންނަނީ ދެން ޖެހިގެން އަންނަ ކޮންމެ މުބާރާތެއްގައު ވެސް ވާދަކުރަމުންނެވެ.

ވޯލްޑް ކަޕަށް ކޮލިފައިވީ ގޮތް:

ކުޅުނު: 17 މެޗު

މޮޅުވި: 12

ބަލިވި: 1

އެއްވަރުވި 4

ސައުތު ކޮރެއާ އިން ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ އޭޝިއާ އިން ކޮލިފައިންގައި ކުޅުނު ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައެވެ. ވޯލްޑު ކަޕް ކޮލިފައިންގައި އެ ޓީމުން ވަނީ ކުޅުނު 17 މެޗުގެ ތެރެއިން 12 މެޗުން މޮޅުވެފައެވެ. އެއް މެޗުން ބަލިބެފައިވާއިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފައެވެ.

އެންމެ މުހިންމު 3 ކުޅުންތެރިން:

ސޮން ހުއެން މިން

އުމުރުން 30 އަހަރުގެ ސޮން އަކީ ސައުތު ކޮރެއާ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. އޭނާ އަކީ ކުލަބު ލެވަލްގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔެކެވެ. އެ ޤައުމުގެ ޒުވާން ޤައުމީ ޓީމުތަކަށް ވެސް ކުޅެފައިވާ ސޮން އަށް ސީނިއާ ޓީމުން ޖާގަ ލިބުނީ 2010 ވަނަ އަހަރުއެވެ. އެ އަހަރުގެ ޑިސެމްބަރު މަހު އޭނާއަށް ޤައުމީ ޓީމުން ޖާގަ ލިބުނީ 2011 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕް ކުޅުމަށެވެ. އޭގެ ފަހުން ޤައުމީ ޓީމަށް ކުޅެމުން އައިސް އޭނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެސް ކުޅެފައެވެ. ސޮން ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 104 މެޗުގައި 24 ލަނޑު ޖަހާފައެވެ.

ލީ ޖައެ ސުން

އުމުރުން 30 އަހަރުގެ އެޓޭކިން މިޑްފީލްޑަރު ސައުތު ކޮރެއާ ޤައުމީ ޓީމުގައި ހިމެނުނީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ އަންނަނީ އެ ޓީމުގައި އިސް ދައުރެއް އަދާ ކުރަމުންނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕްގައި ވެސް އޭނާ ވަނީ ކުޅެފައެވެ. އެއަހަރުގެ މުބާރާތުގައި އެ ޤައުމުން ގްރޫޕް ސްޓޭގައި ކުޅުނު ތިން މެޗުގައި ވެސް އޭނާ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައެވެ. މިހާތަނަށް އޭނާ ވަނީ އެ ޓީމަށް ކުޅެދިން 64 މެޗުގައި ނުވަ ލަނޑު ޖަހާފައެވެ.  

ކިމް ޔަންގް ގުއޯން

ކިމް ޔަންގް އަކީ ސައުތު ކޮރެއާގައި ހިމެނޭ އެންމެ ކުޅަދާނަ އެއް ޑިފެންޑަރެވެ. 2010 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ އެ ޤައުމުގެ ޑިފެންސް ލައިންގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. އޭގެ ފަހުން އޭނާ ވަނީ 2014 އާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފައެވެ. ޚާއްސަކޮށް 2018 ވަނަ އަހަރުގެ މުބާރާތުގައި އޭނާ ދެއްކި ކުޅުން އެންމެނަށް ވެސް ވަނީ ފާހަގަވެގެން ގޮސްފައެވެ. އޭނާ ވަނީ މިހާތަނަށް ޤައުމީ ތީމަށް 95 މެޗު ކުޅެދީ، ހަ ލަނޑު ޖަހައިދީފައެވެ.

ކޯޗު ޕައުލޯ ބެންޓޯ
ކޯޗު ޕައުލޯ ބެންޓޯ

ކޯޗު: ޕައުލޯ ބެންޓޯ

އުމުރުން 53 އަހަރުގެ ބެންޓޯ އަކީ ޕޯޗުގަލަށް ނިސްބަތްވާ ރައްޔިތެކެވެ. އޭނާ ވަނީ 2010 އިން 2014 އަށް ޕޯޗުގަލްގެ ޤައުމީ ޓީމަށް ވެސް ކޯޗުކަން ކޮށްދީފައެވެ. އެއަށްފަހު ބައެއް ކުލަބުތަކަށް ކޯޗުކަން ކޮށްދިނުމަށްފަހު އޭނާ ސައުތު ކޮރެއާގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުއެވެ. އެއީ އެއަހަރު އޮތް ވޯލްޑް ކަޕަށްފަހު އޭރު ހުރި ކޯޗު މަގާމުން ދުރުކުރުމަށްފަހުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ސައުތު ކޮރެއާ ވަނީ 52 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 33 މެޗުން މޮޅުވެފައެވެ. 12 މެޗު އެއްވަރުވެފައިވާއިރު، ހަތް މެޗުން ވަނީ ބަލިވެފައެވެ.

މެޗުތައް
Nov, 24 2022 18:00
އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް
Nov, 28 2022 18:00
އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް
Dec, 02 2022 20:00
އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް
Dec, 06 2022 00:00
ސްޓޭޑިއަމް 974