ބްރެޒިލް އަކީ ސައުތު އެމެރިކާ އަދި ލެޓިން އެމެރިކާގެވެސް ބިމުގެ ގޮތުން އެންމެ ބޮޑު ޤައުމެވެ. ޕޯޗުގީޒް ބަހުން ވާހަކަދައްކާ ބްރެޒިލްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މީހުން ވަޒަންވެރިވެގެން ދިރިއުޅެއެވެ. ބްރެޒިލްގައި އެންމެ ބޮޑަށް ކުރިއަރާފައިވަނީ ސާވިސް ސެކްޓާގެ މަސައްކަތްތަކެވެ. އެންމެ ބޮޑު އާމްދަނީއެއްވެސް ޤައުމަށް ލިބެނީ މި ދާއިރާއިންނެވެ. ބްރެޒިލްގެ މައި ކުޅިވަރަކީ ފުޓްބޯޅައެވެ. ސްޓްރީޓް ފުޓްބޯޅައިގައިވެސް ފާހަގަކުރެވިފައިވާ ބްރެޒިލްއިން ވަނީ ގިނަ އަދަދެއްގެ ދުނިޔޭގެ ފެންވަރުގެ ފުޓްބޯޅަ އަދި ފުޓްސަލް ލެޖެންޑުން އުފެދިފައެވެ.
ބްރެޒިލްއަކީ ބިމުގެ ގޮތުން 8.5 މިލިއަން ސްކޮޔަރ މީޓަރުގެ ބޮޑު ގައުމެކެވެ. ސައުތު އެފްރިކާ ބައްރުގައި ބިމުގެ ގޮތުން އެންމެ ބޮޑު ގައުމެވެ. ބްރެޒިލްގެ ކެޕިޓަލް ސިޓީއަކީ ސައޯ ޕައުލޯއެވެ.
ފާހަގަކޮށްލެވޭ ފެކްޓެއް: އެމެޒަން ރެއިންފޮރެސްޓްގެ %60 އޮންނަނީ ބްރެޒިލްގައި, 400 އަށްވުރެ ގިނަ އެއަރޕޯޓް ބްރެޒިލްގައި އޮވޭ, ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދު
ބްރެޒިލްގެ އާއްމުކޮށް ކުޅެނީ 4-2-3-1 ފޯމޭޝަނަށެވެ. އެމީހުންނަކީ އަބަދުވެސް ފަހަތް ދޫކޮށް ކުރިއަށް އަރާ ބައެކެވެ. ބޭނުމަކީ އިދިކޮޅު ޓީމު ހާސްކޮށްލުމެވެ. ބްރެޒިލްގެ ވިންގަށް ކުޅޭ ކުޅުންތެރިން މެދުތެރޭގައި ބައިވެރިވުން އިތުރުވާނެއެވެ. މެދުތެރެއަށް މީހަކު އިތުރުކުރަނީ އެޓޭކްގައި ބައިވެރިވާ ކުޅުންތެރިންނަށް ފަސޭހަކޮށްދީ އިދިކޮޅު ޓީމަށް ހައިރާންކަމެއް ގެނުވުމަށެވެ.
ހުރިހާ ކަމެއްހުރީ ފުރިހަމަވެފައިތަ؟
ބްރެޒިލް ޓީމަށް 2018 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ދިމާވީ ޑިފެންސްލައިނުގެ މައްސަލައެވެ. މި މައްސަލަ ހައްލުކުރުމަށް ތިއާގޯ ސިލްވާ ބާކީކޮށް އުފެއްދި މާކިއުނޯސް އާއި މިލިޓާއޯގެ ޕާޓްނާޝިޕް ފެނިގެންދިޔައީ ވަރަށް ކާމިޔާބުކޮށެވެ. މެދުތެރެއިން ކަސެމީރޯއާއެކު ކުޅޭނެ ކުޅުންތެރިއެއްގެ މަގާމަށް ސްކޮޑްގެ ތެރޭގައި ވާދަވެރިކަން ބޮޑެވެ. މިއަށްވުރެ ކޯޗަށް ފިކުރުކުރަން ޖެހިފައިވަނީ ކުރިއަށް ކުޅޭނެ ކުޅުންތެރިން ހޮވާށެވެ. ނޭމާއާއެކު ކުރިއަށް ކުޅޭން ރަފީނިއާ އާއި ވިނީޝިއަސް ޖޫނިއާ އާއި ރިޗާލިސަން އަދި މެތިއަސް ކޫނާ އާއި ރޮޑްރީގޯއާއި, ކޫލަސް ޕެކޭޓާ ފަދަ ކުޅުންތެރިންގެ ވާދަވެރިކަން ބޮޑެވެ.
ބްރެޒިލްއަކީ ހުރިހާ ވޯލްޑް ކަޕެއްގައި ކުޅުނު ހަމައެކަނި ޓީމެވެ. ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވެއެވެ. ވޯލްޑް ކަޕްގެ ހުރިހާ މުބާރާތެއްގައި ކުޅުނު ހަމައެކަނި ޓީމަކީ ބްރެޒިލްއެވެ. 'ލަ ސެލެކާއޯ' ގެ ނަމުން ވޯލްޑް ކަޕްގައި ލަގަބުދެވިފައިވާ ބްރެޒިލް ވަނީ މުބާރާތުގައި މިހާތަނަށް 109 މެޗު ކުޅެ, 73 މެޗުން މޮޅުވެފައެވެ. ވޯލްޑް ކަޕްގައި ބްރެޒިލްއިން މިހާތަނަށް 229 ލަނޑު ޖަހާފައިވެއެވެ. ފީފާ ރޭންކިންގެ އެއްވަނާގައި އޮތް ބްރެޒިލްއަކީ އެންމެ ގިނަ ފަހަރު މުބާރާތް ކާމިޔާބުކުރި ޤައުމެވެ. މިފަހަރުގެ މުބާރާތަށްވެސް ނުކުންނަނީ ވަރުގަދަ ސްކޮޑަކާއެކުއެވެ. ބްރެޒިލްއަކީ މުބާރާތުގެ ފޭވަރިޓުންގެ ލިސްޓުގެ އެންމެ ކުރީ ސަފުގައި ހިމެނޭ ޓީމެވެ.
ކުޅުނު | މޮޅުވި | އެއްވަރުވި | ބަލިވި |
17 | 14 | 3 | 0 |
ބްރެޒިލް މުބާރާތަށް ކޮލިފައިވީ ސައުތު އެފްރިކާ ބައްރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކޮލިފައިންގައި ކުޅުނު 17 މެޗުގެ ތެރެއިން 14 މެޗުން އެޓީމު ވަނީ މޮޅުވެފައެވެ. ބާކީ ތިން މެޗުން އެއްވަރުވީއެވެ. ކޮލިފިކޭޝަންގެ ހުރިހާ މެޗެއް ނިންމާލީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ކޮލިފިކޭޝަންގައި އާޖެންޓީނާއާއި ބްރެޒިލް ކުޅެން އޮތް މެޗު ނުކުޅެއެވެ. އެއީ އެމެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ޕޮއިންޓު ތާވަލަށް ބަދަލެއް ނާންނާނެތީ ދެޓީމުން އެގޮތަށް އެއްބަސްވުމުންނެވެ. ބްރެޒިލް އަތުން އާޖެންޓީނާ އެމެޗުން މޮޅުވިޔަސް ތާވަލުގެ އެއްވަނާގައި ބްރެޒިލް ވޯލްޑް ކަޕަށް ކޮލިފައިވާނެއެވެ.
ނޭމާއަކީ މިހާރު ފުޓްބޯޅަ ކުޅެމުން އަންނަ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ލަނޑު ޖެހުމާއި ޕްލޭ މޭކް ކުރުމުގައިވެސް ނޭމާއަކީ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ބްރެޒިލްގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަންވެސް ކުރި ނޭމާ މިހާރު ކުޅެމުން އަންނަނީ ފްރާންސްގެ ޕީއެސްޖީއަށެވެ. ބްރެޒިލްގެ ސެންޓޯސްއިން ވިދާލި ނޭމާ ވަނީ ސްޕެއިންގެ ބާސެލޯނާގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ނޭމާ ވަނީ ބްރެޒިލް ޓީމަށް މިހާތަނަށް 120 މެޗު ކުޅެދީ 74 ލަނޑު ޖަހައިދީފައެވެ.
ވިނީޝިއޫސްއަކީ މިހާރު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވިސުންގަދަ އެއް ތަރިއެވެ. ރެއާލް މެޑްރިޑްގައި އޭނާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ޑްރިބްލް ކުރުމާއި, ހަލުވި ދުވެލީގެ އިތުރުން ގޯލަށް އަމާޒުކޮށް ފޮނުވާލާ ހިތްގަމު ބޯޅަތަކަކީ ވިނީޝިއޫސްގެ އެންމެ ހިތްގައިމު، އެންމެ ގިނަ ބަޔަކަށް ފާހަގަވާ ހުނަރުތަކެވެ. އޭނާ ވަނީ ބްރެޒިލްގެ ޤައުމީ ޓީމަށް މިހާތަނަށް 15 މެޗު ކުޅެދީ އެއް ލަނޑު ޖަހައިދީފައެވެ.
އެލިސަން ބެކަރއަކީ ދުނިޔޭގައި މިހާރު ހުރި އެންމެ މޮޅު އެއް ގޯލު ކީޕަރެވެ. ޚާއްސަކޮށް ވަން އޮން ވަން ސިޓުއޭޝަންސްތަކުގައި އެލިސަން ބެކަރ ފާހަގަކުރެވިފައިވަނީ އެހެން ކީޕަރުންނާއިވެސް ޚިލާފު މޮޅު ކީޕަރެއްގެ ގޮތުގައެވެ. އެލިސަން މިހާރު ކުޅެމުން އަންނަނީ އިނގިރޭސިވިލާތުގެ ލިވަޕޫލްއަށެވެ. ލިވަޕޫލްގައި 142 މެޗު މިހާތަނަށް ކުޅެފައިވާ އެލިސަން ވަނީ 2016 ން 2018 ށް އިޓަލީގެ ރޯމާއަށްވެސް ކުޅެފައެވެ.
އަޑޭނޯ ލިއެނާޑޯ ބަޗީ (އާންމު ނަމުން ނަމަ: ޓީޓޭ) އަކީ ބްރެޒިލްއަށް އުފަން އެޤައުމުގެ ރައްޔިތެކެވެ. ޓީޓޭ ވަނީ 1978 ވަނަ އަހަރުން ފެށިގެން 1990 ގެ ނިޔަލަށް މިޑްފީލްޑަރެއްގެ ގޮތުގައި ފުޓްބޯޅަ ކުޅެފައެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ކުޅުނު އެކި ކްލަބުތަކަށް ޖުމްލަ 173 މެޗު ކުޅެދީ 17 ލަނޑު ޖަހައިދީފައިވެއެވެ. ނަމަވެސް ބްރެޒިލްގެ ޤައުމީ ޓީމަށް ޓީޓޭ ނުކުޅެއެވެ. ޓީޓޭގެ ކޯޗިންގ ކެރިއަރު ފެށީ 1990 ވަނަ އަހަރު އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލި ގޮތަށެވެ. އެންމެ ފުރަތަމަ އިރުޝާދުދިނީ އޭނާ އެންމެ ފަހުން ކުޅުނު ގުއަރެނީ ޑި ގަރިބާލްޑީއަށެވެ. އޭގެ ފަހުން ޓީޓޭ ވަނީ މިހާތަނަށް 19 ޓީމަކަށް ކޯޗުކޮށްދީފައެވެ. ބްރެޒިލްގެ ސީނިއަރ ޤައުމީ ފިރިހެން ފުޓްބޯޅަ ޓީމާއި ޓީޓޭ ހަވާލުވީ 2016 ވަނަ އަހަރުއެވެ. ޓީޓޭ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ބްރެޒިލްއަށް ކޯޗުކޮށްދީފައެވެ. ބްރެޒިލް ޓީމު ޓީޓޭއާ ހަވާލުކުރީ އޭރު ހުރި ކޯޗު ޑުންގާ އާއެކު ކޮޕަ އެމެރިކާގައި ބްރެޒިލްއިން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ޑުންގާ ޓީމުން ބޭރުކުރުމަށްފަހުއެވެ. ޓީޓޭ ވަނީ 2019 ވަނަ އަހަރުގެ ކޮޕް އެމެރިކާ މުބާރާތް ބްރެޒިލްއަށް ކާމިޔާބުކޮށްދީފައެވެ. އެއީ ބްރެޒިލްއިން ކޮޕަ އެމެރިކާގެ ތަށި އުފުލާލި ނުވަ ވަނަ ފަހަރެވެ. ނަމަވެސް އެފަހަރުގެ މުބާރާތް ބްރެޒިލްއިން ކާމިޔާބުކުރީ މުބާރާތުގެ ތަށި އުފުލާނުލެވޭތާ 12 އަހަރު ފަހުންނެވެ. 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ތަށްޓަކީ 6 އަހަރު ދުވަހު ތަށްޓެއް ނުލިބި ހުރުމަށްފަހު ބްރެޒިލްއިން ކާމިޔާބުކުރި ފުރަތަމަ ތަށްޓެވެ. މިއަހަރުގެ ވޯލްޑް ކަޕަށްފަހު ބްރެޒިލްގެ ކޯޗުކަމުން އިސްތިއުފާ ދިނުމަށް ނިންމާ ޓީޓޭ ވަނީ އެކަން އިއުލާނުކޮށްފައެވެ.