Serbia Flag Serbia Flag
ސާބިއާ
ދުނިޔޭގެ ރޭންކިންގް
21

ސަރަހައްދީ ކާމިޔާބީ

ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ރަނައަޕްކަން ދެފަހަރު ހޯދުން

ވޯލްޑް ކަޕް ކުޅުނު އަދަދު

3

ޗެމްޕިއަންކަން ހޯދި އަދަދު

0

އެންމެ ގިނަ ލަނޑުޖެހީ

އަލެކްސެންޑަރ މިޓްރޮވިޗް (44 ލަނޑު(

އެންމެ ގިނަ މެޗު ކުޅުނީ

ބްރެނިސްލާވް އިވަނޮވިޗް (105 މެޗު)

އާބާދީ

8.70 މިލިއަން މީހުން

ބަސް

ސާބިއަން

ފައިސާ

ސާބިއަން ދީނާރް
ތައާރަފް

ގައުމުގެ ތައާރަފް:

ސާބިއާއަކީ ޔޫރަޕު ބައްރުގެ މެދުތެރޭގައި އޮންނަ ޤައުމެކެވެ. ސާބިއާގެ ވެރިރަށަކީ ބެލްގްރޭޑެވެ. އެއީ އެޤައުމުގެ އެންމެ ބޮޑު ސިޓީވެސްމެއެވެ. އިޤްތިޞާދީ ގޮތުން ފުދުންތެރި ސާބިއާ އޮތީ ދުނިޔޭގެ ހިއުމަން ޑެވެލޮޕްމެންޓް އިންޑެކްސްގެ 64 ވަނާގައެވެ. ސާބިއާގައި ދިރިއުޅޭ 90 ޕަސެންޓު މީހުންނަކީ ކްރިސްޓިއަނުންނެވެ. ސާބިއާގެ އެންމެ މަގްބޫލު ކުޅިވަރަކީ ފުޓްބޯޅައެވެ. އެޤައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ 146،845 ކުޅުންތެރިންނާއެކު ސާބިއާގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަނަކީވެސް އެޤައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނެވެ. ފުޓްބޯޅައިގެ އިތުރުން ބާސްކެޓް، ޓެނިސް، ވޮލީ ވޯޓަރ ޕޯލޯ އަދި ހޭންޑް ބޯޅައިގައިވެސް ސާބިއާ ފާހަގަކޮށްލެވެއެވެ.

ފާހަގަކޮށްލެވޭ ފެކްޓެއް:

• ތާރީޚާއި ސަޤާފަތް ރައްކާކުރުމުގައި ފާހަގަކުރެވިފައިވާ ޤައުމެއް

• ސާބިއާގެ ގިނަ ރައްޔިތުންގެ ނަން ނިމިފައިވަނީ "އިޗް" ނުވަތަ "އިކް" އަށް

• މެހެމާންދާރީ އަދާކުރުމުގައި ދުނިޔޭގެ އެންމެ އިސް ސަފުގައި ހިމެނޭ ޤައުމެއް

ޓެކްޓިކްސް:

ކަނާތު ބެކަށް ކުޅޭނެ މޮޅު ކުޅުންތެރިއަކު ނުވެގެން ޓީމު ފޯމޭޝަން އަނބުރާލަން ޖެހުނީ 3-4-2-1 އަށެވެ. މިނޫން ގޮތަކަށް ކުޅޭނަމަ އެންމެ ފުރަތަމަ ވެސް ޓީމު އެނބުރިގަންނަނީ 3-5-2 އަށެވެ.

ސާބިއާގެ ޓީމުގެ މައްސަލަތަކަކީ ކޮބާ؟ އެކުވެރިކޮށް ތިބޭނެތަ؟

ބައިކޮޅަށް ގޯލެއް ނުވައްދައި މެޗެއް ނިންމާލުމަކީ އެމީހުންނަށް ދަތިކަމަކަށް ކޮލިފައިންގައިވިއެވެ. ކޮލިފައިންގައި ކުޅުނު އަށް މެޗުގައި ނުވަ ގޯލު އެމީހުން ކޮޅަށް ވަނެވެ. މިހެންވެ ވޯލްޑްކަޕާ ދެމެދު މިއޮތް ކުރު މުއްދަތުގައި ކޯޗަށް ޑިފެންސް ހަމައަކަށް އެޅުވިދާނެތޯ މިއީ ސުވާލެކެވެ.

ސާބިއާ ކުޅޭ ފޯމޭޝަނުގެ ގޮތުން ކުރިއަށް ކުޅެންތިބި ހުނަރުވެރި ގިނަ ކުޅުންތެރިންނަށް ފުރުސަތުތަކެއް ގެއްލެއެވެ. ހާއްސަކޮށް ގަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު އެޓޭކިން ގިނަ ކުޅުންތެރިން ބޭނުންކުރެވޭނެ ގޮތެއް ނެތުމަކީ ވެސް އެކުޅުންތެރިންގެ ފުރުސަތުތައް ހަނިވާ ސަބަބެކެވެ. މީގެ އިތުރުން ކާމިޔާބު ކޮލިފިކޭޝަނަކަށްފަހު ގިނަ ފަހަރަށް ސާބިއާ ޓީމުގެ ތެރޭގައި އޮންނަ އެކުވެރިކަން ގެއްލިދެއެވެ. ނަމަވެސް މިފަހަރު މިކަން ތަކުރާރުނުވާނެ ކަމަށް ސަޕޯޓަރުން އުއްމީދުކުރެއެވެ.

ވޯލްޑް ކަޕުގެ ތާރީހް:

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފުރަތަމަ ބޭއްވި 1930 ވަނަ އަހަރުން ފެށިގެން 1938 ވަނަ އަހަރުގެ މުބާރާތާއި ހަމައަށް ސާބިއާއަކީ މުބާރާތުގައި ބައިވެރިވި ކިންގްޑަމް އޮފް ޔޫގޯސްލާވިއާގެ ބައެކެވެ. އޭގެ ފަހުން ދެވަނަ ބޮޑު ހަނގުރާމައަށްފަހު އަލުން ވޯލްޑް ކަޕް ފަށައިގެން ކުރިއަށް ގެންދިޔައިރު. 1950ން 1990 ވަނަ އަހަރުގެ މުބާރާތާ ހަމައަށް ސާބިއާއަކީ މުބާރާތުގައި ބައިވެރިވި ސޯޝިއަލިސްޓް ފެޑެރަލް ރިޕަބްލިކް އޮފް ޔޫގޯސްލާވިއާގެ ބައެކެވެ. އެއަށްފަހު 1994 ގެ ވޯލްޑް ކަޕުން ފެށިގެން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ހަމައަށް ސާބިއާ މުބާރާތުގައި ބައިވެރިވީ މޮންޓެނޭރޯ އާއި ބައިއަތު ހިފައިގެން އެއް ޓީމެއްގެ ގޮތުގައެވެ. ނަމަވެސް މި ހުރިހާ މުބާރާތެއްގައި ނެރެފައިވާ ނަތީޖާވެސް ފީފާއިން ވަނީ ސާބިއާގެ ނަތީޖާގެ ގޮތުގައި ބަލާފައެވެ. އެއީ މި މުބާރާތްތަކުގައި އެންމެ ބޮޑު ހިއްސާއެއް އޮތް ޓީމަކީ ސާބިއާ ކަމަށް ވާތީއެވެ.

އިތުރު ޤައުމެއްގެ ނުފޫޒެއް ނެތި ސާބިއާގެ އަމިއްލަ ނަމުގައި އެޤައުމުން އެންމެ ފުރަތަމަ ބައިވެރިވީ 2010 ވަނަ އަހަރުއެވެ. އޭގެ ފަހުން 2014ގެ މުބާރާތަށް ސާބިއާ ކޮލިފައިނުވާއިރު، 2018 ވަނަ އަހަރުގެ މުބާރާތުގައި އެޓީމު ވާދަކުރިއެވެ. ސާބިއާގެ އަމިއްލަ ނަމުގައި ބައިވެރިވެ، މިހާތަނަށް މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅާ އެޓީމަށް ކުރިއަށް ދެވިފައެއް ނުވެއެވެ.

ވޯލްޑް ކަޕްގައި މިހާތަނަށް 21 މެޗު ކުޅެ، ސާބިއާއިން ވަނީ 40 ލަނޑު ޖަހާފައެވެ. ބައިކޮޅަށް ވަނީ 23 ލަނޑެވެ.

ވޯލްޑް ކަޕަށް ކޮލިފައިވީ ގޮތް:

  • ކުޅުނު: 8 މެޗު
  • މޮޅުވި: 6
  • ބަލިވި: 0
  • އެއްވަރުވި 2

ސާބިއާއިން މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ އެންމެ މެޗަކުންވެސް ބަލިނުވެއެވެ. ކޮލިފައިންގައި ސާބިއާ ލައްވާލީ ވަރުގަދަ ޕޯޗުގަލްއާއި އެއް ގްރޫޕެއްގައެވެ. ކޮލިފައިންގައި ކުޅުނު 8 މެޗުގެ ތެރެއިން 6 މެޗުން މޮޅުވިއިރު، ދެ މެޗުން އެއްވަރުވިއެވެ. ފުރަތަމަ މެޗުގައި 3-2 ން ރިޕަބްލިކް އޮފް އަޔަލެންޑް ބަލިކުރިއިރު، ދެވަނަ މެޗުގައި 2-2 ން ޕޯޗުގަލްއާއި އެއްވަރުވިއެވެ. އަޒާބައިޖަންގެ މައްޗަށް ކުރިހޯދީ 2-1 ނެވެ. ސާބިއާ އަތުން ލަކްސަމްބާގް ބަލިވީ 4-1 ނެވެ. ކޮލިފައިން ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި 1-1 ން އަޔަލެންޑާއި އެއްވަރުވިއިރު، ލަކްސަމްބާގް އަތުން މޮޅުވީ 1-0 ނެވެ. އަޒާބައިޖަންގެ މައްޗަށް 3-1 ން ކުރިހޯދިއިރު، ކޮލިފައިންގެ ފަހު މެޗުގައި ޕޯޗުގަލް ބަލިކުރީ 2-1 ނެވެ. ސާބިއާ ވޯލްޑް ކަޕަށް ކޮލިފައިވީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

އެންމެ މުހިންމު 3 ކުޅުންތެރިން:

ސާގޭ މިލިންކޯވިޗް-ސާވިޗް

ސާގޭ މިލިންކޯވިޗް-ސާގޭއަކީ މިފަހަރުގެ ވޯލްޑް ކަޕަށް ސާބިއާ ނުކުންނައިރު އެކުޅުންތެރިއަކަށް ޓީމު އެންމެ ބޮޑަށް ބަރޯސާވާނެ އެއް ކުޅުންތެރިޔާއެވެ. 1995 ވަނަ އަހަރު އޭނާ އުފަންވީ ސްޕެއިންގެ ލެއިޑާއަށެވެ. ޓީމުގެ މެދުތެރެ ފޫބެއްދުމުގައި އިސް ދައުރެއް އަދާކުރާ ސާވިޗް އެންމެ ފުރަތަމަ ސާބިއާގެ ޤައުމީ ސީނިއަރ ޓީމަށް ކުޅުނީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ޤައުމީ ޓީމަށް 35 މެޗު ކުޅެދީ 6 ލަނޑު ޖަހާފައެވެ. މީގެ އިތުރުން، 27 އަހަރުގެ މިޑްފީލްޑަރު ވަނީ ސާބިއާގެ 20 އަހަރުން ދަށުގެ ޓީމާއެކު 2015 ވަނަ އަހަރުގެ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އަދި 2013 ވަނަ އަހަރު އޮތް ޔޫރަޕިއަން 19 އަހަރުން ދަށުގެ ތަށި އޭނާވަނީ ސާބިއާގެ 19 އަހަރުން ދަށުގެ ޓީމާއެކު އުފުލާލާފައެވެ.

ސީނިއަރ ކްލަބް ފުޓްބޯޅައިގައި ސާވިޗް އެންމެ ފުރަތަމަ ކުޅުނީ އޭނާގެ ޔޫތު ކެރިއަރުގައި ކުޅުނު ސާބިއާގެ ވޮއިވޯޑީނާއަށެވެ. 2013 އަދި 2014 ވަނަ އަހަރު އެޓީމަށް ކުޅުނެވެ. އެސީޒަންގެ ސާބިއަންކަޕްގެ ޗެމްޕިއަންކަންވެސް ވޮއިވޯޑީނާއާއެކު ކާމިޔާބުކުރިއެވެ. އޭގެ ފަހުން 2014/2015 ވަނަ ސީޒަންގައި ޖެންކްއަށް ބަދަލުވެ އެޓީމުގައި 24 މެޗު ކުޅެދީ ތިން ލަނޑު ޖަހާފައިވެއެވެ. ސާވިޗް މިހާރު ކުޅެމުން އަންނަ އިޓަލީގެ ލަޒިއޯއަށް ބަދަލުވީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެޓީމަށް 239 މެޗު ކުޅެދީ 51 ލަނޑު ޖަހައިދީފައެވެ. 2018/2019 ވަނަ ސީޒަންގެ އިޓާލިއަން ކަޕްގެ ތަށި ލާޒިއޯއާއެކު އުފުލާލިއެވެ. މީގެ އިތުރުން 2019/2020 އަދި 2017/2018 ވަނަ ސީޒަންގެ އިޓާލިއަން ސުޕަ ކަޕްވެސް ސާވިޗް ވަނީ ލާޒިއޯއާއެކު ކާމިޔާބުކޮށްފައެވެ. 

ނިކޯލާ މިލެންކޯވިޗް

ސާބިއާގެ ބެލްގްރޭޑަށް އުފަން މިލެންކޯވިޗް ވަނީ އެންމެ ފަހުގެ ވޯލްޑް ކަޕް މުބާރާތުގައިވެސް ސާބިއާ ޓީމަށް ކުޅެދީފައެވެ. އެފަހަރުގެ މުބާރާތުގައި ސާބިއާ ކުޅުނު ތިން މެޗުގައިވެސް ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ވަނީ ކުޅެފައެވެ. ޤައުމީ ސީނިއާ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް 37 މެޗު ސާބިއާ ޓީމަށް ކުޅެދީ ތިން ލަނޑު ޖަހާފައެވެ. ސާބިއާ ޓީމާއެކު މިލެންކޯވިޗްއަށް މިހާޓަނަށް އެއްވެސް މުބާރާތެއްގެ ތަށި އުފުލާލެވިފައެއް ނުވެއެވެ.

މިލެންކޯވިޗްގެ ސީނިއަރ ކްލަބް ފުޓްބޯޅަ ކެރިއަރު ފެށީ 2015 ވަނަ އަހަރު ޕާޓިޒަންއިންނެވެ. މިހާރު ކުޅެމުން އަންނަ ފިއޮރެންޓީނާއަށް ބަދަލުވީ 2017 ވަނަ އަހަރުއެވެ. ޕާޓިޒަންއަށް ކުޅުނު މުއްދަތުގައި އޭނާ ވަނީ ލޯނު އުސޫލުން 2015/2016 ގައި ޓެލެއޮޕްޓިކްއަށް ކުޅެފައެވެ. އެމުއްދަތުގައި އެޓީމަށް 13 މެޗު ކުޅެދިނެވެ. ޕާޓިޒަން ޓީމަށް 36 މެޗު ކުޅެދީ ދެލަނޑު ޖަހައިދިނެވެ. ޕާޓިޒަން ޓީމާއެކު 2016/2017 އަދި 2015/2016 ވަނަ ސީޒަންގެ ސާބިއަން ކަޕް ކާމިޔާބުކުރިއެވެ. މީގެ އިތުރުން 2016/2017 ވަނަ ސީޒަންގެ ސާބިއަން ޗެމްޕިއަންޝިޕްވެސް ކާމިޔާބުކުރިއެވެ. މިހާރު ކުޅެމުން އަންނަ ފިއޮރެންޓީނާއަށް ބަދަލުވެ މިލެންކޯވިޗް ވަނީ އެޓީމަށް 159 މެޗު ކުޅެދީ 12 ލަނޑު ޖަހައިދީފައެވެ.

ޑުސާން ޓަޑިޗް

ޑުސާން ޓަޑިޗްއަކީ ސާބިއާގެ ސީނިއަރ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންއެވެ. އޭނާ ކުޅެމުން އަންނަ ނެދަލެންޑްސްގެ އަޔެކްސްގެ ކައްޕިއަކީވެސް ޑުސާންއެވެ. އުމުރުން 33 އަހަރުގެ ޑުސާން އުފަންވީ ސާބިއާގެ ބައްކާ ޓޮޕޯލާއަށެވެ. ފޯވާޑެއް އަދި އެޓޭކިންގ މިޑްފީލްޑަރެއްގެ ގޮތުގައިވެސް ޑުސާން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ޓީމުގެ ލީޑަރުގެ އިތުރުންވެސް އޭނާ ޓީމަށް މުހިންމުވާ ސަބަބަކީ މިއީއެވެ. ގިނަ މަގާމުތަކަކަށް މޮޅަށް ކުޅޭތީއެވެ.

ސާބިއާގެ ސީނިއަރ ޤައުމީ ޓީމަށް ޑުސާން އެންމެ ފުރަތަމަ ކުޅުނީ 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން އެޓީމަށް 90 މެޗު ކުޅެދީ 18 ލަނޑު ޖަހައިދީފައިވެއެވެ. މީގެ އިތުރުން 2016 އަދި 2019 ވަނަ އަހަރު އެންމެ ގިނަ ލަނޑު ޖެހި ސާބިއާ ކުޅުންތެރިއަކީވެސް ޑުސާންއެވެ.

ކްލަބް ފުޓްބޯޅައިގެ ތެރެއަށް 2006 ވަނަ އަހަރު ނުކުތް ޑުސާން ވަނީ ވޮއިވޯޑީނާ، ގްރޮނިންގެން އަދި ޓްވެންޓެއަށްވެސް ކުޅެފައެވެ. އޭގެ ފަހުން 2014ން 2018 އަށް އޭނާ ވަނީ ޕްރިމިއަރ ލީގުގެ ސައުތެމްޕްޓަނަށްވެސް ކުޅެފައެވެ. އެމުއްދަތުގެ ތެރޭގައި އެޓީމަށް 134 މެޗު ކުޅެދީ 21 ލަނޑު ޖަހައިދީފައިވެއެވެ. އޭގެ ފަހުން އަޔެކްސްއަށް ބަދަލުވެ އެޓީމުގައި 135 މެޗު ކުޅެ 66 ލަނޑު ޖަހާފައިވެއެވެ.

2021 ވަނަ އަހަރުގެ ނެދަލެންޑްސްގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ހޯދި ޑުސާން ވަނީ ތިން ފަހަރެއްގެ މަތީން އަޔެކްސްއާއެކު ޑަޗް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ދެފަހަރު ޑަޗް ކަޕްގެ ތަށި އުފުލާލިއެވެ. 2020 ވަނަ އަހަރުގެ ޑަޗް ސުޕަ ކަޕްގެ ޗެމްޕިއަންކަންވެސް ޑުސާން ވަނީ އަޔެކްސްއާއެކު ކާމިޔާބުކޮށްފައެވެ.

ތަޖުރިބާ އާއި ހުނަރުގެ ގޮތުންވެސް ޓީމުގެ ގިނަ ކުޅުންތެރިންނާއި ނުބައްދަލު ޑުސާންއަކީ މިފަހަރުގެ ވޯލްޑް ކަޕާއި ސާބިއާ ކުރިމަތިލާއިރު އެޓީމުގެ ތަނބެވެ.

ކޯޗު ޑްރަގަން ސްޓޮޖްކޯވިޗް
ކޯޗު ޑްރަގަން ސްޓޮޖްކޯވިޗް

ކޯޗު: 

އުމުރުން 57 އަހަރުގެ ޑްރަގަން ސްޓޮޖްކޯވިޗްއަކީ ސާބިއާއަށް އުފަން، ސާބިއާގެ ރައްޔިތެކެވެ. މިއީ މިފަހަރުގެ މުބާރާތަށް ސާބިއާ ނުކުންނައިރު އެޓީމަށް އޮތް ހިތްހަމަޖެހުމެކެވެ. ޑްރަގަންއަކީ އެޤައުމުގެ ރައްޔިތަކަށް ވުމުން ޤައުމަށްޓަކައި އޮންނަ ލޯތްބާއެކު މި މުބާރާތް ކާމިޔާބު ކުރުމަށް ޑްރަގަންއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެއެވެ.

ޒުވާން ދުވަސްވަރު ފުޓްބޯޅަ ކުޅުނު ޑްރަގަން ވަނީ ޔޫގޯސްލާވިއާގެ ނަމުގައި އޮތް އިރު ސާބިއާގެ ޤައުމީ ޓީމަށްވެސް ކުޅެފައެވެ. އޭނާ ވަނީ މިޑްފީލްޑަރެއްގެ ގޮތުގައި ސާބިއާ ޓީމަށް 1983 ން 2001 އަށް ކުޅެދީފައެވެ. މި މުއްދަތުގެ ތެރޭގައި އެޓީމަށް 84 މެޗު ކުޅެދީ 15 ލަނޑު ޖަހައިދީފައިވެއެވެ. ދިގު މުއްދަތަކަށް ޓީމުގެ ކެޕްޓަންކަންވެސް ކުރިއެވެ.

ފްރާންސްގެ މާސޭއަށްވެސް ކުޅުނު ޑްރަގަންގެ ކޯޗިންގ ކެރިއަރު ފެށި އޭނާ އެންމެ ފަހުން ކުޅުނު ނަގޯޔާ ގްރެމްޕަސްއިންނެވެ. އޭނާ ވަނީ 2008ން 2013 ގެ ނިޔަލަށް އެޓީމަށް ކޯޗުކޮށްދީފައެވެ. ދެއަހަރުގެ މެދުކެނޑުމަކަށްފަހު ޑްރަގަން ވަނީ 2015 ން 2020 ގެ ނިޔަލަށް ޗައިނާގެ ގުއަންޝޯ ސިޓީއަށް އިރުޝާދުދީފައެވެ. ސާބިއާގެ ޤައުމީ ޓީމާއި ޑްރަގަން ހަވާލުވީ 2021 ވަނަ އަހަރުއެވެ.

ކޯޗެއްގެ ގޮތުގައި ޑްރަގަން ވަނީ 2010 ވަނަ އަހަރުގެ ޖޭ ލީގު ޑިވިޝަން އެކެއްގެ ޗެމްޕިއަންކަން ނަގޯޔާއަށް ހޯދައިދީފައެވެ. ޖެހިގެން އައި 2011 ވަނަ އަހަރުގެ ޖަޕަނީޒް ސުޕަ ކަޕްގެ ޗެމްޕިއަންކަންވެސް އެޓީމަށް ހޯދައިދިނެވެ. މީގެ އިތުރުން އޭނާ ވަނީ ޖޭ ލީގުގެ އެންމެ މޮޅު މެނޭޖަރުގެ މަގާމާއި ނިސްގެ އެންމެ މޮޅު ސްޕޯޓްސްމަންގެ މަގާމުވެސް 2010 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ.

މެޗުތައް
Nov, 25 2022 00:00
ލުސައިލް ސްޓޭޑިއަމް
Nov, 28 2022 15:00
އަލްޖަނޫބް ސްޓޭޑިއަމް
Dec, 03 2022 00:00
ސްޓޭޑިއަމް 974