Cameroon Flag Cameroon Flag
ކެމަރޫން
ދުނިޔޭގެ ރޭންކިންގް
43

ސަރަހައްދީ ކާމިޔާބީ

އެފްރިކާގެ ޗެމްޕިއަންކަން 5 ފަހަރު

ވޯލްޑް ކަޕް ކުޅުނު އަދަދު

8

ޗެމްޕިއަންކަން ހޯދި އަދަދު

0

އެންމެ ގިނަ ލަނޑުޖެހީ

ސަމިއުލް އެޓޫ (56 ލަނޑު)

އެންމެ ގިނަ މެޗު ކުޅުނީ

ރިގޮބާޓް ސޯންގ (137 މެޗު)

އާބާދީ

26.55 މީހުން މިލިއަން

ބަސް

ފްރެންޗް, އިނގިރޭސި

ފައިސާ

ސެންޓްރަލް އެފްރިކަން ސީއެފްއޭ ފްރެންކް
ތައާރަފް

ކެމަރޫންއަކީ އެފްރިކާ ބައްރުގެ މެދުން ހުޅަނގާވީ ކޮޅުގައި އޮންނަ ޤައުމެކެވެ. ހަތާވީހަކަށް މިލިއަން މީހުން ދިރިއުޅޭ މިޤައުމުގައި 250 ބަހުރުވައިން ވާހަކަދައްކައެވެ. ނަމަވެސް އާންމު ގޮތެއްގައި ބޭނުންކުރަނީ ފްރެންޗް އަދި އިނގިރޭސި ބަހެވެ. ކެމަރޫންގެ ގިނަ ރައްޔިތުންނަކީ ކްރިސްޓިއަނުންނެވެ. ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި ކެމަރޫންގެ ގިނަ ރައްޔިތުން ކުރާ މަސައްކަތަކީ ދަނޑުވެރިކަމެވެ. އެޤައުމުގެ ރަސްމީ ކުޅިވަރަކީ ފުޓްބޯޅައެވެ.

ފާހަގަކޮށްލެވޭ ފެކްޓެއް:

· އެފްރިކާގައި އޮންނަ ސީދާ ކަނޑާއި ގުޅިފައިވާ ތިން ކޯރުގެ ތެރެއިން އެއް ކޯރު އޮންނަނީ ކެމަރޫންގައި

· އާންމު ގޮތެއްގައި ދުނިޔެއިން ނުފެންނަ ތަފާތު ގިނަ ގަސްގަހާއި ޖަނަވާރު ކެމަރޫންއިން ފެނިފައިވޭ

· ކެމަރޫންގެ ވަޒާ ނެޝަނަލް ޕާކަކީ އެޤައުމުގެ ރައްޔިތުންނާއި ފަތުރުވެރިންގެ މެދުގައިވެސް ވަރަށް މަޤްބޫލު މަންޒިލެއް

ޓެކްޓިކްސް:

ކެމަރޫން އަކީ ދެ އަރިމަތިން ހަލުވިކޮށް ކުޅޭ ކުޅުންތެރިންގެ ބޭނުންހިފަން މަސައްކަތްކުރާ ޓީމެކެވެ. މި ޓީމު އާއްމުކޮށް ކުޅެނީ 4-3-3 އަށެވެ. ފޯވަޑް އަބޫބަރަކީ ވަރުގަދަ ކުޅުންތެރިއަކަށްވުމުން އޭނާއަށް ދިގުބޯޅަތަކެއް ކުޅުމަކީ ވެސް ބައެއް ފަހަރު ކުރާކަމެކެވެ.

ކެމަރޫން ވޯލްޑްކަޕަށް ތައްޔާރުތަ؟

ކެމަރޫނާއި ބާސެލޯނާގެ ކުރީގެ މަޝްހޫރު ފޯވަޑް ސެމިއުލް އެޓޫ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްކަމަށް އައުމަށްފަހު ފުރަތަމަ ވެސް ކުރި ކަމަކީ ކޯޗުކަމުން ޕޯޗުގަލްގެ ޓޯނީ ކޮންސެއިސާސޯ ވަކިކުރުމެވެ. އެއަށްފަހު ކޯޗުކަން ދިނީ އޭނާއާއެކު ގައުމީ ޓީމަށް ކުޅުނު ގާތް އެކުވެރިޔާ ރިގްބަޓް ސޮންގަށެވެ. އޭނާގެ ކޯޗިން ތަޖުރިބާ މަދު ނަމަވެސް ސޮންގަކީ ކޮންމެ ކަމަކަށް އާނ ބަސް ބުނާ މީހެއްނޫނެވެ. 1990 ވަނަ އަހަރުގެ ރޮޖަ މިލާ ޖާދޫ ދައްކައި ކެމަރޫން ގަދަ އަށަކަށް ގެންދިޔަ ނަމަވެސް އެފަހުން ކެމަރޫން ޓީމުން އެއިރުގެ ހިތްވަރާއި ފަންވަރެއް ނުފެނެއެވެ.

ވޯލްޑް ކަޕުގެ ތާރީހް:

ކެމަރޫންއަކީ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި އެންމެ ފުރަތަމަ ކުޅުނު އެފްރިކާ ބައްރުގެ ޤައުމެވެ. ކެމަރޫންއިން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ކުޅުނީ 1982 ވަނަ އަހަރުއެވެ. ޖުމްލަ 8 ވޯލްޑް ކަޕް ކުޅެފައިވާ ކެމަރޫންއަށް ވޯލްޑް ކަޕްގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރުމެވެ. ކެމަރޫން ވަނީ 1990 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފައެވެ. ވޯލްޑް ކަޕްގައި ކެމަރޫން ވަނީ މިހާތަނަށް 75 މެޗު ކުޅެ 113 ލަނޑު ޖަހާފައެވެ. އެޓީމު ކޮޅަށް ވަދެފައިވަނީ 71 ލަނޑެވެ. މިހާތަނަށް ކުޅުނު 75 މެޗުގެ ތެރެއިން 41 މެޗުން މޮޅުވިއިރު 21 މެޗުން ވަނީ އެއްވަރުވެފައެވެ. ކެމަރޫން ބަލިވީ މުބާރާތުގެ 13 މެޗުންނެވެ.

ވޯލްޑް ކަޕަށް ކޮލިފައިވީ ގޮތް:

ކުޅުނު: 7

މޮޅުވި: 6

ބަލިވި: 1

އެއްވަރުވި 0

ވޯލްޑް ކަޕްގެ ކޮލިފިކޭޝަންގައި ކެމަރޫން ކުޅުނީ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް ފެޑެރޭޝަންގެ ދެވަނަ ބުރުގައެވެ. ދެވަނަ ބުރުގައި ކެމަރޫން ލައްވާލީ އައިވަރީ ކޯސްޓް, މޮޒަމްބިކް އަދި މަލާވީ އާއި އެއް ގްރޫޕެއްގައެވެ. މި ގްރޫޕުގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ކެމަރޫން މޮޅުވިއެވެ. އޭގެ ފަހުން ތިންވަނަ ބުރުގައި ކެމަރޫން ބައްދަލުކުރަން ޖެހުނީ އަލްޖީރިއާ އާއެވެ. ފުރަތަމަ ލެގު ނިމުނީ 2-2ން އެއްވަރު ވެގެންނެވެ. ދެވަނަ ލެގުގައި ކެމަރޫން ވަނީ 2-1ން އަލްޖީރިއާ ބަލިކޮށް ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްފައެވެ.

އެންމެ މުހިންމު 3 ކުޅުންތެރިން:

  1. އަންދްރޭ ފްރެންކް ޒަމްބޯ އަންގުއީސާ

އަންގުއީސާއަކީ ކެމަރޫންގެ ޔައޯންޑޭއަށް އުފަން ކެމަރޫންގެ ރައްޔިތެކެވެ. އުމުރުން 26 އަހަރުގެ ޑިފެންސިވް މިޑްފީލްޑަރު ކެމަރޫންގެ ޤައުމީ ފުޓްބޯޅަ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ކެމަރޫން ޓީމަށް 42 މެޗު ކުޅެދީ 5 ލަނޑު ޖަހާފައެވެ. އެންމެ ފުރަތަމަ ކެމަރޫން ޓީމަށް ކުޅުނީ ޓިއުނޭޝިޔާ އަތުން 1-0ން މޮޅުވި ރަހުމަތްތެރިކަމުގެ މެޗުގައެވެ.

ސްޕެއިންގެ މާސޭއިން ކްލަބް ފުޓްބޯޅައިގެ ސީނިއަރ ކެރިއަރު ފެށި އަންގުއީސާ ވަނީ ދެއަހަރުތެރޭގައި އެޓީމަށް 79 މެޗު ކުޅެދީފައެވެ. އޭގެ ފަހުން ފުލަމްއަށް ބަދަލުވެ އެޓީމަށް 61 މެޗު ކުޅެދީފައިވެއެވެ. ފުލަމްއަށް ކުޅުނުއިރު އޭނާ ވަނީ ލޯނު އުސޫލުން ވިޔަރެއާލް އަދި ނަޕޯލީއަށްވެސް ކުޅެފައެވެ. މިޙާރު ކުޅެމުން އަންނަ ނަޕޯލީއަށް ބަދަލުވީ މިއަހަރުއެވެ.

އަންގުއީސާ ވަނީ ކެމަރޫން ޓީމާއެކު މިދިޔަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ލޯ މެޑަލް ހޯދާފައެވެ. މީގެ އިތުރުން މާސޭއާއެކު 2017/2018 ވަނަ ސީޒަންގެ ޔުއެފާ ޔޫރަޕާ ލީގުގެ ރަނައަޕްކަން ހާސިލްކުރިއެވެ.

2. ކާލް ޓޯކޯ އެކާމްބީ

ފްރާންސްގެ ލިޔޯންއަށް ކުޅެމުން އަންނަ އެކާމްބީ އުފަންވީ ފްރާންސްގެ ޕެރިސްއަށެވެ. އުމުރުން 30 އަހަރުގެ ފޯވާޑް އެންމެ ފުރަތަމަ ކެމަރޫން ޓީމަށް ކުޅުނީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެޓީމަށް 50 މެޗު ކުޅެދީ 12 ލަނޑު ޖަހައިދީފައެވެ. ކެމަރޫން ޓީމާއެކު 2017 ވަނަ އަހަރުގެ އެފްރިކާ ކަޕްގެ ތަށި އުފުލާލިއެވެ. މީގެ އިތުރުން 2018/2019 ވަނަ ސީޒަންގެ ކޮޕަ ޑެލް ރޭގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމުވެސް އެކާމްބީ ވަނީ ހޯދާފައެވެ.

ޕެރިސް އެފްސީން ކްލަބް ފުޓްބޯޅަ ކެރިއަރު ފެށި އެކާމްބީ ވަނީ އޭންޖާސްއަށްވެސް ކުޅެފައެވެ. 2018ން 2020 އަށް ސްޕެއިންގެ ވިޔަރެއާލްއަށް ކުޅުނުއިރު އޭނާ ވަނީ މިހާރު ކުޅެމުން އަންނަ ލިޔޯންއަށް ލޯނު އުސޫލުން ކުޅެފައެވެ. ރަސްމީކޮށް ލިޔޯންއަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެޓީމުގައި 74 މެޗު ކުޅެ 30 ލަނޑު ޖަހާފައެވެ.

3. ވިންސެންޓް އަބޫބަކުރު

ވިންސެންޓް އަބޫބަކުރަކީ (ފުރިހަމަ ނަނަ: ވިންސެންޓް ރަޔާން އަބޫބަކުރު) ކެމަރޫންގެ ޔައޯންޑޭއަށް އުފަން ކެމަރޫންގެ ރައްޔިތެކެވެ. 2010 ވަނަ އަހަރު ކެމަރޫންގެ ސީނިއަރ ޤައުމީ ޓީމަށް ކުޅެން ފެށި ވިންސެންޓްއަކީ ކެމަރޫން ޓީމުގެ ކެޕްޓަނެވެ. ވިންސެންޓް ވަނީ ކެމަރޫން ޓީމަށް 93 މެޗު ކުޅެދީ 37 ލަނޑު ޖަހައިދީފައެވެ. ވިންސެންޓް ވަނީ ކެމަރޫން ޓީމާއެކު 2017 ވަނަ އަހަރުގެ ފްރިކާ ކަޕް އޮފް ނޭޝަންސްގެ ތަށި އުފުލާލާފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ މުބާރާތުގެ ރަން ބޫޓު ހޯދިއެވެ. އަދި އެމުބާރާތުގެ ޓީމް އޮފް ދަ ޓޯނަމެންޓުގައިވެސް 20 އަހަރުގެ ސްޓްރައިކަރު ވަނީ ހިމެނިފައެވެ.

ކޮޓަން ސްޕޯޓްއިން 2009 ވަނަ އަހަރު ކްލަބު ފުޓްބޯޅަ ފެށި ވިންސެންޓް ވަނީ ބެސްޓިސްކަސްއަށްވެސް ކުޅެފައެވެ. މިހާރު ކުޅެމުން އަންނަނީ އަލް ނަސްރުއަށެވެ. އެޓީމުގައި އޭނާ ވަނީ 25 މެޗު ކުޅެ 9 ލަނޑު ޖަހާފައެވެ.

ކޯޗު:

ކެމަރޫންގެ އެންކެންގްލިކޮކްއަށް އުފަން ސޯންގ ވަނީ ކެމަރޫންގެ ޤައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅެފައެވެ. ޑިފެންޑަރެއްގެ ގޮތުގައި ޤައުމީ ޓީމަށް ކުޅުނީ 1993 ން 2010 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ސޯންގ ވަނީ ކެމަރޫން ޓީމަށް 137 މެޗު ކުޅެދީ ފަސް ލަނޑު ޖަހައިދީފައެވެ. ކެމަރޫންއާއެކު އެފްރިކާ ކަޕް އޮފް ނޭޝަންސް ދެފަހަރު ކާމިޔާބުކުރިއެވެ. ކްލަބް ފުޓްބޯޅައިގައި މަޝްހޫރު ލިވަޕޫލް, މެޓްޒް އަދި ވެސްޓް ހޭމް ޔުނައިޓެޑަށްވެސް ކުޅުނެވެ.

ކުޅުން ހުއްޓާލުމަށްފަހު ކޯޗިންގެ ދާއިރާއަށް ނުކުތީ 2016 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ކޯޗުކޯށްދިނީ ކެމަރޫންގެ އޭ ޓީމަށެވެ. ކެމަރޫންގެ ޒުވާން ޓީމަށްވެސް ކޯޗުކޮށްދިން ސޯންގ ކެމަރޫންގެ ސީނިއަރ ޤައުމީ ޓީމާއި ހަވާލުވީ މިއަހަރުއެވެ.

މެޗުތައް
Nov, 24 2022 15:00
އަލްޖަނޫބް ސްޓޭޑިއަމް
Nov, 28 2022 15:00
އަލްޖަނޫބް ސްޓޭޑިއަމް
Dec, 03 2022 00:00
ލުސައިލް ސްޓޭޑިއަމް