Switzerland Flag Switzerland Flag
ސްވިޒަލޭންޑް
ދުނިޔޭގެ ރޭންކިންގް
15

ސަރަހައްދީ ކާމިޔާބީ

2020 ވަނަ އަހަރުގެ ޔޫރޯގެ ކުއަރޓަރ ފައިނަލުގައި ވާދަކުރި,

ވޯލްޑް ކަޕް ކުޅުނު އަދަދު

11

ޗެމްޕިއަންކަން ހޯދި އަދަދު

0

އެންމެ ގިނަ ލަނޑުޖެހީ

އަލެކްސެންޑަރ ފްރެއި (42 ލަނޑު)

އެންމެ ގިނަ މެޗު ކުޅުނީ

ހެއިންޒް ހާމަން (118 މެޗު)

އާބާދީ

8.7 މިލިއަން މީހުން

ބަސް

ޖާމަން

ފައިސާ

ސްވިސް ފްރެންކް
ތައާރަފް

ސްވިޒަލެންޑަކީ ބިމުގެ ގޮތުން 41,285 ސްކޮޔާ ކިލޯމީޓަރު ބޮޑުމިނުގެ ޤައުމެކެވެ. 26 ކެންޓަންއަކަށް ބެހިގެންވާ ސްވިޒަލެންޑުގެ މައި ސިޓީއަކީ ބާންއެވެ. 1815 ވަނަ އަހަރުގެ ފަހުން ބައުނަލްއަޤްވާމީ އެއްވެސް ހަނގުރާމައެއްގައި ސްވިޒަލެންޑު ބައިވެރިވެފައެއް ނުވެއެވެ. އަލިފްދާލާއި ސްވިޒަލެންޑު ގުޅުނީ 2002 ވަނަ އަހަރުއެވެ. ސްވިޒަލެންޑުގެ ޤައުމީ ކުޅިވަރަކީ ފުޓްބޯޅައެވެ. އެންމެ ގިނަ ބަޔަކު ބަލާ އަދި އެންމެ ގިނަ ބަޔަކު ކުޅެނީވެސް ފުޓްބޯޅައެވެ. ނަމަވެސް ފިނި މޫސުމާއި ދިމާކޮށް ސްކީ ކުރުމަކީ ސްވިޒަލެންޑުގައި ބޮޑު ތަރުޙީބެއް ލިބިގެން ކުރަމުން އަންނަ ކަމެކެވެ.

ފާހަގަކޮށްލެވޭ ފެކްޓެއް:

• ސްވިޒަލެންޑުގައި 700 ކުޅި އޮވޭ

• އާބާދީގެ 25 އިންސައްތައަކީ ބިދޭސީން

• ގިނަ އަދަދެއްގެ ބަޑި ގެންގުޅުނު ނަމަވެސް ކުށުގެ އަދަދު އެންމެ މަދު އެއްޤައުމު

• އުފެއްދުންތެރިކަމުގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ޤައުމެއް

ޓެކްޓިކްސް:

ސްވިޒަލޭންޑުން ވަނީ ކުރީގެ ކޯޗު ތިން ޑިފެންޑަރުން ބޭނުންކުރުމުގެ ސިޔާސަތު ބަދަލުކޮށް 4-2-3-1 އަށް ކުޅުވަން ފަށައިފަ އެވެ. ބައެއް ފަހަރު 4-2-2 އަށް ވެސް ކުޅުވަ އެވެ. އޭނާގެ ޓީމުގެ މުހިންމު ކުޅުންތެރިންނަކީ ޔަން ސޮމާ އާއި މެނުއަލް އަކަންޖީ އަދި ރިކާޑޯ ރޮޑްރިގޭޒް އާއި ގްރަނިތް ޝަކާ އާއި ޒެންޑެން ޝަގީރީ އާއި ރެމޯ ފެރެއުލާ އެވެ.

ޝަކާ ޓީމަށް މުހިންމުތަ؟

ގްރަނިތް ޝަކާ ނެތި ސްވިޒަލޭންޑުން ކޮލިފައިންގެ ފަހު ހަތަރު މެޗު ކުޅެން ޖެހުނެވެ. އެއީ އޭނާ އަށް އަނިޔާވުމުންނެވެ. ގިނަ ބަޔަކަށް ފެނުނީ ޝަކާ ނެތި ޓީމު މާމޮޅަށް ކުޅުނު ތަނެވެ. ހާއްސަކޮށް ޑެނިސް ޒަކާރިއާ އާއި ރެމޯ ފެރެއޫލާ އަދި ޖިބްރީލް ސޯ ޑިފެންސްގެ ކުރިމަތިން މުޅި ގޭމް ކޮންޓްރޯލްކުރި އެވެ. ޓީމުގެ ފޯވަޑަށް ކުޅެން އެންމެ އެކަށީގެންވަނީ އެމްބޯލޯ ކަމަށް ވެސް ގިނަ ތަޖުރިބާކާރުން ސިފަކުރެ އެވެ. އެކަމަކު އެއީ އަނިޔާނުވެ ސަލާމަތުން ހުރެފިނަމައެވެ.

2018 ވަނަ އަހަރުގެ މުބާރާތުގައި ވާދަކުރި ސްވިސް ޓީމް
2018 ވަނަ އަހަރުގެ މުބާރާތުގައި ވާދަކުރި ސްވިސް ޓީމް

ވޯލްޑް ކަޕުގެ ތާރީހް:

ސްވިޒަލެންޑުން ވަނީ ވޯލްޑް ކަޕްގައި މިހާތަނަށް 11 ފަހަރެއްގެ މަތިން ވާދަކޮށްފައެވެ. އެންމެ ފުރަތަމަ މުބާރާތުގައި ބައިވެރިވީ 1934 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތް ސްވިޒަލެންޑު ނިންމާލީ ހަތްވަނާގައެވެ. ސްވިޒަލެންޑުން ވަނީ މިހާތަނަށް ވޯލްޑް ކަޕްގައި 98 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 44 މެޗުން މޮޅުވިއިރު, 23 މެޗުން އެއްވަރު އަދި 31 މެޗުން ސްވިޒަލެންޑު ވަނީ ބަލިވެފައެވެ. ސްވިޒަލެންޑުން ވަނީ ވޯލްޑް ކަޕްގައި 165 ލަނޑު ޖަހާފައެވެ. އެޓީމު ކޮޅަށް ވޯލްޑް ކަޕްގައި ވަދެފައިވަނީ 123 ލަނޑެވެ. ވޯލްޑް ކަޕްގައި ސްވިޒްލެންޑް ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނީ ކުބިލޭ ތުރުކިލްމާޒްއެވެ. އޭނާ ވަނީ ސްވިޒަލެންޑް ޓީމަށް ވޯލްޑް ކަޕްގައި 17 ލަނޑު ޖަހައިދީފައެވެ. ވޯލްޑް ކަޕްގައި ސްވިޒަލެންޑު ޓީމަށް އެންމެ ގިނަ މެޗު ކުޅެދިނީ ޔޯހާން ވޯގެލްއެވެ. އޭނާ ވަނީ ޓީމަށް 29 މެޗު ކުޅެދީފައެވެ. ވޯލްޑް ކަޕްގައި ސްވިޒަލެންޑަށް މިހާތަނަށް ހަ ރީންދޫ ކާޑު ދައްކާފައި ވާއިރު, އެޓީމަށް ދައްކާފައިވަނީ އެންމެ ރަތް ކާޑެކެވެ. ވޯލްޑް ކަޕްގައި މިހާތަނަށް ސްވިޒަލެންޑަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ކުއާޓަރ ފައިނަލުގައި ކުޅުމެވެ. އެޓީމު ވަނީ 1934, 1938 އަދި 1954 ވަނަ އަހަރުގެ މުބާރާތުގައި ކުއާޓަރ ފައިނަލް ކުޅެފައެވެ.

ވޯލްޑް ކަޕަށް ކޮލިފައިވީ ގޮތް:

ކުޅުނު: 8

މޮޅުވި: 5

ބަލިވި: 0

އެއްވަރުވި 3

ވޯލްޑް ކަޕްގެ ކޮލިފިކޭޝަންގައި ސްވިޒަލެންޑު ލައްވާލީ ޔުއެފާ ގްރޫޕް ސީގައި ވަރުގަދަ އިޓަލީއާއި އެއް ގްރޫޕެއްގައެވެ. ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ބަލްގޭރިއާ އަތުން 3-1 ން މޮޅުވިއިރު, ދެވަނަ މެޗުގައި ލިތުއޭނިއާގެ މައްޗަށް ކުރިހޯދީ 1-0 ނެވެ. ކޮލިފިކޭޝަންގެ ފުރަތަމަ ބުރުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އިޓަލީއާއި އެއްވަރުވިއިރު, ނޮދާން އައިލެންޑާއި ބައްދަލުކުރި މެޗުވެސް އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ބުރުގައި ނޮދާން އައިލެންޑުގެ މައްޗަށް 2-0 ން ކުރިހޯދިއިރު, ލުއިތޭނިއާ ކައިރިން މޮޅުވީ 4-0 ނެވެ. އިޓަލީއާއި ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ނެވެ. ބަލްގޭރިއާ ބަލިކުރީ 4-0 ނެވެ. މި ނަތީޖާއާއެކު ސްވިޒަލެންޑުން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރީ ގްރޫޕްގެ އެއްވަނާގައި 18 ޕޮއިންޓާއެކުއެވެ. މިއީ ސްވިޒަލެންޑުން ވޯލްޑް ކަޕަށް ޖެހިޖެހިގެން ކޮލިފައިވި ފަސްވަނަ ފަހަރެވެ.

އެންމެ މުހިންމު 3 ކުޅުންތެރިން:

ގްރާނިޓް ޝާކާ

އުމުރުން 30 އަހަރުގެ ޝާކާ އުފަންވީ ސްވިޒަލެންޑްގެ ބާސިލްއަށެވެ. މިޑްފީލްޑަރަކަށް ކުޅޭ ޝާކާއަކީ ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައިވެސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާއަކީ ސްވިޒަލެންޑުގެ ޤައުމީ ޓީމުގެ ކެޕްޓަނެވެ. ސްވިޒަލެންޑުގެ ޤައުމީ ސީނިއަރ ޓީމަށް ކުޅެން ފެށި 2011 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެޓީމަށް 106 މެޗު ކުޅެދީ 12 ލަނޑު ޖަހައިދީފައެވެ. 2017 ވަނަ އަހަރުގެ ސްވިޒަލެންޑުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމުވެސް ހޯދިއެވެ. 2009 ވަނަ އަހަރު އޮތް 19 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ތަށި ސްވިޒަލެންޑާއެކު އުފުލާލިއެވެ.

ކްލަބް ފުޓްބޯޅަ ކެރިއަރު 2010 ވަނަ އަހަރު ފެށީ ބާސެލްއިންނެވެ. އެޓީމުގައި 2012 އާއި ހަމައަށް ކުޅުނުއިރު އޭނާ ވަނީ 42 މެޗު ކުޅެދީ 1 ލަނޑު ޖަހައިދީފައެވެ. ބާސެލްއާއެކު ޝާކާ ވަނީ 2010/2011 އަދި 2011/2012 ވަނަ ސީޒަންގެ ސްވިސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން 2012 ވަނަ އަހަރުގެ ސްވިސް ކަޕްގެ ތަށިވެސް ބާސެލްއާއެކު އުފުލާލިއެވެ. އޭގެ ފަހުން ޖަރުމަނުގެ ބޮރޫޝިޔާ މޮންޗެންގްލެޑްބެކްއަށް  108 މެޗު ކުޅެދީ 6 ލަނޑު ޖަހައިދިނެވެ.

ޝާކާ މިހާރު ކުޅެމުން އަންނަ އާސެނަލްއަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. މިހާތަނަށް އާސެނަލްގައި 196 މެޗު ކުޅެ 12 ލަނޑު ޖަހާފައިވެއެވެ. އާސެނަލްއާއެކު އިނގިރޭސި އެފްއޭކަޕް ދެފަހަރު އަދި އިނގިރޭސި ސުޕަކަޕް ދެފަހަރު ކާމިޔާބުކުރިއެވެ.

ރެމޯ ފްރެއުލާ

ސްވިޒަލެންޑުގެ އެނެންޑާއަށް އުފަން ފްރެއުލާ (ފުރިހަމަ ނަން: ރެމޯ މާކޯ ފްރެއުލާ) ކުޅެމުން އަންނަނީ ސެންޓްރަލް މިޑްފީލްޑަރަކަށެވެ. ސްވިޒަލެންޑުގެ ޤައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ސްވިޒަލެންޑަށް 48 މެޗު ކުޅެދީ ފަސް ލަނޑު ޖަހައިދީފައެވެ. ސްވިޒަލެންޑުގެ ޤައުމީ ޓީމަށް ފްރެއުލާ އެންމެ ފުރަތަމަ ނަގާފައިވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ދިމާކޮށެވެ. އޭގެ ފަހުން އޭނާ ވަނީ 2019 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގައިވެސް ސްވިޒަލެންޑު ޓީމަށް ކުޅެފައެވެ. އެފަހަރުގެ މުބާރާތް ސްވިޒަލެންޑުން ނިންމާލި ހަތަރުވަނާގައެވެ.ފްރެއުލާ ފާހަގަކުރެވިފައިވަނީ އިދިކޮޅު ކުޅުންތެރިން އަތުން ބޯޅަ ހޯދުމުގައި މޮޅު އަދި ޕާސް އެކިއުރޭޓް ޕާސް ދިނުމުގައި ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައެވެ.

ސްވިޒަލެންޑުގެ ވިންޓާތޫއިން ކްލަބް ފުޓްބޯޅަ ފެށި ފްރެއުލާ ވާނީ އިޓަލީގެ އެޓްލާންޓާއަށްވެސް ކުޅެފައެވެ. އެޓްލާންޓާގައި އޭނާ ވަނީ 203 މެޗު ކުޅެ 18 ލަނޑު ޖަހާފައެވެ. މިހާރު ކުޅެމުން އަންނަ ޕްރިމިއަރ ލީގުގެ ނޮޓިންހަމް ފޮރެސްޓަށް ބަދަލުވީ މިއަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ނޮޓިންހަމްއަށް ހަތަރު މެޗު ކުޅެދީފައެވެ.

ޖިބްރީލް ސޯ

ސްވިޒަލެންޑުގެ ޒުރިޗްއަށް އުފަން ސޯ (ފުރިހަމަ ނަން: މުހައްމަދު ޖިބްރީލް އިބްރާހިމާ ސޯ) އެންމެ ފުރަތަމަ ސްވިޒަލެންޑުގެ ސީނިއަރ ޤައުމީ ޓީމަށް ކުޅުނީ 2018 ވަނަ އަހަރުއެވެ. ސްވިޒަލެންޑު ޓީމަށް އެންމެ ފުރަތަމަ ކުޅުނީ ޔުއެފާ ނޭޝަންސް ލީގުގައި އައިސްލެންޑު އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި މެޗުގައި ސްޓެވެން ޒުބާގެ ބަދަލުގައެވެ. އޭގެ ފަހުން 2020 ވަނަ އަހަރުގެ ޔުއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައިވެސް ސްވިޒަލެންޑުގެ ޓީމަށް ކުޅުނެވެ. އެމުބާރާތް ސްވިޒަލެންޑު ނިންމާލީ ކުއާޓާ ފައިނަލާއި ހަމައިންނެވެ.

ކްލަބް ފުޓްބޯޅައިގައި ސްވިޒަލެންޑުގެ ޔަންގް ބޯއީސްއަށް ކުޅުނު ސޯ މިހާރު ކުޅެމުން އަންނަނީ ޖަރުމަނުގެ އެއިންޓްރެކް ފްރޭކްފާޓަށެވެ. ޔަންގް ބޯއީސް ޓީމުގައި ސޯ ވަނީ ދެފަހަރެއްގެ މަތިން ސްވިސް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ފްރޭކްފާޓަށް ބަދަލުވެ އެޓީމާއެކު 2021/2022 ވަނަ ސީޒަންގެ ޔޫރަޕާ ލީގުގެ ތަށި އުފުލާލިއެވެ.

ކޯޗު ޔާކިން
ކޯޗު ޔާކިން

ކޯޗު: 

ޔާކިންއަކީ ސްވިޒަލެންޑުގެ ބާސެލްއަށް އުފަން އެޤައުމުގެ ރައްޔިތެކެވެ. އުމުރުން 48 އަހަރުގެ ޔާކިން ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ސްވިޒަލެންޑު ޓީމަށްވެސް ކުލެފައެވެ. ސްވިޒަލްނެޑުގެ ޤައުމީ ފުޓްބޯޅަ ޓީމުގައި އޭނާ ވަނީ 1994ން 2004 އަށް 29 މެޗު ކުޅެ ހަތަރު ލަނޑު ޖަހާފައެވެ. 2004 ވަނަ އަހަރު އޮތް ޔުއެފާ ޔޫރޯގައިވެސް ސްވިޒަލެންޑު ޓީމަށް ކުޅުނެވެ. ކްލަބް ފުޓްބޯޅައިގެ ބޮޑު ބައެއް އޭނާ ހެދަކުރީ ސްވިޒަލެންޑުގެ ބާސެލްގައެވެ. އެޓީމުގައި އޭނާ ވަނީ ސްވިސް ސުޕަ ލީގު ފަސް ފަހަރު ކާމިޔާބުކޮށް, ސްވިސް ކަޕްގެ ތަށި ތިން ފަހަރު އުފުލާލާފައެވެ.

ޔާކިންގެ ކޯޗިން ކެރިއަރު ފެށީ 2006 ވަނަ އަހަރުއެވެ. ކޮންކޯރިޑާގެ އެސިސްޓެންޓު ކޯޗެއްގެ ގޮތުގައި ކެރިއަރު ފެށި ޔާކިން ވަނީ ހެޑް ކޯޗެއްގެ ގޮތުގައި 10 ކްލަބަކަށް އިރުޝާދު ދީފައެވެ. އޭނާ ކޯޗުކޮށްދިން ތުން އާއެކު ޔާކިން ވަނީ ސްވިސް ލީގު އެއްފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ބާސެލް އާއެކު ސްވިސް ލީގުގެ ތަށި ދެފަހަރު އުފުލާލިއެވެ.

ސްވިޒަލެންޑުގެ ޤައުމީ ޓީމުގެ ކޯޗުކަމާއި ޔާކިން ހަވާލުވީ 2021 ވަނަ އަހަރުއެވެ. އޭގެ ފަހުން އެޓީމު ކުޅުނު 15 މެޗުގެ ތެރެއިން 7 މެޗުން މޮޅުވެފައި ވާއިރު, ހަތަރު މެޗުން ބަލި އަދި ހަތަރު މެޗުން އެއްވަރުވެފައިވެއެވެ.

މެޗުތައް
Nov, 24 2022 15:00
އަލްޖަނޫބް ސްޓޭޑިއަމް
Nov, 28 2022 21:00
ސްޓޭޑިއަމް 974
Dec, 03 2022 00:00
ސްޓޭޑިއަމް 974
Dec, 07 2022 00:00
ލުސައިލް ސްޓޭޑިއަމް