ޔޫގޯސްލާވިޔާ ބައިބައިވެ ކްރޮއޭޝިޔާ މިނިވަންވީ 1991 ގައެވެ. އެއީ ސްލޮވީނިއާ އަށްފަހު ޔޫރަޕިއަން ޔޫނިއަންއަށް ވަން ފުރަތަމަ ގައުމެވެ. ގުދުރަތީ މުއްސަނދިކަމުގެ ސަބަބުން އެއީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. ކްރޮއޭޝިޔާގައި މީޑިޔާގެ މިނިވަންކަން ވަރަށް ބޮޑަށް އޮވެއެވެ. އާއްމުކޮށް މައުލޫމާތު ފޯރުކޮށްދެނީ ޕަބްލިކް ބްރޯޑްކާސްޓަރުންނެވެ. ޕްރައިވެޓް ޓީވީ ސްޓޭޝަންތައް ގިނައިރު ކޭބަލް އަދި ސެޓްލައިޓް މާކެޓް ވެސް އެހާމެބޮޑެވެ. 130 ލޯކަލް އަދި ރީޖަނަލް ރޭޑިއޯ ސްޓޭޝަން އެބަހުއްޓެވެ. ގައުމީ ފެންވަރުގެ ހަ ނޫހެއް އޮވެއެވެ. ޕްރިންޓް މީޑިއާގައި ގަދައީ އޮސްޓްރިއާ އަދި ޖަރުމަނު ބަހުން ނެރޭ ނޫސްތަކެވެ. 3.8 މިލިއަން މީހުން އިންޓަނެޓް ބޭނުންކުރެއެވެ. ގައުމުގެ އިގްތިސާދުގެ މައި ތަނބަކީ ފަތުރުވެރިކަމެވެ. ގާތްގަނޑަކަށް 4 ލައްކައަށްވުރެ ގިނަ މީހުން ކުޅިވަރުކުޅެ އުޅެއެވެ. ފުޓްބޯޅަ އަކީ އެންމެ ގިނަ ބަޔަކު ކުޅެއުޅޭ ކުޅިވަރެވެ. ގާތްގަނޑަށް 120000 ފުޓްބޯޅަ ކުޅުންތެރިން ކްރޮއޭޝިޔާގައި އުޅެއެވެ. މިނިވަންވި ފަހުން މިހާތަނަށް އެކިކުޅިވަރުތަކުން އެގައުމަށް ވަނީ 44 އޮލިމްޕިކް މެޑަލް ލިބިފައެވެ.
ތިން ޑިފެންޑަރުންނާއެކު ކުޅެން މި އަހަރުގެ ކުރީކޮޅު ކްރޮއޭޝިޔާއިން ފެށިއެވެ. ނަމަވެސް ފަހުން ކޯޗު ޑަލިކް ވަނީ ވިސްނުން ބަދަލުކޮށް އަނެއްކާވެސް 4-2-3-1 ފޯމޭޝަނަށް އެނބުރިގެންފައެވެ. މި ފޯމޭޝަންގައި މިޑްފީލްޑް އެތުރޭނީ ޑައިމަންޑް ޝޭޕަށެވެ. ކުރީގައި ހުންނާނީ އެންމެ ކުޅުންތެރިއެކެވެ. އެކަމަކު އިދިކޮޅު ޓީމުގެ ގޮތުން ކުރީގައި ތިބޭ ކުޅުންތެރިންގެ އަދަދަށް ކޯޗު ބަދަލުގެނެއެވެ. އެއީ 4-4-2 ފޯމޭޝަނަށް ބަދަލުކޮށްގެންނެވެ.
ގަތަރު 2022 ގެ މަގްސަދަކީ ކޮބާ؟
ފުރަތަމަ ބޭނުމަކީ ގްރޫޕް ސްޓޭޖް ފަހަނައަޅައިދިއުމެވެ. މިއީ އެންމެ މަދުވެގެން ކްރޮއޭޝިޔާ ހާސިލްކުރަން ބޭނުންވާ ކަންތަކެވެ. މިއަށްވުރެ ދުރަށް އެގައުމު ދިއުން އޮތީ ނޮކްއައުޓް މެޗުތަކުގައި ޖެހޭ ޓީމެއްގެ ގޮތުން ކަމަށް ހުދު އެމީހުން ވެސް ގަބޫލުކުރެއެވެ. ވޯލްޑްކަޕާ ކުރިމަތިލާއިރު ކޯޗަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހާސްކަމަކީ އޭނާގެ ކުޅުންތެރިންގެ ޖިސްމާނީ ދުޅެހެޔޮކަމެވެ. ގިނަ ކުޅުންތެރިންނަކީ އުމުރުން ދޮށީ ކުޅުންތެރިންނަށްވުމުން އެމީހުންގެ ފިޓްނަސްއާ މެދު އޭނާ ކަންބޮޑުވެއެވެ.
ކްރޮއޭޝިޔާ ވަނީ މީގެ ކުރިން ހަތަރު ފަހަރެއްގައި ވޯލްޑްކަޕުގައި ވާދަކޮށްފައެވެ. މީގެ ތެރެއިން އެންމެ ކާމިޔާބު ފަހަރަކީ 2018 ވަނަ އަހަރުގެ މުބާރާތެވެ. ފައިނަލުގައި އެމީހުން ބަލިވީ ފްރާންސް އަތުންނެވެ. ކްރޮއޭޝިޔާ އެންމެ ފުރަތަމަ ވޯލްޑްކަޕުގައި ކުޅުނީ 1998 ވަނަ އަހަރުއެވެ. ޑާވޯ ސުކާގެ ގޯލުތަކާއެކު އެމީހުން އެފަހަރުގެ މުބާރާތް ނިންމާލީ ތިންވަނަ މަގާމާއެކުގައެވެ. ނަމަވެސް ދެން ކުޅުނު ތިން މުބާރާތުން ވެސް ކެޓީ ފުރަތަމަ ބުރުންނެވެ. އަދި 2010 ވަނަ އަހަރުގެ މުބާރާތަށް ކޮލިފައިވެސްނުވެއެވެ.
ކުޅުނު: 10 މެޗު
މޮޅުވި: 7
ބަލިވި: 1
އެއްވަރުވި 2
ކްރޮއޭޝިޔާ ވޯލްޑްކަޕަށް ކޮލިފައިވީ ޔޫރަޕުގެ ކޮލިފައިންގައި ގްރޫޕް އެޗްގެ އެއްވަނަ ހޯދައިގެންނެވެ. މި ގްރޫޕުގައި ކްރޮއޭޝިޔާއާ ކިރިޔާވެސް ވާދަކޮށްލެވުނު ބަޔަކީ ރަޝިޔާއެވެ. ނަމަވެސް ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން ކްރޮއޭޝިޔާ ބަލިވީ ފުރަތަމަ މެޗުގައި ސްލޮވީނިއާ އަތުންނެވެ. ކޮލިފައިންގައި ކްރޮއޭޝިޔާއިން 21 ގޯލު ޖެހިއިރު ބައިކޮޅަށްވަނީ އެންމެ ހަތަރު ގޯލެވެ. މިހެންވެ ކޯޗަށް ޓީމުގެ ޑިފެންސް ރަނގަޅުވުމުގެ ހިތްހަމަޖެހުން އެބައޮތެވެ.
1. ލޫކާ މޮޑްރިޗް
ލޫކާ މޮޑްރިޗް އަކީ އެންމެ ފަހުގެ ވޯލްޑްކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. ކްރޮއޭޝިޔާ ޓީމުގެ ކެޕްޓަނެވެ. އެ ގައުމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. އޮފެންސިވް ކުޅުންތެރިއަކަށް ބަލާނަމަ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. ރެއާލް މެޑްރިޑްގެ ފުރަތަމަ 11 ގައި އޭނާގެ އުމުރުން 37 އަހަރުގައި ވެސް ހިފަހައްޓާލެވޭ ކަމީ ވަރަށް ހާއްސަ ކަމެކެވެ. މިއީ ކޮންމެ ކޮންމެ ކުޅުންތެރިއަކަށް ކުރެވޭވަރަށްވުރެ ދަތި ކަމެކެވެ.
2. މަޓެއޯ ކޮވަސިޗް:
ކޮވަސިޗް އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެކެވެ. މިޑްފީލްޑްގެ ގިނަ މަގާމުތަކަށް ކުޅެވޭ އެޓޭކާއި ދިފާއަށް ވެސް ރަނގަޅު ބޮކްސް ޓު ބޮކްސް މިޑްފީލްޑަރެކެވެ. އޭނާ އަކީ ކްރޮއޭޝިޔާގެ 14 އަހަރުން ދަށުން ފެށިގެން ހުރިހާ އުމުރުފުރައެއްގެ ގައުމީ ޓީމަށް ކުޅެ، ސީނިއާ ޓީމާ ހަމައަށް ދަތުރުކުރި ކުޅުންތެރިއެކެވެ. އޭނާގެ ކުޅުން ފެށިފައި ކްރޮއޭޝިޔާގެ 17 އަހަރުން ދަށުގެ ކޯޗު މާޓިން ނޮވޯ ބުނީ އެއުމުރުގެ ކުއްޖަކަށް ކޮވަސިޗްހާ ގިނަ ހުނަރުހުރި ކުޅުންތެރިއަކު އޭނާ ނުދެކޭ ކަމަށެވެ. ޗެލްސީގެ މެދުތެރޭގައި ވަރުބަލިވުމެއްނެތި އުޅޭ ކޮވަސިޗް ގައުމީ ޓީމަށް މިހާތަނަށް 83 މެޗު ކުޅެ ތިން ގޯލު ޖަހާދީފަ އެވެ. ފަހުގެ ތާރީހުގައި ޗެލްސީ ހޯދި ގިނަ ކާމިޔާބީތަކުގައި އެންމެ ބޮޑު ހިއްސާއެއްއޮތް އެއް ކުޅުންތެރިއަކީ ވެސް އޭނާއެވެ.
3. އިވާން ޕެރިސިޗް
ކުޅުންތެރިއަކަށް ވުމުގެ ކުރިން އޭނާ އުޅުނީ ބައްޕަގެ ކުކުޅު ފާމްގައެވެ. އިވާން ޕެރިސިޗް އަކީ ކްރޮއޭޝިޔާގެ ގައުމީ ޓީމަށް 2011 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ އެޓޭކިން މިޑްފީލްޑަރެކެވެ. ދެ އަރިމަތިންނާއި ފޯވަޑެއްގެ ފަހަތުން ކުޅުމަކީ އޭނާގެ އެންމެ ހާއްސަ މަގާމުތަކެވެ. އުމުރުން މިހާރު 33 އަހަރުގެ ކުޅުންތެރިޔާ ގައުމީ ޓީމަށް ޕްރޮމޯޓްވުމުގެ ކުރިން ކްރޮއޭޝިޔާގެ އުމުރުފުރާތަކުގައި މޮޅަށް ކުޅުނެވެ. ޖަރުމަނުގެ ވާދަވެރި ދެ ކުލަބު ކަމަށްވާ ބޮރޫޝިޔާ ޑޯޓްމުންޑާއި ބަޔާން މިއުނިކް އަދި އިޓަލީގެ އިންޓަމިލާނަށް ކުޅުމަށްފަހު މިހާރު އިނގިރޭސިވިލާތުގެ ޓޮޓެންހަމަށް ކުޅެމުން އަންނަ ޕްރެސިޗް ވަނީ ގައުމީ ޓީމަށް މިހާތަނަށް 115 މެޗު ކުޅެދީ 32 ގޯލު ޖަހައިފަ އެވެ.
ކްރޮއޭޝިޔާގެ ކޯޗަކީ އެގައުމުގެ ކުރީގެ ކުޅުންތެރިއެއް ކަމަށްވާ ލަޓްކޯ ޑަލިކްއެވެ. އޭނާ ވަނީ އެންމެ ފަހުގެ ވޯލްޑްކަޕުގެ ފައިނަލަށް ކްރޮއޭޝިޔާ ގެންގޮސްދީފަ އެވެ. ރަޝިޔާގެ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ ސައޫދީ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ގިނަ ޓީމުތަކަށް ކޯޗުކޮށްދީ ކާމިޔާބީތަކެއް ހޯދާފައެވެ. އެންމެ ފަހުގެ ވޯލްޑްކަޕަށް ފަހު އޭނާ ކޮންޓްރެކްޓް އާކުރީ މުސާރަބޮޑުކޮށްދޭން ކިޔައި ވަރަށް ބޮޑަށް ހޭކުމަށްފަހުއެވެ. ވަރަށް މަޑުމައިތިރިކޮށް ހުންނަ ޑަލިކް ކޯޗުކަމުގައި ބަހައްޓަން ކްރޮއޭޝިޔާއިން ބޭނުންވާ މައިގަނޑު ސަބަބަކީ މިހާރުގެ ކުޅުންތެރިން ވަރަށް ރަނގަޅަށް އެނގޭ ކޯޗަކަށް އޭނާވާތީއެވެ. ކުޅުންތެރިން ޑިސިޕްލިން ކުރުވުމަށް ޑަލިކް އަކީ ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ކޯޗެއްނޫނެވެ. އެކަމަކު އޭނާ ގަބޫލުކުރާ ގޮތުގައި ޓީމަށް 100 ޕަސެންޓް ނުދޭ ކުޅުންތެރިއަކަށް ގައުމީ ޖާޒީ ހައްގު ނުވާނެއެވެ. އޭނާގެ އުސޫލުތަކުގެ ދަށުން ކްރޮއޭޝިޔާ ޓީމު ވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ.