Japan Flag Japan Flag
ޖަޕާން
ދުނިޔޭގެ ރޭންކިންގް
24

ސަރަހައްދީ ކާމިޔާބީ

އޭޝިއަން ކަޕުގެ ޗެމްޕިއަންކަން 4 ފަހަރު

ވޯލްޑް ކަޕް ކުޅުނު އަދަދު

6

ޗެމްޕިއަންކަން ހޯދި އަދަދު

0

އެންމެ ގިނަ ލަނޑުޖެހީ

ކުނިޝިގޭ ކަމްމޯޓޯ

އެންމެ ގިނަ މެޗު ކުޅުނީ

ޔަސުހީޓޯ އެންޑޯ

އާބާދީ

126 މިލިއަން މީހުން

ބަސް

ޖަޕަނީސް

ފައިސާ

ޖަޕަނީސް ޔެން
ތައާރަފް

ޖަޕާނަކީ ޕެސިފިކް ކަނޑުގެ އަލިފާން ފަރުބަދަ ގޮވުމާއި ބިންހެލުން ގިނަ ހިސާބަށް ކިޔައި އުޅޭ "ރިންގް އޮފް ފަޔާ" ގައުމެކެވެ. އެއީ ދުނިޔޭގެ ތިން ވަނަ އިގްތިސާދީ ބާރެވެ. ދެ ވަނަ ބޮޑު ހަނގުރާމައަށްފަހު 20 ވަނަ ގަރުނުގެ ފަހުކޮޅުން ޖަޕާން ކުރިއަރައިދިޔައީ ފަތުއަޑުކިޔާފައެވެ. ހާއްސަކޮށް ޓެކްނޮލޮޖީގެ ދާއިރާގައެވެ. ކަމެއްދަމެއް ބޮޑުވާ ގަޑީގައި ޖަޕާނަކީ ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް އެންމެ އަވަހަށް އެހީވާ ގައުމެވެ. މިހެންވެ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ޖަޕާނުގެ ބޭނުންތެރިކަމާއި މަގުބޫލުކަން ވެސް ބޮޑެވެ. ގާތްގަނޑަކަށް ޖަޕާނުގެ 80 ޕަސެންޓް މީހުން ދިރިއުޅެނީ ކުރިއަރާފައިވާ ސިޓީތަކުގައެވެ. އެހެން ހިސާބުތަކުގައި އުޅޭ ގިނަ މީހުންނަކީ ވަކަރުން ހަދާފައިވާ ގެތަކުގައި ދުރު ހިސާބުތަކުގައި އުޅޭ މީހުންނެވެ.

ޖަޕާނަކީ ސިންގަޕޫރު ނަގާފައި އޭޝިޔާގެ ދެ ވަނައަށް އެންމެ އަމާން ގައުމެކެވެ. އެމީހުން މިލިޓްރީ ބަޖެޓަށް މި އަހަރު ހޭދަކުރަން ނިންމާފައިވަނީ 5.4 ޓްރިލިއަން ޑޮލަރެވެ. މިއީ ޖީޑީޕީގެ ނިސްބަތުން އެންމެ ޕަސެންޓަކަށްވުރެ ވެސް މަދު އަދަދެކެވެ.

އެޑްވާންސް ޓެކްނޮލޮޖީގެ ސަބަބުން ޖަޕާނުގެ ބްރޯޑްކާސްޓިން ދާއިރާ ވަރަށް ވާދަވެރިއެވެ. ހަބަރާއި، ޑްރާމާތަކާއި ވެރައިޓީޝޯ އާއި ކުޅިވަރު ހާއްސަކޮށް ބޭސްބޯޅަ ބެލުން ގިނައެވެ. ބޭރުގެ އުފެއްދުންތައް އާއްމުކޮށް ނުދައްކައެވެ. އެކަމަކު ގްލޯބަލައިޒޭޝަނުގެ ތެރެއިން ހުޅަނގުގެ އުފެއްދުންތަކުގެ މަގުބޫލުކަން ދަނީ ބޮޑުވަމުންނެވެ. ސޯޝަލް މީޑިއާ ހުރިހާތަނެއްގައި ވެސް ވަނީ އާއްމުވެފައެވެ. މި ސަބަބާހުރެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އިތުބާރުކުރަނީ ޕްރިންޓްކޮށްފައިވާ ނޫސްތަކަށެވެ. މި ނޫސްތައް މިލިއަނުން ވިކޭއިރު މެންދުރާއި ހަވީރުގެ އަދަދުތަކަށް ލިބޭ ސަމާލުކަން ވެސް ބޮޑެވެ. ޖަޕާނުގައި ކުރިން އެންމެ މަޝްހޫރު ކުޅިވަރަކީ ސުމޯއެވެ. ނަމަވެސް ޖޫޑޯ އާއި ކެންޑޯ އަކީ ކުދިންނަށް ކިޔަވައިދިނުން މަޖުބޫރު ދެ މާއްދާއެވެ. ބޭސްބޯޅައަކީ އެންމެ މަގުބޫލު ކުޅިވަރަށްވާއިރު 1992 ވަނަ އަހަރު ޕްރޮފެޝަނަލް ލީގު އުފެއްދިފަހުން ފުޓްބޯޅައިގެ މަގުބޫލުކަން ދަނީ ބޮޑުވަމުންނެވެ.

ޓެކްޓިކްސް:

ޖަޕާނުން އެންމެ ބޭނުންވާ ފޯމޭޝަނަކީ 4-2-3-1 އެވެ. ދެ ހޯލްޑިން މިޑްފީލްޑަރުންނާއި ކުރީގައި އެންމެ ފޯވަޑަކު ހުރެގެން ކުޅެން އެމީހުން ބޭނުންވާއިރު ދެ ވިންގުން ކުޅެން ހަލުވި ކުޅުންތެރިންގެ ބޭނުންހިފައެވެ. ފަހަތް ޕެކްކޮށް ބާއްވާއިރު ބައެއް ފަހަރު އެޓޭކްގައި ޑިފެންޑަރުން ބައިވެރިވެއެވެ. މިހެންވެ ޖަޕާނަކީ ކައުންޓައެޓޭކްގައި ވަރަށް ނުރައްކާތެރި ޓީމަކަށްވެއެވެ. ޖަޕާނުން ގަބޫލުކުރާ ގޮތުގައި މިއީ ސްޕޭނާއި ޖަރުމަނު އޮބަހައްޓަން އެންމެ މޮލު ގޮތްވެސްމެއެވެ.

ޖަޕާނުގެ މައްސަލައަކީ ކޮބާ:

ޖަޕާން ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މޮޅު ވަރުގަދަ ފޯވަޑެއް ނެތުމުގެ މައްސަލައެވެ. ފުލްބެކަށް ކުޅެން މިހާރު ތިބި ކުޅުންތެރިންނަށް އޮތް އެންމެ ބޮޑު މައްސަލައަކީ އެމީހުންނަށްވުރެ މޮޅަށް ޒުވާން ކުޅުންތެރިން ޕާފޯމް ކުރާކުރުމެވެ.

1998 ވަނަ އަހަރު ޖަޕާނާއި އާޖެންޓީނާ ކުޅުނު މެޗުގެ ތެރެއިން
1998 ވަނަ އަހަރު ޖަޕާނާއި އާޖެންޓީނާ ކުޅުނު މެޗުގެ ތެރެއިން

ވޯލްޑް ކަޕުގެ ތާރީހް:

ޖަޕާނަކީ 1950 ވަނަ އަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވި ގައުމެކެވެ. ނަމަވެސް އެ ފަހަރު އެމީހުންނަށް މުބާރާތް ނުކުޅެވުނީ ފީފާއިން ޖަޕާން ސަސްޕެންޑްކުރުމުންނެވެ. އޭގެ ފަހުން ޖަޕާން ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ކުޅުނީ 1998 ވަނަ އަހަރު އެވެ. އެއަށްފަހު ކޮންމެ މުބާރާތަކުން ވެސް ޖާގަ ހޯދަމުން އަންނައިރު ޖަޕާނަށް އެންމެ ދުރަށްވެސް ދެވުނީ ދެވަނަ ބުރަށެވެ. އެއް މުބާރާތުގައި ދެ ވަނަ ބުރަށް ގޮސްފިނަމަ ޖެހިގެން އަންނަ މުބާރާތުން ގްރޫޕް ސްޓޭޖުން ކެޓޫމަކީ ޖަޕާނުގެ ފަރާތުން ފެންނަ އާދައެކެވެ.

ވޯލްޑް ކަޕަށް ކޮލިފައިވީ ގޮތް:

ކުޅުނު: 18 މެޗު

މޮޅުވި: 15

ބަލިވި: 1

އެއްވަރުވި 2

ޖަޕާން ވޯލްޑްކަޕަށް ކޮލިފައިވީ އޭޝިޔާގެ ގްރޫޕް އޭގެ ދެ ވަނަ ޓީމުގެ ގޮތުގައެވެ. ޖަޕާނާއި އެއްވަނަ ހޯދި ސައޫދީއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ މި ގްރޫޕުގައި އޮސްޓްރޭލިޔާއިން ރަނގަޅު ވާދައެއް ކުރާނެ ކަމަށް ބެލެވުނު ނަމަބެސް ޖަޕާނާއި ސައޫދީ އުޅުނީ މާކުރީގައެވެ. ޖަޕާން ބަލިވީ ވެސް ހަމައެކަނި ސައޫދީ އަތުންނެވެ.

އެންމެ މުހިންމު 3 ކުޅުންތެރިން:

ޓަކެހީރޯ ޓޯމިޔާސޫ

ޓަކެހީރޯ ޓޯމިޔާސޫ އަކީ ޖަޕާނާއި އާސެނަލް ޓީމުގެ ވަރަށް މުހިންމު ޑިފެންޑަރެކެވެ. އޭނާ އަކީ ކަނާތު ބެކަށް އަދި ސެންޓްރަލް ޑިފެންސަށްވެސް ކުޅޭ މޮޅު ކުޅުންތެރިއެކެވެ. މިދިޔަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެން ފަށައި 23 އަހަރުގެ ކުޅުންތެރިޔާ މިހާތަނަށް ވަނީ 29 މެޗު ގައުމީ ޖާޒީގައި ކުޅެފަ އެވެ. އޭނާ އަށް ފުރަތަމަ 11 އިން ޖާގަ ދިނުމުން ޖަޕާނުގެ ކޯޗަށް އެގައުމުގެ ކުރީގެ އެތައް ކޯޗުންނެއް ވަނީ މަރުހަބާ ކިޔައި މިއީ ވަރަށް މުހިންމު ނިންމުމެއް ކަމަށް ބުނެފައެވެ. އޭނާގެ ދެ ދައްތަ ފަދައިން ޓޮމިޔާސޫ ވެސް ފުރަތަމަ ބޭނުންވީ ފެތުންތެރިއަކަށްވާށެވެ. ނަމަވެސް ފަހުން ހިޔާލު ބަދަލުވެ އޭނާ ވަނީ ޖަޕާނާއި އިޓަލީގައި ކުޅުމަށްފަހު އިނގިރޭސި ލީގުގެ އެންމެ ބޮޑު އެއް ކުލަބުން ޖާގަ ހޯދައިފައެވެ.

ޔޯގޯ ފުރުހާޝީ

ޖަޕާނުގެ ފޯވަޑުންގެ ތެރެއިން ސެލްޓިކަށް ކުޅެމުން އަންނަ ފުރުހާޝީ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 16 މެޗުގައި ތިން ގޯލު ޖަހައިފަ އެވެ. އޭނާ ގައުމީ ޓީމަށް ކުޅެން ފެށީ މިދިޔަ އަހަރުއެވެ. ސްކޮޓްލޭންޑްގައި ކުޅޭއިރު ބައެއް ފަހަރަށް އޭނާއަށް ނަސްލީގޮތުން ދިމާކުރުންފަދަ ކަންކަމާ ކުރިމަތިލާންޖެހެއެވެ.

ތަކެފޫސާ ކޫބޯ

ކޫބޯ އަކީ ޖަޕާނުގެ ވަރަށް އުއްމީދީ ކުޅުންތެރިއެކެވެ. އުމުރުން މިހާރު 21 އަހަރުގެ ކުޅުންތެރިޔާގެ ހުނަރަށްވުރެ ބޮޑަށް ފާހަގަވެފައިވަނީ އޭނާގެ މާޒީ އެވެ ކޫބޯ އަކީ 2011 ވަނަ އަހަރުން ފެށިގެން ބާސެލޯނާގެ ޔޫތު އެކަޑަމީތަކުގައި މޮޅަށް ކުޅެ އެކުލަބުންވެސް ސީނިއާ ޓީމަށް ގެނައުމަށް އުއްމީދު ކުރަމުންދިޔަ ކުޅުންތެރިއެކެވެ. ނަމަވެސް ބާސެލޯނާއިން ޔޫތު ކުޅުންތެރިން ފީފާ ގަވާއިދާ ހިލާފަށް ގަތްކަމުގެ މައްސަލަ ފަޅާއެރުމުން 2015 ވަނަ އަހަރު ކޫބޯއަށް ޖެހުނީ އެނބުރި ޖަޕާނަށް ދާށެވެ. އޭގެ ފަހުން އޭނާ ފެނުނީ ވާދަވެރި ރެއާލް މެޑްރިޑުގެ ޔޫތު ޓީމުތަކުންނެވެ. ނަމަވެސް އެދެވޭ ކުޅުމެއް ނުދެއްކި ލޯނު އުސޫލުން ދޫކޮށްލި ކުޅުންތެރިޔާ މިހާރު ކުޅެނީ ރެއާލް ސޮސިއެޑާޑަށެވެ. އެކުލަބުން އޭނާ ގަތީ މި އަހަރުއެވެ. ކޫބޯ ވަނީ ގައުމީ ޓީމަށް މިހާތަނަށް 19 މެޗު ކުޅެ އެއް ގޯލު ޖަހައިދީފައެވެ.

ކޯޗު ހާޖިމީ މޮރިޔާސޫ
ކޯޗު ހާޖިމީ މޮރިޔާސޫ

ކޯޗު:

ހާޖިމީ މޮރިޔާސޫ ޖަޕާނުގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުއެވެ. އޭނާ އަކީ ޖަޕާނުގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި އޭނާހުރިއިރުވެސް އޭނާ އަކީ މާ މަޝްހޫރު މީހެއްނޫނެވެ. މިހެންވެ ޖަޕާނުގެ އެއިރުގެ ކުޅުންތެރިންނަށް ވެސް އޭނާގެ ނަން ޕްރޮނައުސްސް ކުރަން ނޭނގުނެވެ. ޖަޕާނުގެ ކޯޗުކަން އޭނާއަށް ލިބުނީ އެންމެ ފަހުގެ ވޯލްޑްކަޕަށްފަހު ކުރީގެ ކޯޗު އިސްތިއުފާދިނުމުންނެވެ. ޖަޕާން ފެޑަރޭޝަނުން އޭނާއަށް ދީފައިވާ ޓާސްކަކީ މި އަހަރުގެ ވޯލްޑްކަޕަށް ޓީމު ތައްޔާރުކުރުމެވެ.

މެޗުތައް
Nov, 23 2022 18:00
ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް
Nov, 27 2022 15:00
އަހުމަދުބިން އަލީ ސްޓޭޑިއަމް
Dec, 02 2022 00:00
ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް
Dec, 05 2022 20:00
އަލްޖަނޫބް ސްޓޭޑިއަމް