Germany Flag Germany Flag
ޖަރުމަނު
ދުނިޔޭގެ ރޭންކިންގް
11

ސަރަހައްދީ ކާމިޔާބީ

ޔޫރަޕުގެ ޗެމްޕިއަންކަން 3 ފަހަރު

ވޯލްޑް ކަޕް ކުޅުނު އަދަދު

19

ޗެމްޕިއަންކަން ހޯދި އަދަދު

4

އެންމެ ގިނަ ލަނޑުޖެހީ

މިރޮސްލާވް ކްލޯސާ

އެންމެ ގިނަ މެޗު ކުޅުނީ

ލޮތާ މަތެއަސް

އާބާދީ

82 މިލިއަން މީހުން

ބަސް

ޖަރުމަނު

ފައިސާ

ޔޫރޯ
ތައާރަފް

ދުނިޔެ ދެކެފައިވާ ބޮޑެތި ހަނގުރާމަތަކުގައި މުހިންމު ރޯލެއް ކުޅެފައިވާ ޖަރުމަނަކީ ޔޫރަޕުގައި އެންމެ ކުރިއަރާފައި އޮތް އަދި އެންމެ މަގުބޫލު އެއް ގައުމެވެ. ހާއްސަކޮށް އެ ގައުމު އުފެއްދި މިއުޒީޝަނުންނާއި ޕޮޔަމިސްޓުންނާއި ފިލޯސަފަރުންގެ ސަބަބުންނެވެ. ހަނގުރާމައިގެ އަސަރުތަކުގެ ސަބަބުން ޔޫރަޕުގެ އެހެން ގައުމުތަކަށްވުރެ ފަހުން އެކަތިގަނޑަށްވި ނަމަވެސް ޖަރުމަނަކީ ނިކަން އަވަހަށް އިގްތިސާދާއި އަސްކަރީ ބާރުވެރިކަމާއެކު ހިނގައިގަތް ގައުމެކެވެ. އެއީ ދުނިޔޭގެ ހަތަރުވަނަ އިގްތިސާދީ ބާރެވެ. ގައުމުގެ މައި ބަހަކީ ޖަރުމަނު ބަހެވެ. ދުނިޔޭގެ ތިން ވަނައަށް އެންމެ މަގުބޫލު ޔުނިވަސިޓީތަކަކީ ޖަރުމަނުގެ ތަންތަނެވެ. އެ ގައުމުގައި ސްކޫލަށް ދިއުމަކީ މަޖުބޫރުކަމަކަށްވާއިރު ގިނަ ޔުނިވަސިޓީތަކަކީ އަމިއްލަ ތަންތަނެވެ. ޔޫރަޕުގައި މީޑިޔާ ސެކްޓާ އެންމެ ބޮޑު އެއް ގައުމުވެސްމަކީ ވެސް ޖަރުމަނެވެ. އެގައުމުގެ 38 މިލިއަން މީހުންގެ ގޭގައި ޓީވީ ހުރެއެވެ. ޖަރުމަނު މީހުންނަކީ ވަރަށް ގިނައިން ނޫސްކިޔާބައެކެވެ. އެކަމަކު ޓެބްލޮއިޑް ނުވަތަ ސައިޒުން ކުޑަކޮށް ޗާޕުކޮށްފައި ހުންނަ ނޫސްތަކަށް އެމީހުން އިތުބާރެއް ނުކުރެއެވެ. ގާތްގަނޑަށް ޖަރުމަނުގެ އެންމެންހެން އިންޓަނެޓް ބޭނުންކުރެއެވެ. އެންމެ މަގުބޫލު ޕްލެޓްފޯމަކީ ފޭސްބުކެވެ. ޖަރުމަނުގެ އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓްބޯޅައެވެ. އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނަކީ އެއް ކުޅިވަރަކަށް ބަލާއިރު ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ އެސޯސިއޭޝަނެވެ. މެމްބަރުންގެ އަދަދަކީ 7 މިލިއަނެވެ.

ޓެކްޓިކްސް:

ބަޔާން މިއުނިކްގައި ހަންސީ ފްލިކް ކާމިޔާބު ހޯދީ 4-2-3-1 އަށް ކުޅުވައިގެންނެވެ. މިއީ އޭނާގެ ކުޅުންތެރިންނަށް ހާއްސަކޮށް އެޓޭކަށް ކުޅޭ ކުޅުންތެރިންނަށް އެމީހުންގެ ހުނަރުވެރިކަމާއި ޖާދޫ ދައްކައި ފްރީ ރޯލެއް ކުޅެން އެންމެ ރަނގަޅަށް އެނގޭ ފޯމޭޝަނަށްވިއެވެ. ޖަރުމަނުގެ ގައުމީ ޓީމުގައި ފްލިކް ބޭނުންކުރަނީ މި ފޯމޭޝަނެވެ. އެކަމަކު ބޯޅަ ލިބުމުން މި ފޯމޭޝަން 3-2-5 އަށް ނުވަތަ 3-1-6 އަށް ބަދަލުކުރުމުގެ ގާބިލްކަން އޭނާ ކުޅުންތެރިންނަށް އުނގަންނައިދެ އެވެ.

މުހިންމު ތިން ސުވާލެއް؟

ޖަރުމަނު ޓީމުގެ ފަހަތަށް ކުޅޭނީ ކާކު ހެއްޔެވެ؟ ކޯޗު ބޭނުންވަނީ ފަހަތުން ކޮމާންޑްކުރާނެ ވަރުގަދަ ތަނބެކެވެ. މިކަމަށް މިވަގުތު އެންމެ ރަނގަޅީ ރެއާލް މެޑްރިޑްގެ އެންޓޯނިއޯ ރުޑިގާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ޖިސްމާނީ ގޮތުންން ވެސް އޭނާ ވަރުގަދަވެފައި އިސްކޮޅު އެބަހުއްޓެވެ. މި މަގާމަށް ދެން ހުރި ކުޅުންތެރިއަކީ އަންދްރޭ ޝޫލާއެވެ. އެކަމަކު އޭނާ އަކީ ރުޑިގާފަދަ ހުނަރުވެރިއެއްނޫނެވެ.

ދެ ވަނަ ސުވާލަކީ ޖަރުމަނު ޓީމުން އެންމެ ވަރުގަދައީ ކޮން ޑިޕާޓްމަންޓެއްތޯއެވެ. މިސުވާލުގެ ޖަވާބަކީ ފޯވަޑެއްގެ ފަހަތުން ކުޅޭނެ ކުޅުންތެރިން ގިނަ އަދަދަކަށް ތިބުމެވެ. ތިން ވަނަ ސުވާލަކީ ގޯލު ޖަހަން ހުރީ ކާކުތޯއެވެ؟ މިކަމަށް ޓިމޯވާނާގެ ބޭނުން ކޯޗަށް ހިފަންޖެހޭނެއެވެ.

ޖަރުމަނު ކުޅުންތެރިން 2014 ވަނަ އަހަރުގެ ތައްޓާއެކު އުފާފާޅު ކުރަނީ
ޖަރުމަނު ކުޅުންތެރިން 2014 ވަނަ އަހަރުގެ ތައްޓާއެކު އުފާފާޅު ކުރަނީ

ވޯލްޑް ކަޕުގެ ތާރީހް:

ޖަރުމަނު ވަނީ ވޯލްޑްކަޕުގައި 19 ފަހަރު ކުޅެފައެވެ. މީގެ ތެރެއިން 1954، 1974 އާއި 1990 އަދި 2014 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޖަރުމަނުވިލާތުންނެވެ. މިއަށްވުރެ ގިނައިން ވޯލްޑްކަޕް ކާމިޔާބުކުރި ގައުމަކީ ބްރެޒިލް އެވެ. މިހެންވެ ޖަރުމަނުން ގުނަން ޖެހެނީ ވޯލްޑްކަޕުގެ ދެވަނަ އަށް އެންމެ ކާމިޔާބު ގައުމުގެ ގޮތުގައެވެ. އެމީހުން ވަނީ ފައިނަލުގައި ހަތަރު ފަހަރު ކުޅެ ބަލިވެފައެވެ. އެންމެ ފަހުގެ ވޯލްޑްކަޕުގައި ދިފާއީ ޗެމްޕިއަނުންގެ ގޮތުގައި އައިސް ޖަރުމަނު ރަށަށް ދިޔައީ ފުރަތަމަ ބުރުން ފޭލްވެގެންނެވެ. މިހެންވެ މި ތާރީހު މިފަހަރު ބަދަލުކޮށްލަން އެމީހުން ނުކުންނަނީ ވަރުގަދަ އަޒުމަކާއެކުގައެވެ.

ވޯލްޑް ކަޕަށް ކޮލިފައިވީ ގޮތް:

ކުޅުނު: 10 މެޗު

މޮޅުވި: 9

ބަލިވި: 1

އެއްވަރުވި 0

ޖަރުމަނު ވޯލްޑްކަޕަށް ކޮލިފައިވީ ޔޫރަޕުގެ ގްރޫޕް ޖޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕުގައި ޖަރުމަނާ ވަރުން އަޅާކިޔޭނެ ގައުމެއްވެސް ނެތެވެ. އެމީހުން ބަލިވީ ކޮލިފައިންގެ ވަރަށް ކުރީކޮޅު ނޯތު މެސެޑޯނިއާއަތުން އެކަންޏެވެ. އެއީ މި ގްރޫޕުން ދެ ވަނައަށް ދިޔަ ގައުމެވެ. ދެ ބައިމީހުންގެ މެދުގައި 9 ޕޮއިންޓްގެ ފަހަރެއް އޮތެވެ. މެސެޑޯނިއާއިން 18 ޕޮއިންޓް ހޯދިއިރު ޖަރުމަނުން 27 ޕޮއިންޓެ ހޯދިއެވެ. މިހާ ބޮޑު ފަހަރެއް އޮތް އިރު ޖަރުމަނުން 36 ގޯލުޖެހިއިރު ބައިކޮޅަށް ވަނީ ވެސް އެންމެ ހަތަރު ގޯލެވެ. އެއީ ނޯތު މެސެޑޯނިއާ ޖެހި ދެ ގޯލާއި އާމީނިއާ އާއި ރޫމޭނިޔާ ޖެހި ގޯލެކެވެ. ޖަރުމަނުގެ 36 ގޯލުގައި އެގައުމުގެ 13 ކުޅުންތެރިއެއްގެ ހިއްސާވެއެވެ.

އެންމެ މުހިންމު 3 ކުޅުންތެރިން:

ހޯޝުއާ ކިމިޗް

ހޯޝުއާ ކިމިޗް އަކީ ޖަރުމަނު ޓީމުގައި ހުރި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އެވެ. 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ޖަރުމަނަށް ހޯދައިން ކެޕްޓަން ފިލިޕް ލާމް ބުނީ އޭނާގެ މަގާމު ގައުމީ ޓީމުގައި ފުރައިދޭނެ ކުޅުންތެރިއަކީ ކިމިޗްކަމާމެދު ޝައްކެއްނެތް ކަމަށެވެ. ލާމް އަކީ އޭނާގެ ދުވަސްވަރު ފަހަތާއި މެދުތެރޭގެ ގިނަ މަގާމުތަކަށް ކުޅޭ ހިތްވަރުގަދަ، އަދި ލީޑަރޝިޕް ވަރުގަދަ ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. މި ސިފަތައް ކިމިޗްގެ ކިބާގައި ހުރިކަމަށް ލާމް ގަބޫލުކުރެއެވެ. ޖަރުމަނުގެ ވަރަށް ގިނަ ކޯޗުން ގަބޫލުކުރާ ގޮތުގައި ކިމިޗް އަކީ އޭނާގެ އެންމެ ފުރާވަރު ދުވަސްވަރުވެސް މޮޅަށް ކުޅުނު ތޫނުފިލި ކުއްޖެކެވެ. މިހެންވެ ނޯޔާ އަށް ފަހު ޖަރުމަނުގެ ގައުމީ ޓީމާއި ބަޔާންގެ ކެޕްޓަންކަން ދިނުން އެންމެ ގާތް ކުޅުންތެރިއަކީ ވެސް އޭނާއެވެ. އޭނާ ވަނީ 2016 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް 70 މެޗުން ފަސް ގޯލު ޖަހާދީފަ އެވެ. ސްޕޭނުގެ ޒަބީ އަލޮންސޯ އާއި ޒަވީ ހަނާންޑޭޒް އަކީ ކިމިޗް އެބަޔަކު މިސާލަކަށް ބަލާ ކުރީގެ ތަރިންނެވެ.

ތޯމަސް މުލާ

ތޯމަސް މުލާ އަކީ ޖަރުމަނު ޓީމުގައި މިހާރު ހުރި އެންމެ ދުވަސްވީ އަދި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާއެވެ. ކުރީގެ ކޯޗު ޖޯހިމް ލޯ މުސްކުޅިކޮށް ގެއަށް ފޮނުވާލި ކުޅުންތެރިޔާ އަލުން ގައުމީ ޓީމަށް ގެނައީ މަޖބޫރުވެގެންނެވެ. އޭނާގެ ތަތުރިބާގެ އިތުރަށް މުލާ އަކީ ލީޑަރޝިޕް ވަރުގަދަ ކުޅުންތެރިއަކަށްވެސް ވާތީއެވެ. އޭނާ އަކީ އެޓޭކިންގައި އިސްކޮޅުން ދިގު އަދި އޯލްރައުންޑަރެކެވެ ކޯޗަކު ބޭނުން ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކުޅުންތެރިއެކެވެ. އޭނާއަކީ ރަނގަޅު ވަގުތު ރަނގަޅު ތަނުގައި ހުންނަ އަދި ގޯލާ ރައްޓެހި ފޯވަޑެކެވެ. ޖަރުމަނުގެ ގައުމީ ޓީމަށް މިހާތަނަށް 118 މެޗުން 44 ގޯލު ވަނީ ޖަހާދީފަ އެވެ.

އިކާއީ ގުންޑޮގަން

އިކާއީ ގުންޑޮގަން އަކީ ޖަރުމަނު ޓީމުގައި މިވަގުތުހުރި އެންމެ އިތުބާރު އަދި ކްރިއޭޓިވް މިޑްފީލްޑަރެވެ. އޭނާ އަކީ ގޯލާ ރައްޓެހި އަދި ގޯލުޖަހަން މަގު ފަހިކޮށްދިނުމުގައި މުހިންމު ކުޅުންތެރިއެކެވެ. ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްގައި ގުންޑޮގަންއަށް ކޯޗުކޮށްދިންއިރު ބުނީ އެއީ މިޑްފީލްޑްގެ ގިނަ މަގާމުތަކަކަށް ކުޅެވޭ ކޮމްޕްލީޓް ކުޅުންތެރިއެއް ކަމަށެވެ. މީގެ އިތުރުން ގިނަ ކޯޗުންގެ ނަޒަރުގައި ގުންޑޮގަން އަކީ ޕޮޒިޝަން ފުޓްބޯޅަ ކުޅޭ ޓީމުތަކުގައި މާމޮޅަށް ކުޅޭނެ ކުޅުންތެރިއެކެވެ. މެންޗެސްޓާ ސިޓީގައި އޭނާ މޮޅަށް ކުޅެނީ ކޯޗު ޕެޕް ގާޑިއޯލާ އަކީ މި ސްޓައިލަށް ކުޅުވާ ކޯޗަކަށްވުމުންނެވެ. ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އޮރުދުޢާންއާ ބައްދަލުކުރުމުގެ ސަބަބުން ޖަރުމަނު މީހުންގެ ފާޑުކިއުން އަމާޒުވެ ގައުމީ ޓީމުން ދުވަސްކޮޅަކަށް ބާކީކުރި ނަމަވެސް ގުންޑޮގަން އަކީ އޭނާ ނުލައިނުވާވަރުގެ ކުޅުންތެރިއެކެވެ.

ކޯޗު ހަންސީ ޕްލިކް
ކޯޗު ހަންސީ ޕްލިކް

ކޯޗު:

ޖަރުމަނުގެ ކޯޗު ހަންސީ ޕްލިކް އަކީ ކުރީގެ ކޯޗު ޖޯހިމް ލޯގެ އެސިސްޓެންޓްގެ ކޯޗެއްގެ ގޮތުގައި އަށް އަހަރު މަސައްކަތް ކުރި މީހެކެވެ. ފްލިކް ކޯޗިން ކެރިއަރު ފެށީ 1996 ވަނަ އަހަރުއެވެ. އޭނާއަށް ގައުމީ ކޯޗުކަން ލިބުނީ ލޯ އިސްތިއުފާ ނުދެނީހެވެ. އެއީ ލޯ މަގާމު ދޫކޮށްލަންވާއިރަށް ޖަރުމަނުން އާ ކޯޗަކު ހޯދަން ފެށިއިރު އޭނާ އާއި ބަޔާން މިއުނިކްގެ ކޮންޓްރެކްޓް ނިމުމަމާ ގާތްވެފައިވާތީއެވެ. ފްލިކް ވަނީ ބަޔާންގައި އެއް ސީޒަނެއްގައި ހަ ތަށި ކާމިޔާބުކޮށްފަ އެވެ. މިއީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށްނޫނީ ކުރެވިފައިވާ ކަމެއްނޫނެވެ. ޔޫރަޕުގެ ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ދެކޭ ގޮތުގައި ކޯޗެއްގެ ހުންނަންޖެހޭ ތޫނުފިލިކަމާއި ހުނަރުވެރިކަން ފްލިކްގެ ކިބާގައި އެބަހުއްޓެވެ. މިފަހަރުގެ ވޯލްޑްކަޕަކީ އޭނާގެ ތިން އަހަރުގެ ކޮންޓްރެކްޓް އިތުރުކުރުމަށް ގޮތް ނިންމާނެ މުބާރާތަކަށްވާނެ އެވެ.

މެޗުތައް
Nov, 23 2022 18:00
ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް
Nov, 28 2022 00:00
އަލްބައިތް ސްޓޭޑިއަމް
Dec, 02 2022 00:00
އަލްބައިތް ސްޓޭޑިއަމް