Spain Flag Spain Flag
ސްޕޭން
ދުނިޔޭގެ ރޭންކިންގް
7

ސަރަހައްދީ ކާމިޔާބީ

ޔޫރަޕުގެ ޗެމްޕިއަންކަން 3 ފަހަރު

ވޯލްޑް ކަޕް ކުޅުނު އަދަދު

15

ޗެމްޕިއަންކަން ހޯދި އަދަދު

1

އެންމެ ގިނަ ލަނޑުޖެހީ

ޑޭވިޑް ވިޔާ (59 ގޯލު)

އެންމެ ގިނަ މެޗު ކުޅުނީ

ސާޖިއޯ ރާމޯސް (180 މެޗު)

އާބާދީ

46.7 މިލިއަން މީހުން

ބަސް

ސްޕެނިޝް

ފައިސާ

ޔޫރޯ
ތައާރަފް

ސްޕޭން އޮތީ އެޓްލާންޓީކް ކަނޑާއި މެޑިޓަރޭނިއަން ކަނޑު ބެދޭ އަނގޮޅިއަށްވާގޮތަށެވެ. 16 ވަނަ ގަރުނުގައި އެއީ ދުނިޔޭގެ އެންމެ ގަދަ ބާރެވެ. އަދި 19 ވަނަ ގަރުނާ ހަމައަށް ކަނޑުމަތީގެ އެންމެ ވަރުގަދަ ފްލީޓް އޮތީ ވެސް އެމީހުންގެ އަތުގައެވެ. 1975 ގެ ފަހުން ޑިމޮކްރަސީއަކަށް ބަދަލުވެ، ސްޕޭނުންވަނީ ވަރުގަދަ އިގްތިސާދެއް ބިނާކޮށްފައެވެ. އެގައުމުގެ 17 ސަރަހައްދަކީވެސް ވަކި ގާނޫނުތަކެއް ހިނގާ އަމިއްލަ އިންތިހާބަކުން ވެރިން ހޮވާބައެކެވެ. މަޝްހޫރު ބާސެލޯނާފަދަ ސްޕޭނުގެ ބޮޑެތި ސިޓީތަކުން މިނިވަންކަން އިއުލާނުކުރުމަށް ދޭތެރެދޭތެރެއިން ތެޅިގަންނަނީ މިފަދަ އެތެރޭގެ އަރައިރުންތަކާހުރެއެވެ. ސްޕޭނަކީ މީޑިއާގެ މިނިވަންކަން ބޮޑު ގައުމެކެވެ. ގާތްގަނޑަށް 40 މިލިއަން މީހުން އިންޓަނެޓް ބޭނުންކުރާއިރު ފޭސްބުކްއަކީ އެންމެ ގިނަބަޔަކު މުއާލަމާތްކުރާ ސޯޝަލް މީޑިއާ ޗެނަލްއެވެ. 2007 ވަނަ އަހަރު މިންތީގެ ހަމަހަމަކަން ގާނޫނަކުން ދިންފަހުން ސްޕޭނުގައި ސިޔާސީ ގޮތުން އަންހެނުން ހަރަކާތްތެރިވާ މިންވަރު ވަރަށް ގިނައެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކޮންގްރެސްގެ 39 ޕަސެންޓަކީ އަންހެން މެމްބަރުންނެވެ. ސްޕޭނަކީ ދެ ވަނައަށް އެންމެ ގިނަ މީހުން ޒިޔާރަޔްކުރާ ގައުމެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ އެ ގައުމުގައި ވަރުގަދަ ފުޓްބޯޅަ ލީގެއް އޮތުމާއި ގައުމުގެ ކުލަބުތަކުގެ މަޝްހޫރުކަމެވެ. ހާއްސަކޮށް ބާސެލޯނާ އާއި ރެއާލް މެޑްރިޑެވެ. އެއީ ދުނިޔޭގެ އެންމެ ކާމިޔާބު ކުލަބުތަކުގެ ތެރެއިން ދެކުލަބެވެ. ގައުމުގެ އާއްމު ބަހަކީ ސްޕޭން ބަހެވެ. ދުނިޔޭގެ ހަތްވަނައަށް އެންމެ ރަނގަޅު ސިއްހީ ހިދުމަތުގެ ނިޒާމް އޮތީ ވެސް ސްޕޭނުގައެވެ.

ޓެކްޓިކްސް:

ކޯޗު ލުއިސް އެންރީކޭ ކުޅުވަނީ 4-3-3 ފޯމޭޝަނަށެވެ. މި ފޯމޭޝަނުގައި އޭނާ އިސްކަންދެނީ އިދިކޮޅު ޓީމުގެ ހާފުތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެވޭނެ ކުޅުންތެރިންނަށެވެ. ކީޕަރު ވާންޖެހޭނީ ޓީމުގެ ފޯވަޑުންނަށް ވެސް އެހީތެރިވެދޭ ކުޅުންތެރިއަކަށެވެ. މިއީ އެންރީކޭގެ ފިލޯސަފީއެވެ.

ފަހަތަށް ކުޅޭނީ ކޮންބައެއް:

ސްޕޭނުގެ ފިލޯސަފީ އަކީ އެންމެނަށް އެނގޭ އެއްޗެކެވެ. އެމީހުން ކުޅެނީ ކޮންކަހަލަ ފުޓްބޯޅައެއްކާއި އެމީހުން ކުރާނެ ކަންކަން ވަރަށް ސާފެވެ. މިހެންވެ ސްޕޭން ޓީމުގައި ޑިފެންޑަރުންގެ ގޮތުގައި ކުޅޭނީ ހަތަރު ކުޅުންތެރިންނަކީ ކޮބައިކަމެއް ކުޅުންތެރިންނަށް ވެސް ޔަގީނެއްނޫނެވެ. ވަރަށް ގިނަ ކުޅުންތެރިންނަށް މިހާތަނަށް ޓެސްޓިން ފުރުސަތު ދީފައިވާއިރު ފަހަތުގައި ހުންނާނެކަން ކަށަވަރުވާ ހަމައެކަނި ކުޅުންތެރިއަކީ މެންޗެސްޓާ ސިޓީގެ އެމެރިކް ލަޕޯޓް އެވެ.

ދެން އޮތް ސުވާލަކީ 19 އަހަރުގެ ފޯވަޑް އަންސޫ ފަޓީ އަކީ ބަރޯސާ ވެވޭވަރުގެ ފޯވަޑެއްތޯ ކުރެވޭ ސުވާލެވެ. ސްޕޭން ޓީމުގައި ޒުވާން މިޑްފީލްޑަރުން ވެސް ގިނައެވެ. ބާސެލޯނާގެ ދެ ކުޅުންތެރިން ކަމަށްވާ ޕެޑްރީ ވަނީ އޭނާ މިފަދަ ބޮޑު މުބާރާތަށް ތައްޔާރުވެފައިވާކަން ޔޫރޯ 2020ގައި ސާބިތުކޮށްދީފައެވެ. އެކަމަކު 17 އަހަރުގެ ގަވީއަށް މިއީ މުޅިން އައު ސޮފުހާއެކެވެ.

ސްޕޭން ކުޅުންތެރިން 2010 ވަނަ އަހަރުގެ ތައްޓާއެކު
ސްޕޭން ކުޅުންތެރިން 2010 ވަނަ އަހަރުގެ ތައްޓާއެކު

ވޯލްޑް ކަޕުގެ ތާރީހް:

ފުޓްބޯޅައިގައި ސްޕޭނުގެ އެންމެ ކާމިޔާބު ދުވަސްވަރަކީ 2008 އިން 2012 އާ ދެމެދެވެ. މި މުއްދަތުގައި އެމީހުން ވަނީ އެއް ވޯލްޑްކަޕާއި ދެ ފަހަރު ޔޫރޯ ކާމިޔާބުކޮށްފައެވެ. 2010 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ކުރިން ސްޕޭނަށް މި މުބާރާތުގައި އެންމެ ދުރަށް ދެވުނީ ސެމީ ފައިނަލާ ހަމައަށެވެ. އެއީ 1950 ގެ މުބާރާތުގައެވެ. އޭގެ ފަހުން ގްރޫޕް ސްޓޭޖުން ކެޓުމާއި ކުއާޓާ ފައިނަލާ ދެމެދު އަހަރުތަކެއް ހޭދަކުރިއެވެ. ސްޕޭނުގެ އެންމެ ކާމިޔާބު ދުވަސްވަރު އެމީހުން ތަށިތައް ހޯދީ ބާސެލޯނާގެ ކުޅުމުގެ ސްޓައިލެއް ކަމަށްވާ ޓިކިޓަކާ ބޭނުންކޮށްގެންނެވެ. އެސްޓާއިލަށް ކުޅެ ކޯޗުކޮށްދިން މީހަކު ކޯޗަކަށް ހުރުމާއި ބާސެލޯނާގެ ގިނަ ކުޅުންތެރިންތަކެއް ޓީމުގައި މިފަހަރު ތިބުމުން ވޯލްޑްކަޕާމެދު ސްޕޭން ކުރާ އުއްމީދުތައް މަތިވެރި އެވެ. 

ވޯލްޑް ކަޕަށް ކޮލިފައިވީ ގޮތް:

ކުޅުނު: 8 މެޗު

މޮޅުވި: 6

ބަލިވި: 1

އެއްވަރުވި 1

ސްޕޭން ވޯލްޑްކަޕަށް ކޮލިފައިވީ ފުރަތަމަ ބުރުގައި އުނދަގޫތަކަކާ ކުރިމަތިވުމަށްފަހުއެވެ. ގްރީސްއާ އެއްވަރުވެ، ސްވިޑްން އަތުން ބަލިވުމުން ސްޕޭނުގެ އުއްމީދުތަކަށް ހުރަސް އެޅޭގޮތްވިއެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ސްޕޭނުން އެއްވަނާގައި ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދިއެވެ. ކޮލިފައިންގައި ސްޕޭން ޖެހި 15 ގޯލުގައި އަށް ކުޅުންތެރިއަކު ހިއްސާވިއެވެ. މީގެ ތެރެއިން ހަތަރު ގޯލު ޖެހީ ބާސެލޯނާގެ ވިންގަ ފެރަން ޓޮރޭޒް އެވެ. އޭނާ މި ސީޒަނުގައި ގިނައިން ފެނިގެންދަނީ ބާސެލޯނާގެ ބެންޗުންނެވެ. ސްޕޭނުގެ ކޯޗު ލުއިސް އެންރީކޭގެ އަންހެން ދަރިފުޅާ ލޯބީގެ ގޮތުން ގުޅިގެން އުޅުނަސް ފެރަން ޓޮރޭޒަށް ފުރަތަމަ 11 އިން ޖާގަ ޔަގީނެއްނޫނެވެ.

އެންމެ މުހިންމު 3 ކުޅުންތެރިން:

ސާޖިއޯ ބުސްކެޓްސް

ސްޕޭނުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އަކީ ޓީމުގެ މައި ތަނބެވެ. އެންމެ ގިނަ މުބާރާތްކުޅެ, އެންމެ ގިނަ ތަށި ހޯދައި އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ ވެސް އޭނާއެވެ. ސްޕޭނުގެ ގޯލްޑަން ޖެނެރޭޝަނުގެ ކުޅުންތެރިންގެ ތެރެއިން މިވަގުތު ޓީމުގައި ހުރި ހަމައެކަނި ކުޅުންތެރިއަކީވެސް އޭނާއެވެ. ކޯޗު ލުއިސް އެންރީކޭ އާއި އޭނާއާ އޮތީ ވަރަށް ބަދަހި ގުޅުމެކެވެ. ބުސްކެޓްސް އަކީ އެންރީކޭ ބާސެލޯނާ އަށް ކޯޗުކޮށްދިން އިރުވެސް ފުލްކޮށް ކުޅުނު މުހިންމު ކުޅުންތެރިއެކެވެ. ސްޕޭނަށް ވޯލްޑްކަޕާއި ޔޫރޯ ކާމިޔާބުކޮށްދިން ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ބުސްކެޓްސްއާ ބެހޭ ގޮތުން ބުނީ މިހެންނެވެ. "ހަމައެކަނި މެޗަށް ބަލައިފިނަމަ އެމީހަކަށް ބުސްކެޓްސް ނުފެންނާނެ، ބުސްކެޓްސްގެ ކުޅުމަށް ބަލައިފިނަމަ އެމީހަކަށް މުޅި މެޗު ފެންނާނެ،" ކަމަށެވެ. ގައުމީ ޓީމަށް 139 މެޗުން އޭނާ ވަނީ 2 ގޯލު ޖަހާދީފަ އެވެ.

ޕަބްލޯ ގަވީ

ޕަބްލޯ ގަވީ އަކީ ސްޕޭނުގައި މިހާރުހުރި އެންމެ ހުނަރުވެރި މިޑްފީލްޑަރެވެ. އުމުރުން އެންމެ 17 އަހަރުގައި އޭނާ ވަނީ ބާސެލޯނާގެ އާއި ސްޕޭނުގެ ގައުމީ ޓީމުގެ ފުރަތަމަ 11 ގައި ކުޅެން ފަށައިފަ އެވެ. މިދިޔަ ދޮޅު އަހަރު ތެރޭގައި އޭނާ ވަނީ ގައުމީ ޓީމަށް 10 މެޗު ކުޅެދީ ޗެކްރިޕަބްލިކް ކޮޅަށް ގޯލެއް ވެސް ޖަހައިދީފަ އެވެ. މިއާއެކު އޭނާ ވެފައިވަނީ ގައުމީ ޓީމަށް ގޯލު ޖަހައިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. ސްޕޭނުގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި ގަވީ އަކީ އޭނާގެ ޒުވާން އުމުރުގައިވެސް ބާސެލޯނާ އާއި ސްޕޭނަށް ވޯލްޑްކަޕާއި ޔޫރޯ ހޯދައިދީ ދުނިޔޭގެ މެދުތެރެ އެންމެ މޮޅަށް ކޮންޓްރޯލްކުރި ޒަވީ އާއި އަންދްރޭސް އިނިއެސްޓާފަދަ ކުޅުންތެރިއެކެވެ. އޭނާ އަކީ ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އެވެ.

އަލްވާރޯ މޮރާޓާ

ސްޕޭނަކީ މޮޅު ފޯވަޑުންތަކެއް ފެނިފައިވާ ގައުމެކެވެ. ނަމަވެސް އެބޮޑު ބޫޓު ހުސްކަން ފިލުވައިދޭން މިވަގުތު އެ ގައުމުގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ އަލްވާރޯ މޮރާޓާ އެވެ. ގައުމީ ޓީމަށް އޭނާ ވަނީ މިހާތަނަށް ކުޅުނު 57 މެޗުގައި 27 ގޯލު ޖަހައިފައެވެ. ނަމަވެސް މޮރާޓާ އާމެދު ކޯޗުން ކަންބޮޑުވަނީ އެއް ފެންވަރެއްގައި ނުކުޅެވޭތީއެވެ. އޭނާގެ އުފަން ޝަހަރު ކަމަށްވާ ރެއާލް މެޑްރިޑުގައި ހިފަހައްޓާ ނުލެވިގެން ބޮޑެތި ކުލަބުތަކަށް ލޯނު އުސޫކުންވެސް އެތައް ފަހަރަކު ކުޅުނެވެ. ނަމަވެސް ޔުވެންޓަސް އާއި ޗެލްސީފަދަ ކުލަބުތަކުގައި ވެސް ހިފަހައްޓާނުލެވި މިވަގުތު އޭނާ ކުޅެމުންދަނީ ރެއާލް މެޑްރިޑްގެ ވާދަވެރި އެތްލެޓިކޯ މެޑްރިޑަށެވެ. އެނބުރި އައީ ލޯނު އުޞޫލުން ޔުވެންޓަސްއަށް ކުޅުމަށްފަހުއެވެ. މި ހުރިހާ ކުލަބެއްގައި މިދިޔަ 12 އަހަރުންތެރޭގައި އޭނާއަށް ޖެހިފައިވަނީ 140 ވަރަކަށް ގޯލެވެ.

ކޯޗު ލުއިސް އެންރީކޭ
ކޯޗު ލުއިސް އެންރީކޭ

ކޯޗު: 

ސްޕޭނުގެ ކޯޗު ލުއިސް އެންރީކޭ މި ޒަމާނުގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ބޭނުން ކޮންމެ ތަނަކުން ވަޒީފާ ކަށަވަރު ވާވަރުގެ މޮޅު ކޯޗެކެވެ. ސްޕޭނުގެ ބާސެލޯނާގެ ކޯޗުކަމުގައި އޭނާ ވަނީ އެކަން ކިތަންމެހާ ވެސް ރަނގަޅަށް ސާބިތުކޮށްދީފައެވެ. ސްޕޭނުގެ ކޯޗުކަމުގައި އޭނާ އަށް މިވަގުތަށް އޮތީ ޓީމެއް ބިނާކުރުމުގެ ރޯލެވެ. އެކަމަކު މިފަހަރުގެ ވޯލްޑްކަޕަކީ މީގެ ހަތަރު އަހަރު ކުރިން އޭނާ ބިނާކުރަން ފެށި ޓީމުގެ އަޖުމަ ބަލާލަން ވަރަށް ރަނގަޅު ފުރުސަތަކަށްވާނެއެވެ. ކޮންމެ ނަތީޖާއެއް ނުކުތަސް ވަޒީފާއާމެދު ކަންބޮޑުވުމެއްނެތް މަދު ކޯޗުންގެ ތެރެއިން އެކަކީ ވެސް އެންރީކޭ އެވެ. އޭނާ އަކީ ރެއާލް މެޑްރިޑަށް ކުޅުމަށްފަހު ބާސެލޯނާއަށް ކުޅުނު މަދު ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އަދި ބާސެލޯނާގެ ކެޕްޓަންކަން ވެސް ފަހުންކުރިއެވެ. އެންރީކޭ ވަނީ ސްޕޭނަށް 62 މެޗު ކުޅެދީ 12 ގޯލު ޖަހައިފަ އެވެ. އޭނާގެ މިލްކިއްޔާތުގައި 1.5 ބިލިއަން ޑޮލަރު ހުންނާނެ އެވެ.

މެޗުތައް
Nov, 23 2022 21:00
އަލްތުމާމާ ސްޓޭޑިއަމް
Nov, 28 2022 00:00
އަލްބައިތް ސްޓޭޑިއަމް
Dec, 02 2022 00:00
ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް
Dec, 06 2022 20:00
އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް