ކެނެޑާ އަކީ ބިމުގެ ގޮތުން ދުނިޔޭގެ ދެ ވަނައެވެ. އެކަމަކު މިވަރުގެ ބިމެއްގައި އުޅޭނެހާ މީހުންނެއް އެގައުމަކު ނެތެވެ. ވެރިކަމުގެ ނިޒާމް ބޮޑަށް ވައްތަރުކޮށްފައިވަނީ އިނގިރޭސިންނާއެވެ. އިގްތިސާދީ ގޮތުން އަމިއްލަ ވަންތަ ބައެކެވެ. ވިޔަފާރީގެ ގޮތުން ހަކަތަ އާއި ކާބޯތަކެއްޗާއި މިނަރެލްސް އެކްސްޕޯޓް ކުރުމަކީ އިގްތިސާދުގެ މުހިންމު ބައެކެވެ. ކެނެޑާ އަކީ ލައިވް ބްރޯޑްކާސްޓިން އާއި މީޑިޔާގެ ވިޔަފާރީގައި ދިގު ތާރީހެއް އޮތް ގައުމެކެވެ. މީޑިޔާގެ މިނިވަންކަން އެގައުމުގައި ވަރަށް ފުޅާދާއިރާއެއްގައި ދީފައިވެއެވެ. އޯއީސީޑީގެ ރިޕޯޓްތައް ބުނާގޮތުން ކެނެޑާއަކީ ދުނިޔޭގައި އެންމެ އިލްމީ ގައުމެވެ. އެގައުމުގެ 56 ޕަސެންޓް މީހުން ޔުނިވަސިޓީ ޑިގްރީ ފުރިހަމަކުރެއެވެ. ގައުމުގެ ރަސްމީ ބަހަކީ އިނގިރޭސި އަދި ފްރާންސް ބަހެވެ. ކެނެޑާގެ މައި ކުޅިވަރަކީ އައިސް ހޮކީއެވެ. ގިނަ ކުޅިވަރުތަކުގައި އެމީހުންގެ ޕާޓްނަރޝިޕް ހަދާފައިވަނީ އެމެރިކާއާއެވެ.
ކޮލިފައިންގައި ކެނެޑާއިން ވަރަށް ގިނަ ފޯމޭޝަންތަކަށް ކުޅުނެވެ. މި ފަހުން އާއްމުކޮށް ކުޅެނީ 4-4-2 އަށެވެ. ސަބަބަކީ ބޭނުން ވަގުތެއްގައި އެންމެ ފަސޭހައިން ޓީމުގެ ބެލެންސް ގެއްލުވާނުލައި އެއް ޑިފެންޑަރު ކުރިއަށް ޖައްސާލައި މިޑްފީލްޑަރެއްގެ ގޮތުގައި ބޭނުންކުރަން ފަސޭހައީ މި ފޯމޭޝަނުގައި ކަމަށްވުމެވެ.
ވޯލްޑްކަޕަށް ކެނެޑާ ތައްޔާރުތަ؟
ކޮންކާކަފް ކޮލިފައިންގައި ކެނެޑާ ޓީމުގެ ވަރުގަދަކަން ފެނުނީ ޑިފެންސް ލައިނުންނެވެ. ބައިކޮޅަށްވަނީ އެންމެ ހަތް ގޯލެވެ. އެކަމަކު މިފަހުން ކުޅުނު މެޗުތަކުގައި އެކަމެއް ނުފެނެއެވެ. ކެނެޑާއިން ވޯލްޑްކަޕާ ދިމާކޮށް ކުރި އެންމެ މުހިންމު އެއް ކަމަކީ އެ ގައުމުގެ ރައްޔިތުކަން ގިނަ ކުޅުންތެރިތަކަކަށް ދިނުމެވެ.
ކެނަޑާ މިހާތަނަށް ވޯލްޑްކަޕުގައި ކުޅުނީ އެންމެ ފަހަރަކުއެވެ. އެއީ 1986 ވަނަ އަހަރުގެ މުބާރާތުގައެވެ. ސޯވިއެޓް ޔޫނިއަން އާއި ފްރާންސް އަދި ހަންގޭރީ ހިމެނުނު ގްރޫޕުގައި ކެނެޑާ ލައްވާލީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ފުލުގައެވެ. އެންމެ ގޯލެއް ވެސް ޖެހިފައިނުވެ އެވެ. ބައިކޮޅަށް ފަސް ގޯލު ވަނެވެ. މީގެ ފަހުން ވޯލްޑްކަޕުން ކެނެޑާ ފެނިފައިނުވާތީވެ އެމީހުން މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވެދާނެ ކަމަށް ގިނަ ބަޔަކު ހިޔެއް ނުކުރެއެވެ. ހުދު އެ ގައުމުގެ ރައްޔިތުން ވެސް މިކަމަށް އުއްމީދެއް ނުކުރެއެވެ. މިހެންވެ ވޯލްޑްކަޕަށް ކެނެޑާ ޓީމަށް ޖާޒީ ތައްޔާރުކުރުމަށް ވެސް އެގައުމުގެ އެފްއޭ އޮތީ ހަނދާންނެތިފައެވެ. ވޯލްޑްކަޕަށް ކޮލިފައިވުމުން މުބާރާތަށް ޖާޒީ ތައްޔާރުކުރަން ބެލިއިރު އޮތީ މާބޮޑަށް ވަގުތުފާއިތުވެފަ އެވެ. މިކަމަށް އިޝާރާތްކޮށް ޓީމުގެ ބައެއް ކުޅުންތެރިން ވެސް ބުނީ ކެނެޑާ ވޯލްޑްކަޕަށް ކޮލިފައިވެދާނެ ކަމަށް އުއްމީދު ކުރީ ކޯޗު ޖޯން ހާޑްމަން އެކަނި ކަމަށެވެ.
ކުޅުނު: 20 މެޗު
މޮޅުވި: 15
ބަލިވި: 2
އެއްވަރުވި 4
ކެނެޑާ ވޯލްޑްކަޕަށް ކޮލިފައިވީ ކޮލިފައިންގެ ތަފާތު ތިން ބުރެއްގައި ކުޅެފައެވެ. އެ ގައުމު އެންމެ ފުރަތަމަ ކުޅުނީ ކޮންކާކަޕް ސަރައްހަދުގެ ގްރޫޕް ފިޔަވަހީގައެވެ. ސުރިނާމް އާއި ބާމުޑާ އަދި އަރޫބާ އާއި ކޭމަން އައިލެންޑްސް ހިމެނުނު ގްރޫޕުގެ ކުރި ކެނެޑާ ހޯދީ އުދުހިފައެވެ. ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކުރިއިރު 27 ގޯލު ޖެހިއެވެ. ބައިކޮޅަށް ވަނީ އެންމެ ގޯލެކެވެ. ކޮންކާކަޕްފެ އެންމެ ދަށް ފަންތީގެ ގައުމުތަކުގެ ތެރެއިން ކޮލިފައިންގެ ފަހު ބުރުން ޖާގެ ލިބޭނެ ތިން ގައުމެއް ހޮވުމަށް ދެން ކުޅުނީ ޕްލޭއޯފް ބުރެކެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅުނު މި ބުރުގައި ކެނެޑާ ކުރީ ހޯދީ ހައިޓީގެ މައްޗަށެވެ. ފުރަތަމަ މެޗު 1-0 އިން އަދި ދެ ވަނަ މެޗު 3-0 އިން ކާމިޔާބުކޮށް ފަހު ބުރުން ޖާގަ ހޯދިއެވެ. އެންމެ ފަހު އަދި ތިން ވަނަ ބުރަކީ ކޮލިފައިން ކުޅެގެން މި ހިސާބަށް އަންނަ ގައުމުތަކަށް އަރައިނުގަނެވޭ ބުރެވެ. ނަމަވެސް އެމެރިކާ އާއި މެކްސިކޯ އަދި ކޮސްޓަރިކާ އާއި ޖެމެއިކާފަދަ ސަރަހައްދުގެ ގަދަ ބާރުތައް ވާދަކުރާ ބުރުން މިފަހަރު ކެނެޑާ ކޮލިފައިވީ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކުޅުނު 14 މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބުކޮށް އެމީހުން އެއްވަނަ ހޯދީ ޕޮއިންޓްގެ ގޮތުން މެކްސިކޯއާ އެއްވަރުވެ ފައިދާ ގޯލުގެ ތަފާތުންނެވެ.
1. އަލްފަންސޯ ޑޭވިސް
ކެނެޑާގެ ކުޅުންތެރިންގެ ތެރެއިން އަލްފަންސޯ ޑޭވިސް އަކީ އެންމެ ވިދުން ގަދަ ކުޅުންތެރިޔާއެވެ. އޭނާ ކުޅެނީ ޖަރުމަނުގެ ބަޔާން މިއުނިކަށެވެ. މުޅި ކެނެޑާ ޓީމުގައި ވެސް މިފެންވަރުގެ ޓީމަކަށް ކުޅޭ އެހެން ކުޅުންތެރިއަކު ނެތެވެ. އޭނާ ވަނީ މިހާތަނަށް ބަޔާންއަށް 100 އަށްވުރެ ގިނަ މެޗު ކުޅެ ފަސް ގޯލު ޖަހައިފަ އެވެ. ގައުމީ ޓީމަށް 32 މެޗުން 12 ގޯލު ޖަހާދީފައިވެ އެވެ. އޭނާގެ ލޯބިވެރިޔާ އަކީ ކެނެޑާގެ އަންހެން ގައުމީ ޓީމުގެ ފޯވަޑް ޖޯޑަން ހުއިޓޭމާ އެވެ. ލޯބިވެރިޔާ ކުޅެނީ ފްރާންސްގެ ޕީއެސްޖީ އަށެވެ. އޭނާއާ ބައްދަލުކުރަން ފްރާންސަށް ދިއުމަށްފަހު ބަޔާންގެ ފަރިތަކުރުންތަކަށް އަލްފަންސޯއަށް ގަޑިއަށް ހާޒިރު ނުވެވިގެން އޭނާ 20000 ޔޫރޯއިން ޖޫރިމަނާ ވެސް ކުރަންޖެހުނެވެ. މިހެންވެ އަލްފަންސޯގެ އުއްމީދަކީ ހުއިޓޭމާވެސް ބަޔާންއަށް ގެންދިއުމެވެ.
2. ސައިލް ލާރެން
ސައިން ލާރެން އަކީ ކެނެޑާގެ ގައުމީ ޓީމުގެ އެންމެ ނުރައްކާތެރި ފޯވަޑެވެ. ކޮންކާކަޕް ކޮލިފައިންގައި އެންމެ ގިނަ ގޯލު ޖެހީ ވެސް އޭނާއެވެ. އެއީ 13 ގޯލެވެ. ލާރެން ވަނީ މިހާތަނަށް ގައުމީ ޓީމަށް 50 މެޗުން 24 ގޯލު ޖަހާދީފައެވެ. އޭނާ މިހާރު ކުޅެމުންދަނީ ބެލްޖިއަމްގެ ކްލަބް ބޫރޫޖަށެވެ. އޭނާ އެންމެ ފުރަތަމަ ގައުމީ ޓީމަށް ނެގީ 2014 ވަނަ އަހަރު އެވެ. ލާރެން އަކީ ކުލަބަށްވުރެ ބޮޑަށް ގައުމީ ޓީމުގައި ވިދާލާ ކުޅުންތެރިއެކެވެ.
3. ޖޮނަތަން ޑޭވިޑް
އުމުރުން އެންމެ 22 އަހަރުގެ ޖޮނަތަން ޑޭވިޑް އަކި ފްރާންސްގެ ލިލްއަށް ކުޅޭ ކުޅުންތެރިއެކެވެ. ކޮންކާކަޕް ކޮލިފައިންގައި މިފަހަރު ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖެހީ ވެސް އޭނާ އެވެ. ކެނެޑާގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 32 މެޗުން އޭނާ ވަނީ 21 ގޯލު ޖަހައިފައެވެ. އޭނާ އަކީ އެޓޭކިން ޕޮޒިޝަންތަކުގެ ތެރެއިން ގިނަ މަގާމުތަކަށް ކުޅެވޭ ކުޅުންތެރިއެކެވެ. މިހެންވެ ކޯޗުން ގިނަ ފަހަރު އޭނާ ބޭނުންކުރަނީ ސަޕޯޓިން ސްޓަކައިރެއްގެ ގޮތުގަ އެވެ.
ކެނެޑާގެ ކޯޗު ޖޯން ހާޑްމަން އަކީ އިނގިރޭސި ރައްޔިތެކެވެ. ފިރިހެނުންގެ ފުޓްބޯޅަ އަށްވުރެ ބޮޑަށް އޭނާ މިހާތަނަށް ފެނިފައިވަނީ އަންހެން ފުޓްބޯޅައިގައެވެ. ކާމިޔާބު ކޯޗެއްވެސްމެއެވެ. ހާޑްމަން އެންމެ ފުރަތަމަ ހަވާލުވީ ނިއުޒީލޭންޑްގެ ގައުމީ އަންހެން ޓީމާއެވެ. އެއީ 2006 ވަނަ އަހަރުން 2011 އާ ހަމައަށެވެ. އޭގެ ފަހުން 2011 އިން 2018 އާ ހަމައަށް އޭނާ އަދާކުރީ ކެނެޑާގެ އަންހެން ޓީމުގެ ކޯޗުގެ މަގާމެވެ. އޭގެ ފަހުން ސީނިއާ ފިރިހެން ޓީމުގެ ކޯޗަށް އޭނާ ބަދަލުކުރީ ވަރަށް ގިނަ ބާރުތަކެއްދީފައެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ހަވާލުވިއރު ފީފާ ރޭންކިންގެ 70 ގެ ތެރޭގައި އޮތް ގައުމު ވަނީ 40 ގެ ތެރެއަށް ޕްރޮމޯޓްކޮށްދީފައެވެ. އޭނާ ވަނީ އޮލިމްޕިކްސްގެ ބްރޯންޒް މެޑަލް ކެނެޑާގެ އަންހެން ޓީމަށް ދެ ފަހަރު ހޯދައިދީފަ އެވެ.