ބްލެޖިއަމަކީ ފްރާންސާއި ޖަރުމަނު އަދި ނެދަލޭންޑްސްގެ މެދުގައި ފިތިފައި އެޓްލާންޓީކް ކަނޑާ ގުޅިފައިވާ ގައުމެކެވެ. މި ޒަމާނުގައި އެންމެ ކުރިއަރާ ތަހުޒީބު އެއް ގައުމެވެ. އާއްމު ދިރިއުޅުމުގެ އަގުބޮޑު، އަދި ސިއްހަތާއި ތައުލީމުގެ ފެންވަރު ރަނގަޅު އަމާން ގައުމެކެވެ. އުމުރުން 6 އަހަރުން ފެށިގެން 18 އަހަރާ ދެމެދު ކިޔެވުން މަޖުބޫރެވެ. ޔޫރަޕިއަން ޔޫނިއަން އާއި ނޭޓޯ ފަދަ ޖަމާއަތްތަކުގެ މައި މަރުކަޒު ގާއިމްކޮށްފައިވަނީ ވެސް ވެރިރަށް ބްރަސެލްސްގައެވެ. އިގްތިސާދީ ކުރިއެރުން ބޮޑުއިރު ދުނިޔޭގައި އޯޕަން އިކޮނޮމީއެއް އޮތުމަށް އެންމެ ބޮޑަށް ބާރުއަޅާ އެއް ގައުމަކީ ވެސް ބެލްޖިއަމްއެވެ. ބެލްޖިއަމަކީ މީޑިއާ ފްރީޑަމް ވަރަށް ބޮޑު ގައުމެކެވެ. އެގައުމުގައި ކޭބަލް ޓީވީގެ ދައުރު ވަރަށް ބޮޑެވެ. ގައުމުގެ ގިނަ ޓީވީ ސްޓޭޝަންތައް ހިންގަނީ ކުދި އަދި މެދުންފަންތީގެ ކުންފުނިތަކުންނެވެ. ގާތްގަނޑަކަށް 10.8 މިލިއަން މީހުން އިންޓަނެޓް ބޭނުންކުރެ އެވެ. އާބާދީގެ ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު ޕްލެޓްފޯމަކީ ފޭސްބުކެވެ. ބެލްޖިއަމްގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅައެވެ. މީގެ އިތުރުން ސައިކްލިން އާއި ސްވިމިން އަދި ޓެނިހާއި ޖޫޑޯ އަކީ ވެސް ވަރަށް މަޝްހޫރު ކުޅިވަރުތަކެވެ.
ބެލްޖިއަމް ޓީމު އާއްމުކޮށް އެތުރެނީ 3-4-3 ފޯމޭޝަނަށެވެ. ނަމަވެސް ކޯޗު ރޮބާޓޯ މާޓިނޭޒްގެ ދެ ވަނަ ޕްލޭނެއް ނޯންނަވާހަކަ އަބަދުވެސް ދެކެވެއެވެ. ޓީމުގެ ފަހަތުގައި ދުވަސްވީ ކުޅުންތެރިން ގިނައެވެ. މިއާއެކު އެމީހުން ހަދާ ގޯސްތައްވެސް ފަހަކަށް އައިސް ގިނައެވެ. މިހެންވެ ޒުވާން ކުޅުންތެރިންނަށް ޓީމުން ޖާގަ ދޭން ކޯޗު އަންނަނީ ވިސްނަމުންނެވެ.
ޓީމުގެ ކުރިއަށް ކުޅެންތިބި ދެ ކުޅުންތެރިން ތިބީ ފޯމު ކަޓާފައެވެ. ރެއާލް މެޑްރިޑްގެ އެޑެން ހަޒާޑުގެ ފޯމު ގެއްލިއްޖެތާ ތިން އަހަރު ވަނީއެވެ. ބޮޑުއަގުގައި ޗެލްސީ އަށް ބަދަލުވުމަށްފަހު ބެންޗުގައި އިންނަންޖެހި ރޮމެލޫ ލުކާކޫގެ ފޯމު ވެސް ދަށްވެއްޖެއެވެ. އަލުން އިންޓަމިލާނަށް ބަދަލުވެ، ފޯމަކަށް އެޅެން މަސައްކަތް ކުރަނިކޮށް އަނިޔާވެ އޭނާގެ ފިޓްނަސް ދަށްވެއްޖެއެވެ. އަނެއްކޮޅުން މުހިންމު ޑިފެންޑަރުންގެ ފޯމު ވެސް މިދިޔަ ސީޒަނުގަ އާއި މި ސީޒަނުގައި ފެނިގެންދަނީ ދަށްކޮށެވެ. މިހެންވެ ބެލްޖިއަމުގެ ގޯލްޑަން ޖެނެރޭޝަނަށް ލިބޭ ފަހު ފުރުސަތުތައް ތައްޓާ ހަމައަށް ދެވިދާނެތޯ ގިނަ ބަޔަކު ސުވާލުކުރެއެވެ.
ބެލްޖިއަމް ވަނީ މިހާތަނަށް 13 ފަހަރު ވޯލްޑްކަޕުގައި ކުޅެފައެވެ. މީގެ ތެރެއިން އެންމެ ދުރަށް ދެވުނީ އެންމެ ފަހުގެ ވޯލްޑްކަޕުގައެވެ. ބެލްޖިއަމް އެ މުބާރާތް ނިންމާލީ އިނގިރޭސިން ބަލިކޮށް ތިން ވަނަ ހޯދައިގެންނެވެ. މީގެ ކުރިން ބެލްޖިއަމަށް ސެމީ ފައިނަލަށް ދެވިފައިވަނީ 1986 ވަނަ އަހަރު އެކަންޏެވެ. ފައިނަލަށް ނުދެވުނީ އެފަހަރު ޗެމްޕިއަންކަން ހޯދި އާޖެންޓީނާ އަތުން ބަލިވުމުންނެވެ. މި ނޫން އަހަރުތަކުގައި ފަސް ފަހަރަކު ބެލްޖިއަމް ފުރަތަމަ ބުރުން ފޭލްވިއެވެ. ދެން ކަޓާފައިވަނީ ގަދަ 16 އިންނެވެ.
ކުޅުނު | މޮޅުވި | ބަލިވި | އެއްވަރުވި |
8 | 6 | 0 | 2 |
ބެލްޖިއަމް ވޯލްޑްކަޕަށް ކޮލިފައިވީ ގްރޫޕް އީގެ ޗެމްޕިއަނުންގެ ގޮތުގައެވެ. ވޭލްސް އާއި ޗެކްރިޕަބްލިކް އަދި އެސްޓޯނިއާ އާއި ބެލަރޫސް ހިމެނުނު ގްރޫޕުގެ އެއްވެސް މެޗަކުން އެމީހުން ބަލިނުވެއެވެ. އެހެން ޓީމުތަކަށް ވާދަކޮށްލާނެ ފުރުސަތެއް ވެސް ނުދީއެވެ. ކުޅުނު އަށް މެޗުގައި 25 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ހަ ގޯލެވެ. މިހުރިހާ ކަމަކުން އެނގެނީ ބެލްޖިއަމްގެ ފެންވަރެވެ. މިވަގުތު ޔޫރަޕުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ވިދުންގަދަ ގިނަ ކުޅުންތެރިން ތިބީ ބެލްޖިއަމްގައެވެ. އެމީހުންގެ ރަންޖީލުގެ ކުޅުންތެރިން މިވަގުތު ތިބީ އުމުރާއި ތަޖުރިބާގެ ގޮތުން ވެސް އެންމެ ޕީކްގައެވެ. މިހެންވެ މިފަހަރަކީ ތައްޓެއްގައި އަތްލުމަށް އެމީހުންނަށް ލިބޭނެ ފަހު ފުރުސަތު ކަމަށް ގިނަ ބައެއްގެ އިތުރުން ބެލްޖިއަމްގެ ކުޅުންތެރިން ވެސް ގަބޫލުކުރެއެވެ.
ކެވިން ޑެބްރޫނޭ އަކީ ގިނަ ކޯޗުންގެ ނަޒަރުގައި މިވަގުތު ޔޫރަޕުގައި ހުރި އެންމެ މޮޅު ކްރިއޭޓިވް މިޑްފީލްޑަރެވެ. މެންޗެސްޓާ ސިޓީގައި އޭނާ ދައްކާ މޮޅު ކުޅުމަކީ މިކަމަށް ބާރުލިބޭ ހެއްކެކެވެ. އޭނާ އަކީ މެދުތެރެއާއި އެންމެ ކުރިއަށް ބެލިނަމަވެސް ކޮންމެ މަގާމަކަށް ވެސް އެއް ފެންވަރެއްގައި ކުޅެވޭ ގޯލާ ރައްޓެހި ހުނަރުވެރިއެކެވެ. މިހެންވެ ބެލްޖިއަމްގެ ޓީމުގެ ހިތަކީ އޭނާ ކަމަށް ގަބޫލުކުރާ މީހުން ވަރަށް ގިނައެވެ. އެންމެ ފަހުގެ ވޯލްޑްކަޕުގެ ޑްރީމް ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިޔާ އަށް ގައުމީ ޖާޒީގައި ތައްޓެއްގައި އަތްލުމަށް މިއަށްވުރެ ވަކި ރަނުގެ ފުރުސަތެއް ނުލިބޭނެ އެވެ. އޭނާ ވަނީ މިހާތަނށް ގައުމީ ޓީމަށް 93 މެޗުން 25 ގޯލު ޖަހައިފައެވެ.
ތިބައޫ ކޯޓުއާ އަކީ އެންމެ ފަހުގެ ވޯލްޑްކަޕުގެ އެންމެ މޮޅު ކީޕަރެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ވެސް އެންމެ މޮޅު ކީޕަރެވެ. މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް ސްޕޭން ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި އޭނާ ދައްކާފައިވަނީ އާދަޔާލިހާފު މޮޅު ކުޅުމެކެވެ. އުމުރުން އެންމެ 30 އަހަރުގައި މިހާރު އޭނާ އަށް މަދުވާ މުބާރާތަކީ ގައުމީ ޓީމާއެކު ސަރަހައްދީ މުބާރާތަކާއި ވޯލްޑްކަޕްގެ ތައްޓެވެ.
މިހާތަނަށް ގައުމީ ޓީމަށް 96 މެޗު ކުޅެދީފައިވާ ކޯޓުއާގެ އާއިލާގެ ގިނަ މީހުންނަކީ ވޮލީ ކުޅުންތެރިންނެވެ. މިހެންވެ އޭނާ ވެސް ކުޑައިރު ފުރަތަމަ ކުޅުނީ ވޮލީ އެވެ. އެކަމަކު އޭނާ ބުނީ އެއީ ފުޓްބޯޅައަށް ހާއްސަވާން ކުރި ކަމެއް ކަމަށެވެ. ކޯޓުއާ ބައެއްފަހަރު ވިސްނާނުލައި ބުނާ ވާހަކަތަކުގެ ސަބަބުން ވަރަށް އަވަހަށް ޓީމުގެ ކުޅުންތެރިންނާ އޮންނަ ގުޅުން ގޯސްވެއެވެ.
ރޮމެލޫ ލުކާކީ އަކީ ބެލްޖިއަމް ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއެވެ. ގައުމީ ޓީމަށް 102 މެޗުން 68 ގޯލު ވަނީ ޖަހާދީފައެވެ. ލުކާކޫގެ އެންމެ ބޮޑު ނުރައްކަލަކީ އޭނާ އާކީ ޖާނު ވަރުގަދަ ކަމާއި ގޯލާ ރައްޓެހި ކުޅުންތެރިއަކަށްވުމެވެ. ނަމަވެސް އިނގިރޭސި ކުލަބުތަކުގައި ކާމިޔާބު ހޯދަން އޭނާއަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އެންމެ ފުރަތަމަ މެންޗެސްޓާ ޔުނައިޓެޑްގައެވެ. އޭގެ ފަހުން ޗެލްސީގައިވެސް މާއެދެވޭ ކުޅުމެއް ނުދެއްކުނެވެ. މި ދެ ކުލަބުގައި އޭނާ އަށް 96 މެޗުން ޖެހުނީ އެންމެ 36 ގޯލެވެ. ނަމަވެސް އިޓަލީގެ އިންޓަމިލާނުގައި އެންމެ ސީޒަނެއްގެ ތެރޭގައި އޭނާ ވަނީ 72 މެޗުން 47 ގޯލު ޖަހައިފައެވެ. ޗެލްސީއަށް 79 މިލިއަން ޕައުންޑަށް ވިއްކާލުމަށްފަހު އަލުން އޭނާ އިންޓަމިލާނަށް ލޯނު އުސޫލުން ގެނައީ ވެސް މިފަދަ ތަފާސް ހިސާބުތަކާހުރެއެވެ.
ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް އަކީ ސްޕޭނު މީހެކެވެ. މަތީ ފެންވަރުގައި ކުޅެފައި ނެތް ނަމަވެސް ކޯޗެއްގެ ގޮތުގައި އޭނާ ފާހަގަވެފައިވަނީ ވަރަށް ސްޕެނިޝް ސްޓައިލަކަށް އޭނާގެ ޓީމު ލައްވައި ކުޅުވާ ކޯޗެއްގެ ގޮތުގައެވެ. ބާސެލޯނާގެ ޕާސިން ގޭމް ވަރަށް ރަނގަޅަށް އޭނާއަށް އެނގެއެވެ. އެފަދަ ސްޓައިލަކަށް ކުޅުވައި ސްވަންސީ ސިޓީ އަށް އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ތަށި ހޯދައިދީ އެ ޓީމު ޕްރޮމޯޓްކޮށްދިނެވެ. އޭގެ ފަހުން ވިގަން އެތްލެޓިކަށް އިނގިރޭސި އެފްއޭކަޕް ވެސް ކާމިޔާބުކޮށްދިނެވެ. އަދި އެވަޓަންގައިވެސް އޭނާ ވަނީ ރީތި ޕާސިން ގޭމެއް ކުޅުވައިފައެވެ. ބެލްޖިއަމްގެ ގައުމީ ޓީމާ އޭނާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގެ ތިން ވަނަ ހޯދި ނަމަވެސް މިދިޔަ އަހަރުގެ ޔޫރޯގައި މާ އެދެވޭ ނަތީޖާއެއް ނުހޯދުނެވެ. މިހެންވެ ތަރިން ގިނަ ބެލްޖިއަމް ޓީމަށް މިފަހަރު ތައްޓާ ހަމައަށް ނުދެވިއްޖެނަމަ އޭނާގެ މަގާމު ދެމިއޮންނާނެ ކަމާމެދު ސުވާލު އުފެދެއެވެ.