އުރުގުއާއީ އަކީ ސައުތު އެމެރިކާ އަށް ނިސްބަތްވާ ޤައުމުތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ކުޑަ ޤައުމެވެ. ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން ޑިމޮކްރަސީއާއެކު އެންމެ ހަމަޖެހޭ ވެއްޓެއް އޮންނަ ގައުމަކީ ގިނަ ބައެއްގެ ނަޒަރުގައި އުރުގުއޭ އެވެ. ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޓެކްސް ގިނަ އަދަދަކަށް ނަގައި ވެލެފެއާ ސްޓޭޓެއްގެ ގޮތުގައި މަޝްހޫރުވި ގައުމަކީ ވެސް އުރުގުއޭ އެވެ. އެއީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދޭން ވަރަށް ބޮޑަށް ބާރުއަޅާ ގައުމެކެވެ. އުރުގުއޭގެ އާމްދަނީ އެންމެ ބޮޑު އެއް ހިއްސާދާރަކީ ދަނޑުވެރިކަމާއި ފަތުރުވެރިކަމެވެ. މުޅި ގައުމުގެ ކަރަންޓްގެ 97 ޕަސެންޓަކީ އިއާދަކުރުވަނިވި ހަކަތައިން އުފައްދާ ކަރަންޓެވެ.
އުރުގުއޭ އަކީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް އެންމެ ފުރަތަމަ ބޭއްވި ގައުމެވެ. އަދި އެންމެ ފުރަތަމަ ޗެމްޕިއަނުންވެސްމެ އެވެ. މިހެންވެ ވޯލްޑްކަޕަކީ އެމީހުންނަށް އަބަދުވެސް ހާއްސަ މުބާރާތެކެވެ. ނަމަވެސް 1950ގެ ފަހުން އެމީހުންނަށް ތަށީގައި އަތްލެވިފައިނުވެ އެވެ. ނަތީޖާއެއްގެ ގޮތުން އުރުގުއޭގެ އެންމެ ގިނަ ބަޔަކު ލޯބި ކުރާ ކުޅިވަރަކީ ވެސް ފުޓުބޯޅައެވެ. މީގެ އިތުރުން ބާސްކެޓާއި، ރަގްބީ އަކީ ވެސް އުރުގުއާއީ ގައި ވަރަށް މަޝްހޫރު ކުޅިވަރުތަކެކެވެ.
ފާހަގަކޮށްލެވޭ ފެކްޓެއް:
ކޯޗު ޑިއެގޯ އަލޮންސޯ ޓީމު ރާވާނެ ގޮތަކާމެދު އަދިވެސް ބަހުސް ކުރެވެ އެވެ. އާއްމުކޮށް އޭނާ ކުޅުވަނީ 4-3-3 އަށެވެ. އޭނާ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ފުރަތަމަ އެގާރައިގައި ހިމަނާނީ އުމުރުގެ ގޮތުން ކިހާ ދޮށީ ކިތައް ކުޅުންތެރިންކަމެއް ނޭނގުމުގެ މައްސަލައެވެ.
ސުއަރޭޒްތަ؟ ކަވާނީތަ؟
އާއްމުކޮށް ފަސޭހަ އަދި މޮޅުވާންޖެހޭ މެޗުތަކުގައި އަލޮންސޯ ދެ ފޯވަޑުން ބޭނުންކުރެ އެވެ. އެއީ އެޑިންސަން ކަވާނީ އާއި ލުއިސް ސުއަރޭޒް އެވެ. އެކަމަކު އުމުރުން ދުވަސްވީ މި ދެ ފޯވަޑުން އެކުއެކީގައި ބޭނުންކުރުމަކީ ޓީމަށް ފައިދާހުރި ކަމެއްނޫން ކަމުގެ ބަހުސް ކުރެވެއެވެ. މީގެ އިތުރުން އުމުރުން 36 އަހަރުގެ ކެޕްޓަން ޑިއެގޯ ގޮޑިން ލައްވައި ކުޅުވާނީ ކޮންތާކަށްކަމާމެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ. އަދި ތަޖުރިބާކާރު ކީޕަރު ފެނާންޑޯ މުސްލޭރާ އަށް އަނިޔާވެފައިވާތީވެ އޭނާގެ ބަދަލުގައި ގޯލަށް ކުޅޭނެ މީހަކާމެދު ވެސް ހިލާފުތަކެއް އެބަހުއްޓެވެ.
އުރުގުއާއި އިން ވަނީ ދެ ފަހަރެއްގެ މަތިން ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އެއީ 1930 އާއި 1950 ގައެވެ. 1930 ގައި އުރުގުއާއިން މުބާރާތް ކާމިޔާބުކުރީ ވާދަވެރި އާޖެންޓީނާ ފައިނަލްގައި ބަލިކޮށްގެންނެވެ. އަދި 1950 ވަނަ އަހަތުގެ މުބާރާތް ކާމިޔާބުކުރީ، އެއަހަރު މުބާރާތް ބޭއްވި ޤައުމުކަމަށްވާ ބްރެޒިލްގެ މައްޗަށް ފައިނަލްގައި ކުރި ހޯދައިގެންނެވެ. އޭގެ ފަހުން 1954 ވަނަ އަހަރު އޮތް މުބާރާތުގައި އެ ޤައުމަށް ލިބުނީ ހަތަރު ވަނައެވެ. ދެން ކޮންމެ މުބާރާތަކުން ވެސް އެ ޤައުމު ކަޓަނީ ގްރޫޕް ސްޓޭޖުން، ގަދަ 16 އިން ނުވަތަ ކުއާޓާ ފައިނަލުންނެވެ.
ކުޅުނު: 18
މޮޅުވި: 8
ބަލިވި: 4
އެއްވަރުވި 6
އުރުގުއާއިން ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ ދެކުނު އެމެރިކާގެ ތިން ވަނަ ގައުމުގެ ގޮތުގަ އެވެ. ދެކުނު އެމެރިކާގެ 10 ގައުމު އެއްބަޔަކު އަނެއްބަޔަކާ ހޯމް އެންޑް އަވޭ އުސޫލުން ކުޅެ ނިމުނުއިރު އުރުގުއޭ އަށް ތިނަ ވަނަ ލިބުނީ ބްރެޒިލާއި އާޖެންޓީނާ އަށްވުރެ ފަހަތުންނެވެ. ދެ ވަނަ ހޯދި އާޖެންޓީނާ އާއި އުރުގުއޭއާ ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އޮތެވެ. ކުޅުނު 18 މެޗުގެ ތެރެއިން އުރުގުއޭ އަށް މޮޅުވެވުނީ އެންމެ އަށް މެޗުންނެވެ. ހަ މެޗަކުން ބަލިވިއިރު ހަތަރު މެޗެއް އެއްވަރުވި އެވެ. ހާއްސަކޮށް އިކުއެޑޯ އަތުން ބަލިވުމަކީ އުރުގުއޭ ޓޭބަލުގެ ފަހަތަށް ސޮއްސާލަން ޖެހުނު ސަބަބެވެ. އުރުގުއޭ އަށްވުރެ ދެ ޕޮއިންޓް ފަހަތުން ހަތަރުވަނާގައި އޮތް އިކުއެޑޯ އަތްދަށުނުވެ އުރުގުއޭ ސަލާމަތްވީ ފަހު މެޗުގައި ޗިލީ އަތުން ހޯދި 2-0އިންގެ ނަތީޖާއިންނެވެ.
ލުއިސް ސުއަރޭޒް
ސުއަރޭޒް އަކީ އުރުގުއާއިގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އުމުރުން 35 އަހަރުގެ ސުއަރޭޒް އުރުގުއާއީގެ ޤައުމީ ޓީމުގައި ހިމެނުނީ 2007 ވަނަ އަހަރުއެވެ. ޤައުމީ ޓީމުގައި އެންމެ ފުރަތަމަ އޭނާ ކުޅުނު މެޗަކީ އުރުގުއާއި އިން ކޮލަމްބިއާގެ މައްޗަށް 3-1 އިން ކުރި ހޯދި މެޗެވެ. މިހާތަނަށް އުރުގުއާއީގެ ޤައުމީ ޓީމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ ސުއަރޭޒް ވަނީ ޤައުމީ ޓީމަށް 134 މެޗު ކުޅެދީ 68 ލަނޑު ޖަހާފައެވެ. ކުލަބު ލެވެލްގައި ވެސް ސުއަރޭޒް ވަނީ ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ކުޅެފައެވެ. އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޔޫރަޕުގެ ރަން ބޫޓުވެސް ހޯދާފައެވެ. އުރުގުއާއީ އާއެކު މިހާތަނަށް ސުއަރޭޒް އަށް ކާމިޔާބުކުރެވިފައިވަނީ 2011 ވަނަ އަހަރުގެ ކޮޕަ އެމެރިކާ މުބާރާތެވެ.
ޑިއޭގޯ ގޮޑިން
އުމުރުން 36 އަހަރުގެ ގޮޑިން އަކީ ފާއިތުވި އަހަރުތަކުގައި އުރުގުއާއީގެ އެންމެ މުހިންމު އެއް ތަނބެވެ. އޭނާ އަކީ އެ ޓީމުގެ ފަހަތް ބަލަހައްޓާ އެންމެ ކުޅަދާނަ އެއް ޑިފެންޑަރެވެ. ގޮޑިން އަކީ އުރުގުއާއީގެ ޤައުމީ ޓީމުގެ ކެޕްޓަންއެވެ. އޭނާ ފާހަގަވެގެން ގޮސްފައިވަނީ އުރުގުއާއީގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރުގެ ގޮތުގައެވެ. ގޮޑިން އުރުގުއާއީގެ ޤައުމީ ޓީމަށް ކުޅެން ފަށފައިވަނީ 2005 ވަނަ އަހަތުއެވެ. އޭނާ ވަނީ އުރުގުއާއީއާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، 2014 އަދި 2018 ވަނަ އަހރުގެ މުބާރާތުގައު ވެސް ކުޅެފައެވެ. ގޮޑިން ވަނީ މިހާތަނަށް އުރުގުއާއީގެ ޤައުމީ ޓީމަށް 159 މެޗު ކުޅެދީ އަށް ލަނޑު ޖަހާފައެވެ. އުރުގުއާއީއާއެކު އޭނާ ވަނީ 2018 އަދި 2019 ވަނަ އަހަރުގެ ޗައިނާ ކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން 2011 ވަނަ އަހަރުގެ ކޮޕަ އެމެރިކާ މުބާރާތް ވެސް ކާމިޔާބުކޮށްފައިވެއެވެ.
އެޑިސަން ކަވާނީ
ކަވާނީ އރުގުއާއީގެ ޤައުމީ ޓީމުގައި ހިމެނުނީ 2008 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ވަނީ އެ ޤައުމުގެ ޒުވާން ޤައުމީ ޓީމުތަކަށް ކުޅެދީފައެވެ. އުމުރުން 35 އަހަރުގެ ކަވާނީ އެންމެ ފުރަތަމަ ޤައުމީ ޓީމަށް ކުޅުނު މެޗަކީ 2008 ވަނަ އަހަރުގެ ފެބްރުވަރީ ހަ ވަނަ ދުވަހު ކޮލަމްބިއާ އާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި ވެސް އޭނާ ވަނީ ދެ ލަނޑު ޖަހާފައެވެ. ކަވާނީ ވަނީ އުރުގުއާއީ އަށް މުހިންމު މެޗުތަކުގައި ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ އުރުގުއާއީ އާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، 2014 އަދި 2018 ވަނަ އަހަރުގެ މުބާރާތުގައި ވެސް ކުޅެފައެވެ. މީގެ އިތުރުން އުރުގުއާއިން 2011 ވަނަ އަހަރުގެ ކޮޕަ އެމެރކާ މުބާރާތް ކާމިޔާބުކުރި އިރު ވެސް ކަވާނީ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.
އުމުރުން 47 އަހަރުގެ އެލޮންސޯ އަކީ 1999 އިން 2001 އަށް އުރުގުއާއީގެ ޤައުމީ ޓީމަށް ކުޅެދީފައިވާ ކުޅުންތެރިޔެކެވެ. އުރުގުއާއީގެ ޤައުމީ ޓީމާ އޭނާ ހަވާލުވެފައިވަނީ 2021 ވަނަ އަހަރުއެވެ. އޭނާ ހަވާލުވި ފަހުން އެ ޤައުމުން ކުޅެފައިވަނީ ނުވަ މެޗެވެ. އޭގެ ތެރެއިން އެ ޤައުމި ވަނީ ހަތް މެޗުން މޮޅުވެފައެވެ. އެއް މެޗުން އެއްވަރުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ. އުރުގުއާއީގެ ޓީމާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ ގިނަ ކުލަބުތަކަށް ކޯޗުކަން ކޮށްދީފައެވެ.