Poland Flag Poland Flag
ޕޮލެންޑް
ދުނިޔޭގެ ރޭންކިންގް
26

ސަރަހައްދީ ކާމިޔާބީ

1972 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްގެ ގޯލްޑް މެޑަލް ހޯދުން

ވޯލްޑް ކަޕް ކުޅުނު އަދަދު

8

ޗެމްޕިއަންކަން ހޯދި އަދަދު

0

އެންމެ ގިނަ ލަނޑުޖެހީ

ރޮބާޓް ލެވަންޑޯސްކީ (76 ލަނޑު)

އެންމެ ގިނަ މެޗު ކުޅުނީ

ރޮބާޓް ލެވަންޑޯސްކީ (134 މެޗު)

އާބާދީ

38.1 މިލިޔަން މީހުން

ބަސް

ޕޮލިޝް

ފައިސާ

ޒްލޮޓޭ
ތައާރަފް

ގައުމުގެ ތައާރަފް:

ޕޮލެންޑަކީ ސެންޓްރަލް ޔޫރަޕްގެ ގައުމެކެވެ. އެ ގައުމުގެ ރަސްމީ ބަހަކީ ޕޮލިޝްއެވެ. ޕޮލެންޑަކީ ބިމުގެ ނިސްބަތުން ޔޫރަޕްގެ 9 ވަނައަށް އެންމެ ބޮޑު އަދި އާބާދީގެ ގޮތުން ޔޫރަޕްގެ 5 ވަނައަށް އެންމެ ބޮޑު ގައުމެވެ. އެ ގައުމުގެ ވެރިރަށް ވޯސޯ (ޕޮލެންޑް މީހުން ކިޔާގޮތް: ވަރްޝާވާ) އަކީ އެ ގައުމުގެ އެންމެ ބޮޑު ސިޓީއެވެ. ޖަރުމަނުގެ އިސްތިއުމާރުން ސަލާމަތްވެ 1918 ވަނަ އަހަރު ފުރިހަމަ މިނިވަންކަން ލިބުނު ޕޮލެންޑުން މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރަނީ 11 ނޮވެމްބަރެވެ. އިޤުތިޞާދީ ގޮތުން ވަރަށް މިނިވަން ޕޮލެންޑަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅު، ޔޫރަޕް ސަރަހައްދުގެ 6 ވަނައަށް އެންމެ ބޮޑު އިޤުތިޞާދެވެ. ނަތީޖާއެއްގެ ގޮތުން ޔުނިވަރސިޓީ ފެންވަރުގެ ތައުލީމާއި ބޭސްފަރުވާ ވެސް މުޅިން ހިލޭ ފޯރުކޮށްދޭ ޕޮލެންޑަކީ ޔޫއެން (ޔުނައިޓެޑް ނޭޝަންސް/ އދ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ފައުންޑަރ މެމްބަރު ގައުމެވެ. ޕްރޮފެޝަނަލް ގިނަ ކުޅިވަރުތަކެއް ވަރަށް ފުޅާ ދާއިރާއެއްގައި ކުޅެމުން އަންނަ ޕޮލެންޑްގައި އެންމެ މަޤުބޫލު ކުޅިވަރަކީ ފުޓްބޯޅައެވެ. ފުޓްބޯޅައިން އެ ގައުމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1972 ވަނަ އަހަރުގެ އޮލިމްޕިކް ގޯލްޑް މެޑަލްއެވެ. އެ ގައުމަށް މިހާތަނަށް ސަރަހައްދީ މުބާރާތް ކަމަށްވާ ޔޫރޯ އަދި ފީފާ ވޯލްޑް ކަޕްގެ ތަށްޓެއް ހޯދުމުގެ ނަސީބު ލިބިފައެއް ނުވެއެވެ.

ޓެކްޓިކްސް:

ޕޮލެންޑްގެ ކޯޗުކަމާ މިޗްނޮވިޗް ހަވާލުވުމަށްފަހު ކުޅުނު ފުރަތަމަ ހަތަރު މެޗުގައި ބޭނުންކުރީ ތަފާތު ހަތަރު ފޯމޭޝަނަކެވެ. އަދި އޭނާ ދިޔައީ ގެންނަންޖެހެ ބަދަލުތައް މަޑުމަޑުން ގެންނަމުންނެވެ. އޭނާ އަބަދުވެސް ބުނާ ވާހަކަ އަކީ "އަބަދުވެސް އެހެން ގޮތެއް އޮންނަންވާނެ" ކަމަށެވެ. އެންމެ ފަހުން ޓީމު އާއްމުކޮށް ކުޅޭ ފޯމޭޝަނަކަށްވީ 4-2-3-1 އެވެ.

ބައެއް މަގާމުތަކަށް ކުޅުންތެރިން ބޭނުންވޭ:

ޕޮލެންޑް ޓީމުގައި ހައްލެއް ނުލިބިވާ ހަމައެކަނި މަގާމަކީ ވާތުބެކެއްގެ މަގާމެވެ. މިކަމަށް މިހާރު 10 ވަރަކަށް އަހަރުވެއްޖެއެވެ. ކޮންމެ ކޯޗަކަށް ދިމާވި މައިގަނޑު އެއް މައްސަލައަކީ މިއެވެ. މިޗްނޮވިޗް ވަނީ މިކަން ހައްލު ކުރުމަށް ޓިމޯޓް ސްޕަހާޓްސް އާއި ބާޓޯސް ބެރެޒިންސްކީ އަށް ފުރުސަތުދީފަ އެވެ. މީގެ ތެރެއިން ބެރެޒެންސްކީ ވާތު ބެކަށް ކުޅުނަސް އޭނާ އަކީ ކަނާތު ބެކެކެވެ.

ވޯލްޑް ކަޕުގެ ތާރީހް:

ޕޮލެންޑަށް މިހާތަނަށް ވޯލްޑް ކަޕްގެ ތަށްޓެއް ކާމިޔާބު ކުރެވިފައެއް ނެތެވެ. އެހެނަސް، މިހާތަނަށް ވޯލްޑް ކަޕްގެ 8 މުބާރާތެއްގައި ކުޅެފައިވާ ޕޮލެންޑް ވަނީ 2 ފަހަރެއްގެ މަތީން ވޯލްޑް ކަޕްގެ ބްރައުންޒް މެޑަލް (3 ވަނަ) ހޯދާފައެވެ. އެއީ 1974 އަދި 1982 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. އެ ދުވަސްވަރު ގިނަ ބަޔަކު ސިފަކުރަނީ ޕޮލެންޑް ފުޓްބޯޅައިގެ ރަން ޒަމާނުގެ ގޮތުގައެވެ. އެހެނަސް އޭގެ ފަހުން ޕޮލެންޑްގެ ފުޓްބޯޅަ ވަރަށް ބޮޑަށް ދަށަށް ދިޔައިރު، މި ފަހުގެ ތާރީޚްގައި ވޯލްޑް ކަޕްގެ ނަތީޖާތައް ވަރަށް ދަށެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕްގެ ކުރިން ޕޮލެންޑް ފީފާ ރޭންކިންގ ގެ 8 ވަނައިގައި އޮތުމުން، އެ ޓީމަކީ ސަޕްރައިޒިންގ ޓީމަކަށް ވާނެކަމަށް ގިނަ ބަޔަކު ބެލިނަމަވެސް، ނިސްބަތުން ދަށް ގައުމުތަކެއް އަތުން ބަލިވެ، ގްރޫޕް ސްޓޭޖުން ކެޓީއެވެ. އޭގެ ކުރިން ދެ ވޯލްޑް ކަޕަށް ކޮލިފައިނުވެ ދިޔައިރު، 2002 އަދި 2006 ވަނަ އަހަރުގެ މުބާރާތް ވެސް ޕޮލެންޑް ނިންމާލަން ޖެހުނީ ގްރޫޕް މަރުހަލާއިންނެވެ. އެ ގައުމު މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު، އެ ގައުމަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގޯލު ޖެހުމުގައި ދެވަނައެއް ނެތް ލެވަންޑޯސްކީ ވަރަށް ރަނގަޅު ފޯމެއްގައި ހުރުމެވެ.

ވޯލްޑް ކަޕަށް ކޮލިފައިވީ ގޮތް:

ކުޅުނު: 12 މެޗު

މޮޅުވި: 8

ބަލިވި: 2

އެއްވަރުވި 2

ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޕޮލެންޑް ލައްވާލީ ވާދަވެރި އިންގްލެންޑާ އެއް ގްރޫޕަކަށެވެ. ކޮލިފިކޭޝަންގެ ފުރަތަމަ މެޗުން ހަންގޭރީއާ އެއްވަރުކޮށް، ދެ ވަނަ މެޗުގައި އެންޑޮރާ ބަލިކުރި ނަމަވެސް ދެން ޖެހިގެން އައި މެޗުން އިންގްލެންޑް އަތުން ބަލިވީއެވެ. ކޮލިފިކޭޝަންގައި ބާކީ ހުރި މެޗުތަކުގެ ތެރެއިން ހަންގޭރީ އަތުން ބަލިވެ، އިންގްލެންޑާ އެއްވަރުވިއިރު، އެހެން ހުރިހާ މެޗަކުން މޮޅުވިއެވެ. ނަތީޖާއެއްގެ ގޮތުން ޕޮލެންޑަށް ގްރޫޕްގައި އިންގްލެންޑް ފަހަތުން ދެ ވަނަ ލިބި، ޕްލޭ-އޯފްގައި ވާދަކުރަން ޖެހުނީއެވެ. ޕްލޭ-އޯފްގައި ޕޮލެންޑް އޮތް ގްރޫޕްގެ ފައިނަލަށް ދަތުރުކުރުމަށް ޕޮލެންޑަށް ކުޅެން ޖެހުނީ ރަޝިޔާއާއެވެ. އެހެނަސް، ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާ ސަސްޕެންޑްކޮށްފައި އޮތުމުން ޕޮލެންޑަށް ސީދާ ފައިނަލުގެ ޖާގަ ލިބުނެވެ. ޕްލޭ-އޯފްގެ ފައިނަލްގައި ސްވިޑެންގެ މައްޗަށް 2-0 ގެ ނަތީޖާއިން ކާމިޔާބު ހޯދުމުން ޕޮލެންޑަށް ވޯލްޑް ކަޕްގެ ޖާގަ ލިބުނެވެ.

އެންމެ މުހިންމު 3 ކުޅުންތެރިން:

ރޮބާޓް ލެވަންޑޯސްކީ

ޕޮލެންޑް ޓީމުގައި މިހާރު ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ރޮބާޓް ލެވަންޑޯސްކީއެވެ. ޕޮލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ލަނޑު ވެސް ޖަހައިދީފައިވާ ލެވަންޑޯސްކީ އަބަދު ވެސް ފާހަގަކުރެވެނީ ގޯލާ ވަރަށް ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭނާ މިހާތަނަށް ގައުމީ ޓީމަށް 134 މެޗު ކުޅެ 76 ލަނޑު ކާމިޔާބު ކޮށްފައިވެއެވެ. ޕޮލެންޑްގެ ވެރިރަށަށް އުފަން، މިހާރު އުމުރުން 34 އަހަރުގެ ލެވަންޑޯސްކީ އަކީ މި ވަގުތު ޕޮލެންޑް ގައުމީ ޓީމުގެ ކެޕްޓަނެވެ. އޭނާ ބަޔާން މިޔުނިކް ދޫކޮށް މި ސީޒަންގައި ބާސެލޯނާއަށް ބަދަލުވެފައިވާއިރު، ލީގުގައި ކުޅުނު ފުރަތަމަ 6 މެޗުން 8 ގޯލު ޖަހާ 2 އެސިސްޓް ހަދާފައިވެއެވެ. ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުރި ދަތުރުގައި ޕޮލެންޑް ކުޅުނު މެޗުތަކުގެ ތެރެއިން 5 މެޗު ފިޔަވާ އެހެން ހުރިހާ މެޗެއްގައި ވެސް އޭނާ ލަނޑު ޖަހާފައިވެއެވެ.

ޕިއަތުރަ ޒިލިންސްކީ

އުމުރުން 28 އަހަރުގެ ޒިލިންސްކީއަކީ ޕޮލެންޑްގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. އޭނާ މި ވަގުތު ކުޅެނީ އިޓަލީގެ ނަޕޯލީ އަށެވެ. މީގެ ކުރިން އުދިނޭޒް އާއި އެމްޕޮލީއަށްވެސް ކުޅެފައިވާ މި ކުޅުންތެރިޔާއަށް ގައުމީ ޓީމުން އެންމެ ފުރަތަމަ ޖާގަ ލިބުނީ 2016 ގެ ޔޫރޯއަށް ޕޮލެންޑުން ނެގި ސްކޮޑުންނެވެ. އޭގެ ފަހުން 2018 ގެ ވޯލްޑް ކަޕާއި، 2020 ގެ ޔޫރޯގައި ވެސް އޭނާ ވަނީ ގައުމީ ޓީމަށް ކުޅެފައެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ވެސް މޮޅު ކުޅުމެއް ދެއްކި ޒިލިންސްކީ މިހާތަނަށް ގައުމީ ޓީމަށް 74 މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ 9 ލަނޑު ވެސް ކާމިޔާބު ކޮށްފައެވެ.

ވޮއިޗެކް ސްޓެންޝްނީ

އުމުރުން 32 އަހަރުގެ ސްޓެންޝްނީ އަކީ މިހާރު ޕޮލެންޑް ޓީމުގެ އެއް ނަންބަރު ގޯލްކީޕަރެވެ. މީގެ ކުރިން އާސެނަލް އާއި ރޯމާއަށް ވެސް ކުޅެފައިވާ މި ކުޅުންތެރިޔާ މި ވަގުތު ކުޅެމުން ދަނީ ޔުވެންޓަސް އަށެވެ. ކްލަބް ކެރިއަރުގައި މިހާތަނަށް 469 މެޗު ކުޅެފައިވާއިރު، އޭނާ ވަނީ ޕޮލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް 66 މެޗު ކުޅެދީފައެވެ. އޭގެ ތެރެއިން ޖުމްލަ 27 މެޗެއްގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ވަނީ ނިންމާލާފައެވެ. އޭނާ ފާހަގަކުރެވެނީ ފަހުގެ ތާރީޚްގައި ޕޮލެންޑުން ފެންނަ އެންމެ ލޯ ހުޅުވޭ، ހުނަރުވެރި އެއް ގޯލް ކީޕަރުގެ ގޮތުގައެވެ.

ކޯޗު ޗެސްލޯ މިކްނިއޭވިޗް
ކޯޗު ޗެސްލޯ މިކްނިއޭވިޗް

ކޯޗު: 

ޗެސްލޯ މިކްނިއޭވިޗް އަކީ ޕޮލެންޑްގެ ރައްޔިތެކެވެ. ކުރިން އޭނާ ޕޮލެންޑްގެ ބައެއް ކްލަބްތަކަށް ކުޅެ ކާމިޔާބުތައް ހޯދާފައިވިޔަސް ،ރިޓަޔަރ ކުރީ ގައުމީ ޓީމަށް އެންމެ މެޗެއް ވެސް ކުޅެން ނުލިބިއެވެ. އޭނާގެ ކޯޗިންގ ކެރިއަރު 2003 ވަނަ އަހަރު ލެޗް ޕޮޒްނާން އިން ފެށިއިރު،ތަފާތު 10 ކްލަބަކަށް އޭނާ ވަނީ ކޯޗުކަން ކޮށްދީފައެވެ. މީގެ ކުރިން މިކްނިއޭވިޗް ވަނީ ޕޮލެންޑްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައިވެސް ހަރަކާތްތެރިވެފައެވެ. އޭނާގެ އިރުޝާދުގެ ދަށުން، 2019 ވަނަ އަހަރު އޮތް 21 އަހަރުން ދަށުގެ ޔޫރޯއަށް ޕޮލެންޑްގެ ޒުވާން ޓީމު މުޅިން އަލަށް ވަނީ ކޮލިފައިކޮށްދީފައެވެ. ޕޮލެންޑްގެ ގައުމީ ޓީމާ މި އަހަރުގެ ޖަނަވަރީ މަހުގައި ހަވާލުވުމަށްފަހު، މިހާތަނަށް އޭނާގެ އިރުޝާދުގެ ދަށުން ވަނީ 8 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 2 މެޗުން އެއްވަރުވިއިރު، 3 މެޗުން މޮޅުވެ 3 މެޗުން ބަލި ވެސް ވެފައިވެއެވެ. އެހެންކަމުން އޭނާގެ ކޯޗުކަމުގެ ދަށުން ޕޮލެންޑްގެ މޮޅުގެ ރެކޯޑަކީ އެންމެ 37.50 އިންސައްތައެވެ. 

މެޗުތައް
Nov, 22 2022 21:00
ސްޓޭޑިއަމް 974
Nov, 26 2022 18:00
އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް
Dec, 01 2022 00:00
ސްޓޭޑިއަމް 974
Dec, 05 2022 00:00
އަލްބައިތް ސްޓޭޑިއަމް