Mexico Flag Mexico Flag
މެކްސިކޯ
ދުނިޔޭގެ ރޭންކިންގް
13

ސަރަހައްދީ ކާމިޔާބީ

ކޮންކަކަފް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން 8 ފަހަރު

ވޯލްޑް ކަޕް ކުޅުނު އަދަދު

16

ޗެމްޕިއަންކަން ހޯދި އަދަދު

0

އެންމެ ގިނަ ލަނޑުޖެހީ

ޗިޗަރީޓޯ (52 ލަނޑު)

އެންމެ ގިނަ މެޗު ކުޅުނީ

ކްލައުޑިއޯ ސުއަރޭޒް (177 މެޗު)

އާބާދީ

128.9 މިލިއަން މީހުން

ބަސް

ސްޕެނިޝް

ފައިސާ

މެކްސިކަން ޕޭސޯ
ތައާރަފް

މެކްސިކޯއަކީ އުތުރު އެމެރިކާގެ ދެކުނު ބިތުގައި، ޔޫއެސްއޭއާ އިންވެގެން އޮންނަ ގައުމެކެވެ. މެކްސިކޯއަކީ ބިމުގެ ނިސްބަތުން ދުނިޔޭގެ 13 ވަނައަށް އެންމެ ބޮޑު ގައުމެވެ. އަދި ދުނިޔޭގެ 10 ވަނައަށް އެންމެ ބޮޑު އާބާދީއެވެ. 31 ސްޓޭޓާއި ވެރިރަށް މެކްސިކޯ ސިޓީގެ މައްޗަށް އެކުލެވިގެންވާ މި ގައުމުގެ މީހުން އާންމުކޮށް ވާހަކަދެއްކުމަށާއި ރަސްމީ މުޢާމަލާތުތަކުގައި ބޭނުންކުރަނީ ސްޕެނިޝް ބަހެވެ. ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓްތައް އެންމެ ގިނަ ގައުމުތަކުގެ ލިސްޓްގެ 7 ވަނައިގައި އޮތް މެކްސިކޯއަކީ އިޤުތިޞާދީގޮތުން ކުރިއަރާ ތަރައްޤީވަމުން އަންނަ ގައުމެކެވެ. ރިޕޯޓާސް ވިތްއައުޓް ބޯޑާސްއިން ބުނާ ގޮތުގައި މެކްސިކޯ އަކީ ދުނިޔޭގައި ނޫސްވެރިންނަށް އެންމެ ނުރައްކާ ބޮޑު އެއް ގައުމެވެ. ޑްރަގް ވިޔަފާރީގެ ބޮޑުންނާއި ކޮރަޕްޓް ސިޔާސީ މީހުންނަކީ ނޫސްވެރިންނަށް އެންމެ ބޮޑަށް ނުރައްކާކުރާ މީހުންނެވެ. މެކްސިކޯގެ ރޭޑިއޯ ޓެންވޯކް ވަރަށް ފުޅަލެވެ. މެކްސިކޯގައި އެންމެ މަޤުބޫލު ދެ ކުޅިވަރަކީ ފުޓްބޯޅައާއި ބޮކްސިންގ އެވެ. އެހެނަސް ބައެއް ސަރަހައްދުތަކުގައި އެހެން ބައެއް ކުޅިވަރުތަކުގެ މަޤުބޫލުކަން ބޮޑެވެ. މެކްސިކޯއަކީ ވޯލްޑް ކަޕްގެ އަލަތު މުބާރާތުގެ އެންމެ ފުރަތަމަ މެޗުގައި ކުޅުމުގެ ޝަރަފު އޮތް ގައުމެކެވެ. އެ މެޗު ކުޅުނީ ފްރާންސާ ދެކޮޅަށެވެ. މެކްސިކޯގައި މިހާތަނަށް ވޯލްޑް ކަޕްގެ 2 މުބާރާތެއް ބާއްވާފައި ވެއެވެ. ކޮންކަކަފް ސަރަހައްދުން ފީފާގެ މުބާރާތެއް ކާމިޔާބު ކުރުމުގެ ޝަރަފު އޮތް ހަމައެކަނި ގައުމަކީ ވެސް މެކްސިކޯއެވެ.

ފާހަގަކޮށްލެވޭ ފެކްޓެއް:

• ވޯލްޑް ކަޕްގެ ފުރަތަމަ މުބާރާތުގެ އެންމެ ފުރަތަމަ މެޗުގައި ކުޅުމުގެ ޝަރަފު މެކްސިކޯއަށް ލިބިފައިވޭ

• ބަދަލު ކުޅުންތެރިން އެރުވޭ ގޮތަށް އެންމެ ފުރަތަމަ ހެދީ މެކްސިކޯގައި 1970 ވަނަ އަހަރު އޮތް މުބާރާތުގައި, ވޯލްޑް ކަޕްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރާ އެންމެ ފުރަތަމަ ލަނޑެއް ޖެހީ މެކްސިކޯގެ ކުޅުންތެރިއެއް.

• ވޯލްޑް ކަޕްގެ ތާރީޚްގައި ފުރަތަމަ ފަހަރަށް އަމިއްލަ ބައިކޮޅަށް ލަނޑެއް ޖެހުމުގެ ލަދުވެތި ރެކޯޑުވެސް މެކްސިކޯގެ އަތުގައި

ޓެކްޓިކްސް:

އުރުގުއޭއާ ދެކޮޅަށް 5-2-3 ގެ ފޯމޭޝަނަށް ކުޅެގެން މެކްސިކޯއަށް ކުރިމަތިވީ ހީކުރިވަރަށްވުރެ މާބޮޑު ލަދެކެވެ. މިހެންވެ ކޯޗު މާޓީނޯ ނިންމާފައިވަނީ 4-3-3 އަށް ކުޅުމަށެވެ. މި ސިސްޓަމަށް ކުޅެން އޭނާ ބޭނުންކޮށްފައިވަނީ އަބަދުހެން އެއް ކުޅުންތެރިންތަކެކެވެ.

ރަނގަޅު ފޯމު ދެމެހެއްޓިދާނެތަ؟

މާޓިނޯ މެކްސިކޯގެ ކޯޗުކަން ފެށުނީ ބަލިނުވެ ކުޅުނު 17 މެޗުންނެވެ. ދެކުނު ކޮރެޔާ އާއި ޖަޕާން އަދި ނެދަލޭންޑްސް ބަލިކުރި އެވެ. އެކަމަކު 2021 ވަނަ އަހަރު ޓީމުގެ ފޯމު ކުއްލިގޮތަކަށް ވެއްޓުނެވެ. އެމެރިކާ އަތުން ތިން ބަލިވެ، ކޮންކާކަޕްގައި ނަތީޖާ ގޯސްވުމުން ސަޕޯޓަރުންގެ ކެތްތެރިކަން ކޮޅުންލިއެވެ. ސުވާލަކީ ވޯލްޑްކަޕުގައި ކުރިން ދެއްކި ރަނގަޅު ފޯމުގައި މެކްސިކޯ ކުޅެފާނެބާ އެވެ؟

ޖަރުމަނާއި މެކްސިކޯ 98ގައި ކުޅުނު މެޗުގެ ތެރެއިން
ޖަރުމަނާއި މެކްސިކޯ 98ގައި ކުޅުނު މެޗުގެ ތެރެއިން

ވޯލްޑް ކަޕުގެ ތާރީހް:

މެކްސިކޯއަށް މިހާތަނަށް ވޯލްޑް ކަޕްގައި އެކަށީގެންވާ ކާމިޔާބީއެއް ލިބިފައެއް ނެތެވެ. އެހެނަސް، އެންމެ ފަހުން ބޭއްވި 7 ވޯލްޑް ކަޕްގެ ތެރެއިން ހުރިހާ މުބާރާތެއްގެ ގްރޫޕް މަރުހަލާ ފަހަނަ އަޅާ ދިއުމުގެ ރެކޯޑް އޮތް ހަމައެކަނި 2 ގައުމުގެ ތެރޭގައި ހިމެނެނީ މެކްސިކޯ އާއި ބްރެޒިލްއެވެ. އަދި ވޯލްޑް ކަޕްގެ އެންމެ ގިނަ މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ ދިއުމުގެ ރެކޯޑްވެސް އޮތީ މި ދެ ގައުމުގެ އަތުގައެވެ. އެހެންކަމުން، މެކްސިކޯއިން ވޯލްޑް ކަޕްގައި އެ ގައުމުގެ ކުޅުމާއި ނަތީޖާ އެއް ފެންވަރެއްގައި ހިފަހައްޓާކަން ފާހަގަކޮށްލަން ޖެހެއެވެ. މެކްސިކޯ އިން ވަނީ މިހާތަނަށް ވޯލްޑް ކަޕްގެ 16 މުބާރާތުގައި ކުޅެފައެވެ. އެ ގައުމު ކޮލިފައި ނުވެ ދިޔައީ 1934، 1974 އަދި 1982 ވަނަ އަހަރުގެ މުބާރާތަށެވެ. މީގެ އިތުރުން 1938 ވަނަ އަހަރުގެ މުބާރާތުން އެ ގައުމު އަމިއްލައަށް ވަކިވިއިރު، 1988 ގެ އޮލިމްޕިކް ގޭމްސްގައި (ޔޫތު މުބާރާތެއް) އުމުރުން މާ ދޮށީ ކުޅުންތެރިޔަކު މެކްސިކޯ ޓީމުގައި ހިމަނައިގެން ކުޅުމުގެ އަދަބެއްގެ ގޮތުން ފީފާއިން 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުން މެކްސިކޯ އެކަހެރިކުރިއެވެ. މެކްސިކޯއަށް މިހާތަނަށް ވޯލްޑް ކަޕްގައި ލިބުނު އެންމެ ރަނގަޅު ނަތީޖާއަކީ 1970 ވަނަ އަހަރާއި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކުރެވުމެވެ. އެ ދެ މުބާރާތް ވެސް ހޮސްޓް ކުރީ އެ ގައުމުންނެވެ.

ވޯލްޑް ކަޕަށް ކޮލިފައިވީ ގޮތް:

ކުޅުނު: 14 މެޗު

މޮޅުވި: 8

ބަލިވި: 2

އެއްވަރުވި 4

ކޮންކަކަފް ސަރަހައްދުގެ 8 ގައުމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ގައުމެއް ކޮންމެ ގައުމަކާ 2 ފަހަރު ބައްދަލުކުރަން ޖެހޭގޮތަށް ކުޅެވުނު ކޮލިފިކޭޝަންއިން ގްރޫޕްގެ ގަދަ 3 ޓީމަށް ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބޭއިރު، މެކްސިކޯ އިން ކޮލިފިކޭޝަން ނިންމާލީ ގްރޫޕްގެ 2 ވަނައިގައެވެ. ވޯލްޑް ކަޕަށް ކުރި ދަތުރުގައި ފުރަތަމަ މެޗުން މޮޅުވުމަށްފަހު ދެން ޖެހިގެން އައި 3 މެޗުގެ ތެރެއިން 1 މެޗުން ބަލިވެ، 2 މެޗުން އެއްވަރުވުމުން މެކްސިކޯއަށް ހާސްކަމާ ކުރިމަތިލާން ޖެހުނެވެ. އެހެނަސް އަޑިގުޑަން ތަކާއެކުވެސް މެކްސިކޯއިން ރަނގަޅު ނަތީޖާއަކާއެކު ކުރިޔަށްދިޔައިރު، ވާދަވެރި ކޮލިފިކޭޝަންގައި މެކްސިކޯއަށް ދެ ވަނަ ލިބުނީ ސަރަހައްދުގެ ގަދަބާރު އެމެރިކާއަށްވުރެ 3 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. 1 ވަނައިގައި އޮތް ކެނެޑާއާ އެއްވަރަށް މެކްސިކޯއަށް ޕޮއިންޓް ލިބުނަސް، ފައިދާ ލަނޑުގެ ތަފާތުން ކެނެޑާއަށް 1 ވަނަ ލިބުނީއެވެ.

އެންމެ މުހިންމު 3 ކުޅުންތެރިން:

ހާވިން ލޮޒާނޯ

މިހާރު ނަޕޯލީގެ ރައިޓް ވިންގަށް ކުޅޭ ލޮޒާނޯ އެ ކްލަބަށް ބަދަލުވީ 42 މިލިޔަން ޔޫރޯއަށެވެ. އެއާއެކު އޭނާ ވެގެން ގޮސްފައިވަނީ މެކްސިކޯގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. އުމުރުން 27 އަހަރުގެ ލޮޒާނޯ ސީނިޔާ ކެރިއަރ ފެށީ 2014 ވަނަ އަހަރު މެކްސިކޯގެ ޕަޗޫކާ އިންނެވެ. އެ ކްލަބަށް އޭނާ 152 މެޗުން 44 ލަނޑު ކާމިޔާބު ކޮށްދިނެވެ. އިޓާލިއަން ލީގުގައި މި ސީޒަންގައި ނަޕޯލީއަށް އޭނާ ކުޅުނު ފުރަތަމަ 6 މެޗުގައި  1 އެސިސްޓް ހަދާފައިވެއެވެ.

ލޮޒާނޯއަށް މެކްސިކޯގެ ގައުމީ ޓީމަށް ކުޅެން އެންމެ ފުރަތަމަ ފުރުސަތު ލިބުނީ 2016 ވަނަ އަހަރުގައެވެ. ގައުމީ ޓީމަށް އޭނާ މިހާތަނަށް 59 މެޗު ކުޅެ 16 ލަނޑު ޖަހައިދީފައިވެއެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް މެކްސިކޯ ޓީމަށް ކުޅެން ލިބުނު ލޮޒާނޯ ވަނީ މެކްސިކޯގެ ޒުވާން ޓީމާއެކު 2015 ވަނަ އަހަރު 20 އަހަރުން ދަށުގެ ކޮންކަކަފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބު ކޮށްފައެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި މެކްސިކޯ ކުޅުނު ފުރަތަމަ މެޗުން ޖަރުމަނު ޓީމު ބަލިކުރީވެސް އޭނާގެ ލަނޑަކުންނެވެ. އެ މެޗު މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނީ އޭނާއަށެވެ. 

ރައުލް ހިމެނޭޒް

އުމުރުން 31 އަހަރުގެ ރައުލް ޖިމެނޭޒް އަކީ މި ވަގުތު މެކްސިކޯ ޓީމުގައި ހުރި އެންމެ އިތުބާރު ހިފޭ ފޯވާޑެވެ. މި ވަގުތު ޕްރިމިއާ ލީގުގެ ވުލްވްސް އަށް ކުޅެމުން އަންނަ ހިމެނޭޒް މީގެ ކުރިން ވަނީ އެޓްލެޓިކޯ މެޑްރިޑާއި ބެންފީކާއަށް ވެސް ކުޅެފައެވެ. ބެންފީކާއާއެކު ޖެހިޖެހިގެން 2 ފަހަރު ޕޯޗުގަލް ލީގު ތަށި އޭނާ އުފުލާލިއިރު، އެ ކްލަބަށް 120 މެޗުން 31 ލަނޑު ކާމިޔާބު ކޮށްދިނެވެ. މެކްސިކޯގެ ގައުމީ ޓީމަށް މިހާތަނަށް 96 މެޗު ކުޅެ 29 ލަނޑު ޖަހާފައިވާ ހިމެނޭޒް ވަނީ މެކްސިކޯގެ ގައުމީ ޓީމާއެކު 2015 ވަނަ އަހަރު ކޮންކަކަފް ކަޕް އަދި 2019 ވަނަ އަހަރު ކޮންކަކަފް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ. އޭނާ ވަނީ 2014 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް މެކްސިކޯގެ ޓީމަށް ކުޅެފައެވެ. އަދި މި ފަހަރު ވޯލްޑް ކަޕަށް މެކްސިކޯ ކޮލިފައި ކޮށްދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރިއެވެ.

ޖީސުސް ކޮރޯނާ

އުމުރުން 29 އަހަރުގެ ޖީސުސް ކޮރޯނާ އަކީ ސްޕެއިންގެ ސެވިއްޔާ އަދި މެކްސިކޯގެ ގައުމީ ޓީމުގެ ވިންގްގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. ސެވިއްޔާއަށް ބަދަލުވުމުގެ ކުރިން އޭނާ ޕޯޓޯއަށް ކުޅުނުއިރު، 287 މެޗު ކުޅެ، ޕޯޓޯއާއެކު 2 ފަހަރު ލީގު ކާމިޔާބު ކޮށްފައިވެއެވެ. އިންޓަނޭޝަނަލް ކެރިއަރަށް ބަލާއިރު، ކޮރޯނާ ވަނީ 2013 ވަނަ އަހަރުގެ މެކްސިކޯގެ ޒުވާން ޓީމާއެކު 20 އަހަރުން ދަށުގެ ކޮންކަކަފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ. އަދި 2015 ވަނަ އަހަރު ކޮންކަކަފް ގޯލްޑް ކަޕްގެ ތަށި އުފުލާލުމުގެ އިތުރުން، 2014 އާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް މެކްސިކޯ ޓީމުގައި ހިމެނިގެން ކޮރޯނާ ކުޅެފައިވެއެވެ. އޭނާ މިހާތަނަށް ގައުމީ ޓީމަށް 71 މެޗު ކުޅެފައިވާއިރު 10 ލަނޑު ކާމިޔާބު ކޮށްފައިވެއެވެ.

ކޯޗު ޖެރާޑޯ މާޓީނޯ
ކޯޗު ޖެރާޑޯ މާޓީނޯ

ކޯޗު: 

ޖެރާޑޯ މާޓީނޯއަކީ އާޖެންޓީނާގެ ރައްޔިތެކެވެ. އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް ކުރިން ކުޅެފައިވާ މާޓީނޯ އަކީ އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއީސްއަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާއެވެ. 1998 އިން ފެށިގެން ކޯޗިންގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނައިރު، މާޓީނޯ ވަނީ މަޝްހޫރު ބައެއް ކްލަބްތަކާއި ގައުމުތަކަށް ވެސް މީގެ ކުރިން ކޯޗުކަން ކޮށްދީފައެވެ. އެގޮތުން، 2007 އިން 2011 އަށް ޕެރެގުއޭގެ ކޯޗުގެ މަޤާމުގައި އަދި 2014 ން 2016 އަށް އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުގެ މަޤާމުގައި ހުރިއިރު، އޭނާ ވަނީ 2013 ން 2014 އަށް ބާސެލޯނާއަށް ވެސް ކޯޗުކަން ކޮށްދީފައެވެ.

މާޓީނޯ މެކްސިކޯގެ ގައުމީ ޓީމާ ހަވާލުވީ 2019 ވަނަ އަހަރުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން މެކްސިކޯއިން 2019 ވަނަ އަހަރުގެ ކޮންކަކަފް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދިއެވެ. 2021 ވަނަ އަހަރުގެ ކޮންކަކަފް ނޭޝަންސް ލީގާއި، 2021 ވަނަ އަހަރުގެ ގޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކުރިއެވެ. މެކްސިކޯ ޓީމަށް މިހާތަނަށް 61 މެޗެއްގައި އޭނާ އިރުޝާދު ދީފައިވާއިރު، އޭގެ ތެރެއިން އެ ގައުމު މޮޅުވީ 40 މެޗުންނެވެ. 11 މެޗުން އެއްވަރުވިއިރު، 10 މެޗުން ވަނީ ބަލިވެފައެވެ. އެހެންކަމުން، މާޓީނޯއާއެކު މެކްސިކޯގެ މޮޅުގެ ރެކޯޑަކީ 65.57 އިންސައްތައެވެ.

މެޗުތައް
Nov, 22 2022 21:00
ސްޓޭޑިއަމް 974
Nov, 27 2022 00:00
ލުސައިލް ސްޓޭޑިއަމް
Dec, 01 2022 00:00
ލުސައިލް ސްޓޭޑިއަމް