ސައޫދީ އަރަބިޔާ އަކީ އިރުމަތީ އޭޝިޔާގެ އަރަބިޔަން ޕެނިންސުލާގައި އޮތް، ބިމުގެ ގޮތުން އޭޝިޔާ ބައްރުގެ 5 ވަނައަށް އެންމެ ބޮޑު ގައުމެވެ. އަދި އަރަބި ގައުމުތަކުގެ ތެރެއިން 2 ވަނައަށް އެންމެ ބޮޑު ގައުމެވެ. ސައޫދީގެ ވެރިރަށަކީ ރިޔާޒެވެ. އިސްލާމްދީނުގެ ރިސާލަތު ފެތުރިގެން އައި އަދި އިސްލާމް ދީނުގެ އެންމެ މުހިންމު ބިނާތައް ހުރި ސަރަހައްދުކަމުގައި ވުމުން، ސައޫދީ އަރަބިއްޔާގައި އޮތީ އިސްލާމީ ސަޤާފަތެކެވެ. އަދި ސައޫދީގެ ރަސްމީ ބަހަކަށް ވެފައިވަނީ އަރަބި ބަހެވެ. ހަނަފަސް ސަހަރާތައް ގިނަ ސައޫދީ އަރަބިއްޔާއަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ، ތެލުގެ މުއްސަނދިކަމަށް އިޤުތިޞާދު ބަރޯސާވެފައިވާ ގައުމެކެވެ. އެހެނަސް، ތެލަށް ބަރޯސާވުން ކުޑަކޮށް އެހެނިހެން ދާއިރާތަކުން އިޤުތިޞާދު ކުރިއެރުވުމަށް ސައޫދީން ވަނީ މަސައްކަތް ފަށާފައެވެ. ސައޫދީ އަރަބިޔާ ފާހަގަކުރެވެނީ އޭޝިޔާ ބައްރުން ފުޓުބޯޅައިގައި އެންމެ ކާމިޔާބު އެއް ގައުމުގެ ގޮތުގައެވެ. ސައޫދީ އަރަބިޔާއަކީ ޖަޕާން ފިޔަވާ، އޭޝިއަން ކަޕްގެ ތަށި ދެން އެންމެ ގިނަ ފަހަރު ހޯދި ދެ ގައުމުގެ ތެރެއިން އެއް ގައުމެވެ.
ކޯޗު ރެނާޑްގެ އިރުޝާދުގެ ދަށުން ސައޫދީ ޓީމު ވަނީ ކުރިއަށްވުރެ މާބޮޑަށް ވެސް ކުރިއެރުން ހޯދައިފަ އެވެ. ހާއްސަކޮށް ބޯޅަ ހިފަހައްޓައިގެން ކުޅުމާއި ކެތްތެރިވެގެން ތިބެ ފުރުސަތު ހޯދައި ނަތީޖާނެރެން ސައޫދީ ޓީމުން ދަސްކޮށްފި އެވެ. އެކަމަކު ނުކުރެވޭކަމަކީ އެންމެ ބޭނުންވާ ވަގުތު އަވަހަށް އެޓޭކަށް ގޭމުގެ ސްޕީޑް ބަދަލުކޮށްނުލެވުމެވެ. ހާއްސަކޮށް ފުލްބެކުން ކުރިއަށް އެޓޭކްކުރުމަށް ސައޫދީ ޓީމަށް ދަތިވެއެވެ. އޭޝިޔާގެ އެހެން ގައުމުތަކާ ހިލާފަށް ސައޫދީ ޓީމު ފެނުން ގާތީ ވަރަށް ބޮޑަށް ކައުންޓް އެޓޭކަށް ބަރޯސާވާނެ ޓީމެއްގެ ގޮތުގަ އެވެ. އެމީހުން އާއްމުކޮށް ކުޅެނީ 4-2-3-1 ފޯމޭޝަނަށެވެ.
ފޯވަޑެއްގެ މައްސަލަ:
ސައޫދީ ލީގަށް ބަލާއިރު ވެސް ހުރިހާ ކުލަބެއްހެން ކުޅެނީ އެހެން ގައުމުތަކުން ފޯވަޑުން އިމްޕޯޓްކޮށްގެންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސައޫދީ ކުޅުންތެރިންނަށް ލިބޭ މެޗުތައް މަދުވެ ގައުމީ ޓީމުގައި ރަނގަޅު ފޯވަޑެއް ނެތުމުގެ އުނިކަން ކޯޗަށް ވަނީ އިހުސާސް ކުރަންޖެހިފަ އެވެ.
މީގެ އިތުރުން ޑިފެންސިވް މިޑްފީލްޑަރު އަބްދުﷲ އަލްމަލްކީ ޓޯރޭގެ ލިގަމެންޓް ހަލާކުވެފައިވާއިރު ސަލާހް އަލް ޝެހްރީއަށް ވެސް ވަނީ އަނިޔާވެފަ އެވެ. މިޑްފީލްޑަރު މުހައްމަދު އަލްކަނޯ ވަނީ ދެ ކުލަބަށް ސޮއިކުރުމުގެ މައްސަލާގައި ސަސްޕެންޑްކޮށްފައެވެ. އަދި ފަވާދް އަލްމުވައްލާދް ހުރީ މަނާބޭހަށް ޕޮޒިޓިވްވުމުގެ ކުށުގައި ސަސްޕެންޑްކޮށްފަ އެވެ.
ސައޫދީ އަރަބިޔާއަކީ ވޯލްޑް ކަޕްގެ ގަދަބާރުތަކުގެ ތެރޭގައި ގުނޭ ގައުމެއް ނޫނެވެ. އެ ގައުމުން 1994 ގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވިއިރު، އެ ގައުމާމެދު މާކަބޮޑު އުންމީދުތަކެއް ގިނަ ބަޔަކަށް ކުރެވިފައެއްވެސް ނެތެވެ. ނަމަވެސް، ގިނަ ބަޔަކު ހައިރާންކޮށްލާ، ސައޫދީ އަރަބިޔާ އެ މުބާރާތުގެ ގުރޫޕު ސްޓޭޖް ފަހަނައަޅާ ކުރިޔަށް ދިޔައެވެ. އެހެނަސް ރައުންޑް އޮފް 16 ގައި ސްވިޑެން އަތުން 3-1 ގެ ނަތީޖާއިން ބަލިވެ މުބާރާތާ އަލްވަދާއު ކިޔަންޖެހުނީއެވެ. އެ އަހަރުގެ ފަހުން ސައޫދީއަށް ގްރޫޕް ސްޓޭޖް ފަހަނައަޅާ ކުރިޔަށް ނުދެވޭއިރު، އެ މުބާރާތުގައި ސައޫދީގެ ނަން ވިދާލުމުގެ އެއް ސަބަބުކަމުގައި، ބެލްޖިއަމްއާ ދެކޮޅަށް އެ ގައުމުގެ ސައީދު ޖެހި ހިތްގައިމު ފުރިހަމަ ގޯލު ވެގެންދިޔައެވެ. 1994 ގެ ފަހުން ދެން ޖެހިގެން އައި 3 ވޯލްޑް ކަޕަށް ވެސް ސައޫދީ އަރަބިޔާ ކޮލިފައިވިއެވެ. އެހެނަސް އެއިން އެއްވެސް މުބާރާތެއްގައި އެންމެ މެޗަކުން ވެސް މޮޅެއް ނުވެއެވެ. 2002 ގެ މުބާރާތް ނިންމާލަން ޖެހުނީ އެންމެ ގޯލެއް ވެސް ކާމިޔާބު ނުކުރެވިއެވެ. އޭގެ ފަހުން 2 މުބާރާތަކަށް ކޮލިފައިނުވެ ދިއުމަށްފަހު ސައޫދީން ވޯލްޑް ކަޕަށް އެނބުރި އައީ 2018 ގައެވެ. އެންމެ ފަހުން އޮތް އެ ވޯލްޑްކަޕްގެ ގުރޫޕް ސްޓޭޖުގައި މިސްރު އަތުން މޮޅުވިއެވެ. އެކަމަކު ހަންގޭރީ އާއި ރަޝިޔާ އަތުން ވީ ބައްޔެވެ.
ކުޅުނު: 18 މެޗު
މޮޅުވި: 13
ބަލިވި: 1
އެއްވަރުވި 4
ސައޫދީ އަރަބިޔާއިން ފީފާ ވޯލްޑް ކަޕް 2022 އަށް ކޮލިފައިވުމަށް ކުރި ދިގު ދަތުރު ފެށީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ސައޫދީއަށް ވަރަށް ފަސޭހަ ވާނެކަމުގައި ބެލެވުނު، އޭޝިޔާ ސަރަހައްދުގެ ކޮލިފައިންގެ 2 ވަނަ ބުރުގެ ގްރޫޕް މަރުހަލާގައި، އެންމެ ފުރަތަމަ މެޗުންވެސް ޔަމަން އަތުން 2-2 ން އެއްވަރު ވީއެވެ. މީގެ އިތުރުން 3 ވަނަ މެޗުގައި ފަލަސްތީނާ ވާދަކޮށްވެސް އެއްވަރުވެ ޕޮއިންޓްތަކެއް ގެއްލުމުން ސައޫދީއަށް އިތުރަށް ކުރިޔަށް ދެވިދާނެކަމާމެދު ސުވާލުތަކެއް އުފެދުނެވެ. އެހެނަސް އެހެން މެޗުތަކުން މޮޅުވެ ސައޫދީ އަރަބިޔާ ކޮލިފިކޭޝަންގެ 3 ވަނަ ބުރަށް ދަތުރުކުރިއެވެ. ތިންވަނަ ބުރުގައި ސައޫދީއަށް މާބޮޑު ދަތިކަމެއް ކުރިމަތި ނުވެއެވެ. ކުޅުނު 10 މެޗުން 7 މޮޅު ހޯދިއިރު (އަމިއްލަ ގައުމުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވި) ސައޫދީ ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ކުރީ ބާކީ މެޗުތަކެއް ވެސް އޮއްވައެވެ.
ސާލިމް އަލް-ދައުސަރީ
ތަފާތު ހުނަރުވެރި ކުޅުންތެރިން މަދު ސައޫދީ އަރަބިޔާގެ ތަރި އަކީ ވިންގަށް ކުޅޭ ސާލިމްއެވެ. ސައޫދީގެ އަލް-ހިލާލްގެ ޔޫތު ސިސްޓަމުން ތަމްރީނުވެގެން އައި ސާލިމްއަކީ އޭރުއްސުރެ ތަފާތު މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ކުޅުންތެރިއެކެވެ. އަލް-ހިލާލަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ސާލިމް ވަނީ، އަލް-ހިލާލް 2019 ވަނަ އަހަރުގެ ކްލަބް ވޯލްޑް ކަޕަށް ކޮލިފައިވުމަށް މަގުފަހިވި ކާމިޔާބީކަމަށްވާ 2019 ވަނަ އަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައިވެސް ގޯލު ޖަހާފައެވެ. މީގެ އިތުރުން އޭނާ ލޯނު އެއްބަސްވުމުގެ ދަށުން ސްޕެއިންގެ ވިޔަރެއާލަށް ވެސް ބަދަލުވިއެވެ. އެހެނަސް އެ ކްލަބަށް ކުޅެދިން ހަމައެކަނި މެޗަކީ ރެއާލް މެޑްރިޑާ ދެކޮޅަށް ވިޔަރެއާލްއިން ފަހަތުން އަރާ 2-2 އިން އެއްވަރުކުރި މެޗެވެ. އެ މެޗުގައި އޭނާ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
ގައުމީ ޓީމުގައި މި ވަގުތު ހުރި އެންމެ މުހިންމު ކުޅުންތެރިޔާއަށް ސާލިމް ވާއިރު، އޭނާއަށް ސައޫދީ ޓީމުން ފުރަތަމަ ޖާގަ ލިބުނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކޮލިފައިން މެޗުތަކުންނެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސައޫދީއަށް ކާމިޔާބުކުރެވުނު ހަމަ އެކަނި މެޗުގައި ފަހުވަގުތު މިސްރު ކޮޅަށް ލަނޑު ޖެހީ ވެސް އޭނާއެވެ. އެ މެޗު ނިމުނީ 2-1 ގެ ނަތީޖާއިންނެވެ.
ޔާސިރް އަލް-ޝަހްރާނީ
ޔާސިރް އަލް-ޝަހްރާނީ އަކީ މި ވަގުތު ސައޫދީ އަރަބިޔާގެ ޑިފެންސްގައި ހުރި އެންމެ އިތުބާރު ބޮޑު ކުޅުންތެރިޔާއެވެ. ލެފްޓް-ބެކަށް ކުޅޭ އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މިހާތަނަށް ސައޫދީގެ ގައުމީ ޓީމަށް 61 މެޗު ކުޅެ 2 ލަނޑު ޖަހާފައިވެއެވެ. އަލް-ގަދީސިޔާއިން ކްލަބް ކެރިއަރު ފެށި ޔާސިރް ފަހުން ބަދަލުވީ އަލް-ހިލާލް އަށެވެ. ހިލާލްއާއެކު 10 ސީޒަން ހޭދަކޮށްފައިވާއިރު، ކްލަބް ކެރިއަރުގައި މިހާތަނަށް 388 މެޗު ކުޅެ 14 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.
ގައުމީ ޓީމުގައި ޔާސިރްގެ ކުޅުން އެންމެ ފުރަތަމަ ފާހަގަވެގެން ދިޔައީ 2011 ވަނަ އަހަރުގެ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި އޭނާ ދެއްކި މޮޅު ކުޅުމާއެކުގައެވެ. ޔާސިރަކީ ފީފާ 16 ގޭމް ސީޑީގެ މިޑްލް އީސްޓް ކަވަރުގައި މެސީއާއެކު ހިމެނުމުގެ ޝަރަފު ލިބުނު ކުޅުންތެރިއެއް ވެސްމެއެވެ.
ސަލްމާން އަލް-ފަރަޖް
މެދުތެރެއަށް ކުޅޭ ސަލްމާން އަލް-ފަރަޖް އަކީ މި ވަގުތު ސައޫދީ އަރަބިޔާ އަދި އަލް-ހިލާލްގެ ވެސް ކެޕްޓަނެވެ. އުމުރުން 33 އަހަރުގެ ސަލްމާން ގައުމީ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅުނީ 2012 ވަނަ އަހަރުގައެވެ. މިހާތަނަށް ގައުމީ ޓީމަށް 68 މެޗު ކުޅެދީފައިވާއިރު އޭނާ ވަނީ 8 ލަނޑު ވެސް ކާމިޔާބު ކޮށްފައެވެ. ސައޫދީ ޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރާ މި ކުޅުންތެރިޔާ ކްލަބް ކެރިއަރުގައި މިހާތަނަށް ވަނީ 308 މެޗު ކުޅެފައެވެ.
ސައޫދީ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ސަލްމާން ވަނީ ސައޫދީ އަރަބިޔާ މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. ކޮލިފިކޭޝަން މެޗުތަކުގައި އޭނާގެ 4 ލަނޑެއް ފެނިގެން ދިޔައިރު، އެހެން ކުޅުންތެރިން ލަނޑު ޖެހުމަށް މަގުފަހިކޮށްދިނުމުގައި ވެސް އޭނާގެ ދައުރު ބޮޑެވެ. އޭނާއަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މިސްރުގެ މައްޗަށް ސައޫދީން ކުރިހޯދި މެޗުގެ ފުރަތަމަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.
ސައޫދީ އަރަބިޔާގެ ކޯޗު ހާވޭ ރެނާޑަކީ ފްރާންސްގެ ރައްޔިތެކެވެ. އުމުރުން 53 އަހަރުގެ ރެނާޑަކީ ކުރިން ފްރާންސްގެ ބައެއް ކްލަބްތަކަށް ކުޅެފައިވާ ކުރީގެ ކުޅުންތެރިއެއް ވެސްމެއެވެ. އެހެނަސް އޭނާއަށް ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ނުލިބުނެވެ. ކޯޗެއްގެ ގޮތުގައި ރެނާޑްގެ އެންމެ ފުރިހަމަ ކާމިޔާބީތަކަކީ ޒަމްބިއާ އާއެކު 2012 ވަނަ އަހަރު އަދި އައިވަރީ ކޯސްޓާއެކު 2015 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބު ކުރުމެވެ. މިއާއެކު އޭނާ ވެފައިވަނީ ތަފާތު ދެ ގައުމަކާއެކު އެ މުބާރާތުގެ ތަށި އުފުލާލުމުގެ ޝަރަފު ލިބުނު ހަމައެކަނި ކޯޗަށެވެ.
2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯއަށް އިރުޝާދުދިނުމަށްފަހު 2019 ގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ލިބުނު ނާކާމިޔާބީއަށްފަހު މޮރޮކޯގެ ކޯޗުގެ މަގާމު ދޫކޮށް، ހާވޭ ރެނާޑް ސައޫދީ އަރަބިޔާގެ ކޯޗުގެ މަގާމާ ހަވާލުވީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހުގައެވެ. ރެނާޑްގެ އިރުޝާދުގެ ދަށުން ސައޫދީ އަރަބިޔާއިން މިހާތަނަށް 25 މެޗު ކުޅެފައިވާއިރު، މޮޅުވީ 15 މެޗުންނެވެ. 6 މެޗުން އެއްވަރުވިއިރު، 4 މެޗުން ބަލިވެފައިވެއެވެ. އެހެންކަމުން ސައޫދީގެ ކޯޗުގެ ގޮތުގައި ރެނާޑުގެ މޮޅުގެ އިންސައްތައަކީ %60 އެވެ.