ޑެންމާކަކީ ނޮދާން ޔޫރަޕަށް ނިސްބަތްވާ ސްކެންޑެނޭވިއަން ޤައުމެކެވެ. ޑެންމާކުގެ ބޮޑު މިނަކީ 42943 ކިލޯ މީޓަރެވެ. އާބާދީގެ 800000 މީހުން ދިރިއުޅެނީ ވެރިރަށް ކޯޕެންހޭގަންގައެވެ. ޑެންމާކަށް ފުރިހަމަ މިނިވަންކަން ލިބިގެންދިޔައީ 1945 ވަނަ އަހަރުގެ މެއި މަހުއެވެ. ކޮރަޕްޝަން އިންޑެކްސްއަށް ބަލާއިރު ޑެންމާކަކީ ދުނިޔޭގައި އެފަދަ ކަންކަމާ އެންމެ ދުރުހެލި އެއް ގައުމެވެ. އާމްދަނީގެ ފަރަގު އެންމެ އެއް ގައުމަކީވެސް އެއީ އެވެ. ޑެންމާކުގެ އެއްވަނަ ކުޅިވަރަކީ ފުޓްބޯޅައެވެ. ހަތަރު ލައްކައެއްހާ ކުޅުންތެރިންނާއި 1600 އަށްވުރެ ގިނަ ކުލަބު އެގައުމުގައި ވެއެވެ. ފިރިހެނުންގެ ފުޓްބޯޅަ މުބާރާތްތަކުގައި މާބޮޑު ކާމިޔާބީތަކެއް ނުލިބުނަސް ޑެންމާކުގެ ގައުމީ އަންހެން ޓީމު ވަނީ މިހާތަނަށް ހަތް ރަންމެޑެއްޔާއެކު ޖުމުލަ 13 މެޑަލް ހޯދައިފައެވެ. ނަމަވެސް ފަހުގެ ތާރީހުތަކުގައި ޑެންމާކް ބޮޑަށް މަޝްހޫރުވެފައިވަނީ ސައިކްލިންގައި މަޝްހޫރު ގައުމެއްގެ ގޮތުގައެވެ.
• ދުނިޔޭގައި އޮތް އެންމެ އުފާވެރި އެއް ޤައުމު
• ދުނިޔޭގައި އެންމެ ދުވަސްވީ ދިދަ އަކީ ޑެންމާކުގެ ދިދަ
ޑެންމާކުން އެންމެ ބޮޑަށް ބޭނުންވަނީ 4-3-3 ސިސްޓަމަށް ކުޅޭށެވެ. އެކަމަކު އިދިކޮޅު ޓީމުގެ ފެންވަރަށް ބަލާފައި ގިނަ ފަހަރު ޑެންމާކް ކުޅެނީ ފަހަތަށް ހަތަރު ޑިފެންޑަރުން ނުވަތަ ތިން ޑިފެންޑަރުންނާއެކު މެދުތެރެ ޕެކްކޮށްގެންނެވެ. އެއީ 4-3-1-2 ނުވަތަ 3-4-2-1 ފޯމޭޝަނަށެވެ.
ގޯލު ޖަހާނީ ކޮންބައެއް؟
ކޮލިފައިންގައި ޑެންމާކް ޓީމުން 18 ކުޅުންތެރިއަކު ގޯލު ޖެހިއެވެ. އެންމެ ގިނަ ގޯލު ޖެހީ ވާތު ބެކް ޖޯހިމް މަހޭލް އެވެ. އޭނާ ފަސް ގޯލު ޖެހިއެވެ. މިހެންވެ ފޯވަޑުންގެ ތޫނުފިލިކަން ކުޑަކަމަށް ބެލެވެން ހުރިހާ ގޮތަކުން ވެސް އެބައޮތެވެ. އެންމެ ފަހުގެ ޔޫރޯގައި ދިމާވި ހިތްދަތިކަމަށްފަހު ކްރިސްޓިއަން އެރިކްސަން ޓީމާ ގުޅުމަކީ ޑެންމާކްގެ ކުރިއަށް ލިބޭނެ ހިތްވަރެކެވެ. އެކަމަކު ކޯޗަށް ބޭނުންވަނީ އިތުބާރު ފޯވަޑެކެވެ. އެކަން ވޭތޯ ބެލުމަށް އޭނާ ވަނީ ސްކޯވް އޮލްސަން އާއި ޑޮލްބާގް އަދި ކްރިސްޓިއަން ޕޯލްސެން އާއި ކޯނެލިއަސް ފަދަ ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ޕާޓްނާޝިޕް ހޯދަން ވަރަށް ގިނަ ގޮތްގޮތަށް ކުޅުންތެރިން ޓެސްޓްކޮށްފައެވެ.
ޑެންމާކް ވޯލްޑްކަޕުގައި ކުޅެފައިވަނީ އެންމެ ފަސް ފަހަރުއެވެ. 1958 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކޮލިފައިންގައި ބައިވެރިވި ނަމަވެސް ކޮލިފައިންގެ ހަތަރު މެޗުން ވެސް ބަލިވެ، ޑެންމާކަށް ވޯލްޑް ކަޕަށް ދެވޭ ގޮތެއް ނުވިއެވެ. އެގައުމުގެ އެންމެ ފުރަތަމަ މުބާރާތަކީ 1986 ވަނަ އަހަރުގެ ވޯލްޑްކަޕެވެ. އެ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ޑެންމާކު ވަނީ މޮޅުވެފައެވެ. ނަމަވެސް ޖެހިގެން އައި ދެ ވަނަ ބުރުގައި ޑެންމާކް ވަނީ ސްޕެއިން އަތުން ބަލިވެ މުބާރާތުން ކަޓައިފައެވެ. ޤަތަރުގައި ފަށާ ވޯލްޑް ކަޕަކީ ޑެންމާކުން ކުޅޭ ހަ ވަނަ ވޯލްޑް ކަޕެވެ. ވޯލްޑް ކަޕްގައި ޑެންމާކަށް ލިބުނު އެންމެ ރަނގަޅު ކާމިޔާބަކީ 1998 ވަނަ އަހަރު އޮތް މުބާރާތުގެ ކުއާޓާ ފައިނަލް ކުޅުމެވެ.
ކުޅުނު: 10 މެޗު
މޮޅުވި: 9
ބަލިވި: 1
އެއްވަރުވި: 0
ޑެންމާކު ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ ކޮލިފިކޭޝަން ގްރޫޕް އެފް ގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕްގައި ޑެންމާކުން ވަނީ ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވެ، އެއް މެޗުން ބަލިވެފައެވެ. ޑެންމާކު ބަލިވެފައިވަނީ ހަމައެކަނި ސްކޮޓްލެންޑު އަތުންނެވެ. ދެން އެ ޤައުމުން ވަނީ ގްރޫޕްގައި އިޒްރޭލް، އޮސްޓްރިއާ، ފެރޯ އައިލެންޑް އަދި މެލްޑޮވާއާ ދެކޮޅަށް ކުޅުނު މެޗުތަކުން މޮޅުވެފައެވެ.
1. ކްރިސްޓިއަން އެރިކްސަން
އެރިކްސަން އެންމެ ފުރަތަމަ ޑެންމާކުގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ވަނީ އެ ޤައުމުގެ 17 އަހަރުން ދަށް، 18 އަހަރުން ދަށް، 19 އަހަރުން ދަށް، އަދި 21 އަހަރުން ދަށުގެ ޓީމަށް ކުޅެފައެވެ. އޭރު ވެސް އެރިކްސަން ވަނީ އޭނާގެ އުމުރުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ޤައުމީ ސީނިއާ ޓީމަށް އެންމެ ފުރަތަމަ އެރިކްސަން ކުޅުނު މެޗަކީ އޮސްޓްރިއާއާ ދެކޮޅަށް އެ ޤައުމުން ކުޅުނު އެކުވެރިކަމުގެ މެޗެވެ. ޤައުމީ ޓީމާއެކު އެރިކްސަން އެންމެ ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ 2010 ވަނަ އަހަރުއެވެ. އެއަހަރު އޭނާ ވެގެންދިޔައީ އެ ވޯލްޑް ކަޕްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައި ހިތަށް ލިބުނު އަނިޔާއެއްގެ ސަބަބުން އެރިކްސަން ގިނަ ދުވަހު ކުޅުމާ ދުރުގައި ހުއްޓެވެ. އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު މިހާރު އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެރިކްސަން ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 117 މެޗުގައި 39 ލަނޑު ޖަހާފައެވެ.
2. މާޓިން ބްރެއިޓްވެއިތު
ބްރެއިޓްވެއިތު ޑެންމާކުގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2013 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ވަނީ އެ ޤައުމުގެ ޒުވާން ޤައުމީ ޓީމަށް ކުޅެފައެވެ. ޤައުމީ ޓީމަށް އޭނާ އެންމެ ފުރަތަމަ ލަނޑު ޖެހީ 2013 ވަނަ އަހަރު އޮގަސްޓު މަހު ޑެންމާކުން ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭނާ ވަނީ އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕްގައިވެސް ޑެންމާކު ޓީމަށް ކުޅެފައެވެ. ކުލަބު ލެވެލްގައިވެސް ރަނގަޅު ފޯމެއްގައި ހުރި ބްރެއިޓްވެއިތު ވާނީ ޑެންމާކުން ވޯލްޑް ކަޕަށް ކުރިމަތި ލާއިރު އެންމެ މުހިންމު އެއް ކުޅުންތެރިޔަކަށެވެ.
3. އެންޑްރިއަސް ކްރިސްޓެންސަން
ކްރިސްޓެންސަން އަކީ ޑެންމާކުގެ ފަހަތް ބަލަހައްޓާނެ އެންމެ ވަރުގަދަ އެއް ކުޅުންތެރިޔާއެވެ. އުމުރުން 26 އަހަރުގެ ޒުވާން ޑިފެންޑަރު ޑެންމާކުގެ ސީނިއާ ޤައުމީ ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރުއެވެ. ޤައުމީ ޓީމަށް ކުޅެން ފަށައި އޭނާ ވަނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި، 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައި ޑެންމާކަށް ކުޅެފައެވެ. ކުލަބު ލެވެލްގައި ވެސް އޭނާ އަންނަނީ ހުނަރުވެރި ކުޅުމެއް ކުޅެމުންނެވެ. ޗެލްސީން ސީނިއާ ކެރިއަރު ފަށައި، މިހާރު އޭނާ އަކީ ސްޕެއިންގެ ގަދަ އެއް ބާރު ބާސެލޯނާގެ ކުޅުންތެރިޔެކެވެ. އޭނާ ވަނީ ޑެންމާކުގެ ޤައުމީ ޓީމަށް މިހާތަނަށް 58 މެޗު ކުޅެދީ ދެ ލަނޑު ޖަހާފައެވެ.
ހުލްމަޑަކީ ޑެންމާކަށް އުފަން އެ ޤައުމުގެ ރައްޔިތެކެވެ. އޭނާ ޑެންމާކުގެ ޤައުމީ ޓީމުގެ ކޯޗު ކަމާ ހަވާލުވެފައިވަނީ 2020 ވަނަ އަހަރުއެވެ. އުމުރުން 50 އަހަރުގެ ހުލްމަޑު ވަނީ ޑެންމާކާ ހަވާލުވުމުގެ ކުރިން ގިނަ ކުލަބުތަކަށް ކޯޗުކަން ކޮށްދީފައެވެ. އޭނާ އަކީ ކުރިން ފުޓުބޯޅަ ކުޅުނު ކުޅުންތެރިޔެކެވެ. ހުލްމުޑަކީ އޭނާ ކުޅުނު ދުވަސްވަރު ޑިފެންޑަރުގެ މަގާމަށް ކުޅުނު މީހެކެވެ. ފުޓުބޯޅަ ކުޅުމުން އޭނާ ރިޓަޔާ ކުރަން ޖެހުނީ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. ހުލްމަޑުގެ އިރުޝާދުގެ ދަށުން ޑެންމާކުން ވަނީ މިހާތަނަށް 34 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 23 މެޗުން މޮޅުވެ، ދެ މެޗުން އެއްވަރުވެ، ނުވަ މެޗުން ބަލިވެފައެވެ. މިއީ ނިސްބަތުން ބަލާނަމަ، 67.65 އިންސައްތަ މޮޅުވުމުގެ ޕަސެންޓެކެވެ.
"ވޯލްޑްކަޕަކީ ބޮޑު މުބާރާތެއް. މިހާތަނަށް އައި އިރު އަހަރެންނަށް ހީވަނީ ޑެންމާކު އޮތީ ރަނގަޅު ހިސާބެއްގަހެން.." ހުލްމަޑް